-
-
ޔަހޫދީން އިބްރާހީމްގެފާނު މިސްކިތް ބަންދުކޮށް ޢީދު ނަމާދު ކުރިޔަނުދިން މިއަދުގެ ޢީދު ނަމާދަށް ފަލަސްޠީނުގެ ރައްޔިތުން ޙާޒިރުވެފައިވާއިރު، ޔަހޫދީ ސިފައިން މިސްކިތް ބަންދުކޮށްގެން -: ފޮޓޯ: ސޯޝަލް މީޑިއާ

ޔަހޫދީން އިބްރާހީމްގެފާނު މިސްކިތް ބަންދުކޮށް ޢީދު ނަމާދު ކުރިޔަނުދިން

މުސްލިމު އުންމަތުގެ އެތަކެއް ނަބިއްޔުންނެއް ނިސްބަތްވެ ވަޑައިގަންނަވާ ފަލަސްޠީނުގެ ހިބްރޫން އަވަށުގައި ޤާއިމު ކުރެވިފައިވާ މުސްލިމުންގެ މުހިންމު ބިނާއެއްކަމުގައިވާ، އިބްރާހީމްގެފާނު މިސްްކިތް، ޔަހޫދީ ސިފައިންވެގެން ބަންދުކޮށް މުސްލިމުން މިއަދު ޢީދު ނަމާދުކުރުމަށް ހުރަސްއަޅައިފިއެވެ.

ADS BY FENVARU

އަޟްޙާ ޢީދު ނަމާދުކުރުމަށް މުސްލިމުން މިސްކިތައް ޙާޒިރުވިއިރު، ޔަހޫދީ ސިފައިންވަނީ މިސްކިތް ބަންދުކޮށް ފޯރިމަރަން ފަށާފައެވެ. މުސްލިމުން ޢީދު ނަމާދުކުރުމަށް މިސްކިތަށް ވަނުމަށް ޔަހޫދީ ސިފައިން ހުރަސްއެޅުމުން، މުސްލިމުން ޢީދުނަމާދު ކޮށްފައިވަނީ މިސްކިތުގެ ބޭރުގައި މަަގުމަތީގައެވެ.

އިބްރާހީމްގެފާނުގެ މިސްކިތަށް ވަދެ ޢީދު ނަމާދު ކުރިޔަ ނުދިނުމުން މަގުގައި ނަމާދު ކުރަނީ -: ފޮޓޯ: ސޯޝަލް މީޑިއާ

އިބްރާހީމްގެ ފާނުގެ އިތުރުން އަނބިކަނބަލުން ސާރާގެފާނާއި، ދަރިކަލުން އިސްޙާޤުގެފާނާއި އިސްމާޢީލްގެފާނުވެސް ފަސްދާނުލެވިފައިވާ ކަމަށްބުނެވޭ ހޮހަޅައެއްގެ މަތީގައި ބިނާކުރެވިފައިވާ، މުސްލިމުންގެ ޙަޞާރަތާއި ނުހަނު ބޮޑަށް ގުޅިފައިވާ، 2000 އަހަރަށްވުރެ ގިނަދުވަސްވީ މި ބިނާއަކީ، މުސްލިމުން ހިތްތަކާއި ގުޅިފައިވާ މުހިންމު ތަރިކައެކެވެ.

އެކިފަހަރުގެ މަތިން މުސްލިމުންގެ އަތްދަށުން ބީވެގެން ދިޔަނަމެވެސް، އެންމެފަހުން އަނބުރައި ހޯދިފައިވާ މި މުހިންމު ބިނާ މިހާރުވަނީ ދެބައަކަށް ބަހާލެވި، އެއްބައި ފަލަސްޠީނަށް އަނެއްބައި ޔަހޫދީންނަށް ދެވިފައެވެ. މިތަނަކީ ޔަހޫދީންގެ މުޤައްދަސް ތަނެއްކަމުގައި އެމީހުން ދަޢުވާކޮށް، އިބްރާހީމް މިސްކިތަށް ވެރިވެގަނެފައިވާއިރު، މުސްލިމުންނަށް ލިބިފައިވާ ބައިގައިވެސް ނަމާދުކޮށް ހެދުމަކީ އިންތިހާއަށް ދަތިކަމެކެވެ. ޔަހޫދީ ޢަސްކަރީ ގިނަ ސިފައިންތަކެއް އަބަދުވެސް ހަތިޔާރާއިއެކު ފޯރިމަރައި ޙަރަކާތްތެރިވަމުންދާ ސަރަޙައްދެއްކަމުން، އެ މިސްކިތުން މުސްލިމުންނަށް ދެވިފައިވާ މިންވަރުގެ ބޭނުން ހިފުމަށް ޔަހޫދީ އަބަދުވެސް ހުރަސްއަަޅަމުން ދެއެވެ.

އިސްރޭލުގައި ވަޒަންވެރިވެފައިވާ އެމެރިކާގެ ޔަހޫދީއަކު، މި މިސްކިތުގައި މުސްލިމުން ފަތިސްނަމާދު ކުރަމުން ދަނިކޮށް ރައިފަލެއް ހިފައިގެން ވަދެ ހިންގި ޤަތުލުޢާންމުގައި 29 މުސްލިމުން ޝަހީދުކޮށް، ސަތޭކަ އެތަކެއް މުސްލިމުންނެއް 1994 ވަނައަހަރުގައި ޒަޙަމްކޮށްލާފައި ވެއެވެ. ޔަހޫދީން ރާވައިގެން ހިިންގި މިޖަރީމާއަށްފަހު، ޔަހޫދީ ދައުލަތް އިޒްރޭލުންވަނީ، ބަޑިޖަހައި ޤަތުލު ޢާންމު ހިންގި މީހާއަކީ ސިކުނޑި ހަމަނުޖެހޭ މޮޔައެއްކަމުގައި ބުނެ ވަގުތުން ބަޔާން ނެރެފައެވެ. އަދި މި ޙާދިޘާއަށް ފަހުގައި އިބްރާހީމްގެފާނުގެ މިސްކިތް ދެބައަކަށް ބަހައި ލެވުނީ އެވެ.