-
-
މާސްކު އެޅުން މަޖްބޫރު ނިންމުން މިއަދުން ފެށިގެން ތަންފީޒު ކުރާނެ: ފުލުހުން ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގް -: ފޮޓޯ: އަޞްލު ވެރިފަރާތް

މާސްކު އެޅުން މަޖްބޫރު ނިންމުން މިއަދުން ފެށިގެން ތަންފީޒު ކުރާނެ: ފުލުހުން

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި، މާލޭ ސަރަޙައްދުގައި ގެއިން ބޭރުގައި އުޅޭއިރު މާސްކު އެޅުމަށް މަޖްބޫރު ކޮށް، އެޗްޕީއޭއިން ނިންމި ނިންމުން ތަންފީޒުކުރުމަށް މިއަދުން ފެށިގެން ޙަރަކާތްތެރިވާނެކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ADS BY FENVARU

ދައުލަތުގެ އެންމެ މުހިންމު ތަންފީޒީ އިދާރާ، ފުލުހުން މިގޮތަށް ހާމަކޮށްފައިވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ން އިއްޔަ ޢާންމުކޮށްފައިވާ އެންގުން ހިމަނައި މިއަދު ކުރި ޓްވީޓެއްގައެވެ.

އިއްޔަގެ ވަގުތެއްގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނިންމަވާފައިވާ ނިންމެވުމެއްގައި ވަނީ، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، 2020 އޮގަސްޓް 01 ވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން، ގެއިން ބޭރުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) އުޅޭއިރު އަނގައާއި ނޭފަތާއި ދަތްދޮޅި ނިވާވާގޮތަށް މާސްކު އެޅުމަށް އަންގާ ކަމަށެވެ.

އަދި މިނިންމުން ތަންފީޛުކޮށް، އެ އެންގުމާއިއެއްގޮތަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އެންގުމެގެ އިތުރުން، އެ އެންގުމާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް، ޑީޖީޕީއެޗް އަންގަވާފައިވެސް ވެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މީގެ ދެ ދުވަހެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެފައިވަނީ، މާސްކް ނާޅައި މަގުމަތީގައި ހަރަކާތްތެރި ވާނަމަ ހޮނިހިރު ދުވަހުންފެށިގެން ޖުރުމަނާ ކުރެވޭނެ ކަމަށާއި، މާސްކް ނާޅައި މަގުމަތީގައި އުޅޭ ފަރާތްތައް ފާހަގަކޮށް އެކަން ފުލުހުން ބަލަން ފަށާނެ ކަަމަށެވެ. އަދިި މިގޮތަށް ޢަމަލު ކުރެވޭނީ މާލޭ ޞަރަޙައްދުގައި އެކަނި ކަމަށާއި، މިކަމުގެ ތަފްޞީލު ދާދި އަވަހަށް އެޗްޕީއޭއިން ހާމަކުރަށްވާނެކަމުގައިވެސް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މީގެ ކުރިން ވިދާޅުވެފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.