-
-
މާސްކު މަޖްބޫރު، ނާޅާނަމަ 1000 ޖުރުމަނާކުރާނެ! މިއަދު ބޭއްވުނު ޤައުމީ ޓާސްކްފޯސް ބައްދަލުވުމުގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގަންނަވަނީ -: ފޮޓޯ: ރައީސް އޮފީށް

މާސްކު މަޖްބޫރު، ނާޅާނަމަ 1000 ޖުރުމަނާކުރާނެ!

ޢާންމުތަންތަނުގައި އުޅޭއިރު މާސްކު އެޅުން މަޖްބޫރުކޮށް، މާސްކު ނާޅައި އުޅޭނަމަ 1000 ރުފިޔާއިން ޖުރުމަނާކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ADS BY FENVARU

މާސްކު އެޅުން މަޖްބޫރުކޮށް ނިންމުނު ސަރުކާރުގެ މި ނިންމުން ހާމަކޮށްފައިވަނީ ރައީސް އޮފިހުން މިއަދުގެ ހަވީރުގެ ވަގުތެއްގައި ކުރި ޓްވީޓެއްގައެވެ. ދައުލަތުގެ އެންމެ އިސްވެރިޔާ ރައީސުލް ޖުމްހޫރިއްޔާވެސް ބައިވެރިވެވަޑައިގެންނެވި ޤައުމީ ޓާސްކްފޯހުގެ މިއަދުގެ ބައްދަލުވުމަށްފަހުގައި ރައީސް އޮފީހުން ކޮށްފައިވާ ޓްވީޓުގައި ބަޔާންކޮށްފައިވަނީ، ފާއިތުވެދިޔަ ދެހަފްތާގެ ތެރޭގައި ކޮވިޑް19 ފެތުރެމުންދާ މިންވަރު އިތުރުވެފައިވާތީވެ، ބަލިން ރައްކާތެރިވެ އެހެންމީހުންވެސް ރައްކާތެރިކުރުމުގެ ގޮތުން މާސްކު އެޅުން މިހާރު މަޖުބޫރު ކުރެވިފައި ވާކަމަށެވެ.

ފުރަބަންދަކަށް ނުދިއުމަކީ އެންމެހައި ފަރާތްތަކަށްވެސް މަޞްލަޙަތު ހުރިގޮތްކަމުގައި ބަޔާންކުރަމުން، ކޮންމެހެން މަޖުބޫރު ޙާލަތެއް މެދުވެރިވެގެން ނޫނީ ބޭރުގައި ނޫޅުމަށާއި، ރަސްމީ މަސައްކަތްތައްވެސް ގޭގައިތިބެގެން އޮންލައިންކޮށް ކުުރުމާއި، ގިނަގިނައިން އަތްދުމަށާއި، ގައިދުރުކަން ކަށަވަރުކުރުމުގެ އިތުރުން މީހުންނާއި ބައްދަލުކޮށްހެދުމުން ދުރުހެލި ވުމަށްވެސް ރައީސް އޮފީހުން ކުރި ރަސްމީ ޓްވީޓުގައި އިލްތިމާސްކޮށްފައި ވެއެވެ.

ނެޝަނަލް ޓާސްކް ފޯހުގެ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށްފަހު ނިންމިފައިވާ، މާސްކުއެޅުން މަޖުބޫރުކުރުމުގެ ނިންމުމާއިބެހޭގޮތުން އިތުރަށް ތަފްޞީލު ހާމަކުރަށްވަމުން، ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މާސްކް ނާޅައި މަގުމަތީގައި ހަރަކާތްތެރިވާނަމަ ހޮނިހިރު ދުވަހުންފެށިގެން ޖުރުމަނާ ކުރެވޭނެ ކަމަށާއި، މާސްކް ނާޅާ މަގުމަތީގައި އުޅޭ ފަރާތްތައް ފާހަގަކޮށް އެކަން ފުލުހުން ބަލަން ފަށާނެ ކަަމަށެވެ. އަދިި މިގޮތަށް ޢަމަލު ކުރެވޭނީ މާލޭ ޞަރަޙައްދުގައި އެކަނިކަމަށާއި މިކަމުގެ ތަފްޞީލު ދާދި އަވަހަށް އެޗްޕީއޭއިން ހާމަކުރަށްވާނެކަމުގައިވެސް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ވިދާޅުވިއެވެ.

ފާއިތުވެދިޔަ 24 ގަޑިއިރުގެތެރޭގައި އެކަނިވެސް 89 ދިވެހީންނާއެކު ޖުމްލަ 152 މީހަކު ރާއްޖެއިން ކޮވިޑް19 އަށް ފައްސި ވެފައިވެއެވެ. އަދި މިއަދުގެ ވަގުތެއްގައި މިބަލީގައި 16 ވަނަ މީހަކު މަރުވެފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.