-
-
ދާޚިލީ ކަންކަމަށް ގޮތް ކިއުއްވާ! ޚާރިޖީ ކަންކަމާ ބެހުނީމަ ނިކަމެތިކަން އޮތީ ރައްޔިތުންނަށް: ރީކޯ މޫސަ ރީކޯ މޫސަ އަދި ރައީސް ނަޝީދު، އެމްޑީޕީގެ ބައެއް އިސްފަރާތްތަކާއިއެކު -: ފޮޓޯ: ރާއްޖެ ނިވްސް

ދާޚިލީ ކަންކަމަށް ގޮތް ކިއުއްވާ! ޚާރިޖީ ކަންކަމާ ބެހުނީމަ ނިކަމެތިކަން އޮތީ ރައްޔިތުންނަށް: ރީކޯ މޫސަ

އަވައްޓެރި ޤައުމުތަކަށް ހިތުހުރިހާ އެއްޗެއް ގޮވައި, ޤައުމުގެ ޚާރިޖީ ކަންކަމާ ބެހުނީމައި އޭގެ ނިކަމެތިކަން އޮތީ ރައްޔިތު އެންމެނަށްކަމަށާއި، ފާޑުކިޔާނަމަ ޤައުމުގެ ދާޚިލީ ކަންކަމަށް ގޮތް ކިއުއްވުމަށް، ރައްޔިތުންގެ މަޖްލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު، ސިޔާސީ އިސްފަރާތްތަކަށް ގޮވާލަށްވައިފިއެވެ.

ADS BY FENVARU

"އެމްޑީޕީގެ އިސްވެރިންނާ ޕީޕީއެމް ޕީއެންސީގެ އިސްވެރިންނަށް އާދޭހާއިއެކު ދަންނަވަން. ރައްޔިތުންގެ ޓެކްސް ފައިސާއިން ޕާޓީ ހިންގަން ލާރި ނަގައިގެންތިބެ، ޗައިނާއާއި އިންޑިއާއަށް ހިތުރުހުރިހާ އެއްޗެއް ނުގޮވާ"

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ބައެއް އިސްވެރިންނާއި އަދި އިދިކޮޅު ކޯލިޝަންގެ ބައެއް އިސްވެރިން، ޗައިނާއާއި އިންޑިއާއަށް ފާޑުކިއުއްވައި ވިދާޅުވާ ބަސްތަކާއި މެދު ނުރުހުން ފާޅުކޮށް، އެގޮތަށް އެކަން ނުކުރުމަށް އިލްތިމާސް ކުރަށްވައި މޫސަ ކުރެއްވި ޓްވީޓް ފައްޓަވަމުން ވިދާޅުވެފައި ވެއެވެ.

ފާއިތުވެ ދިޔަ ރައީސް ޔާމީނުގެ ވެރިކަމުގައި ޗައިނާއާއިއެކު ގާތް ގުޅުމެއް ބޭއްވެވުމުގެ އިތުރުން، ރާއްޖޭގައި ހިންގުނު އަދި ހިންގެމުންދާ ބޮޑެތި މަޝްރޫޢުތަކަށް އެޤައުމުގެ އެހީތެރިކަން އިންތިހާއަށް ބޮޑަށް ހޯއްދަވާފައި ވެއެވެ. އެކަަމުގެ ސަބަބުން، އޭރުގެ ސަރުކާރާއި އަވައްޓެރި އިންޑިއާއާއި ދެމެދުގެ ގުޅުން އިންތިހާއަށް "ހީނަރުވެ" ވެގެންދިޔައެވެ.

އަދި އޭރުގެ އިދިކޮޅު ފަރާތްތަކުން، ސަރުކާރާއި ދެކޮޅަށް ހިންގި ކަންތައްތަކުގައި އެންމެބޮޑު އެހީތެރިކަމެއް ހޯދީވެސް އިންޑިއާގެ ފުށުންނެވެ. ރައީސް ޔާމީންގެ ސަރުކާރު ބަދަލުކުރުމަށް އިންޑިއާއިން "ބޮޑެތި" އެހީތަކެއް ވެދިންކަމަށް މިއަދުގެ ކޯލިޝަން ސަރުކާރުގެ އިސް ލީޑަރުންވެސް އެއްބަސްވެވަޑައިގެން ފާޅުގައި އެވާހަކަ ވިދާޅުވެވިފައިވެސް ވެއެވެ.

ކުރިން ވެރިކަންކުރި އަދި މިހާރު އިދިކޮޅުގައި ހަރަކާތްތެރިވާ ޕީޕީއެމް ކޯލިޝަނުގެ އިސް ލީޑަރުން އިންޑިއާއަށް ފާޑުވިދާޅުވަމުން ގެންދަވަނީ މި ސަބަބައްޓަކައެވެ. އެޕާޓީގެ ވެރިކަން ބަދަލުކުރުމަށް، ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިއާއިން ނުހަނު ބޮޑަށް ވަދެ، އަދި މިހާރުވެސް ވަންނަމުން ދިއުމުގެ އިތުރުން، މި ކުޑަކުޑަ ޤައުމުގައި އެ ޤައުމުގެ ޢަސްކަރީ ބާރުވެރިކަން ވަރުގަދަކުރުމަށް ބޮޑެތި ކަންތައްތަކެއް ފާޅުގައި ކުރަމުން ދާކަމަށް ބުނެއެވެ. އަދި މިތުހުމަތުތައް ކުރަށްވަނީ، އިދިކޮޅު ސިޔާސީ ފަރާތްތަކުން އެކަނި ނޫންކަންވެސް ފާހަގަ ކޮށްލެވެއެވެ.

އިދިކޮޅުގެ އިތުރުން އެއްކޮޅުގެ "ހަރުކުލައިގެ" އިސްރަށްވެހީންގެ އިތުރުން، ޢާންމުންގެ ގިނަ ބައަކުވެސް، އަދުގެ ސަރުކާރުން އިންޑިއާއަށް ދޫ ދެމުންދާ މިންވަރާއިމެދު ހިތްނުތަނަވަސް ވެ ނުރުހުން ފާޅުކޮށް، އެކަމުގެ އާޚިރު ނަތީޖާގެ ނުރައްކާތެރިކަންވެސް ބަޔާން ކޮށްދެމުން ގެންދެއެވެ.

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ތެރެއިންވެސް، ޗައިނާއާއެކު ގުޅުން ބަދަހި ކުރުމަށްވެސް މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާ މަންޒަރު ފެންނަމުންދެއެވެ. އެހެންނަމަވެސް އެކަމަށް އެކަށީގެންވާ ނަތީޖާއެއް ނުފެންނަކަން ކަށަވަރުވަނީ، މިހާރުވެސް ޗައިނާއިން ރާއްޖެއަށް ބައެއް އެހީތައް ފޯރުކޮށްދެމުން ދިޔަނަމަވެސް، ރާއްޖެއިން އެދިފައިވާ އެންމެ ބޮޑު އެހީއާއި މެދު އަދި ގޮތެއް ނިމިފައި ނުވާކަމެވެ.

ރައީސް ޔާމީން ސަރުކާރުގެ ދުވަސްވަރުގައި ފައުންޑިންގ މެމްބަރެއްގެ ގޮތުން ރާއްޖެވެސް ބައިވެރިވެގެން، ޗައިނާ އިސްވެއޮވެ އުފައްދާފައިވާ، އޭސިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) އިން، ކޮވިޑް19 އާއި ގުޅިގެން ގައުމުތަކަށް ފޯރުކޮށްދޭން ނިންމާފައިވާ މާލީ އެހީތެރިކަމުގެ "ބިޔަ" ޕެކޭޖަށް ރާއްޖެއިން އެދުނުތާ މަސްތަކެއް ފާއިތުވެގެން ދިޔައިރުވެސް އެކަމުގައި ގޮތެއް ނިމިފައި ނުވާ ކަމީ، ރާއްޖެއާއި ޗައިނާއާދެމެދު "ގާތް" ގުޅުމެއް ނެތްކަމުގެ ހެއްކެއްގެ ގޮތުން ގިނަ ބައަކު ޤަބޫލު ކުރެއެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ދިމާވަމުންދާ ދަތިތަކަށް ލުއި ހޯއްދެވުމަށް، އޭއައިއައިބީން މާލި އެހީތެރިކަން ހޯއްދެވުމުގައި އެހީއަށް އެދިވަޑައިގެން ޗައިނާގެ ރައީސަށް, ރައީސް ޞާލިޙް ފޮނުއްވި ސިޓީގެ ޖަވާބެއް ލިބިލެއްވިކަމެއް އެނގިވަޑައިގެން ހަނދުމަފުޅު ނެތްކަމަށް، ރައީސުލް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވެސް ވެއެވެ.

ކޮވިޑް19 އާއި ގުޅިގެން އެ ބޭންކުން ވަނީ "ކެއާރސް" ގެ ނަމުން ނަންދެވިފައި ވާ، އެތަކެއް ބިލިއަން އެމެރިކާ ޑޮލަރުގެ ޕްރޮގްރާމެއްގެ ތެރެއިން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ބޭންކުގެ ކެއާރސް ޕްރޮގްރާމުގެ ތެރެއިން، މިހާތަނަށް ބޮޑެތި މާލީ އެހީތެރިކަން ފޯރުކޮށް ދީފައިވާ ގައުމުތަކުގެ ތެރޭގައި، އިންޑިޔާއާއި ޕާކިސްތާނުގެ އިތުރުން އިންޑޮނީސިއާއި ސްރީލަންކާވެސް ހިމެނެއެވެ. އިންޑޮނީސިއާއަށް ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީ ފޯރުކޮށްދީފައި ވާއިރު، އިންޑިއާ އަށްވެސް ދެފަހަރެއްގެ މަތިން ބިލިއަނަކަށްވުރެ ގިނަ ޑޮލަރުގެ ލޯނުގެ އެހީ އެ ބޭންކުން ދީފައިވެއެވެ.

ސްރީލަންކާ އަށްވެސް 500 މިލިއަން ޑޮލަރުގެ މާލީ އެހީތެރިން ފޯރުކޮށްދީފައި ވީނަމަވެސް، ރާއްޖެއިން ހުށައެޅި ހުށައެޅުމާއި މެދު އެބޭންކުން އަދި ގޮތެއް ނިންމާފައި ނުވާއިރު، ރައީސްގެ ސިޓީފުޅަށް ރަސްމީ ޖަވާބެއްވެސް ލިބިފައި ނުވާކަމަށް ރައީސް ޞާލިޙް ހާމަކުރެއްވުމަކީ، މިހާރުވެސް މަލީގޮތުން ބޮޑު އަނދަވަޅެއްގެ ތުންފަތް މަތީގައިވާ މި ކުޑަކުޑަ ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ މާޔޫސް ކަމެކެވެ.

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކުގައި އަވައްޓެރި އިންޑިއާއާއި "ގާތް" ގުޅުމެއް ބޭއްވުމާއެކު އެޤައުމަށް ނުހަނު އިސްކަމެއްް ދެވިގެންދާތަން ފެންނަމުން ދާތީއާއި، ވެރިކަން ކުރާ ޕާޓީގެ އެންމެ އިސްފަރާތުންވެސްް، ޗައިނާއާއި ގުޅޭގޮތުން ތަކުރާރުކޮށް ދައްކަމުންދާ "ދޮގު" ވާހަކަ ތަކުގެ ސަަބަބުން، ޚާރިޖީ ސިޔާސަތުތަކުގެ ތަޖުރިބާ ހުރި ގިނަ ފަރާތްތަކަކުންވެސް ބުނުއްވަމުން ގެންދަވަނީ، ޗައިނާގެ ހަގީގީ އެހީތެރިކަމެއް ރާއްޖެއަށް ނުލިބިގެން އުޅޭ ސަބަބަކީ އެއީ ކަމުގައެވެ.