-
-
ކުޑަ ފިރިހެން ކުއްޖާއަށް ޖިންސީ ގޯނާކުރި މީހާ ހައްޔަރުކޮށްފި ޖިންސީ ގޯނާގެ މައްސަލަތަކަށް ހޭލުންތެރިކުރުވާ ފޮޓޯއެއް -: ފޮޓޯ: އޭއޯޕީ

ކުޑަ ފިރިހެން ކުއްޖާއަށް ޖިންސީ ގޯނާކުރި މީހާ ހައްޔަރުކޮށްފި

ހުވަދު އަތޮޅުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ، ކޯޓު އަމުރެެއްގެ ދަށުން މިރޭ ހައްޔަރު ކޮށްފިއެވެ.

ADS BY FENVARU

ފުލުހުންގެ މީޑިއާ ވަޓްސްއަޕް ގްރޫޕުގައިިވެސް މިކަން ކަށަވަރު ކޮށްދެމުން ފުލުހުން ހާމަކޮށްފައިވަނީ، މި މައްސަލައާއި ގުޅިގެން ޢުމުރުން 46 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރެވިފައިވާ ކަމަށެވެ.

ރޭގައި ހިނގާދިޔަ މިހާދިޘާގައި ތުހުމަތު ކުރެވޭ ފިރިހެން މީހާ، މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ކުރިންވެސް ގެންގޮސްފައިވެއެވެ. އެހެންނަމަވެސް ހައްޔަރު ދެމެހެއްޓުމަކާއި ނުލައި 4 ގަޑިއިރަށްފަހުގައި އެމީހާވަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައެވެ.

ޝިކާރައަކަށްވީ ކުޑަ ފިރިހެން ކުއްޖާ، އެ ކުއްޖާގެ ބައްޕަގެ އިތުރުން ރަށުގެ އެތަކެއް ބައެއްގެ ކައިރީގައި ހާދިޘާ ކިޔައިދީފައިވެއެވެ. ކުއްޖާ ކިޔައިދީފައިވާ ގޮތަށްބަލާއިރު، ޖިންސީ ގޯނާގެ "ސީދާ" ޢަމަލެއް ހިންގަން އެފިރިހެން މީހާއަށް ފުރުޞަތު ލިބިފައި ނުވިނަމަވެސް، ބައިސްކަލް ޓައިރެއްް އޮންނާނެކަމަށްބުނެ އެމީހާ އުޅެމުން އަންނަ ގެއަށް ކުއްޖާގެންގޮސް ކޮޓަރިއަށްލައި ތަޅުލުމަށްފަހުގައި، "އޮރިޔާން" މަންޒަރުތަކެއް ދެއްކިކަމަށާއި، އަދި "މަސާޖު" ކޮށްދިނުމަށްވެސް އެދުނުކަމުގައި ކުއްޖާ ކިޔައިދީފައި ވާކަން، ތަފާތު މަޞްދަރުތަކުން މިނޫހަށް ކަށަވަރު ކޮށްދީފައި ވެއެވެ.

ކުއްޖާގެ ބައްޕަގެ އިތުރުން ރަށުގެ މީހުންކައިރީގައިވެސް ކުއްޖާ އަމިއްލައަށް މިވާހަކަތައް ކިޔައިދީފައި ވަނިކޮށް، ތުހުމަތު ކުރެވޭ މީހާ 4 ގަޑިއިރަށް ފަހުގައި ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލެވުމާއެކު، ރަށުގެ ޒުވާނުން ނުކުމެ ތަފާތު ތަންތަނުގައި އިޙްތިޖާޖްކޮށް އަޑު އުފުލިއެވެ. އަދި ހަވީރުގެ ވަގުތެއްގައި ޒުވާނުންގެ އިޙްތިޖާޖު މެދުކަނޑާލާފައިވަނީ، އެމީހާ ރަށުން ބޭލުމަށް މުހުލަތެއް ދިނުމަށްފަހުގައިކަންވެސް، މުޢުތަބަރު ގޮތެއްގައި މިނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިމައްސަލައިގެ އިތުރުން، ރޭޕްގެ އެހެން މައްސަލައެއްވެސް ފުލުހުންނަށް މިއަދު ހުށައެޅިފައިވެއެވެ. މައްސަލަ ހުށައެޅިފައިވާކަން ކަށަވަރު ކޮށްދެއްވިއިރު، މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރެވިފައި ނުވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އަދި ހައްޔަރު ކުރެވުން ލަސްވެގެން ދާތީވެ، ސޯޝަލް މީޑިއާގައި ޢާންމުން ނުރުހުން ފާޅުކުރަމުން ގޮސްފައިވެއެވެ.

ޢާންމު ރައްޔިތަކު ޓްވިޓަރގައި ފާޅުކޮށްފައިވާ ނުރުހުމަކަށް ޖަވާބު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު މިރޭ އިރާކޮޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ؛ "ކުށެއްގެ ތުހުމަތަށް ފުލުހުން މީހުން ހައްޔަރުކުރަނީ ގާނޫނުތަކާއި ގާނޫނީ އިޖުރާތްތަކުގެ ދަށުން. ޕަބްލިކް ސެންޓިމެންޓަށް ބިނާކޮށްފައެއް ނޫން. ތިޔަ ފާހަގަކުރައްވާ ދެމައްސަލާގައިވެސް ތުހުމަތުކުރެވޭ ފަރާތްތައްވަނީ ހައްޔަރުކުރެވިފައި. ތެދު މައުލޫމާތު ހާމަކުރައްވަން ނަސޭހަތްތެރިވަން." މިފަދައިން ނެވެ.