-
-
އެޗްޕީއިން ކަނޑައެޅި މިންވަރާއި ގާތަކަށްވެސް މިސްކިތް ނުރައްކަލެއް ނޫން! މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ތަރުޖާމާނު ޑރ. ނަޒްލާ އަދި ރިސާރޗަރ ޑރ. ސީނާ -: ފޮޓޯ: ހެލްތް

އެޗްޕީއިން ކަނޑައެޅި މިންވަރާއި ގާތަކަށްވެސް މިސްކިތް ނުރައްކަލެއް ނޫން!

ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނީ ޒިންމާ ޙަވާލުކުރެވިފައިވާ ދައުލަތުގެ އިދާރާ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައެޅި މިންވަރާއި ގާތަކަށްވެސް މިސްކިތްތައް ނުރައްކާތެރި ނޫންކަމަށް ހަމަ އެއިދާރާއިން ހާމަކުރި މައުލުމާތުތަކުން ކަށަވަރު ވެއްޖެއެވެ.

ADS BY FENVARU

"މިދުވަސްވަރުގައި ކުރާ ތަފާތުކަންތައްތަކުގެ ސަބަބުން ނުރައްކާ ހުރި މިންވަރު ދެނެގަތުން" މިނަމުގައި އެ އޭޖެންސީއިން ދާދި ފަހުން 5 ދަރަޖައެއް ނުވަތަ މިންވަރެއް ޢާންމުކޮށްފައި ވެއެވެ. ކުޑަ ނުރައްކަލާއި، މެދުމިނުގައި ކުޑަ ނުރައްކަލާއި، މެދުމިނުގައި ނުރައްކަލާއި، މެދުމިނުގައި މަތީ ނުރައްކަލުގެ އިތުރުން މަތީ ނުރައްކަލެވެ.

މަތީ ނުރައްކަލުގެ ގޮތުގައި 9 ކަމެއް ކަނޑައަޅެފައިވާއިރު އޭގެ ތެރެއިންވެެސް އިންތިހާއަށް ނުރައްކާ ބޮޑު ކަމެއްގެ ގޮތުގައި އެންމެދިގު ރަތްރޮނގެއް ދަމާލެވިފައި ވަނީ، ޖަމާޢަތުގައި ނަމާދުކުރުމަށެވެ.

ގަޑިއިރުތަކަކަށް ސްކޫލަށް ދިއުމާއި، އަދި ވަގުތެއް ކަނޑައެފައި ނުވެމެވެސް ބާރުބޮޑު މަގެއްގައި ހިނގުންވެސް، ޖަމާޢަތުގެ ނަމާދަށް 10 ވަރަކަށް މިނެޓަށް މިސްކިތަށް ދިއުމަށްވުރެވެސް 3 ދަރަޖައިގައި ނުރައްކާތެރިކަން ކުޑަކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.

އެޗްޕީއޭގެ ވައިބާ ގްރޫޕްގައި ހިއްސާކޮށްފައިވާ އެއިދާރާގެ ނިންމުން

އެހެންނަމަވެސް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ ކަށަވަރު ހިސާބުތަކަށް ބަލާއިރު، މިހައިތަނަށް އެންމެ ހަލުވި މިނެއްގައި ބަލި ފެތުރެމުން ދާ މުއްދަތުކަމުގައި ފާހަގަ ވާ، މިހިނގާ ޖުލައި މަހުގެ 1 އިން ފެށިގެން 28 ގެ ނިޔަލަށް ރިޕޯޓްކުރެވި ރެކޯޑް ކުރެވިފައިވާ ތަފާސް ހިސާބުތަކުން ކަށަވަރު ވާ ގޮތުގައި، ބައްޔަށް ފައްސި ވެފައިވާ މީހަކާއި ގާތުން އެއްތަންވެފައިވާ ޖުމްލަ 2110 ކޮންޓެކްޓްސްގެ ތެރެއިން، މިސްކިތުން ޓްރޭސް ކުރެވިފައި ވަނީ އެންމެ ކޮންޓެކްޓް އެކެވެ. ޖުމްލަ ކޮންޓެކްޓްސްގެ %31 ގެ ގޮތުގައި އެންމެ ގިނަ ޢަދަދަކަށް ކޮންޓެކްޓް ފާހަގަ ކުރެވިފައި ވަނީ އޮފީސްތަކުން 655 ކޮންޓެކްޓްސް އެވެ. މަސައްކަތުގެ އެހެނިހެން މާހައުލުތަކުން ޖުމްލަ 564 ކޮންޓެކްޓްސް އާއި، ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން 303 ކޮންޓެކްޓްސްގެ އިތުރުން، 154 ކޮންޓެކްޓްސް އާއެކު 4 ވަނައަށް އެންމެގިނަ ކޮންޓެކްޓްސް ފާހަގަ ކުރެވިފައި ވަނީ ކެފޭ ރެސްޓޯރެންޓްތަކުންނެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ފަރާތުން ހާމަކޮށްފައިވާ މައުލޫމާތުގެ ސްކްރީން ޝޮޓެއް

ސައްތައިން ސައްތަ މުސްލިމު މިދިވެހި ދައުލަތުގެ ރަސްމީ އިދާރާއަކުން، މިފަދަ ބަލިމަޑުކަމެއްގައި ޤައުމު ވާހިނދުއާއި ކޮންމެފަދަ ބަލިމަޑުކަމެއްގެވެސް ޝިފާއަކީ މާތް ﷲ ގެ ޙަޟްރަތުން ލިބޭއެއްޗެއްކަން މުސްލިމުންގެ ހިތުގެއަޑިން ޤަބޫލުކުރަން ޖެހޭ ހިނދުވެސް، ﷲ އާއި ދެމެދު އޮންނަންޖެހޭ އިތުބާރާއި ޔަޤީންކަމާއި އުންމީދުވެސް ނަފީ ވެގެންދާގޮތަށް، ކަނޑައެޅުންތަށް ކަނޑައަޅައި ނިންމުންތަކާއި އިރުޝާދުތައް ދެމުން ގެންދާތީވެ، ރައްޔިތުންގެ ގިނަ ބައަކު ކަންބޮޑުވުމާއި ނުރުހުން ފާޅުކުރަމުން ގެންދެއެވެ.

ކޮވިޑް19 އިން ރައްކާތެރި ވުމުގެ ގޮތުން، ދުރުހެލި ވާންޖެހޭ ކަންތައްތަކުގެ ގޮތުގައި ދުފުމާއި ސިނގިރޭޓާއި އެއް ހަމައެއްގައި ބަނގުރަލުގެ ވާހަކަ ހިމަނައި، ދުފާތަކެއްޗާއި ސިނގިރޭޓާއި ދުރުހެލި ވާ ބީދައިން ބަނގުރަލުން ދުރުހެލި ވުމަށް އިރުޝާދު ދީ، ދިވެހި މުސްލިމުންގެ ފޯނުތަކަށް އެޗްޕީއޭއިން ދާދިފަހުން ފޮނުވި މެސެޖަކާއި ގުޅިގެންވެސް ގިނަބައަކު ނުރުހުން ފާޅުކޮށްފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.