-
-
ކޮވިޑް-19: ނިޒާމަށް ނުތަކާވަރުވެ ޞިއްޙީ މާހިރުންނަށް ޖެހިއްޖެ ކޮވިޑް19 އާއި ގުޅިގެން ކަމާއިބެހޭ ޚިދުމަތްތެރިން ޙަރަކާތްތެރިވަނީ -: ފޮޓޯ: ޕީއެސްއެމް

ކޮވިޑް-19: ނިޒާމަށް ނުތަކާވަރުވެ ޞިއްޙީ މާހިރުންނަށް ޖެހިއްޖެ

މުޅި ދުނިޔޭގައިވެސް ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާ ކުރުވަނިވި ވަބާއެއް ކަމުގައިވާ ކޮވިޑް19 ރާއްޖޭއިން ފެނުނުފަހުން 5 މަހާއި ގާތަށް ފާއިތުވެ ދާއިރު، ބަލި ފެތުރޭ މިންވަރު އިންތިހާއަށް މައްޗަށްގޮސް، ދައުލަތުގެ ޞިއްޙީ ނިޒާމުގެ ޤާބިލުކަމަށް ނުތަކާވަރުވެ ޞިއްޙީ މާހިރުންނަށް ޖެހިއްޖެއެވެ.

ADS BY FENVARU

ރާއްޖެެއިން ކޮވިޑް19 ބައްޔަށް މީހަކު އެންމެފުރަތަމަ ފައްސިވެފައިވަނީ މާރްޗް 7 ވަނަ ދުވަހު އެވެ. ރާއްޖެއިން ފައްސިވީ ޢަދަދު ފުރަތަމަ 500 އަށް އަރާފައިވަނީ، ދެ މަހެއްހާ ދުވަސް ތެރޭގައެވެ. ދެވަނަ، ތިންވަނަ އަދި ހަތަރުވަނަ 500 އަށް އަރާފައިވަނީ، 2 ހަފްތާގެ ތެރޭގައެވެ. ފަސްވަނަ 500 އަށް، 25 ދުވަހުގެ ތެރޭގައި އަރާފައިވާއިރު، 3000 ހަމަވި 500 އަށް އަރާފައި ވަނީވެސް ދެހަފްތާގެ ތެރޭގައެވެ. އެހެންނަމަވެސް 3000 އިން ފެށިގެން 3500 އަށް އެރުމަށް ހޭދަވެފައިވަނީ އެންމެ ހަފްތާއެކެވެ.

ރާއްޖޭގައި ބަލި ފެތުރެން ފެށިއިރު 2 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި ފައްސިވީ ޢަދަދު، އެންމެފަހުގެ ކޮވިޑް19 ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ 7 ދުވަހުގެ ތެރޭގައި ފައްސިވެފައި ވެއެވެ. މެއި 2 ވަނަ ދުވަހުން ފެށިގެން 12 ޖޫން ގެ ނިޔަލަށް، ބަލި ފެތުރުން އެއް މިންވަރެއްގައި ހިފެހެއްޓިފައިވަނީ ފުރަބަންދުގެ ސަބަބުންނެވެ. އަދި 12 ޖޫން އިން ފެށިގެން 7 ޖުލައި އަށް ދަށްވެފައި ވަނީވެސް ފުރަބަންދުގެ ނަތީޖާއެއްގެ ގޮތުންނެވެ. ފުރަބަންދަށް ދެވުނު ލުއިތަކާއިއެކު، 7 ޖުލައި އިން ފެށިގެން 28 ޖުލައި ގެ ނިޔަލަށް، 8 ގުނަ ބާރު މިނުގައި ބަލި ފެތުރިފައި ވެއެވެ.

މަތީގައިވާ ތަފާސްހިސާބުތަކަކީ، ނަން ހާމަ ނުކުރުމަށް އެދޭ މަޞްދަރަކުން މިނޫހަށް ފޯރުކޮށްދީފައި ވާ މައުލޫމާތުތަކެއް ނޫނެވެ. ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނީ ޒިންމާ ޙަވާލު ކުރެވިފައި ވާ ހެލްތް ޕޮރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ން ހާމަކޮށްފައިވާ ރަސްމީ ތަފާސްހިސާބުތަކުގެ ސީދާ ޢަދަދުތަކާއި މުއްދަތުތަކެވެ. އަތުރައި ލެވިފައިވާ ބީދަ ތަފާތު ނުވާނެއެކޭ ނޫންމެއެވެ.

އެހެނެއްކަމަކު، މިހިނދު ހާމަކުރަން މިޖެހޭ މައުލޫމާތުތަކަކީ، ނަން ހާމަ ނުކުރުމަށް އެދޭ މަޞްދަރަކުން ފޯރުކޮށްދިނުމުން، އަސާސީ މަޞްދަރުތަކުން ކަށަވަރު ކުރެވިފައިވާ މައުލޫމާތެވެ. މައުލޫމާތު "ކަޝްފު" ކޮށްލުމުގެ ކުރިން ކުޑަމިންވަރެއް ބުނެލާނަމެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ ޟަޢީފު އަދި އިންތިހާއަށް ވަޞީލަތްތައް މަދު މިޤައުމަށް، ކޮވިޑް19 އާއި ދެކޮޅަށް ކުރެވެމުންދާ ހަނގުރާމައިގައި މިހައިތަނަށްވެސް ލިބިފައިވާ އެންމެހައި ކާމިޔާބީއަކީވެސް، މާތް ﷲ ގެ ތަނަވަސް ރަޙްމަތަށްފަހު، އެތަކެއް ބައެއްގެ، ޚާއްޞަކޮށް ޞިއްޙީ ޚިދުމަތްތެރިންގެ މިންނެތް މަސައްކަތުގެ ނަތީޖާއެވެ.

އަޅުގަނޑުމެންނަށްވުރެ އެތަކެއް ގުނައެއް އިތުރަށް އެބައެއްގެ ޞިއްޙީ ނިޒާމު ކުރިއަރައި ތަރައްޤީވެ، ވަޞީލަތްތަށްވެސް އިންތިހާއަަށް ގިނަ ޤައުމުތަށްވެސް ކުޑަކަކޫމައްޗަށް ތިރިކޮށްލައި ގޮތް ހުސްކޮށްލުމަށް ފަހުގައި، މަގުތައް މައްޗަށް ކޮންމެ ދުވަހަކުމެ އެތަކެއް ބައަކު ފުރާނަ ދޫކޮށް ދާންޖެހުނެވެ. ސުޕަރ ޕަވަރު އެމެރިކާއާއި ޗައިނާ އަދި ރަޝިޔާއެވެ. މުޅި ދުނިޔޭގައި ހަންފެތުރުމުގެ ޤާބިލުކަން ލިބިގެންވާ، ގަދަފަދަ ޔޫރަޕްގެ އިއްތިހާދުގެ ޤައުމުތައްވެސް މެއެވެ.

އަޅުގަނޑުމެންގެ މިޤައުމަށް އެފަދަ ޙާލަތެއް މެދުވެރި ނުކުރެއްވުން އެދި މާތް ﷲ ގެ ޙަޞްރަތަށް ޚާލިޞް ދުޢާ ދަންނަވާ ޙާލު، ޙަޤީޤަތް ބަޔާންކޮށްދީ ސަބަބުތަކުގައި ހިފުމަށް ބާރަކަށް ވެދިއުމަށް އެހީތެރިވެ ދިނުމުގެ ގޮތުން، މަޞްދަރުން ކަށަވަރު ކޮށްދިން ޙަޤީޤަތް ހާމަކޮށްލާނަމެވެ.

ޢަދަދު ކަށަވަރު ނުވިއެއްކަމަކު ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންވެސް، މި ބައްޔަށް ފައްސިވާ ފަރާތްތަކާއި ގާތުން އެއްތަންވެގެން، ނުވަތަ ސީދާ ބައްޔަށް ފައްސިވެގެންވެސް ކަރަންޓީނު ކުރެވިފައި އެބަތިއްބެވެ. ނަރުހުންނާއި ޑޮކްޓަރުންނެވެ. ބައްޔަށް ފައްސިވަމުންދާ ޢާންމު ރައްޔިތުންގެ ޢަދަދު އިންތިހާއަށް އިތުރުވެ، ފަރުވާކުރަން ޖެހޭ ޢަދަދާއި މިންވަރު މިވަނީ ބޮޑުތަނުން މައްޗަށް ޖެހިފައެވެ. ޞިއްޙީ ޚިދުމަތްތެރިންވެސް ފައްސިވަމުންދާ މިންވަރުވެސް އިތުރުވެފައެވެ.

އެ އޭޖެންސީއިން ބޭނުން ނުވިނަމަވެސް އަދި ޢާންމުން ހިތްނުތަނަވަސް ވީނަމަވެސް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް މިވަނީ މަޖްބުރު ނިންމުމެއް ނިންމަންޖެހިފައެވެ. ކޮވިޑް19 އަށް ފައްސިވުމުގެ ސަބަބުން ކަރަންޓީނުގައި 14 ދުވަސް މަޑުކުރުމަށް އެންގިފައި ތިއްބެވި ޞިއްޙީ ޚިދުމަތްތެރިން، ޚާއްޞަ ހުއްދައެއްގެ ދަށުން މިވަނީ އަލުން އަނބުރާ މަސައްކަތަށް ނެރެން ޖެހިފައެވެ. ކޮވިޑް19 އާއި ގުޅިގެން ކަރަންޓީނު ކުރެވިފައިވާ ޞިއްޙީ ޚިދުމަތް ތެރިން، ޑޮކްޓަރުންނާއި ނަރުހުން ކަރަންޓީނުގެ މުއްދަތު ހަމަ ނުވަނީސް، ކޮވިޑް19 ޖެހިފައި ވާ މީހުންނަށް ފަރުވާ ކުރުމަށް ނެރެވެމުން އެބަދެއެވެ.

މިއީ، ކޮޅާއި ކޮޅު ނުފެންނަވަރަށް ނުރައްކާތެރިކަން ބޮޑު ސިނގުނަލެކެވެ. މިބަލީގެ ޒާތަށާއި ތަޖުރިބާއަށް ބެލޭހިނދު، ބަލީގެ ސަބަބުން ފުރާނައަށް ނުރަށްކާވާ މިންވަރު ޢާންމުވެގެންދަނީ ޞިއްޙީ ނިޒާމުގެ ޤާބިލުކަމަށް ނުސަކާ ހިސާބުންނެވެ.

މާތް ﷲ އަށް ޙަމްދު ހުއްޓެވެ. ކިތަންމެ ބޮޑު މުޞީބާތެއް ކުރިމަތިވީ ނަމަވެސް، އެއިލާހުގެ ރަޙްމަތުން އުންމީދު ކަނޑާނުލުމަށާއި، އަދި ކަންތައް ބޮޑުވެ ގޮތް ހުސްވެދާ ދަރަޖައަށް އިންސާނާ ދާންޖެހޭ ކަމެއްވީނަމަވެސް، އެއިލާހުގެ އެންމެ ލަފްޒެއްގެ ވަޙީ ބަސްފުޅަކުންވެސް އެކަން އެއްކޮށް ޙައްލުވެގެންދާނެކަމުގެ ޔަޤީންކަން ދެވިގެންވާ އިސްލާމް ދީނުގެ ޢަޤީދާގެ ނިޢުމަތުގެ މަތީގައި ތިބި ބައެއްކަމުގައި އަޅަމެން ދިވެހީން ވީތީއެވެ.

ދުނިޔެއިން ކޮވިޑް19 ފެނުނުފަހުން 8 މަސް ދުވަހަށްވުރެ އިތުރަށް ފާއިތުވެ ގޮސްފައި ވީނަމަވެސް، މިހައިތަނަށް މިބައްޔަށް އެއްވެސް ވެކްސިނެއް ހޯދިފައެއްނުވެއެވެ. އެހެނެއްކަމަކު ހޯދިފައި ނުވާ ވެކްސިނަކީ މާއްދީ ވެކްސިނެވެ. ކޮވިޑް19 ގެ ވެސް ޙަޤީޤީ މައުނަވީ ވެކްސިންވަނީ އަހަރެމެން މުސްލިމުންނަށް އަންގަވައި ދެއްވާފައެވެ. މީގެ 1400 އެތަކެއް އަހަރު ތަކެއް ކުރިންނެވެ. ހައިރާން ނުވާށެވެ. ޝައްކުވެސް ނުކުރާށެވެ. މިއީކީ އަޅުގަނޑުގެ ބަހެއް ނޫނެވެ. އޭގައިވާ އެންމެ އަކުރެއް އަދި ފިއްޔެއްގެ މިންވަރުވެސް ދޮގުކަމުގައި ނުވާނެ، ޚާތިމުލް އަންބިޔާއަށް ދެއްވުނު އެންމެ ބޮޑު މުޢުޖިޒާތް ކީރިތި ޤުރުއާން ހުޅުވައިލަމާ ހެއްޔެވެ.

ކީރިތި ޤުރުއާނުގެ 9 ވަނަ ސޫރަތުގެ 51 ވަނަ އާޔަތް ބަލަމާހެއްޔެވެ. އެއިލާހުގެ ނަބިއްޔާއާއި މުޚާޠަބުކުރަށްވައި އަމުރުކުރަށްވާ، ތައުބާ ސޫރަތުގެ 9 ވަނަ އާޔަތުގައި ވާ، އަންނަނިވި ވަޙީ ބަސްފުޅެވެ.

(قُل لَّن يُصِيبَنَا إِلَّا مَا كَتَبَ اللَّهُ لَنَا هُوَ مَوْلَانَا ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ)

"ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަޅަމެންނަށް ލިޔުއްވާފައިވާކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، މުއުމިނުން ހަމައެކަނި اللَّه އަށް ވަކީލު ކުރާހުށިކަމެވެ."

ވެކްސިނަކީ ކޮންއެއްްޗެއްތޯއެވެ؟ ވެކްސިނަކީ ބަލިޖެހުނީމައި ރައްކާތެރި ކޮށްދޭ އެއްޗެއް ނޫނެވެ. ބަލިޖެހުމުން ދުރުކޮށްދޭ އެއްޗެކެވެ. ކޮވިޑް19 އަކީ މުޞީބާތެއް ނޫންންހެއްޔެވެ؟ ކޮވިޑް19 ޢާލަމީ ވަބާއަކީ މުޞީބާތެކެވެ. ފުރާނައަށްވެސް ނުރައްކާ ކުރުވައިފާނެ ބައްޔެކެވެ. ވީހިނދު ކޮވިޑް19 އަށްވެސް ޙަޤީޤީ ވެކްސިން އޮތީ އިސްލާމް ދީނުގައި ބަޔާން ކޮށްދެއްވާފައެވެ.

އެވެކްސިނަކީ، މާތް ﷲ ސުބްޙާނަހޫ ވަތަޢާލާއާއިމެދު ފުރިހަމައަށް ޔަޤީންކޮށް އިތުބާރުކުރާ ޙާލު، އެއިލާހަށް ތަވައްކުލު ކުރުމެެވެ. ތަވާކުލު ކުރުމެއް ނޫނެވެ. ތަވައްކުލާއި ތަވާކުލުގެ ތަފާތު އިންތިހާއަށް ބޮޑެވެ.

ސަބަބުތަކުގައި ހިފުމެއްނެތި، އާނ ﷲ މިންވަރު ކުރެއްވި ގޮތެކޭ ވާނީ ބުނެ "ކަންނެތްކަން" އިންތިހާވެ ތިމާ އަދާކުރަންޖެހޭ ޒިންމާތަކުން ރެކުމަކީ ތަވާކުލެވެ. އަދި އެކަން ހުއްދަ ނުވެއެވެ. ތަވައްކުލަކީ، ޝަރުޢީ ގޮތުންނާއި އަދި ހަމަ ދުނިޔެވީ ތަޖުރިބާއިން ޔަޤީންވެފައިވާ ސަބަބުތަކުގައި ހިފުމާއިއެކު، މާތް ﷲ އަށް އިޢުތިމާދު ކޮށް ބަރޯސާވުމެވެ. ކޮވިޑް19 ޢާލަމީ ވަބާގެވެސް ޙަޤީޤީ ވެކްސިނަކީވެސް މިއީއެވެ. ޑޮކްޓަރީ ގޮތުން ކިތައްމެ ބާރުގަދަ ކާމިޔާބު ވެކްސިނަކަސް، އެ އިލާހުގެ ޤުދުރަތްތެރިކަމުން މެނުވީ އެވެކްސިނަކުން އެއްވެެސް ނަތީޖާއެއްވެސް ނުފެއްނާނެކަން ކަށަވަރު ކަމީ މުސްލިމުންގެ ޞައްޙަ ޢަޤީދާއެވެ. މާތް ﷲ ގެ ވަޙީގެ ޞަރީޙަ ނައްޞެވެ. ނަބަވީ އިރުޝާދުން ތަފްސިލުކޮށްދެއްވައި ހިތްތަކަށް ތަސައްލީ ލިބޭމިންވަރަށް ސާފުކޮށް ބަޔާންކޮދެއްވާފައިވާ މަފްހޫމެވެ.

އަޅުގަނޑުމެން ދިވެހި މުސްލިމް ރައްޔިތުންނަށް އޮތީ، ކަރަންޓީނާއި މޮނިޓަރިން ފަދަ، ޝަރުޢުންވެސް ލާޒިމުކުރާ ސަބަބުތަކުގައި ހިފައިގެން، ކަމާއިބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް ދެމިތިބެ، ބަލިން ރައްކާތެރި ކޮށްދެއްވައި ޝިފާދެއްވުން އެދި ﷲގެ ޙަޞްރަތުގައި ގިނަ ގިނައިން ދުޢާ ދެންނެވުމެވެ.

އަލް އިމާމު އަބޫ ދާއޫދު އެކަލޭގެފާނުގެ ސަޙީހުގައި ނެރެދެއްވައި، އަލް މުޙައްދިޘު އައްޝައިޚު އަލްބާނީ ޞައްޙަ ކުރަށްވާފައިވާ ޙަދީޘަކުން، އިތުރު އެކަލޭގެފާނު ކުރެއްވި ދުޢާއެއްކަމަށް ޘާބިތު ވެގެންވާ، އަދި މިފަދަ ބަލިމަޑުކަމުން ސަލާމަތްވުމަށް އެދި ﷲ ގެ ޙަޞްރަތުގައި ދެންނެވުމަށް އެންމެ އެކަށޭނަ ދުޢާ؛

(اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبَرَصِ، وَالْجُنُونِ، وَالْجُذَامِ، وَمِنْ سَيِّئِ الأَسْقَامِ) 

"ހައްދަވައި ގެންގުޅުއްވާ އިލާހެވެ. ހަމަ ކަށަވަރުން، ބަރޮސް ބައްޔާއި ޖުޒާމް ބައްޔާއި އަދި ނުރައްކާތެރި އެންމެހައި ބަލިތަކުން ރައްކާތެރިކަމަށް އެދި އިބަ އިލާހުގެ ހަޞްރަތުގައި މިއަޅާ ދުޢާ ދަންނަވަމުއެވެ "

މި ދުޢާ ގިންގިނައިން ކިޔުއްވުމުގައި، މާތް ﷲ އަށް ޙައްޤުގޮތުގައި ތަވައްކުލު ކޮށްގެން ތިބޭޙާލު، ދެމި ތިބެވިއްޖެނަމަ އަޅަމުންނަށް ދެރަގޮތެއް ކުރިމަތިވެގެން ނުދާނެކަން ކަށަވަރެވެ. ކުޑަވެސް ޝައްކެތް ނެތް މިންވަރަށް، ޑަބްލް ކީއްކުރަން ޓްރިޕްލް ކޮށްވެސް ކަންފާރމްޑް ކަމެއްވެސް މެއެވެ.