-
-
ޒަމާނީ ޢަސްކަރީ 5 މަތިންދާ ބޯޓު އިންޑިއާއިން ގަނެފި އިންޑިއާއިން އިއްޔަ ގެނައި ރަފްއޭލް މަރުކާގެ މަތިންދާ ބޯޓެއް -:ފޮޓޯ: ވެރިފަރާތް

ޒަމާނީ ޢަސްކަރީ 5 މަތިންދާ ބޯޓު އިންޑިއާއިން ގަނެފި

ފްރާންސްގައި އުފައްދާ ޒަމާނީ ފެންވަރުގެ ޢަސްކަރީ 5 މަތިންދާ ބޯޓު އިންޑިއާއިން ގެނެސްފިއެވެ.

ADS BY FENVARU

ފްރާންސުން އެތެރެކުރި މި ބޯޓުތައްވަނީ އިންޑިއާގެ ހަރްޔާނާ ސްޓޭޓްގައި ހުންނައި އަމްބަލާ ކިޔުނު ޢަސްކަރީ އެއާރ ބޭސްއަކަށް އިއްޔަ ޖައްސާފައެވެ. ފާއިތުވެދިޔަ 23 އަހަރުގެ ތެރޭގައިވެސް އިންޑިއާއިން އިންވެސްޓް ކުރި އަސްކަރީ ޤާބިލުކަން އިތުރު ކުރުމުގެ އެންމެ ބޮޑު އިންވެސްޓްމެންޓަކީ، ފްރާންސްގެ ރަފްއޭލް މަރުކާގެ މި 5 ޢަސްކަރީ މަތިންދާ ބޯޓު ގެނައުމެވެ.

"ދޫނިތައް ރައްކާތެރިކަމާއެކު އަމްބަލާގައި ޖައްސައިފި. މި އައު ޤާބިލުކަމާއިމެދު ކަންބޮޑުވެ ހާސްވާން ޖެހޭނެ ބައަކުވާނަމަ އެބައަކަށްވާން ޖެހޭނީ އަހަރެމެންގެ ސަރަޙައްދީ މިނިވަންކަމާއި އިސްތިޤްލާލަށް އަރައިގަންނަން ބޭނުންވާ ބައަކު"

ޢަސްކަރީ މަތިންދާ ބޯޓުތައް ގެނައުމަށް ބޭއްވި ރަސްމިއްޔާތަށްފަހުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރ އިއްޔަ ވިދާޅުވިއެވެ.

ޔޫރަޕްގެ މިސައިލު އުފައްދާ ކުންފުނި އެމްބީޑީއޭގެ ޓެކްނޮލޮޖީން އުފައްދާފައިވާ އެންމެ ޒަމާނީ މިސައިލުތައް ދޫކޮށްލުމުގެ ޤާބިލުކަން ލިބިފައިވާ ރަފްއޭލް ޢަސްކަރީ މަތިންދާ ބޯޓުން ދޫކޮށްލާ މިފަދަ މިސައިލުތަކުން 150 ކިލޯ މީޓަރުގެ ދުރުގައިވާ ޓާރގެޓްތަކަށް ވާޞިލުވެ ނެތިކޮށްލުމުގެ ޤާބިލުކަން ލިބިފައިވެއެވެ. މި މިސައިލް ޓެކްނޮލޮޖީއަކީ ޔޫރަޕްގެ ބޮޑެތި ބާރުތައް ކަމުގައިވާ، އިނގިރޭސިވިލާތާއި، ޖަރުމަނާއި، ފްރާންސް، އިޓަލީ، ސްޕެއިން އަދި ސްވިޑްން ފަދަ ގައުމުތަކުން، އެގައުމުތަކަށް އަމާޒުވެދާނެ މިސައިލް ހަމަލާއަކުން ދިފާޢު ވުމަށް ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީއެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.

އިންޑިއާއިން ޢަސްކަރީ ޤާބިލުކަމާއި ބާރުވެރިކަން އިންތިހާއަށް ވަރުގަދަ ކުރަމުންދާ މިދަނޑިވަޅަކީ، އެގައުމުގެ ވާދަވެރި ޗައިނާއާއި ދެމެދު އިންތިހާއަށް ނުތަނަވަސްކަން އުފެދެމުން އަންނަ ދަނޑިވަޅެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.