-
-
ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމުގައި ޕާޓީ ސިސްޓަމް ފެއިލް ވެއްޖެ: އައްޑޫ ޝަރީފް ދުނިޔޭގައި އެންމެ ބޮޑު އެއް ޑިމޮކްރެސީ ކަމުގައިވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖޭގެ ޑިމޮކްރެސީގެ މައިތަނބު ކަމުގައިވާ މަޖްލީހަށް ކުރެއްވި ޒިޔާރަތެއްގައި، ޝަރީފް މޯދީއާ ސަލާމް ކުރަށްވާއިރު އަރިހުގައި މަޖްލިސް ރައީސް ނަަޝީދު -: ފޮޓޯ: ޝަރީފް ޓްވިޓަރ

ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމުގައި ޕާޓީ ސިސްޓަމް ފެއިލް ވެއްޖެ: އައްޑޫ ޝަރީފް

ދައުލަތުގެ މުއައްސަސާތަކާ ރައްޔިތުންގެ މެދުގައި އިތުބާރު ދެމެހެއްޓުމުގައި ޕާޓީ ސިސްޓަމް ނާކާމިޔާބު ވެއްޖެކަމުގައި، ރައްޔިތުންގެ މަޖްލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ADS BY FENVARU

"ދައުލަތުގެ މުއައްސަސާތަކާ ރައްޔިތުންގެ މެދުގައި އިތުބާރު ދެމެހެއްޓުމަށް ޕާޓީ ސިސްޓަމް ނާކާމިޔާބު ވެއްޖެ. ދިމިޤްރާތީ މުޖުތަމަޢުއެއް ބިނާކުރުމަށް ލާޒިމުވާ މުއައްސަސާތައް އިޞްލާހުކޮށް އަލުން ޤާއިމުކުރުމީ ބޮޑު ގޮންޖެހުމެއް"

ރައްޔިތުންގެ މަޖްލީހުގައި އޮންނަ މުހިންމު ކޮމިޓީއެއްކަމުގައިވާ، ޤައުމީ ސަލާމާތާއި ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ މުޤައްރިރުކަންވެސް ކުރަށްވާ، އަދި ރާއްޖެއަށް ޑިމޮކްރެސީއާއި ޕާޓީ ސިސްޓަމް ގެނައުމުގައި ބުރަ މަސައްކަތްތަކެއްވެސް ކުރަށްވާފައިވާ އައްޑޫ ޝަރީފް، މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

"ޒަމާނީ ޑިމޮކްރެސީގައި ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމަށް ތަޞައްރަފު ފުދިގެންވާ ޘަޤާފަތަކާއި ވައްޓަފާޅިއެއް ރާއްޖޭގައި ނެތް. ދިމިޤްރާތީ މުޖުތަމަޢުއެއް ބިނާކުރުމަށް ލާޒިމުވާ މުހިންމު މުއައްސަސާތައް ބިނާކުރުމުގައި އަހަރެމެންނަށް ކާމިޔާބެއްވެސް ނުހޯދުނު. ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ދިމިޤްރާތީ ނިޒާމެއް ޙަޤީޤަތުގައި މަސައްކަތް ކުރަންޖެހޭގޮތް ގިނަ ބައަކަށް އެނގިފައިވާތަނެއް ނުފެނޭ"

ވިދި ވިދިގެން ޝަރީފް ކުރެއްވި ދެ ޓްވީޓް ފައްޓަވަމުން، ފުރަތަމަ ޓްވީޓު ގައި ވިދާޅުވެފައި ވެއެވެ.

ޒަމާނީ ޑިމޮކްރަސީއަށް ރާއްޖެ 2004 ވަނަ އަހަރުގައި ގަދަކަމުން ބަލިވެ ބައިންދައިގެން، ދުވަސް ނުފުރާ ވިއްސިފައިވަނީ، 2008 ވަނަ އަހަރުގައެވެ. ޤައުމާއި ރައްޔިތުންގެ "ޙައްޤު"ގައި ކަމަށްބުނެ، ކުރީގެ ވެރިކަންތަކާއި ޤައުމުގެ ޙާލަތު ކުރިން އޮތްގޮތް ހަމަލޮލަށް ފެނިގެން ނުވާ އަދި ހިތަށް އިޙްސާސްވެސް ނުކުރެވޭފަދަ، ޢުމުރުން ހަގު ސިކުންޑިތަކަކަށް، ޑިމޮކްރެސީއާއި ޕާޓީސިސްޓަމާއި މިނިވަން މުއައްސަސާތައް ދެއްކިގެން ދިޔައީ، ޒުވާން ތަލިތަކުން ކުޅު ހިކި، ނޫކަށިތަކުން ހިއްވަރު ނެރުނު ސަބަަބަކަށެވެ.

ނަތީޖާއަކަށް ވެގެންދިޔައީ، "ކުޑަކާފް ބޮޑުކާފް" ވޯޓިން ސިޔާސަތު "ކަފުން" ކުރެވިގެން، "މިނިވަން" ކަމާއެކު ވޯޓުލެވި، މި ޤައުމުގައި އެންމެފުރަތަމަ ޑިމޮކްރެޓިކް ރައީސެއް އިންތިޚާބް ވެގެންދިއުމުގެ އުފާ ރައްޔިތުންނަށް ލިބިގެން ދިއުމެވެ. ނަމަވެސް އެ ޑިމޮކްރެޓިކް ޙަޔާތަށް ރިޔާސީ އުފަންދުވަހެއް ފާހަގަ ކޮށްނުލެވި އުޅެނިކޮށް، އެ ވެދިޔަކަމެއް ވެގެން ގޮސްގެން، ރައްޔިތުން ނުކުމެ "ބަޣާވާތް" ކޮށް، ޑިމޮކްރެސީގެ "ބައްޕަ" ގެ ބޮލުގައި "ބަޑި" ޖައްސައި އިސްތިޢުފާ ދިނުމަށް މަޖްބޫރުކޮށް ޑިމޮކްރަސީ "ކަފުން" ކުރިއެވެ.

ޑިމޮކްރެސީ ކަފުން ކުރެވުމަށްފަހުގައި އުފެދިގެން އައި "އަނިޔާވެރި" ވެރިކަމެއް ނިންމުމަށް އަނެއްކާވެސް، އެކަތިި ގަނޑަކަށްވިއެވެ. ނިވި ދިއްލޭ 12 "ބޮތްކެއް" އިސްވެ، ރަން ތިރީހާއި، ދީނާއި ޤައުމުގެ އިތުރުން، ފެންކަށްކާ ބޮއްޔާއި، ޑިމޮކްރެސީގެ ބައްޕަ އެކުވެގެން، މަގުމަތިން ފެށިގެން، އިންޑިއާ ލަންކާގެ އިތުރުން ޔޫރަޕާއި އެމެރިކާއާއިހަމައަށް ފޯރި އިންސާފުގެ ދަތުރަށް ފަހުގައި، ޖަޒީރާ ރާއްޖެއަކަށް އަލި ވިލުނެވެ.

އެކަމަށް ދެ އަހަރު ނުވަނީސް، "އަނިޔާވެރިކަން" ނިންމަން އެންމެ ކުރީސަފުގައި އުޅުމުގެ ސަބަބުން، ސަރުކާރުގެ "އޭޓީއެމް" ތަޅުދަނޑި އަތައް ދެވުނު ވަޒީރު ފަކީރާ މިވަނީ، ނުހަނު ކަނޑުގަދަ ދުވަހެއްގައި އެކަނިމާއެކަނި ޑިންގީއެއްގައި ދަތުރުކޮށް އައިސް، ދޮންވެލި ފިނޮޅަކަށް އަރައި މޭޒުކަނުގައި ކާއްޓެއް ބާއްވައިގެން، ކުކުޅު ރަންބިސް އަޅުވަން އުޅެނިކޮށް، ނުހަނު ބާރަށް ބޮޑުވަމުން އައި ކަރައެއް، ދޮންބޮޑުވެގެން ފަޅައިގެންދާ ބީދައިން "ފެޅި" ފައެވެ.

ކޮރަޕްޝަނާއި އަނިޔާވެރިކަމާއި ދެކޮޅަށް ފޮނި އުންމީދުތަކެއް ކޮށް، ވެރިކަމުގެ އިތުުރުން، މިނިވަން މުއައްސަސާތައްވެސް ހިތަކަށް ލިބޭވަރަށް މަޖްލީހުގެ ވަޅީގެ "ތުނޑު" ތޫނުކޮށްދިނުމުންވެސް، ރައްޔިތުން ބޭނުންވާ މަންޒަރު ނުފެންނަ ތަނުގައި، ރައްޔިތުންނަށް އެކަން ކޮށްދެއްވުމުގެ ޒިންމާ ރައްޔިތުން ޙަވާލުކޮށް ކޮނޑުގައި އެޅިފައިވާ އިސްފަރާތްތަކުން މާޔޫސީގެ ޓްވީޓްތައް ކުރެއްވީމައި، ރައްޔިތުންނަށް މިހިނދު ކޮށްދެވޭނެ ހަމައެކަނި ކަމަކީ ރީ-ޓްވީޓް ކޮށްލުން ނުވަތަ ލައިކެއް ދިނުން ނޫންހެއްޔެވެ؟