-
-
10 ހާސް ޙައްޖާޖީންނަށް 15 ހާސް ޞިއްޙީ މާހިރުންނާއި 3 ހާސް އެނދު ތައްޔާރު: މައްކާގެ އަމީރު މައްކާގެ އަމީރު ޚާލިދު އަލް ފައިޞަލް އެމްބީސީއަށް ބަސްދީގަތުން ދެއްވަނީ -: ފޮޓޯ: އެސްޖީ

10 ހާސް ޙައްޖާޖީންނަށް 15 ހާސް ޞިއްޙީ މާހިރުންނާއި 3 ހާސް އެނދު ތައްޔާރު: މައްކާގެ އަމީރު

ދުނިޔޭގައިި ފެތުރެމުންދާ ނުރައްކާތެރި ރޯގާއެއްކަމުގައިވާ ކޮވިޑް19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވަނިކޮށް މުސްލިމު އުންމަތާއި ކުރިމަތިލާން ޖެހުނު، އިސްލާމް ދީނުގެ މުހިންމު ރުކުންކަމުގައިވާ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ޖަމާވެފައިވާ މާތް ﷲ ގެ މެހެމާނުންނަށް ދިމާވެދާނެ ޞިއްޙީ ނުރައްކަލަކަށް ތައްޔާރުވެ ތިބުމުގެ ގޮތުން ޙައްޖާޖީންނަށް ޚާއްޞަކޮށްގެން، އެންމެ ފެންވަރު ރަނގަޅު ޞިއްޙީ އާލާތްތަކާއެކު 3000 އެނދު ތައްޔާރުކުރެވި 15000 ޞިއްޙާ މާހިރުން ތައްޔާރީ ޙާލަތަކަށް ގެނެވިފައިވާކަމަށް މައްކާގެ އަމީރު ޕްރިންސް ޚާލިދު އަލް ފައިޞަލް ވިދާޅުވެއްޖެއެވެ.

ADS BY FENVARU

ޙައްޖުކޮމިޓީގެ ރައީސްކަމުގެ އިތުރުން، ދެ ޙަރަމްފުޅުގެ ޚާދިމު ސަލްމާން ރަސްގެފާނުގެ އެޑްވައިޒަރުކަންވެސް ކުރަށްވާ މައްކާގެ އަމީރު މިހެން ވިދާޅުވެފައިމިވަނީ އެމްބީސީ ޗެނަލަށް ބުރާސްފަތި ދުވަހު ދެއްވި ބަސްދީގަތުމެއްގައެވެ.

އެމްބީސީ ޓީވީގައި ވާހަކަފުޅު ދައްކަވަމުން މައްކާގެ އަމީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، މިއަހަރުގެ ތާރީޚީ މިޙައްޖުގައި 160 ގައުމަށް ނިޞްބަތްވާ ޙައްޖާޖީން އަޅުކަން އަދާކުރަށްވަމުން އެބަގެންދެއެވެ. ޙައްޖަށް ހުއްދަ ދެވުނު ޖުމްލަ ޢަދަދުގެ %70 ސަޢުދި ޢަރަބިއްޔާގައި މިވަގުތު ތިބި އެހެން ޤައުމުތަކުގެ ޙައްޖުވެރިންނަށް ޚާއްޞަ ކުރެވިފައިވާއިރު، ބާކީ %30 ކަމުގައިވާ 3000 މީހުންގެ ޖާގަ އަކީ ސަޢުދީ ރައްޔިތުންނަށް ޚާއްޞަ ކުރެވިފައިވާ ޖާގަތަކެވެ. އަދި ސަޢުދީ ރައްޔިތުންގެ ތެރެއިން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުޞަތު ދީފައިވަނީ، ކޮވިޑް19 ޖެހި އެއްކޮށް ބަލިން ރަނގަޅުވެފައި ވާ މީހުންނަށް އެކަނި ކަމަށްވެސް އަމީރު ވިދާޅުވި އެވެ.

ޞިއްޙީ ޚިދުމަތުގެ އިތުރުން އެހެނިހެން އަސާސީ ޚިދުމަތްތައްވެސް ފުރިހަމައަށް ކަށަވަރު ކުރެވިފައި ވާނެކަމަށާއި، ޙައްޖުވެރިންނަށް ޚާއްޞަކޮށްގެން 180 މެގަވޯޓުގެ ކަރަންޓް ފޯރުކޮށްދެވޭނެއިރު، 12 ލައްކަ ކޮޑި މީޓަރުގެ ފެންވެސް ޚާއްޞަކުރެވިފައި ވާކަމަށްވެސް މިއަދުގެ ބަސްދީގަތުމުގައި މައްކާގެ އަމީރު އިތުރަށް ހާމަކޮޮށްފައިވެއެވެ.

ހުއްދަ ދެވުނު އެންމެހައި ޙައްޖުވެރިންވެސް، ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ޢަރަފާތުގައި ތިބުން މިހާރު ފުރިހަ ކޮށްފައިވާއިރު، މިހިނދު އަދާކުރަމުން ގެންދަނީ މުޒްދަލިފާގައި ރޭކުރުމުގެ އަޅުކަމެވެ. އަދި މާދަމާއަށް އިރު ދޮންވެލުމާއިއެކު މިނާއަށް ގޮސް ޖަމްރާތަކަށް ހިލަ އުކުމުގެ އަޅުކަން ފުރިހަމަކުރުމަށްފަހުގައި ބޯ ބޭލުމާއި ޙައްދުޔު ކަތިލުމުގެ މަތިވެރި އަޅުކަންވެސް ފުރިހަމަ ކުރާނެކަމީވެސް ފާހަގަ ކުރެވޭ ކަމެކެވެ.