-
-
ކޮވިޑް-19: "ފަރުވާ" ހޯދި މަޑަގަސްކަރައިގައި ފައްސި ޢަދަދު ގުނަތަކަކަށް! އެ ޤައުމުން ހޯދިކަމަށް ބުނާ ކޮވިޑް19 ފަރުވާ، ރައީސް ޓެސްޓް ކުރަށްވައި އިޢުލާނު ކުރަށްވަނީ -: ފޮޓޯ: އޭއެފްޕީ

ކޮވިޑް-19: "ފަރުވާ" ހޯދި މަޑަގަސްކަރައިގައި ފައްސި ޢަދަދު ގުނަތަކަކަށް!

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ރޯގާއެއްކަމުގައިވާ ކޮވިޑް19 ގެ ކާމިޔާބު ފަރުވާއެއް ހޯދިއްޖެކަމަށް ބުނަމުން އައިސްފައިވާ މަޑަގަސްކަަރައިން ފާއިތުވެ ދިޔަ ދުވަސްތަކުގައި ބައްޔަށް ފައްސި ވަމުންދާ މިންވަރު އެތައް ގުނައަކަށް އިތުރު ވެއްޖެއެވެ.

ADS BY FENVARU

ބުރާސްފަތި ދުވަހާއި ހަމައަށް ބައްޔަށް ފައްސި ވީ ޖުމްލަ އަދަދު 10000 ފަހަނައަޅައި ގޮސްފައި ވާއިރު، ކޮވިޑް19 ޖެހިގެން މިހައިތަނަށް ޖުމްލަ 93 މީހަކު އެގައުމުން މަރުވެފައި ވެއެވެ.

ކޮވިޑް19 ގެ ފަރުވާއެއްގެ ގޮތުގައި ޙަކީމީ ބޭހެއް އީޖާދު ކުރެވިފައިވާކަމަށް އިޢުލާނު ކޮށްފައިވާ މަޑަގަސްކަރައިން، ފާއިިތުވެ ދިޔަ ދެތިން ހަފްތާގެ ތެރޭގައި ބައްޔަށް ފައްސިވާ އަދަދު 3، 4 ގުނަ އިތުރުވެފައި ވެއެވެ. ދުވާލެއްގެ މައްޗަށް 300 އާ 400 އާއި ދެމެދުގެ އަދަދަކަށް މީހުން ބައްޔަށް ފައްސި ވަމުންދާއިރު، ހޮސްޕިޓާތައް ފުރި ކުޅިވަރު ސްޓޭޑިއަމެއް 250 އެނދުގެ ހަސްފަތާލަކަށްވެސް މިވަނީ ބަދަލު ކުރެވިފައެވެ.

"ފަތްފިލާވެލީގެ މި ސައިގެ ސަބަބުން 7 ދުވަހުގެ ތެރޭގައި ނަތީޖާ ފެންނާނެ. އަހަރެން މިއީ މިބޭސް ބޯ ފުރަތަމަ މީހާ. މިބޭހުގެ ސަބަބުން ފަރުވާ ލިބޭކަމާއި މަރު ނުވާނެކަން އަންގައި ދިނުމަށް އަހަރެން ފުރަތަމަ މި ބުއީ"

ކޮވިޑް19 ގެ "ފަރުވާ" ފާއިތުވެދިޔަ އޭޕްރީލް މަހުގެ ތެރޭގައި ތަޢާރަފު ކުރަށްވަމުން މަޑަގަސްކަރައިގެ ރައީސް ވިދާޅުވެފައި ވެއެވެ.

ފަތްފިލާވެލި ބޭނުންކޮށްގެން މަޑަގަސްކަރައިން އުފައްދާފައިވާ ބޭހަކީ ކޮވިޑް19 ގެ ފަަރުވާއެއްކަމަށް އެގައުމުގެ ރައީސާއި ވެރިން ބުނުއްވަމުން އަދިހަ އެހެން ގައުމުތަކަށްވެސް އެބޭސް ފޯރުކޮށްދެމުން ދިޔަނަމަވެސް، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އިތުރުން، ބަލިތައް ކޮންޓްރޯލު ކުރުމާބެހޭ، އެމެރިކާގެ ޤައުމީ އިދާރާ ސީޑީސީގެ ޞިއްޙީ މާހިރުންވެސް ވަނީ މިބޭހުގެ ސަބަބުން ކޮވިޑް19 އިން ފަރުވާ ލިބިގެން ނުދާނެކަން ހާމަކުރަށްވައި، އެ ބޭހުގެ ސަބަބުން ފުރާނައަށްވެސް ގެއްލުންތައް ލިބިދާނެކަމަށް ބުނެ އެބޭސް ބޭނުން ކުރުން އިންޒާރު ދީފައި ވެއެވެ.

ބައިނަލް އަޤްވާމީ އިދާރާތަކުގެ އިތުރުން މަޑަގަަސްކަރައިގެ ރައްޔިތުންގެ ގިނަބައަކުވެސް މިހާރު ބުނަމުންގެންދަނީ މިބޭހުން ކޮވިޑް19 އިން ރަގަޅު ނުވާކަމަށެވެ.

"އެބޭހަކީ ފަރުވާއެއްކަން އެނގޭނެ ހަމައެކަނި ގޮތަކީ، ފައްސިވަމުން ދާ އަދަދަށް ބަލައިގެން. މިހާރު ކިހާބައަކު ފައްސިވެފައި މިވަނީ"

މަޑަކަސްރައިގެ ޢާންމު ބަލިތަކާއިބެހޭ ޑޮކްޓަރަކު ބުނެފައިވެއެވެ.

އަހަރެން އަމިއްލަ 4 ޑޮކްޓަރަކަށް ދައްކައިފިން. އެއްވެސް ބޭފުޅަކު ބޭހެއްގެ ގޮތުގައި އެބޭސް ދީފައެއް ނުވޭ"

ކޮވިޑް19 ގެ ޚާއްޞަ "ފަރުވާ" އަމިއްލައަށް ބޭނުންކޮށްކޮށް ހުއްޓައި ބައްޔަށް ފައްސި ވެ އެދެވޭ ނަތީޖާއެއް ފެނިފައިނުވާ، އެގައުމުގެ ތަޢުލީމާބެހޭ ކުރީގެ ވަޒީރުވެސް ދާދިފަހުން ހާމަކޮށްފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.