-
-
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޙައްޖުވެރިން ޤުދޫމް ޠަވާފު ފަށްޓައިފި މިއަދުގެ މެންދުރުގެ ވަގުތުގައި ޙައްޖުވެރިން ޠަވާފުލް ޤުދޫމް ކުރަނީ -: ފޮޓޯ: ޙަރަމްފުޅު އޮފީސް

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޙައްޖުވެރިން ޤުދޫމް ޠަވާފު ފަށްޓައިފި

ކޮވިޑް19 ގެ ނުރައްކާތެރިކަން ބޯމަތިވެފައިވާ މިދަނޑިވަޅުގައި މުސްލިމުން ކުރިމަތިލާން ޖެހުނު މުހިންމު އަޅުކަން ކަމުގައިވާ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ ޙައްޖާޖީން ޠަވާފުލް ޤުދޫމް ފަށްޓައިފިއެވެ.

ADS BY FENVARU

ޠަވާފުލް ޤުދޫމް އަކީ ސުންނަތް ޠަވާފެކެވެ. ތަމައްތުޢުކޮށް ޙައްޖުކުރާ ޙައްޖާޖީންނަށް މެނުވީއެވެ. ތަމައްތުޢުކޮށް ޙައްޖުކުރުމަކީ ޙައްޖަށް ނިޔަތްގަނެ ފުރަތަމަ ޢުމްރާއެއްކުރުމަށްފަހު އެއްކޮށް ތަޙައްލުލު ވުމަށްފަހުގައި ޙައްޖުމަހުގެ 8 ވަނަ ދުވަހު އަލުން ޙައްޖަށް މައްކާއިން އިޙްރާމްބަނދެގެން މިނާއަށް ދިއުމެވެ. ރާއްޖެއިން  ޙައްޖަށްދާ ޙައްޖާޖީން ކުރާނީ ތަމައްތުޢު ޙައްޖެވެ. ޤައުމުން ފުރައިގެންގޮސް މީޤާތުން އިޙްރާމް ބަންނަނީ ކަޢުބާ ޤަސްދުކޮށް ގެފުޅުގައި ޠަވާފްކުރުމަށްފަހު ހަމަޖެލައިގެން އަލުން ޙައްޖަށް އިޙްރާމް ބަންނަގޮތަށް ކަމަށްވާތީއެވެ.

ގައިދުރުކަން ކަށަވަރު ކުރެވިގެން ޠަވާފް ކުރުމަށް މަޠާފް ތެރޭގައި ފާހަގަ ޖެހިފައި -:ފޮޓޯ: ޙަރަމްފުޅު އޮފީސް

ހައްޖުގެ އަޅުކަން ފެށިފައިވާއިރު، އެއަޅުކަމުގެ ރުކުންތަކާއި ވާޖިބުތަކާއި ސުންނަތްތައްވެސް ގެފުޅާއި މަސްޖިދުލް ޙަރަމާއި ގުޅިފައިވާއިރު، ދުނިޔެމަތީގައިވާ އެންމެމަތިވެރި އެ މިސްކިތްވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. ކޮވިޑް19 ގެ ބަލިމަޑުކަމުގެ ދުވަސްވަރުގައި އެފަދަ އަޅުކަމެއް ކުރަންޖެހިފައި ވާތީވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅި އިރުޝާދުތައް ދެވިފައިވަނީ ނުހަނު ފުރިހަމަ ކޮށެވެ.

ޙައްޖުވެރިންނަށްޓަކައި ހަރަމްފުޅުގެ ތެރޭގައި ޒަމްޒަމްފެން ބެހެއްޓެނީ -: ފޮޓޯ: ޙަރަމްފުޅު އޮފީސް

މަޠާފް ނުވަތަ ޠަވާފުކުރާ ސަރަޙައްދުގައި ތޮއްޖެހުމަކާއި ނުލައި ގައިދުރުކަން ކަށަވަރުވެގެންދާގޮތަށް ތަޅުމުގައި ފާހަގަތަކާއި އިޝާރާތްތައް ކުރެހިފައިވާއިރު، އެއްވަގުތަކަށް މަޠާފު ބޭނުންކުރެވޭނީވެސް ވަކި ޢަދަދެެއްގެ މީހުންނަށްކަމަށް ރަސްމީ އިދާރާތަކުން ކަށަވަރު ކުރަމުންދެއެވެ.

މަޠާފުގެ އިތުރުން، ޙަރަމްފުޅުތެރޭގައާއި ޞަފާ މަރުވާ ޞަރަޙައްދުގައިވެސް ޚާއްޞަ ފާހަގަތައް ހަރުކުރެވިފައި ވާއިރު، މުޅި މިސްކިތާއި މިސްކިތުގެ ބޭރުގެ ޞަރަޙައްދުތަކުގައިވެސް ޒަމާނީ ޑިޖިޓަލް ވަޞީލަތްތަކުން، ހޭލުންތެރިކުރުމާއި އިރުޝާދު ދިނުމުގެ މެސެޖުތައް އަބަދުމެ ލިބިލިބި ހުންނާނެއެވެ. ސަލާމަތީ ޚިދުމަތްތަކާއި ޞިއްޙީ މާހިރުންގެ އިތުރުން މަދަނީ މަދަދުޤާރުންވެސް އަތްފޯރާ ހިސާބުގައި އަބަދުމެ ޙަރަކާތްތެރިވާނެއެވެ. ޙައްޖުވެރިޔާގެ ޙަރަކާތްތަކާއި އުޅޭނޫޅޭ ގޮތްތައްވެސް، ޙައްޖުވެރިޔާގެ އަތުގައި އޮންނަ އިލެކްޓްރޯނިކް ވަޞީލަތެއް މެދުވެރިކޮށް މަރްކަޒީ ކޮންޓްރޯލަކުން 24 ގަޑިއިރުމެ ބަލަހައްޓަމުންދާނެއެވެ.

ޙަރަމްފުޅު ތެރޭގައި ފާހަގައައި ނިޝަންތައް ޖެހިފައި -:ފޮޓޯ: ޙަރަމްފުޅު އޮފީސް

މިއަހުރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުޞަތު ދިނުމާއި ގުޅޭގޮތުން ޖޫން މަހުގެ 22 ވަނަ ދުވަހު ސަޢުދީ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބިގެންދާނީ ހަމައެކަނި އެގައުމުގައި މިވަގުތު ތިބި މީހުންނަށް އެކަނި ކަމަށެވެ. އަދި މިގޮތުންވެސް ހުއްދަދެވޭ ޢަދަދު ޖުމްލަ 10000 އަށްވުރެ މަތި ނުވާނެކަމަށްވެސް އޭރު ހާމަކުރެއްވިއެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށް މިހާރު ހުއްދަ ދެވިފައިވަނީ، 3000 ސަޢުދީ ރައްޔިތުންގެ އިތުރުން، ބޭރުގައުމުތަކަށް ނިސްބަތްވާ 7000 ރައްޔިތުންނަށެވެ. ސަޢުދީ ރައްޔިތުންނަށް ހުއްދަ ދެވިފައިވަނީ، އެމީހަކީ ކޮވިޑް19 އަށް ފައްސިވެ ފަރުވާ ހޯދުމަށްފަހުގައި ބަލިން އެއްކޮށް ރަނގަޅު ވެފައިވާ މީހެއްނަމައެވެ. އަދި މިކަން ކަށަވަރުކޮށް ސިއްޙީ ޙާލަތު ދެނެގަތުމަށް، ހޮސްޕިޓަލުތަކުގައި ހުރި އެމީހެއްގެ ކުރީގެ ރެކޯޑުތަށްވެސް ބެލި ކަށަވަރު ކުރެވޭނެ ކަމަށްވެސް މިނިސްޓްރީއިން ހާމަކޮށްފައި ވެއެވެ.

ކޮވިޑް19 އާއި ގުޅިގެން، ބަލި ފެތުރިގެން ދިޔަ ނުދިނުމަށް އެޅޭ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމުގައި ހަރުކަށި އުޞޫލުތަކެއްވެސް ކަނޑައަޅުއްވައި ސަޢުދީ ސަރުކާރުގެ ފަރާތުން ތަންފީޒު ކުރަށްވަމުން ގެންދަވައެވެ. އަދި މި އުޞޫލުތަކާ ޚިލާފުވާ ފަރާތްތަކުން 15 ދުވަހުގެ ޖަލު ޙުކުމެއްގެ އިތުރުން، 35000ރ ގެ ޖުރުމަނާއަކާ ކުރިމަތިލާން ޖެހޭނެކަންވެސް ސަޢުދީ ސަރުކާރުން ހާމަކުރަށްވާފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.