-
-
ގުޅުންހުރި އިދާރާތަކުން ޔާސިރު މައްްސަލާގައި ޖަވާބުދާރީވާން ޖެހޭ: ކުރީގެ ޕީޖީ ޔަމަނުގެ ރައްޔިތެއްކަމުގައިވާ ޔާސިރު ޔަޙްޔާ، ހޮސްޕިޓަލުގައި ފަރުވާ ދެވެމުން ދިޔައިރު -: ފޮޓޯ: އަވަސް

ގުޅުންހުރި އިދާރާތަކުން ޔާސިރު މައްްސަލާގައި ޖަވާބުދާރީވާން ޖެހޭ: ކުރީގެ ޕީޖީ

ޝަރީޢަތަކާއި ނުލައި ޖަލުގައި ބަންދުކޮށްފައި ހުއްޓާ، ޙާލު ދެރަވެގެން ފަރުވާދެވެމުން ދަނިކޮށް މިއަދު މަރުވި ޔަމަނުގެ ރައްޔިތެއްކަމުގައިވާ ޔާސިރު ޔަހްޔާގެ މައްސަލާގައި ގުޅުންހުރި އިދާރާތަކުން ޖަވާބުދާރީ ވާންޖެހޭކަމުގައި، ކުރީގެ ޕްރޮސެކިޔުޓަރ ޖެނެރަލް މުޙްތާޒް މުޙްސިން ވިދާޅުވެއްޖެއެވެ.

ADS BY FENVARU

"ޔާސިރު ޔަހުޔާގެ މައްސަލައިން ސާފުވާ އެއްހަގީގަތަކީ އަޅުގަނޑުމެންގެ އިންޓެލިޖެންސް ވަރުގަދަކުރަންވެއްޖެކަން. ޝަރީއަތްކުރުމެއްނެތި އެކަހެރި ބައްދަލުވުން ނުލިބޭގޮތަށް އޭނާ ބަންދެއްގައި ބެހެއްޓިބެހެއްޓުން އެއީ ކުރެވިގެންވާނެ ކަމެއްނޫން. ގުޅުންހުރި އިދާރާތަކުން ޖަވާބްދާރީވާން އެބަޖެހޭ"

ކުރީގެ ޕީޖީކަން ކުރަށްވާފައިވެސް ވާ މަޝްހޫރު ޤާނޫނީ ވަކީލު، މުޙްތާޒް މުޙްސިނު މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ރާއްޖެ އައިސް އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލްގައި ވަޒީފާ އަދާ ކުރަމުން ދަނިކޮށް ޔާސިރު ހައްޔަރުކޮށްފައި ވަނީ 2017 ވަނަ އަހަރު މާރިޗް މަހުގެ ތިންް ވަނަ ދުވަހުއެވެ. ޝަރީޢަތަކާއި ނުލައި ތިން އަހަރަށްވުރެ ދިގު މުއްދަތަކަށް، ޓެރަރިޒަމްގެ ތުހުމަތުގައިކަމަށް ބުނެވި ހީކުރެވިފައިވާ މައްސަލައެއްގައި ޔާސިރު ހައްޔަރުކޮށް ބަންދުކޮށްގެން ގެންގުޅެވިފައި ވާއިރު، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު މި މަހުގެ 21 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ؛

"އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ރާއްޖެއިން ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިވާ ޔަމަނުގެ ރައްޔިތެއްކަމަށް ބުނާ މީހާ ވަނީ ކެއުމަން އިންކާރުކުރުމުގެ ސަބަބުން ހާލު ސީރިޔަސް ވަމުންދާކަމަށް ފެންނާތީ، އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންދެވިދަނީ ފަރުވާދެވެމުން" ކަމަށެވެ.

ޔާސިރުގެ ބަލި ހާލަތު ހުރިގޮތުން، އޭނާ ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދި އޭނާގެ ވަކީލުންގެ ފަރާތުން މިދިޔަ ޖުލައި މަސް ތެރޭގައި ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި، އެދުނެވެ. ނަމަވެސް ކޯޓުން ނިންމާފައި ވަނީ އެ އަމުރު ނެރެދެވޭނެ ތަނެއް ނެތްކަމުގައެވެ.

ޔާސިރު ހައްޔަރުކޮށް ޝަރީޢަތަކާއި ނުލައި ގިނަ ދުވަސްތަކަކަށް ބަންދުގައި ބެހެއްޓިފައި ވަނީ، "ނުރައްކާތެރި" މީހެއްގެ ގޮތުގައިކަމަށް، ރަސްމީ ގޮތުން ކަށަވަރު ނުކުރެވޭ އެހެންނަމަވެސް ގިނަ ބުނުންތަކަކުން ކުރިން ބުނެވެމުން ދިޔަނަމަވެސް، ސަރުކާރުގެ ރަސްމީ ފަރާތަކުން އެންމެފަހުން ހާމަކުރެއްވި މައުލޫމާތުތަކުން ދޭހަވާ ގޮތުގައި، ޔާސިރު ޙައްޔަރުގައި ބެހެއްޓިފައި ވަނީ، އިމިޤރޭޝަން ޤާނޫނާއި ޚިލާފްވުމުގެ ސަބަބުންނެވެ. އަދި ހައްޔަރުގައި ބެހެއްޓިފައިވަނީ ޑީޕޯޓު ކޮށްލެވެން ދެނެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލްގައި ވަޒީފާ އަދާކުރުމުގެ އިތުރުން، އިސްލާމިކް ޔުނިވާސިޓީގައި ޓީޗަރެއްގެ ވަޒީފާވެސް ޔާސިރު އަދާކޮށްފައި ވެއެވެ. އަދި ދިވެއްސަކާއި ކައިވެނި ކޮށްގެން އުޅުނު މި ޔާސިރާއި ދިވެހި މި އަންހެންމީއާ ދެމީހުންނަށް، ދަރިއަކުވެސް ލިބިފައި ވާކަން ފާހަގަ ކޮށްލެވެއެވެ.