-
-
ކާވިން... 19

ކާވިން... 19

"ކީއްވެގެންތަ އެންމެން އަހަންނާ ދިމާއަށް ތިހެން ކިޔަނީ؟...." އިގްބާލުގެ މޫނުމަތިން ފެނުނީ ނުރުހުމުގެ އަސަރެވެ. އޭނަ ދެބުމަ ގޮށްޖަހައިލަމުން ކާވިންގެ މޫނަށް ބަލައިލި އެވެ. އުނގުމަތީގައި އޮތް އަތް މޭޒުމައްޗަށް ނެގިއިރު، އެ އަތް ވަނީ މުށްކެވިފަ އެވެ. "ބުނެފީމެއްނު ނުމަރަމޭ... ނުމަރަމޭ، ނުމަރަމޭ..."

ADS BY FENVARU

********

"އަހަރެން ގަސްދުގައި މީހަކު ނުމަރަމޭ..." މޭޒުމަތީގައި ދެއަތުން ޖަހައިލަމުން އިގްބާލު ބުންޏެވެ. އޭނާގެ އަޑު މަޑެވެ. ކުރިން އެ އަޑުގައި ހުރި ހަރުކަށި ގޮތެއް މިހާރު އެ އަޑުގައި ނުވެ އެވެ.

ކާވިންއަށް ހައިރާންކަމެއް ލިބުނެވެ. އިގްބާލުގެ ވާހަކަތައް ހުރިގޮތުން އެއީ މާ ބުއްދި ހަމަޖެހޭ މީހެއް ކަމަކަށް އޭނައަކަށް ޤަބޫލެއް ނުކުރެވުނެވެ. މޭޒުގެ އެއްފަރާތުގައި އިން ފެންފުޅި އިގުބާލްގެ ކައިރިއަށް ޖައްސައިލުމަށްފަހު ކާވިން އޭނަ އިން ގޮނޑީގައި ރަނގަޅަށް ހަމަޖެހިލި އެވެ. މާ ގިނައިރުތަކެއްނުވެ، ހަޤީޤަތާއި ހަމައަށް ވާސިލް ވެވިދާނެކަމުގެ ޔަޤީންކަން އޭނައަށް ލިބުނީ އިގްބާލުގެ މޫނުމަތީގެ އަސަރުތައް ހުރި ގޮތުންނެވެ.

އެއް ނޭވާއިން ފެންފުޅި ބޮއެ ހުސްކޮށްލާފައި އިގްބާލު އޭނާގެ މޫނު އުފުލައިލީ މައްޗަށެވެ. ފިކުރެއްގެ ތެރެއަށް ގޮސް ހުސްވެފައި އިނދެ އޭނާ ދެލޯ މަރާލި އެވެ. އެ ދުވަހު ކަންތައްތައް ވީގޮތް ފިލްމެއްގެ މަންޒަރުތަކެއް ފަދައިން އޭނައަށް ސިފަވަމުން ދިޔަ އެވެ. ކުޑައިރުކޮޅެއް ފަހުން ދެލޯ ހުޅުވައިލިއިރު، އެ ދެލޮލުގައި ވިދަމުން ދިޔައީ، ތާޒާ ކަރުނަ އެވެ.

"އެއީ އަހަރެން ގަސްދުގައި ކުރި ކަމެއް ނޫން... އެމީހުން މެރީ އަހަންނެއް ނޫން..." އިގްބާލު ބުންޏެވެ. "އަހަރެން ވަލަށް ދިޔައީ، ދަނޑިއެއް ކަނޑަން... މަސައްކަތް ނިންމާފަ އަހަރެން އުޅުނީ އެނބޫ ބިންނަން... އެ ޖިފުޓިގަނޑުގެ ކައިރީ ހުންނާނެ ބޮޑު އެނބޫ ގަހެއް... އަހަރެން އެތާ ހުއްޓާ، އިވުނު ކުއްޖަކު ރޯ އަޑުވެސް... އަހަރެން ހީކުރީ އެއީ ހީވި ގޮތެއް ކަމަށް... އޭގެ އިރުކޮޅެއް ފަހުން، އެ ޖިފުޓިން މީހަކު ނުކުންނަނިކޮށް ފެނުނީ... އެމީހާ ހުރީ ކަޅު ފޭރާމުގަ... މޫނުގަ މާސްކު އަޅާފަ... ދެން އަހަންނަށް ޝައްކުވީ... އަހަރެން އެތަނަށް ވަނީ އެމީހާ ދިޔަތާ އިރުކޮޅެއް ފަހުން... އޭރު އެ ތުއްތު ކުއްޖާ އޮތީ މަރާލާފަ... ކުރިމަތިވާން އުޅެނީ ކިހާ ވަރެއްގެ ކަމަކާ ކަން އެނގުނުނަމަ އަހަރެން އެތަނަށް ނުވެސް ވަނީމުސް..." އިގްބާލްގެ އަޑު ކުރެހުނެވެ.

ވާހަކަ ނުދެއްކިގެން އިތުރު ފެންފުޅިއެއް ދިނުމަށް އޭނާ އެދުނެވެ. ކާވިން ފެންފުޅިއެއް ދިނުމުން، އެ ފުޅިވެސް އެއް ނޭވާއިން ބޮއެ ހުސްކޮށްލައިފި އެވެ.

"ޒުލޭހާގެ ހަށިގަނޑު ފެނުނީމަ އަހަންނަށް އެނގިއްޖެ އެ ތުއްތު ކުއްޖަކީ އޭނަގެ ދަރި ކަން... އެ މީހުން މެރީ އަހަންނެއް ނޫން... އެކަމަކު.... އެތަނަށް އަހަރެންގެ ދަރިފުޅު އަންނާނެ ކަމަށް ހީކުރާނީ ކިހިނެއް... އޭރު އިރު އޮއްސި ތަން ވެސް އޮތީ ފުދޭ ވަރަކަށް އަނދިރިކޮށް... މީހަކު ހުއްޓަސް ކާކު ކަން ވަކިވާ ވަރެއް ނޫން... ފަހަތުން އަޑެއް އިވިގެން ސިހުނު ވަރުން އަތުގައި އޮތް ވަޅި ހޫރާލެވުނީ އެތާ ހުރީ ގާތިލު ކަމަށް ހީކޮށް... އަހަރެން ހީކުރީ އެމީހުން ގޮތަށް އަހަރެން ވެސް މަރާލަން އުޅެނީ ކަމަށް..." އިގްބާލު ރޯން ފެށި އެވެ.

ކާވިން ޓިޝޫއެއް ދިނުމުން، ނޭފަތް ފޮޅާލާފައި އަނެއްކާ ވެސް ވާހަކަ ދައްކަން ފެށި އެވެ.

"އަމިއްލަ އަތުން ލޯބިވާ ދަރިފުޅު ގަތުލު ކުރާނެ ހިއްވަރު އަހަރެންގެ ގައިގަ ހުންނާނެތަ؟... ހުރިހާ ކަމެއް ވެ ނިމުނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ... އެދެމީހުންނަށް ވެސް ހަމަލާ ދެވުނީ ކޮން ބައެއް ކަން ނޭނގި... ދިމާވި ހުރިހާ ކަމަކަށްފަހު، އަހަރެން ހުރީ ވަރަށް ބިރުން... އެ ބިރު އަހަރެންގެ މުޅި ދުނިޔެ އަނދިރި ކުރީ..." މޭޒުގައި ބޯ އަޅައިލަމުން އިގްބާލު ބުންޏެވެ.

"ދެން ކީއްވެ އެކަން ސިއްރު ކުރީ؟.... ކީއްވެ އަމިއްލަ އަނބިމީހާ މަރާލީ؟... ކުރިން ތެދަށް ކިޔައިދިންނަމަ، އަނބިމީހާގެ ފުރާނަ ވެސް ސަލާމަތް ވީހެއްނު... އޭރުން އަދަބު ވެސް ލުއިވީސް..." ކާވިން ބުންޏެވެ.

"ނުވާނެ... އަހަންނަށް ކަލޭމެންގެ ގޮތް އެނގޭ... ކަލޭމެން އެންމެންނަކީ ވެސް އެއްކަހަލަ މީހުން... އަހަރެން އެކަން ކުރީ ގަސްދުގައެއް ނޫނޭ... ނޫނޭ... ނޫނޭ... ބުނެފީމެއްނު... ހަމްދޫނާގެ ކައިރީ ވެސް އެވާހަކަ ކިތައް ފަހަރު ބުނާނީ... އިނދެގެން އުޅޭ އަނބިމީހާ، ފިރިމީހާގެ ވާހަކަ ޤަބޫލު ނުކުރީމަ ކޮންމެ މީހަކު ވެސް ރުޅި އަންނާނެ... ހަމްދޫނާ އަހަންނާ ދިމާއަށް ބުނީ ކީކޭ ކަން އެނގޭތަ؟... އޭނ؟...." އިގްބާލުގެ އަޑު އަނެއްކާވެސް ގަދަ ވިއެވެ. އޭނަ ވީހާވެސް ބޮޑަށް މޭޒާއި ކައިރިއަށް ޖެހިލި އެވެ. އޭރު އެ ދޮލުން ފެންނަމުން ދަނީ ނަފުރަތެވެ.

"އޭނަ ބުނީ ތީ މީހުން މަރާ މީހެކޭ... އަހަރެން މަސައްކަތް ކުރިން، ހަމްދޫނާއަށް އަނިޔާއެއް ނުދީ ވޭތޯ... އެކަމަކު އޭނަ އަހަރެން ރުޅި އެރުވީ.... އަހަރެން މީ މީހުން މަރާ މީހަކަށް ހެދި މީހަކީ ހަމަ ހަމްދޫނާ.... އޭނަ ބުނީ ދަރިފުޅު މަރާލިގޮތަށް އޭނަ ވެސް މަރާލާށޭ... އަހަރެން އަމިއްލަ އާއިލާދެކެ ވީ ލޯބީގެ ބަދަލު ލިބުނު ގޮތަކީ މީ... އަހަރެން މިކުރީ ކުށެއްތަ؟..."

ކާވިން ނުވެސް ވިސްނާ އިންދައި އިގްބާލް ފެށީ ހޭށެވެ. ހީހީފައި ރޯން ފެށި އެވެ. ދެން ކީ އެކައްޗެއް ވެސް ކާވިންއަށް ސާފުވާގޮތެއް ނުވި އެވެ.

"މިހާރު އެއޮތީ އެކަން ހަޤީޤަތަކަށް ހަދާފަ... މިހާރު އަހަންނާ ދިމާއަށް އެހެން ކިޔާކަށް އެ ހަމްދޫނާއެއް ނާންނާނެ..." ހީހީފައި އިގްބާލް ދެއްކި ވާހަކައިން ކާވިންއަށް ސާފުވީ އެ އެޖުމްލަ ތަކެވެ.

އަމިއްލަ އަނބިމީހާ ހަމްދޫނާ އާއި ދަރިފުޅު ނިޔާމާގެ އިތުރުން ދަރިފުޅުގެ ލޯބިވެރިޔާ ރާއިދުގެ މަރުގެ ދަޢުވާ އަމިއްލަ އިޢުތިރާފާއިއެކު، އިގްބާލުގެ މައްޗަށް ސާބިތު ވިއެވެ. އޭނާ ލެވުނީ ޖަލުގެ ތޭރިތަކުގެ ތެރެއަށެވެ.

މައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ނޫސްވެރިންތައް ފުލުހުންގެ އިދާރާ ވަށައިލި އެވެ. ރާއިދުގެ އާއިލާއިން އިގްބާލަށް މަރުގެ އަދަބު ދިނުމަށް އެދެމުން ދިޔަ އެވެ. ހަމަ އެގޮތަށް އިންސާފު ނުލިބިގެން ޒުލޭހާގެ އާއިލާއިން އަޑު އުފުލަން ފެށި އެވެ.

ތަހުޤީޤު ނިންމައިލެވުނު ނަމަވެސް، ކާވިންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ޒުލޭހާ އާއި ޒަހުރާގެ މަރަށް އިންސާފު ހޯދައިދިނުމަށްފަހު ނޫނީ އޭނަގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެ އެވެ. އެކަން ކުރަން ފަސޭހަ ނުވާނޭ ކަން އެންމެ ރަނގަޅަށް އެނގޭ އެކަކީ އޭނަ އެވެ.

ދާރިޔާގެ ހަނދާންތަކުން ކާވިންގެ ހިތަށް އުނދަގޫ ކުރަން ފެށުމުން، އޭނާ މޭޒުގައި ބޯ އަޅާލި އެވެ. އޭނަގެ ބޮލުގައި ގަދަޔަށް ރިއްސަނީ އެވެ. މާޒީގެ ހަނދާންތަކުން ހިތަށް އުނދަގޫތަކެއް ވަމުން ދަނީ އެވެ.

ކާވިން އެފަދަ ޙާލެއްގައި ވަނިކޮށް، އީން އައިސް އެތެރެއަށް ވަނެވެ. އިދާރާގެ ކައިރިއަށް މީހުން އެއްވެ، ކާވިން އާއި ބައްދަލު ކުރުމަށް އެދެމުންދާތީ، އޭނަ ހުރީ ހާސްވެފަ އެވެ. އޭނަ ގޮސް ކާވިންގެ ކައިރީގައި ހުއްޓުނެވެ. ފަސްވަރަކަށް މިނެޓު ވީއިރުވެސް ބަލައިނުލުމުން، އޭނަ އުޅުނީ އެތަނުން ނުކުންނާށެވެ. ކާވިން އެއްލި އަތުން އޭނަގެ އަތުގައި ހިފައި ހުއްޓުވައިފި އެވެ. އޭނަ ނުވެސް ވިސްނާ ހުއްޓައި، އެއަތުގައި ހިފައި ކައިރިއަށް ދަމާލާފައި ގެންގޮސް އުނަގަނޑުގައި އަތް އަޅުވާލައިފި އެވެ. އޭރުވެސް ކާވިން އޮތީ މޭޒުގައި ބޯ އަޅާ ލައިގެންނެވެ.

"ދާޔާ!... މިހެން އިރުކޮޅަކު ހުރެދީފާނަންތަ؟..." ކާވިން އެދުނެވެ.

އީންއަށް ސިހުމެއް ލިބުނެވެ. ކާވިން އޭނަ އާއި މުޙާތަބު އެކުރީ ކިހިނެއް ހެއްޔެވެ؟ އެއީ ދުވަހަކު ވެސް މީހަކު އޭނައަށް މުހާތަބުކޮށްފައިވާ ނަމެއް ނޫނެވެ.

އީންގެ ސިކުނޑީގައި އައިސް ޓަކިދިނީ، މާޒީގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އޭނާ ރަހީނުކުރި ދުވަހު އެކްސް ބުނި ޖުމްލަތައް ކަންފަތް ކައިރީގައި ގުގުމައިލި ހެން އޭނާއަށް ހީވި އެވެ. އެދުވަހު އެކްސް ވަނީ ދާރިޔާގެ ނަމުން އޭނަ އާއި މުޙާތަބު ކޮށްފަ އެވެ. ކާވިން އޭނާގެ ވާހަކަ ނިސްބަތްކުރީ ދާރިޔާއަށް ކަމުގައި ވަނީނަމަ، އެ ދެމީހުންގެ މެދުގައި ގާތް ގުޅުމެއް އޮންނާނޭ ކަން އޭނައަށް ޤައިމު ވިއެވެ. ދާރިޔާ އާއި ކާވިން އާއި ދެމެދު އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟

ތަފާތު ފިކުރުތަކުން އީންގެ ސިކުނޑި ސުމަކަށް ދިޔަ އެވެ. ހިތަށް ތޫނު ކަށިތަކެއް ހެރެމުންދާ ކަމުގެ އިހުސާސް އޭނައަށް ކުރެވެމުން ދިޔަ އެވެ. ދާރިޔާ އާއިމެދު ހިތުގައި ހަސަދަވެރިކަމެއް އުފެދުނީ އޭނަ ބޭނުންވެގެނެއް ނޫނެވެ. ކާވިން ހީކުރީ އޭނަ އަކީ ދާރިޔާ ކަމަށް ހެއްޔެވެ؟ ވީއިރު، އެ މަޤާމުގައި އޭނަ އެތަނުގައި ހުރުން ރަނގަޅު ކަމަކަށް ވެދާނޭ ހެއްޔެވެ؟ ހަދަންވީ ގޮތެއް ނޭނގި ގަބުވެފައި އޭނަ ހުއްޓައި ކާވިން ތެދުވެ، ދުރަށްޖެހިލައިފި އެވެ. އީންގެ ހިތުގައި ކުރިއަށްވުރެ ބޮޑަށް ރިއްސާލި އެވެ.

"ސޮރީ... ކުޑަކޮށް ނިދުނީ..." ދެއަތް ޖީބަށް ކޮއްޕައިލަމުން ކާވިން ބުންޏެވެ.

ކާވިންގެ ދެލޯ ވަނީ ރަތްވެފަ އެވެ. މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލި ކަމެވެ. އީންއަށް ހިތި ގޮތަކަށް ހިންދިރުވައިލެވުނެވެ. ނޭނގި ހުއްޓައިވެސް ދެލޮލަށް ކަރުނަ ޖަމާވެއްޖެ އެވެ. އޭނަ އިސްޖަހައިލީ އެ ކަރުނަތައް ފޮރުވުމަށެވެ. ޙާލަތުގެ ގޮތުން އެއްވެސް ސުވާލެއް ކުރާކަށް އީން ބޭނުމެއް ނުވި އެވެ. އެކަމަކު ހަޤީޤަތާއި ހަމައަށް ވާސިލުވުމުގެ ޝައުޤުވެރިކަން އެހިތުގައި އިތުރުވެގެން ދިޔަ އެވެ. އޭނަ އެހެން ހުއްޓައި ސިހުނީ ކާވިންގެ ދެއަތުގެ ހިމާޔަތް ލިބުނުކަމުގެ އިހުސާސް ކުރެވުމުންނެވެ. އެ މޭގައި މޫނު ޖެހުމާއިއެކު، ކަރުނައިގެ ރޮނގެއް އޭނަގެ މޫނުގައި ދަތުރުކޮށްލައިފި އެވެ.

(ނުނިމޭ)