-
-
އިނގިރޭސި ވިލާތުގައި ފުރަބަންދަށް އިތުރު ލުއިދިނުން ފަސްކޮށްފި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން މެއި މަހު ދެއްވި ޚިޠާބެއްގެ ވީޑިއޯ ފޮޓޯއެއް -: ފޮޓޯ: ޑައުނިންގ ސްޓްރީޓް ، އޭޕީ

އިނގިރޭސި ވިލާތުގައި ފުރަބަންދަށް އިތުރު ލުއިދިނުން ފަސްކޮށްފި

މާދަމާއިން ފެށިގެން އިނގިރޭސިވިލާތުގައި ދިނުމަށް ކުރިން ނިންމާފައިވާ ލުއިތައް ދިނުން، މަދުވެގެން އިތުރު ދެހަފްތާގެ މުއްދަތަށް ފަސްކޮށްފިއެވެ.

ADS BY FENVARU

"މިއީ އެ ބްރޭކް ޕެޑަލަށް ފިތާލައިގެން، އެ ވައިރަސް އެއްކޮށް ހަންމަތަކުރަން ވީ ވަގުތު"

އިތުރު ލުއިތައް ދިނުން ފަސްކުރެއްވުމަށް ނިންމަވައި، މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެފައި ވެއެވެ.

އިނގިރޭސި ސަރުކާރުން ކުރިން ނިންމާފައިވާ ގޮތުން، އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެން، ކައިވެނީގެ ކުދި ޙަފްލާތައް ބޭއްވުމާއި، ކެސީނޯތަކާއި، ގޮލްފް ކުޅޭތަންތަން ހުޅުވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވެއެވެ. އެހެން ނަމަވެސް ކުރީގެ ނިންމެވުން ސަރުކާރުން ބަދަލު ކުރަށްވައި، އެ ލުއިތައް ދިނުން ފަސްކުރެއްވުމަށް ނިންމެވިއްޖެކަން، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބޮޑުވަޒީރު މިވަނީ އިޢުލާނު ކުރަށްވާފައެވެ.

މާސްކު އެޅުމަށް މަޖްބޫރު ކުރެވިފައިވާ ނިންމުން އޮގަސްޓް 8 ގައި ހަމަވާއިރު، އެނިންމުމުގެ މުއްދަތުވެސް އިތުރަށް ދެމެހެއްޓޭނެ ކަމުގައިވެސް ބޮޑު ވަޒީރު ބޮރިސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވެއެވެ. އަދި މިނިންމުން ތަންފީޒުކުރުމުގައި ފުލުހުން ގާތުން ބަލައި ފިޔަވަޅު އަޅާނެކަމަށްވެސް ބޮރިސް ހާމަކުރަށްވާފައިވެއެވެ.

އިނގިރޭސި ވިލާތުގައިވެސް ކޮވިޑް19 ފެތުރުން ދެވަނަ ރާޅަކާއި ކުރިމަތިލާން ޖެހިދާނެކަމަށް ހީވާން ފަށާފައިވާއިރު، އިންގްލެންޑްގެ ޗީޕް މެޑިކަލް އޮފިސަރ ކްރިސްވެސް ބްރާސްފަތި ދުވަހު ހާމަކޮށްފައިވަނީ، ތަންތަން ހުޅުވުމަށް ދެވެންހުރި އެންމެހައި ހުއްދަތަކެއް މިހާރުވަނީ ދެވިފައިކަމަށާއި އިތުރަށް އެއްވެސް ލުޔެއް ދެވެން ނެތްކަމަށެވެ.

ބޮޑުވަޒީރުގެ ނިންމެވުން އައިސްފައި މިވަނީ، ގައުމުގެ ޞިއްޙީނިޒާމުގެ ޗީފް އޮފިސަރ ކްރިސްގެ އިރުޝާދާއި ލަފައާ އެއްގޮތަށްކަމަށް ޤަބޫލުކުރެވެއެވެ. ބޮރިސްއަކީ ކޮވިޑް19 ޖެހި އެނދުމަތިކުރެވި އައިސީޔޫގައިވެސް ފަރުވާ ހޯއްދަވަން ޖެހިވަޑައިގެންނެވި ބޭފުޅެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.

(ބައިނަލް އަޤްވާމީ ނޫސްތައް)