-
-
ބޮޑު ޢަފުވުޢާންމެއް މާދަމާ! 2018 ވަނަ އަހަރުގެ ޙައްޖުގެ ދުވަސްވަރު މުސްލިމު އަޚަކު ގެފުޅަށް ކުރިމަތިލައިގެން ހުރެ ދުޢާ ކުރަނީ -: ފޮޓޯ: ރޮއިޓާރސް

ބޮޑު ޢަފުވުޢާންމެއް މާދަމާ!

ވަޞަޢީ ނުވަތަ އިންސާނުން ހަދާފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ޙަޤީޤީ މަޙައްލަކީ ނުވަތަ ދާއިރާއަކީ ދުނިޔެވީ ދިރިއުޅުމެވެ. އަމިއްލަ ނަފްސާއި، ދޭދޭފަރުދުންނާއި އަދި މުޖުތަމަޢާއި ގުޅޭ ގުޅުންތަކާއި ކުރެވޭ މުޢާމަލާތްތައްވެސް އެންމެ އެދެވޭގޮތެއްގައި ހުރިހައި ފަރާތެއްގެ އެންމެމަތީ މަޞްލަޙަތު ހިފެހެއްޓުމަކީ އެފަދަ ނިޒާމުތަކުގެ މަޤްޞަދެވެ.

ADS BY FENVARU

މި އުޞޫލުތަކާއި ޚިލާފު ވާ ފަރާތްތަކަށް އެކިވަރުވަރުގެ އަދަބު ކަނޑައެޅިފައިވެއެވެ. ޖުރުމަނާ ކުރުމާއި ގޭބަންދުކުރުމުގެ އިތުރުން ޖަލުބަންދުކުރުމެވެ. ކުދި ޢަދަދުތަކުން ފެށިގެންގޮސް ބޮޑެތި މުއްދަތު ތަކާއި ހަމައަށްވެސް މެއެވެ. މުޅި މިލްކިއްޔާތަށްވުރެވެސް އިތުރު ޢަދަދުތަކުން ޖުރުމަނާ ކުރުމާއި، މީހާގެ ޢުމުރަށްވުރެވެސް ދިގުމުއްދަތު ތަކަށް ބަންދުކުރުމާއި ހަމައަށެވެ.

މުޅިމުޖުތަމަޢުގެ ޢާންމު މަޞްލަޙަތު ޙިމާޔަތް ކުރުމުގެ އިތުރުން، ފަރުދީ ޙައްޤުތައްވެސް ރައްކާތެރި ކޮށްދިނުމަކީ މިފަދަ އަދަބުތަކުގެ މަޤްޞޫދުކަމުގައި ވީހިނދު، އެމަޤްޞަދު މަފްހޫމް ޙާޞިލުކުރުމަށް، މަޞްލަޙަތު ބޮޑު އެހެން ގޮތްތައްވެސް ކަނޑައެޅިފައި ވެއެވެ.

އިޞްލާޙު ކުރުމާއި މަޢާފްދިނުމެވެ. މައްސަލަތައް އިލްތިމާސްކޮށް ރިވިއު ކުރުމާއި، އަދަބު ލުއިކޮށް ދިނުމާއި މަޢާފް ދިނުން ފަދަ އުޞޫލުތަކެވެ. ޤާނޫނު ތަންފީޒުކުރާ ފުރަތަމަ މަރްޙަލާކަމުގައިވާ ފުލުހުންނާއި ހަމައިން ފެށިގެން، ދަޢުވާ އުފުލާ ޕީޖީއާއި، ދައުވާއުފުލި ޙުކުމްކުރެވޭ ކޯޓުތަކުގެ އިތުރުން، ތަންފީޒީ ބާރުގެ އިސްވެރިޔާ ރައީސުލް ޖުމްހޫރިއްޔާއާއި ހަމަށެވެ.

މިއީ މުއްދަތެއް ނޭނގުނު ނަމަވެސް، މުއްދަތެއް ކަށަވަރު ވެފައިވާ ދުނިޔެވީ ވަގުތީ ޙަޔާތުގެ އުޞޫލުތަކެވެ. މާދަމައާއި ހަމައަށްވެސް ދިރިހުންނާނެކަމުގެ ޔަޤީންކަންވެސް ނުދެވޭނެ ފަދައިން ކަށަވަރު ވާ، މަރަށް ފަހުގައިވެސް އަދަބު ކަނޑައެޅިގެން ވެއެވެ. ނުވަތަ ޢަޛާބު ކަނޑައެޅިގެންވެއެވެ. އިލާހީ ޤާނޫނާއި ޚިލާފުވާ ފަރާތްތަކުގެ މައްޗަށެވެ.

މާތް ﷲ ގެ އަމުރުފުޅުތަކަށް އުރެދި، ނަހީތަކުން ދުރުވެގެންނުވި "ކުށްވެރި" އިންސާނާއަށެވެ. ޢަދުލުވެރިކަމުގެ އިންތިހާ ލާމަސީލު ޝަރީޢަތެއް ނުވަތަ ޙިސާބުބެއްލުވުމަކަށް ފަހުގައި، އަމިއްލަ ގުނަވަންތަކުގެ ހެކިބަހާއިއެކު އިޢުތިރާފުން ކުށް ޘާބިތުވާ ފަރާތްތަކުގެމައްޗަށެވެ. އެހިނދު ތިމާ އަމިއްލައަށް އެދިގެން އިސްތިޢުނާފު ކުރުމުގެ ޙައްޤުން މަޙްރޫމް ވެގެން ވެއެވެ.

އުޚްރަވީ ޙަޔާތުގައި ޙިސާބުކުރެވި ޢަޛާބާއި ކުރިމަތިލާންޖެހޭ ކުށްތަައް އިސްތިޢުނާފް ކުރުމުގެ މަރްޙަލާއަކީ ދުނިޔެއެވެ. ޢަފުވުޢާންމުގެ އުޞޫލުތަކުގެވެސް މަންފާ ލިބެނިވިގެން ވަނީ ތިމާ މަރުވެ ދިޔުމުގެ ކުރިންނެވެ. ދުނިޔެވީ އަދަބުތައް އިސްތިއުނާފުކުރުމުގެ މައިގަނޑު އަސާސާކީ ދެކޮޅުހަދައި އިންކާރު ކުރުމެވެ. ނަމަވެސް ދުނިޔެވީ ޙަޔާތުގައި ކުރެވޭ ކުށްތަކަށް އުޚްރަވީ ޙަޔާތުން ކަނޑައެޅިގެންދާނެ އަދަބު ނުވަތަ ޢަޛާބު އިސްތިޢުނާފް ކުރުމުގެ އަސާސީ ޝަރުޠަކީ ކުށަށް އިޢުތިރާފް ވުމެވެ. މުއްދަތަކީ އިންތިހާއަށް ކުރު ވެދާނެ އަދި އެހައިމެ ދިގުވެސް ވެދާނެ، އިމްތިޙާނާއި އިބްތިލާއާއި ޙިކުމަތުން ފުރިގެން ޤުދުރަތުން ތަޤުދީރު ކުރެވިފައިވާ ތިމާގެ ޢުމުރެވެ.

ކޮވިޑް19 ގެ މި ނުރައްކާތެރި ޙާލަތުގައި ވަނިކޮށް، ޢާންމުކޮށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ބޮޑު ޢަފުވުޢާންމުގެ ދުވަސް، މިނިވަންދުވަސް ނުވަތަ ޖުލައި 26 ފާއިތުވެ ހިނގައްޖެ ދޯއެވެ. އެފަދަ ބޮޑު ޢަފުވުޢާންމަކަށް ދެން އުންމީދު ކުރެވޭނެ އެންމެ މަގަތު ތާރީޚަކީ ވެސް، ޖުމްހޫރީ ދުވަސް ނުވަތަ ނޮވެމްބަރު 11 ތާއެވެ. 3 މަހަށްވުރެވެސް ގިނަ ދުވަސް އަދިވެސް އެބައޮތެވެ. ދުނިޔޭގައި ހުންނާނެ ކަމެއްވެސް ނޭނގެ ނޫން ހެއްޔެވެ. މަރުވެއްޖެ ނަމަ ޖުރުމަނާ ނުވަތަ ގޭބަންދު ނުވަތަ ޖަލު ޙުކުމް ނިމުނީ ނޫންހެއްޔެވެ. ރައީސްގެ ޢަފުވުޢާންމަށް އިތުރަކަށް މަޑުކުރަން ޖެހޭނެ މާނައެއް ނެތްތާ ދޯއެވެ.

އަދި އެއް މަރްޙަލާ ބާކީ އެބައޮތެވެ. ތިޔަ ހުރަސް ކޮށްލެވުނީ ބްރިޖެވެ. މާލެެއިން ހުޅުމާލެއަށް ބްރިޖު ހުރަސްކޮށް ދިޔަ ވާހަކައެއް ނޫނެވެ. އުޚްރަވީ ޙަޔާތަށް ވާޞިލު ކުރުވަނިވި ދުނިޔޭގެ ޙަޔާތުގެ ވަގުތީ ފާލަން ހުރަސް ކޮށްލެވުނީއެވެ. ކުރިމަތި ލާންޖެހޭނެ މަންޒަރާއި މެދު މިހިނދު ވިސްނާށެވެ. ފާލަންމަތީ ހުރެގެންނެވެ. ވަންވޭއެކެވެ. ދަތުރު ހުރަސްކޮށް ފާލަން ނިމުމުން، ކުރިމަތިލާންޖެހުނީ ކިތަންމެ ހިތްދަތި ވޭނާއި އަޛާބުން ފުރިގެންވާ ހާލަތަކާއި ނަމަވެސް، އިސްތިޢުނާފަށް އެދޭ ފޯމު ލުމަށް އަނބުރާ، އައިކޮޅަކަށް ނުދެވޭނެއެވެ.

ދުނިޔެވީ ޤާނޫނުތަކާއި ޚިލާފުވެވި ކުށްކުރެވޭ ހިނދު، މަޖްލިސް މެމްބަރުންނަށް ނުވަތަ ޕާރޓީ ރައީސަށް ގުޅައިގެން ނަމަހީވެސް ފުލުހުންގެ ބަންދުން ނުވަތަ ދަޢުވާ ކުރެވުމުން ނުވަތަ ޝަރީޢަތުން ޗަލުވާލުމަށް ނިކަން އުޅެޥޭ ނޫންހެއްޔެވެ. ތަކުރާރުކޮށް ގުޅާހިނދު ފޯނަށް ޖަވާބު ނުދެއްވި ނަމަވެސް ހުއްޓާނުލައި ހަމަ ގުޅާނެއެވެ. ނުގުޅިއްޖެނަމަ ބައްދަލުވެސް ކުރާނެއެވެ. ތަންތަނަށް ސިޓީވެސް ލައިގެން ނަމަހީވެސް އަދަބަށް މަޢާފްލިބޭތޯ ބަލާނެއެވެ. ޕެރޯލާއި ކްލެމެންސީ ފޯމަށް ދާންދެނެވެ. ކާމިޔާބު ވާނެކަމުގެ ޔަޤީންކަމެއް ނުވަތަ ކުޑަވެސް އުއްމީދެއް ނެތިވާ ޙާލުގައިވެސް މެއެވެ.

އަޅެނިކަން މާދަމާ "ފޯމު" ލަމާ ހިނގާށެވެ. ޢަދުލުވެރި ނިންމުމެއް ނިންމިގެންދާނެކަން ކަށަވަރެވެ. އަހަރުތަކެއް ނުނަގާނެއެވެ. ޖަވާބު ސީދާ ތިމާއަށް ނުލިބުނެއް ކަމަކު މާދަމާގެ އިރުއޮއްސުމުގެ ކުރިން ގޮތް ނިންމޭނެއެވެ. އަދިހަމަ މަޢާފު ނުލިބޭ ކުށެއްވެސް ނުވާނެއެވެ. އުމުރުދުވަހުގެ ޖަލު ޙުކުމަކަށް ވުރެވެސް ނަރަކައިގެ ޢަޛާބުގެ ހިނދުކޮޅެއްވެސް، އިންތިހާއަށް ވޭންދެނިވުމާއި ނުރައްކާތެރިކަން ބޮޑު ހިނދުވެސް، ދީލަތިވަންތަ އޯގާތެރި އިލާހުގެ މަޢާފާއި ފުއްސެވުން އޮއްސެވިގެން ވެއެވެ.

އެކަލޭގެ ފާނުގެ ބަސްފުޅަކީ މާތް ﷲ ގެ ވަޙީބަސްފުޅެ ކޭ އެއްފަދައިން ތެދުކަން ކަށަވަރު އަދި ޙައްޤުކަމުގައި މެނުވީ ނުވާ، އުންމަތުގެ ނަބިއްޔާ ވިދާޅުވެ، އެކަލޭގެފާނުގެ ލޮބްވެތި އަނބިކަބަލުން އަދި މުއުމިނުތަކުންގެ މައިކަމަނާއެއް ކަމުގައިވާ މާތް ﷲ ރުއްސެވުން ލެއްވި ޢާއިޝަތުގެފާނުގެ އަރިހުން ރިވާކުރެވިގެން އައިސް، އަލްއިމާމް މުސްލިމް އެކަލޭގެފާނުގެ ޞަޙީހުގައި ނެރުއްވާފައި ވާ ޙަދީޘް ބަސްފުޅެއްގައި ވަނީ؛

( ما من يوم أكثر من أن يعتق الله فيه عبدا من النار من يوم عرفة )

"ޢަރަފާތް ދުވަސް މެނުވީ، މާތް ﷲ އެ ދުވަހެއްގައި، އަޅުތަކުން ނަރަކައިން މިންޖުކުރެއްވުން ގިނަވެގެންވާ އެއްވެސް ދުވަހެއް ނުވެއެވެ"

ވީހިނދު މިއަށްވުރެ ބޮޑު މުހިންމު ފައިދާ ކުރަނިވި އަދި ޙަޤީޤީ ކާމިޔަބާއި ފަލާޙު ލިބެނިވި ޢަފުވު ޢާންމެއް އޮންނާނެހެއްޔެވެ! އަވަސްވެގަންނަމާހިނގާށެވެ. ފުރިހަމައަށް އިޚްލާޞްތެރި ވެވިއްޖެނަމަ، މާދަމާ، ޢަރަފާތް ދުވަހުގައި ކުރެވޭ އިންތިހާއަށް ކުޑަކުޑަ ޢަމަލަކުންވެސް ނުވަތަ ކުރުކުރު ދުޢާއަކުންވެސް ޙަޤީޤީ ނަޞީބުވެރިން ކަމުގައި ވެގެން ދިއުމުގެ ފުރުޞަތު މިވަނީ ކުރިމަތީގައެވެ. އެފުރުޞަތު ގެއްލުވާލައި އަބާއްޖަވެރިއަކަށް ނުވަމާހެއްޔެވެ.

މާތް ﷲ ގެ ރުއްސެވުން ހޯދުމަށް ހިފޭ އެންމެ ރޯދައަކުންވެސް އެތަކެއް އަހަރުތަކެއްގެ ރާސްތާއަކަށް އަޅަމެން ނަރަކައާއި ދުރު ކޮށްދެއްވާނެއެވެ. އަދި މިރޯދައަކީ ޢަރަފާތް ދުވަހުގައި ހިފޭ ރޯދަކަމުގައި ވާނަމަ، ދެ އަހަރު ދުވަހުގެ މުއްދަތަށް ތިމާއަށް ކުރެވިފައިވާ ފާފަތައް ފުއްސެވުމުގެ ސަބަބަކަށް މާތް ﷲ ގެ އިރާދަފުޅާއިއެކު އެރޯދާ ވެގެންދާނެއެވެ. މާތް ﷲ ގެ ބޮޑު ޢަފުވުޢާންމުގެ ނަޞީބުވެރިއަކަށް ވުމުގެ ފުރުޞަތު ލިބިގެން ދިޔައީއެވެ.