-
-
މިނިވަންކަމާއި އިސްތިޤްލާލުގެ ދިފާޢުގައި "ރައްޔިތުންގެ ގުޅުން" ނަމުގައި ޤައުމީ ޙަރަކާތެއް "ރައްޔިތުންގެ ގުޅުން" ޤައުމީ ޙަރަކާތް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވާ މަދަނީ ޖަމިއްޔާތައް / ފޮޓޯ: ފޭސްބުކް

މިނިވަންކަމާއި އިސްތިޤްލާލުގެ ދިފާޢުގައި "ރައްޔިތުންގެ ގުޅުން" ނަމުގައި ޤައުމީ ޙަރަކާތެއް

ސައްތައިން ސައްތަ އަދި މިނިވަން މި ކުޑަކުޑަ، މާއްދީގޮތުން ނުހަނު ޟަޢީފް މަޢުނަވީ ގޮތުން އިންތިހާއަށް ވަރުގަދަ މި ދައުލަތުގެ މިނިވަންކަމާއި އިސްތިޤްލާލަށް ކުރިމަތިވަމުންދާ ގޮންޖެހުން ތަކާއިހުރެ މިނިވަންކަން ބީވެގެން ހިނގައިދާނެކަމުގެ ބިރު ހީވާ ދަރަޖައަށް މަންޒަރުތައް ފެންނަން ފަށާފައި ވާތީވެ، މިނިވަންކަމާއި އިސްތިޤްލާލު ގެއްލުވާލައިފާނެ އެންމެހައި ކަންކަމުން ޤައުމު ސަލާމަތް ކުރުމަށް ގިނަ މަދަނީ ޖަމްޢިއްޔާތަކެއް އެއްވެގެން "ރައްޔިތުންގެ ގުޅުން" މިނަމުގައި ޤައުމީ ޙަރަކާތެއް ހިންގުމަށް ނިންމައިފިއެވެ.

ADS BY FENVARU

ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ 55 އަހަރުފުރި 65 އަހަރަށް އަޅައިގެންފައި ވާއިރު، ޤައުމުގެ ޙަޤީޤީ މިނިވަންކަން މިހިނދު އޮތް ހިސާބާއިމެދު، އިސްރަށްވެހީންގެ އިތުރުން، ސަލާމަތީ ބާރުތަކުގައި ޚިދުމަތް ކޮށް ޝަރަފްވެރި ކުރެވިފައިވާ ޤައުމީ އަބްޠާލުންނާއި، ސަލާމަތީ ބާރުތަކުގެ މިހާރުގެ އިސްވެރިންވެސް ހާމަކުރަށްވާފައިވާ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، 30 އަށްވުރެ ގިނަ މަދަނީ ޖަމިއްޔާތަށް ގުޅިގެން ހިންގަން ނިންމާފައިވާ މި ޙަރަކާތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު 2:30 ގައި ޝީ ބިލްޑިންގްގައި އޮންނާނެ ކަމަށްވެސް އެ ޙަރަކާތުގެ ފަރާތުން ހާމަކޮށްފައި ވެއެވެ.

"ބޭރުގެ އިސްތިއުމާރީ ބާރަކުން އަރާ ގައުމެއް ހިފިޔަސް ފެންނާނެ ކަހަލަ ކަންކަން މިހާރު މިހިރަ ފެންނަނީ. އަޅުގަނޑުމެންގެ ސޮސައިޓީގެ ހުރިހާ ދިމާލަކަށް މިއަދު މިމީހުން މިއޮތީ ފޫއަޅުވާލައިގެން ވަދެފައި. އޭގެ ތެރޭގައި ދިވެހިންނާއި ކައިވެނިކުރުމާއި މިހެން ގޮސް ހުރިހާ ދިމާއަކަށް، ކުއްތަކުގައިވެސް އެމީހުން ޝާމިލް ވެގެން ވަރަށް ބޮޑަށް ހަރަކާތްތެރި ވަމުން މިދަނީ."

ބޭރުން ނުވަތަ އެތެރެއިން ނަމަހީވެސް ޤައުމީ ސަލާމަތަށް ނުރައްކާ ކުރުވާ ކަމެއް ހިނގައިފިނަމަ، ޢަސްކަރީ ބާރުގެ ބޭނުން ހިފައިގެން ނަމަހީވެސް، މިނިވަންކަމާއި އިސްތިޤްލާލު ޙަމާޔަތްކޮށް ދެމެހެއްޓުމުގެ މަތިވެރި ވާޖިބު ރަސްމީ ސިފައެއްގައި ކޮނޑުގައި އެޅިފައިވާ ޤައުމީ ދިފާޢީ ބާރުގެ ވެރިޔާ، ޗީފް އޮފް ޑިފެންސް ފޯސް ޝަމާލު ރައްޔިތުންގެ މަޖްލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާއިބެހޭ ކޮމިޓީގައި ދާދިފަހުން ވިދާޅުވެފައި ވެއެވެ.

"އަޅުގަނޑުމެންގެ ނެޝަނަލް ސެކިއުރިޓީއަށް އޮތް އިޝޫއަކާއި ހަމަޔަށް މިކަން އަންނަ ހިސާބުން އަޅުގަނޑަށް ގަބޫލުކުރެވެނީ އަޅުގަނޑުމެންގެ ޖުޑީޝަރީއާއި، ގަވަރމެންޓާއި، އަދި ހަމަ އެއާ އެކީގައި އެހެނިހެން އިންޑިޕެންޑެންޓް އެޖެންސީތަކާއި، ދައުލަތުގެ އެހެނިހެން މުއައްސަސާތަކުން އެކީ އެއްބާރުލައިގެން މަސައްކަތް ކުރަން ޖެހޭ، އެއީ ދިފާއީ ބާރުންންވެސް މިކަމުގައި އެދޭ އެދުމަކީ"

މިނިވަންކަމާއި އިސްތިޤްލާލާއި ގުޅުންހުރި ކަންކަން ޙައްލުކުރުމަށް މުޅި ޤައުމު އެކަތިގަނޑަކަށް ވުމަށް އެދިލަށްވައި، ޤައުމީ ދިފާޢީ ބާރުގެ ވެރިޔާ ޝަމާލް އިތުރަށް ވިދާޅުވި އެވެ.

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިން ނިސްބަތްވެ ވަޑައިގަންނަވާ ސަލަފް ޖަމިއްޔާގެ ރައީސްވެސް މިވަނީ ޝަމާލުގެ ވާހަކަތަކަށް ތާޢީދު ކުރަށްވައި، މި ނުރައްކާތެރި މައްސަލަ ޙައްލުކުރުމަށް، ޤައުމާމެދު ރައްޔިތުން އެކަތިގަނޑަކަށްވެ އެއް އަމާޒަކަށް އެއް ދުނިދަނޑިއެއްގައި ރުކުރުވާލައި، ސަލާމަތީބާރުތަކާ ފުލުހުންނާއެކު ތެދުވުމަށް ރައްޔިތުންނަށް ގޮވާލަށްވާފައިވެސް މެއެވެ.

ގައުމުގެ ސަލާމަތީ ބާރުތަކުންނާއި ދީނީ ޢިލްމުވެރިންނާއި، މަދަނީ ޖަމާޢަތްތަކުންނާއި އަދިހަމަ ތަޢުލީމީ ޤާބިލު ޚިދުމަތްތެރި، ޤައުމުގެ ދަރިންވެސް ގެންދަވަނީ، ދިވެހި ޤައުމު މިހިނދު އޮތް ޙާލަތާއިމެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިންޑިއާގެ ނުފޫޒު ރާއްޖެއަށް ކޮށްފައިވަނީ ދިވެހިން މިއަދު ކަންބޮޑުވާން ޖެހޭ މިންވަރަށް ކަމަށާއި، ދިވެހިންގެ ޚާރިޖީ މިނިވަންކަމަށް އެކަމުގެ ސަބަބުން ބުރޫއަރައި ފާނެކަމަށް، އިނގިރޭސީންގެ އަތްދަށުން ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް ފާހަގަ ކުރެވޭއިރު ޤައުމުގެ މިނިވަންކަން މިއަދު އޮތް ހިސާބާއިމެދު ސުވާލުކޮށް ބަލަންޖެހޭ ކަންކަން ހާމަކޮށްދެއްވަމުން ރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރ ޢަލީ މުޒްނީވެސް އަތުން ލިޔުއްވައި ފޭސްބުކްގައި އިއްޔަ ޢާންމު ކުރެއްވި ލިޔުމެއްގައި ވިދާޅުވެފައި ވެއެވެ.

"ދިވެހިރާއްޖެއަކީ އިންޑިޔާއަށްވުރެ މާ ޤަދީމީ ދޮށި ގައުމެއް. އިންޑިޔާ އުފެއްދުމުގެ ޚިޔާލުވެސް ފުރަތަމަ އުފަންވީ 1857 ގައި. އަދި އަޅުގަނޑުމެން މިދެކޭ އިންޑިޔާ އުފެދިގެން އައީ 1947 ގައި.ފާއިތުވި 1000 އަހަރު ކަންހިނގި މަގުން ދުނިޔެ ހިނގާނެކަމަށް ބެލުމަކީ މޮޔަކަމެއް."

ކޮވިޑް19 އާއި ވިދިގެން ރާއްޖެއަށް ކުރިމަތިވަމުން އަންނަ ދަތި އުނދަގޫ ޙާލަތުގެވެސް ބޭނުން އަވައްޓެރި އިންޑިއާއިން ނާޖާއިޒު ގޮތެއްގައި ހިފައިގެން، ޚުދު ޤައުުމުގެ މިނިވަންކަމާއި އިސްތިޤްލާލުވެސް ބީވެގެން ދާނޭ ދަރަޖައަށް ރާއްޖޭގައި ޢަސްކަރީ ގޮތުން އަތްގަދަ ކުރުމަށް އަދުގެ ސަރުކާރުން "ފަހި" ފުރުޞަތުތަކެއް އެ ޤައުމަށް ދެމުންގެންދާކަމަށް ގިނަ ބައަކު ފާޅުކަން ބޮޑު ގޮތެއްގައި ބުނަމުން ދާއިރު، އަދި އެކަން ދިފާޢު ކުރެއްވުމަށް ދައުލަތުގެ މިއަދުގެ ބައެއް އިސްވެރިން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވައި، ރައްޔިތުންގެ މަޖްލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިންވެސް މީގެ ދެދުވަހެއް ކުރިން ވިދާޅުވެފައި ވެއެވެ.

އިދިކޮޅާއި އަދި އެއްކޮޅުގެވެސް ސިޔާސީ ފަރާތްތަކާއި، މަދަނީ ޚިދުމަތްތެރިންނާއި، ތަޖުރިބާކާރު އިސްރަށްވެހީންވެސް ހާމަކަން ބޮޑުގޮތެއްގައި މިހިނދު ފާޅުކުރަށްވަމުން ގެންދަވާ ކަންބޮޑުވުން ތަކަކީ، ދިވެހި ދިދައިގެ ތިން ކުލަ ނޫން އެހެން އެއްވެސް ކުލައެއް ލޮލަށް ނުފެންނަ ބީދައިން މުޅި ޤައުމު އެކަތިގަނޑަކަށް ވެ މަސައްކަތް ކުރަން ޖެހޭނެ ކަމެކެވެ.

ދިވެހި ދިދައިގެ ތިން ކުލަ، ފެއްސާއި ރަތާއި ހުދު، މި ތިން ކުލައަކީ، ޤައުމު ޤައުމެއްގެ ގޮތުގައި ކާމިޔާބު ކަމާއިއެކު ދެމިއޮތުމުގެ އަސާސެވެ. މި ތިންކުލައިގެ ޙަޤީޤީ މާނަ ޤައުމުގައި ހިފެހެެއްޓިފައި ނެތްނަމަ، ވަޖޫދުގައި އެވަނީ ޤައުމެއް ނޫންކަން ކަށަވަރެވެ. ޤައުމެއްގެ ނަންދެވިގެން ވާ "ހަނަފަސް" ފަސްގަނޑެއްކަންވެސް ޔަޤީންވެސް މެއެވެ.