-
-
އެންމެ ލޯ ލާރިއެއްވެސް ނެތް ބިލިއަނަރު! މަޝްހޫރު ފޯބްސް މަޖައްލާއިން ނެރޭ ލިސްޓްގައި ޝައިޚް ސުލާއިމާން އަލް ރާޖިޙީ -: ފޮޓޯ: ސޯޝަލް މީޑިއާ

އެންމެ ލޯ ލާރިއެއްވެސް ނެތް ބިލިއަނަރު!

ބިލިއަނަރެކެވެ. ޚިޔާލީއެއް ނޫނެވެ. ޙަޤީޤަތުގައިވެސް މެއެވެ. ފިޓް ފާޒިލްގެ ޝަރުމީލާ "ގިވްއަވޭ" ގޮތަކަށްވެސް ނުމެނޫންމެއެވެ. ދުނިޔޭގެ މުއްސަނދިން ލިސްޓްކުރާ މަޝްހޫރު ފޯބްސް މަޖައްލާގެ މައި ޞަފްޙާއިންވެސް ޖާގަ ހޯއްދަވާފައިވާ ޙަޤީޤީ ބިލިއަނަރެކެވެ.

ADS BY FENVARU

ދެން އުފެދޭ ސުވާލަކީ އެވަރުގެ ބޮޑު ބިލިއަނަރެއްގެ އަތުގައި ހަމަ ޙަޤީޤަތުގައިވެސް އެންމެ ލޯލާރިއެއްވެސް ނޯވެދާނެހެއްޔެވެ؟ އާނއެކެވެ. ކާޅުގައި ހުދުފަތްވެސް ހުރޭ ތާއެވެ. އެލްބީނޯ ވެލަޔާއި ކޯމަސްވެސް ހުންނަ ފަދައިންނެވެ.

ބޭންކްރަޕްޓް ވެއްޖެނަމަ އެއީ އެއްގޮތެވެ. އެހެނެއްކަމަކު މި ބިލިއަނަރަކީ ބޭންކްރަޕްޓް ވެފައިވާ ބިލިއަނަރެއް ނޫނެވެ. ސްކޫލް ދައުރުގައި އަތުގައި އެންމެ ރިޔާލައެއް ނެތިގެން އިތުރު ޙަރަކާތެއްގައި ބައިވެރިވެވަޑައި ނުގެންނެވުނު ނަމަވެސް، ކާމިޔާބު ޙަލާލު މަސައްކަތާއެކު އެތަކެއް ބިލިއަން އެމެރިކާ ޑޮލަރެއް މިލްކިއްޔާތުގައި އުފެދިގެން ގޮސްފައިވާ، އަދުގެ ފަހުގެ ތާރީޚު ނެދެކޭފަދަ މުޙްސިނު ދީލަތި ބިލިއަނަރެކެވެ.

ސަޢުދި ޢަރަބިއްޔާއިން ތެޔޮ ފެނުމާއެކު އެޤައުމަށް އެތެރެވެގެންދިޔަ އެތަކެއް ހާސް ބިދޭސީ މަސައްކަތް ތެރިންގެ މުސާރަ އެ މަސައްކަތްތެރިންގެ ޤައުމަށް ފޮނުވައި ދިނުމުގައި އެހީތެރިވެދިނުމާއިއެކު ޢާމްދަނީވެސް ހޯދުމަށް ކުޑަކުޑަ ކޮޓަރިގަނޑެއްގެ ތެރޭގައި ފެށުނު ބޭންކިން ވިޔަފާރި މިއަދުވަނީ މުޅި ޢަރަބި ޖަޒީރާތަކަށްވެސް ފަތުރާލެވިފައެވެ. ދުނިޔޭގައި ހުރި އެންމެ ވަރުގަދަ އަދި އެންމެ އިތުބާރުހުރި އިސްލާމިކް ބޭންކްގެ ގޮތުގައި ވެފައިވާ އަލް ރާޖިޙީ ބޭންކަކީ ޝައިޚް ސުލާއިމާންއާއި އެމަނިކުފާނުގެ ޢާއިލީ ދެބެއިން ގުޅިވަޑައިގެން އުފެއްދި ފުރަތަމަ ވިޔަފާރިއެވެ.

ދުނިޔޭގެ ޙަޔާތުގައި ގަދައަޅައި ކުރެއްވި މަސައްކަތުން ލިބިލެއްވި ކާމިޔާބީ އިންވެސްޓް ކުރަށްވާފައި ވަނީ، ދުނިޔެމަތީގެ އެއްވެސް ބޭންކަކުން ނުވަތަ މަހުޖަނަކަށްވެސް ނުދެވޭފަދަ ބޮޑު "ފައިދާ" އެއް ލިބިގެންދާފަދަ މަތިވެރި ވިޔަފާރިއެއްގައެވެ. އެތަކެއް ބިލިއަން ޑޮލަރުގެ މިލްކިއްޔާތު އިންވެސްޓް ކުރަށްވާފައިވަނީ، 700 ގުނައާއި ހަމައަށް ފައިދާ ލިބޭފަދަ މަތިވެރި ވިޔަފާރީގައެވެ. މާތް ﷲ ގެ މަގުގައި ހިލޭ ސާބަހަށް ފޯރުކޮށްދެމުން ގެންދާ ވަޞީލަތްތަކާއި ޚިދުމަތްތަކުގެ އަގު އެތަކެއް ބިލިއަން ޑޮލަރަށް އަރައެވެ.

މަޝްހޫރު ފޯބްސް މަޖައްލާއިން ކަނޑައަޅާ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައިވެސް ހިމެނިވަޑައިގެންފައި ވާ، ސަޢުދި ޢަރިބިއްޔާގެ ރަސްކަމުގެ ޚާންދާނަށް ނިޞްބަތްވެވަޑައި ނުގަންނަވާ އެންމެ މުއްސަނދި ބޭފުޅާއެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އިސްލާމިކް ބޭންކް އަލް ރާޖިޙީ ބޭންކުގެ ފައުންޑަރު، ޝައިިޚް ސުލައިމާން ބިން ޢަބްދުލް ޢަޒީޒް އަލް ރާޖިޙީއެވެ.

އެތަކެއް ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް ހުއްޓައި، ދަރިންނަށް ނުވަތަ ވާރުތަވެރިންނާއި ވަޤްފުގެ ގޮތުގައި ހަމަހަމައަށް ބައްސަވާލެއްވި ދީލަތި ހިތުގެ ވެރި ބިލިއަނަރެވެ.

ދުނިޔޭގެ ރެކޯޑު ފޮތުންވެސް އެންމެ ބޮޑު ކަދުރު ދަނޑުގެގޮތުގައި ޖާގަ ހޯދާފައިވާ، އެންމެ ފެންވަރު ރަނގަޅު ކަދުރު ހައްދާ، ސަޢުދި ޢަރިބިއްޔާގެ އަލް ޤަޞީމްގައި އޮތް މިދަނޑަކީ ދެމިގެންދާ ޞަދަގާތެއްގެ ގޮތުގައި ﷲ ގެ މަގުގައި ހޭދަކުރުމަށް ދޫކޮށްލެވިފައިވާ ވިޔަފާރިއެކެވެ. ލައްކައިން ކަދުރު ރުއް ހިމެނޭ މިދަނޑުން އެތަކެއްހާސް ޓަނުގެ ކަދުރު އުފައްދައެވެ. ދަނޑުހައްދައި ބަލަހެއްޓުމުގެ އެންމެހައި ޚަރަދެއް ބިލިއަނަރުގެ ޚައިރިއްޔާއިން ކުރެއެވެ. ލިބޭ އެންމެހައި އާމްދަނީ ދަނީއެއް އެއްކޮށް ހޭދަކުރަށްވަނީ ﷲ ގެ މަގުގައެވެ.

ޝައިޚް އަލް ރާޖިޙީ ވަޤްފު ކަދުރު ދަނޑު -:ފޮޓޯ: ޕިންރެސްޓް

ސަޢުދީގައި ޤާއިމު ކުރެވިފައިވާ ސުލައިމާން އަލް ރާޖިޙީ ޔުނިވަރސިޓީއަކީ ހިލޭސާބަހަށް، ޞިއްޙީ ދާއިރާއިންނާއި އިސްލާމިކް ބޭންކިންގެގެ ދާއިރާއިން މަތީ ތަޢުލީމު ފޯރުކޮށްދޭ ޔުނިވަރސިޓީއެކެވެ. އަލް ރާޖިޙީގެ ނަމުން ނަންދެވިފައިވާ އެތަކެއް ބޮޑެތި މިސްކިތްތަކެއް ބިނާކުރެވިފައިވެއެވެ.

ރިޔާޒުގައި ހުންނަ އަލްރާޖިޙީ މިސްކިތެވެ. މައްކާގައި ހުންނަ ޢާއިޝާ އަލް ރާޖިޙީ މިސްކިތެވެ. މުޅި މެދުއިރުމަތީގެވެސް އެންމެ މަޝްހޫރު ޕޯލްޓްރީ ކުންފުނި "އަލް ވަޠަނީ" ގެ ވެސް ބާނީއެވެ. އެތަކެއް ހާސް މުވައްޒަފުންނެއް ހިމެނޭ ހިނދުވެސް ކޮންމެ މަހެއް ނިމުމުގެ ކުރިން އެމަހެއްގެ މުސާރަ އެންމެހައި މުވައްޒަފުންނަށް ހަމައަށް ދެއްވައެވެ.

ރިޔާޒުގައި ހުންނަ އަލް ރާޖިޙީ މިސްކިތް -: ފޮޓޯ: ޕިންރެސްޓް

ހުރިހައި ވިޔަފާރިތަކެއްގެ އެންމެހައި ފައިދާ ދެބައަށް ބައްސަވައި އެއްބައި ދަރިންނަށެވެ. އަނެއްބައި މާތް ﷲ ގެ މަގުގަައި ފަގީރުންގެ ޙާޖަތްތަކަށާއި، ޢާންމު ޚިދުމަތްތަކަށެވެ. ކޮވިޑް19 އާއި ގުޅިގެންވެސް 170 މިލިއަނަށްވުރެ ގިނަ ޑޮލަރު އަލް ރާޖިޙީ ފައުންޑޭޝަނުން ހޭދަކޮށްފައި ވެއެވެ.

ދީލަތި ބިލިއަނަރު ޝައިޚް ސުލައިމާންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށްވެސް ޚަރަދު ކުރަށްވަނީ، ﷲ ގެ މަގުގައި ވަޤްފު ކުރެވިފައިވާ އިންވެސްޓްމަންޓްތަކުން ލިބޭ ފައިސާއިންނެވެ. ބޯހިޔާވަހިކަމާއި ކެއިންބުއިމާއި، ދަތުރު ފަތުރާއި، ބޭސްފަރުވާފަދަ އަސާސީ ކަންކަމަށްވެސް ޚަރަދު ކުރަށްވާނެ އަމިއްލަ ފައިސާ ފޮއްޗެއް ނުގެންގުޅުއްވައެވެ. ﷲ ގެ މަގުގައި ދޫކޮށްލެވިފައި ވާ ވިޔަފާރިތަކުން ކިރިއާމެ ފުދިވަޑައިގަންނަވާ މިންވަރަށް ނަންގަވަނީވެސް އަމިއްލަ ފައިސާގެ ގޮތުގައި ނޫނެވެ. މުސްކުޅިވެ ގައިބާރު ދޫވެފައިވާ އަދި ޢާމްދަނީއެއް ލިބޭނޭ ވަޞީލަތެއްވެސް ނެތް ފަރާތަކަށް ﷲ ގެ މަގުގައި ކުރެވޭ ހޭދައެއްގެ ގޮތުގައެވެ.

ޝައިޚް ސުލައިމާން އަލް ރާޖިޙީގެ މަތިވެރި ޞަދަޤާތްތައްް މާތް ﷲ ޤަބޫލުކޮށްދެއްވައި އަބަދާއި އަބަދަށްމެ މަތިވެރިވެގެންވާ، ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތްތައް ޝައިޚަށް މިންވަރު ކޮށްދެއްވާށިއެވެ. އާމީން....