-
-
ދީނާއި ރަސްކަމަކީ އެއްމާބަނޑު ދެއެއްޗެވެ: ޙުސައިން ޞަލާޙުއްދީން ފަޞީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީން / ފޮޓޯ: މުޙައްމަދު މުޢިއްޒު އަދްނާން ފޭސްބުކް

ދީނާއި ރަސްކަމަކީ އެއްމާބަނޑު ދެއެއްޗެވެ: ޙުސައިން ޞަލާޙުއްދީން

ދީނާއި ރަސްކަމަކީ(އެބަހީ ވެރިކަމަކީ) އެއްމާބަޑު ދެއެއްޗެއްކަމުގައި، ރާއްޖޭގައި މިހައިތަނަށް އުފެދުނު އެންމެ މަޝްހޫރު އަދި އިސްލާމް ދީނާއި ބަހަށްވެސް ބޮޑެތި ޚިދުމަތްތަކެއް ކުރަށްވާފައިވާ އަލް މަރްޙޫމް ފަޟީލަތުއް އައް ޝައިޚް ޙުސައިން ޞަލާޙުއްދީނުގެ ބަޔާން ކުރަށްވައި، އެމަނިކުފާނުގެ ކާފަ ދަރިކަލުން އަލްއުސްތާޛު މުޙައްމަދު މުޢިއްޒު އަދްނާނު ޢާންމު ކުރެެއްވި ލިޔުއްވުމުއްގައި، ޝައިޚް ވިދާޅުވެފައި ވެއެވެ.

ADS BY FENVARU

"މީސްތަކުން ތިބޭހުށީ އެމީހުންގެ ވެރިންގެ ދީންމަތީގައެވެ. މިބަސްފުޅުގެ މުރާދަކީ ވެރިންގެ ކިބައިގައިހުރި ދީންވެރިކަމެއްގެ މަތީގައެވެ. މިހެންވީއިރު ދީނުގެ ކަންތައްތައް ސީދާކޮށް، ހެޔޮ ކަންތަކަށް އަމުރުކޮށް، މުންކަރާތްތައް ނަހީކޮށް ތިމާމެންގެ ވެރިކަމުގެ ދަށުގައި މާތްރަސްކަލާނގެ ލައްވާފައިވާ އެކަލާނގެ އަޅުތަކުންގެ ކަންތައް ސުލްޙަކޮށް، އެމީހުނާއިގެން ހިގުމައް އެކާލާނގެ ދެއްކެވި ތެދުމަގުގައި ހިގާފައި ނުދެވޭނަމަ ވެރިންނަށް ތިބިބަޔަކުގެ ކުށް ކިހާބޮޑުވާނެތޯއެވެ؟ ތެދުމަގުގައި ހިގާފައިދެވޭ ޢަދުލުވެރި ބަޔަކުކަމުގައި ވާނަމަ އެބަޔަކަށް ހުރި ނިޢުމަތް ކިހާމަތިވެރި ވާނެތޯއެވެ؟" 

ކާފަ ދަރިކަލުން އަލްއުސްތާޛު މުޙައްމަދު މުޢިއްޒު އަދްނާނު ޢާންމު ކުރެެއްވި، ޙުސައިން ޞަލާޙުއްދީނުގެ ލިޔުއްވުމުއްގައި އިތުރަށް ބަޔާން ކުރަށްވާފައިވެއެވެ.

"އިސްލާމް ދީނުގައި ކަނޑައެޅިގެންހުރި ފަރުޟު ކަންތައްތަކަށް އަމުރުކުޅައުމެއް ނެތި ކަނޑައެޅިގެން ހުރި މަނާ ކަންތައްތައް ޙަރާމް ކުޅައުމެއްނެތި ޙައްދު ތަޢުޒީރު ޤާއިމު ނުކޮށްތިބެ ކަންތައްތަކެއް ކުޅައަކަސް އެހިންގަނީ އިސްލާމީ ވެރިކަމެކޭ ބުނެވޭނެ ބާވައޭ ހިތަށްއަރައެވެ"

ދީނާއި ސިޔާސަތާއި ވަކިކުރުމުގެ މައުޞޫޢުގައި އަދިހަމަ އިސްލާމީ ވެރިކަމުގެ ޞިފަތައް ބަޔާން ކޮށްދެއްވަމުން ޝައިޚް ޙުސައިން ޞަލާޙުއް ދީނު ވިދާޅުވެފައި ވެއެވެ.

ދުނިޔެ ބަވަނަ ވެ ދޭދޭ ގައުމުތަކުގެ ގުޅުން ބަދަހިވެގެން ދާއިރު، ޣައިރު މުސްލިމް މުޖުތަމަޢުތަކާއިއެކު އިންތިހާއަށް ގިނަ މުއާމަލާތްތަކެއް މިއަދު ކުރަން މަޖުބޫރުވެފައި ވީހިނދު، މުސްތަސްރިޤުންގެ މަކަރުވެރި މަންތަރުތަކަށް އަހަރެމެން މުސްލިމުންނަށް ހުށިޔާރުވެވި ރައްކާތެރި ނުވެވިއްޖެނަމަ، ޙައްޤު ބާޠިލުގެ ގޮތުގައި ފެނި އަދި ބާޠިލު ޙައްޤުގޮތުގައި ފެނުމީ އިންތިހާއަށް ގާތުގައި ވާކަމެއްކަން، ތާރީޚުގެ އިތުރުން އަދުގެ މުސްލިމް މުޖުތަމަޢުތަކުގެ ތަޖުރިބާއިން ހެކިދެއެވެ.

އިންސާނީ "ޙައްޤު" ތަކާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އަދި ދީނާއި ސިޔާސަތު ވަކިކުރުމަކީ، އިސްލާމީ މުޖުތަމަޢުތައް ފަސާދަކުރުމަށް އުފައްދާފައިވާ މަންތަރުތަކެއް ކަމުގައި އެންމެހައި ދީނީ ޢިލްމުވެރިންގެ އިތުރުން ދުނިޔެވީ ބުއްދިވެރިންވެސް ހާމަކުރަށްވަމުން ގެންދަވައެވެ. އަދި އެކަންކަން އިސްލާމީ ޤައުމުތަކަށް ތަންފީޒުކުރުމަށް ވައްމޭޒު ހަދައިގެން ދެއިރު ދެދަޅައަށް ރިވިވް ކުރަމުން ދާއިރު، އެއުރެންގެ މުޖުތަމަޢުތަކުގައި އިސްލާމް ދީނަށް ނިސްބަތްކޮށް ސްކާފެއްވެސް ކަނބަލަކަށް ބޮލުގައި ނުބަނދެލެވޭހިނދު، ކޮވިޑް19 އޭ ބުނެ ވަށައިގެން ފޮތި އޮޅައި ކާކުކަން ވަކިނުވާވަރަށްވެސް ނިވާވެގެން ތިބުން ލާޒިމްވެސް ކުރެވެއެވެ. އަދި އެފަދަ ޙައްޤަކަށް މާބޮޑަށް ވަކާލާތު ކޮށްފިނަމަ ތަތްކޮށްލެވޭނީ "ހަރުކައްޓެއް" ގެ ލޭބަލެވެ. ޖެހޭނީ "ޓެރެރިސްޓް" ލޭބަލެވެ. އަޅެފަހެ ސަލާމަތް ބުއްދި ހުރި އިންސާނަކުމެ ހައިރާންވެ ބައިނާޅި ނުވާނެހެއްޔެވެ؟

އިންސާނީ ޙައްޤުތައްވެސް އެންމެ ފުރިހަމައަށް ބަޔާންކޮށްދީ އެންމެ މަތީދަރަޖައިގައި ޙިމާޔަތް ކޮށްދީފައިވެސް ވަނީ އިސްލާމް ދީނުގައި ކަމަށް ވީހިނދު، ހުޅަނގުން ދަޢުވާކޮށް ގޮވާލާ ބައެެއް އިންސާނީ ޙައްޤުތަކަކީ، އިންސާނުން ކިއެއްތަ ޖަނަވާރުންގެ ޠަބީޢަތާއިވެސް ޚިލާފު ކަންކަމެވެ. އެއްޖިންސުން ގުޅުން ހިންގުމާއި، ކުއްޖާގެ ކާފައަކީ ކުއްޖާގެ ބައްޕައަށް ނުވަތަ މާމައަކީ ކުއްޖާގެ މަންމައަށްވުންފަދަ ކަންކަމެވެ.

ޙަޤީޤީ ތަރައްޤީއާއި ތަމައްދުނާއި ކާމިޔާބާއި ފަލާޙުވެސް ހަމަ އޮތީ އިސްލާމީ މަތިވެރި އުޞޫލުތަކުގައި ހިފަހައްޓައި ދަމަހައްޓައިގެންނެވެ.

މުސްލިމުންގެ ރަންޒަމާނުގެ ޚަލީފާ، ޢާއްބާސީ ދައުލަތުގެ ފަސްވަނަ ޚަލީފާ އިމާމް ހާރޫނުއް ރަޝީދުގެ އަރިހަށް ޅެންވެރިއަކު އައިހިނދު، އަޖައިބުކުރުވަނިވި ޅެމެއް ކިޔައިދެއްވުމަށް އެ ޅެންވެރިޔާގެ ކިބައިން ޚަލީފާ އެދިވަޑައިގެންނެވީމައި ކިޔައިދިން ޅެމެއްގައިވެއެވެ.

ترجو النجاة ولم تسلك مسالكها           إن السفينة لا تجري على اليَبَس

ކާމިޔާބީގެ މަގުން ހިނގުމެއްނެތި ކާމިޔާބީއަށް ތިބާ އެދެމުއެވެ.

ކަނޑުއުޅަނދުފަހަރު އެއްގަމުގައި ނުދުވާނެކަން ކަށަވަރެވެ.

މުޅި ދުނިޔޭގައިވެސް މިހާތަނަށް ޤާއިމު ކުރެވުނު އެފަދަ ދެވަނައެއް ނެތް "ބައިތުލް ޙިކްމަތި" ނުވަތަ "ހައުސް އޮފް ވިޒްޑަމް" ކިޔުނު ޢިލްމީ ލައިބްރަރީ ބަޤްދާދުގައި ޤާއިމުކޮށްދެއްވި ޚަލީފާ އަޖައިބުވެ ވަޑައިގެންނެވި އެއް ޅެންބައިތަކީ މިއީއެވެ. މިއީ ފޮތާއި ގޮތާވެސް މާނަ އަރައިރުންވުމެއް ނެތް ޙިކްމަތްތެރި ޅެންބައިތެކެވެ. މީގައި ހިފައިފިނަމަ، ގެވެށިއަނިޔާއާއި ޖިންސީ ފުރައްސާރައާއި ރޭޕްގެ މައްސަލަތައްވެސް ހައްލުވެގެން ނުދާނެހެއްޔެވެ؟ ކަނބަލުންގެ ޙައްޤުތަކާއި ތުއްތު ކުދިންގެ ޙައްޤުތަކުގެ އިތުރުން، އެންމެހައި އިންސާނީ އަދި ކިއެއްތަ ޖަނަވާރުންގެ ޙައްޤައްދާންދެން އެންމެ ފުރިހަމައަށް ހުރިހައި މަޞްލަޙަތެއްމެ އިންތިހާއަށް ޙިމާޔަތް ކުރެވުމާއިއެކު ކަށަވަރު ވެގެންދާނެކަން ޔަޤީންމެއެވެ.