-
-
ސަލްމާން ރަސްގެފާނު ހޮސްޕިޓަލުން ދޫކޮށްލައިފި ސަލްމާން ރަސްގެފާނު ފަރުވާއަށްފަހު ހޮސްޕިޓަލުން ނުކުމެ ވަޑައިގަންނަވަނީ -: ފޮޓޯ: އެސްޖީ

ސަލްމާން ރަސްގެފާނު ހޮސްޕިޓަލުން ދޫކޮށްލައިފި

ދުނިޔޭގައިވެސް ނުފޫޒުގަދަ މުއްސަނދި ޢަރަބި މުސްލިމު ދައުލަތެއް ކަމުގައިވާ ސަޢުދި ޢަރަބިއްޔާގެ ވެރިޔާ، ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް، ކުއްލި އާލާސްކަންފުޅަކާއި ގުޅިގެން ހޮސްޕިޓަލުގައި އެނދުމަތި ކުރެވި، އޮޕްރޭޝަނެއް ކުރެވުމަށްފަހުގައި ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ADS BY FENVARU

ގޯލްބްލެޑަރ ދުޅަވުމުގެ ސަބަބުން ކުރިމަތިވެގެންދިޔަ ޞިއްޙީ ޙާލަތަކާއި ގުޅިގެން ރަސްގެފާނުގެ ގޯލްބްލެޑަރގެ ލެޕަރަސްކޯޕިކް އޮޕަރޭޝަނެއް ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ކުރެވި، އެ ގުނަވަން ނެގުނު ކަމަށާއި ރަސްގެފާނުގެ ޙާލުކޮޅު މިހިނދު ރަނގަޅުވެފައި ވާތީވެ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލެވިފައި ވާކަމަށް، ސަރުކާރުގެ ނޫސްއެޖެންސީ އެސްޕީއޭއިން ނެރުނު ކުރު ބަޔާނެއްގައި ހާމަކޮށްފައި ވެއެވެ.

ވެރިރަށް ރިޔާޒްގައި ހުންނަ ކިންގް ފައިޞަލް ސްޕެޝަލިސްޓް ހޮސްޕިޓަލުގައި ސަލްމާން ރަސްގެފާނު އެނދުމަތި ކުރެވުނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ފަރުވާ ހޯއްދެވުމަށް ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައި ވީ ދުވަސްވަރުގައިވެސް، އޮޕަރޭޝަން ކުރެވުމަށްފަހުގައި ޙާލުކޮޅު ގޯސްނޫންކަމުން، ވަޒީރުންގެ މަޖްލީހުގެ ބައްދަލުވުމެއްގައި ސަލްމާން ރަސްގެފާނު އޮންލައިންކޮށް ބައިވެރިވެވަޑައިގެން ރިޔާސަތުވެސް ބަލަހައްޓަވާފައި ވެއެވެ.

(އެސްޕީއޭ/އެސްޖީ)