-
-
ރިޔާސީ އިންތިޚާބު ފަސްކުރުމަށް ޓްރަމްޕް ގޮވާލަށްވައިފި ޓްރަމްޕް ރައީސްކަމަށް ހޮވިވަޑަގެންނެވި ފާއިތުވެ ދިޔަ އިންތިޚާބުގައި، އަނބިކަނބަލުނާއެކު ވޯޓު ދެއްވަނީ -: ފޮޓޯ: ގެޓީ އިމޭޖްސް، އޭއެފްޕީ

ރިޔާސީ އިންތިޚާބު ފަސްކުރުމަށް ޓްރަމްޕް ގޮވާލަށްވައިފި

އަންނަ ނޮވެމްބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބު ފަސްކުރުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލަށްވައިފިއެވެ.

ADS BY FENVARU

ރައީސް ޓްރަމްޕް މިފަދައިން ގޮވާލަށްވާފައި މިވަނީ، ކޮވިޑް19 ފެތުރެމުންދާ މިދަނޑިވަޅުގައި، ޙާޒިރުވެ ވޯޓު ދިނުމުގެ ބަދަލުގައި، މުޅި އިންތިޚާބުގައި އެއްކޮށް މެއިލް-އިން-ވޯޓިންގް ބޭނުންކުރަން ޖެހިދާނެއިރު، މެއިލް-އިން-ވޯޓިންގް ބޭނުންކުރުމާއި މެދު ސުވާލު އުފައްދަވައި ޓްވީޓު ކުރަށްވައެވެ.

"2020 ގެ އިންތިޚާބު މުޅި ވޯޓުލުން އެއްކޮށް، މެއިލް-އިން-ވޯޓިންގ ގެ ގޮތުގައި ކުރިއަށް ގެންދިއުން ވެގެންދާނީ، މިހާތަނަށް ބޭއްވޭ، އެންމެބޮޑަށް ނަތީޖާ ކަށަވުރުނުވާ އަދި މަކަރުހަދައި އޮޅުވާލެވޭ އިންތިޚާބަށް. އެކަން ވެގެންދާނީ އެމެެރިކާއަށް ކުރިމަތިވާ ބޮޑު ލަދުވެތި ކަމަކަށް. ރައްކާތެރިކަމާއި އަމާންކަމާއެކު މީހުންނަށް ނުކުމެ ރަނގަޅަށް ވޯޓުލެވެންދެން އިންތިޚާބު ފަސްކުރޭ؟؟"

ރައީސް ޓްރަމްޕް އިއްޔަގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

މެއިލް-އިން-ވޯޓަކީ، ވޯޓުލުމަށް ރެޖިސްޓަރީ ކޮށްފައިވާ މީހުންނަށް އިންތިޚާބުގެ ތާރީޚަށްވުރެ ކުރިން އޮޓަމެޓިކުން އެމީހެއްގެ އެޑްރެހަށް ޕޯސްޓް މެދުވެރިކޮށް ވޯޓު ކަރުދާސް ފޮނުވުމުން، ވޯޓު ދިނުމަށްފަހުގައި އެ ކަރުދާސް އަނބުރާ ޕޯސްޓް ކުރެވިގެން، ނުވަތަ ވޯޓު ނެގޭ މަރުކަޒެއްގެ ފޮއްޓަކަށް، ނުވަތަ އެކަމަށް ޚާއްޞަ ކުރެވިގެން މަގުގައި ހަރުކޮށްފައި ހުންނަ ރައްކާތެރި ފޮއްޓަކަށް ލެވިގެން ދެވޭ ވޯޓެވެ.

އެމެރިކާގެ ފަސް ސްޓޭޓެއްގައި މިހާރުވެސް މިގޮތަށް ވޯޓު ލެވެމުން ދެއެވެ. ވޮޝިންގޓަނާއި ހަވާއީފަދަ ބޮޑެތި ސްޓޭޓްތަކުގައިވެސް މެއެވެ. ހެރިޓޭޖު ފައުންޑޭޝަނުން  ހާމަކޮށްފައިވާ ތަފާސް ޙިސާބުތަކުން ފާޅުވާގޮތުގައި، ފާއިތުވެ ދިޔަ 20 އަހަރުގެ ތާރީޚުގައި މެއިލް-އިން-ވޯޓު ގެ ގޮތުގައި 250 މިލިއަން ވޯޓު ދެވިފައިވާއިރު، އޮޅުވާލާފައިވާކަމަށް ކަށަވަރު ކުރެވިފައިވަނީ އެންމެ 1285 ވޯޓެކެވެ.

ރިޔާސީ އިންތިޚާބު ފަސްކުރެއްވުމަށް ރައީސް ޓްރަމްޕް ބޭނުންވެވަޑައިގެންނެވިނަމަވެސް، އެމެރިކާގެ ޤާނޫނުތައް އޮތްގޮތުން، މިކަމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. އެހެނީ ރިޔާސީ އިންތިޚާބު ބާއްވާނޭ ތާރީޚެއް ކަނޑައަޅާނީ އެމެރިކާގެ ޤާނޫނު ހަދާ މަޖްލިސް ދަށުގެ ކޮންގްރެސް އިން ކަމުގައިވާއިރު، އެ މަޖްލީހުގެ އަޣްލަބިއްޔަތުވަނީ އިދިކޮޅު ޑިމޮކްރެޓްސް ކިބައިގައެވެ. އަދި އެމެރިކާގެ މިހިނދު އޮތް ދުސްތޫރު ބުނާގޮތުން، ޖެނުއަރީ 20 އަށް ރިޔާސީ ހުވައި ނުކުރެވޭގޮތަށް އިންތިޚާބު ފަސްކުރުމަކީ ކުރެވޭނެކަމެއްވެސް ނޫނެވެ.