-
-
ކޮވިޑް-19: އިތުރު މީހަކު ބަލީގައި މަރުވެއްޖެ ރާއްޖެއިން ކޮވިޑް19 ޖެހިގެން ނިޔާވި މީހެއްގެ ސަންދޯއް ގެންދަނީ / ފޮޓޯ: ވަން ޙައްޔާން

ކޮވިޑް-19: އިތުރު މީހަކު ބަލީގައި މަރުވެއްޖެ

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑް19 އަށް ފަރުވާހޯދަމުން ދިޔަ މީހަކު މިރޭ ނިޔާވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ން މިރޭ ކުރި ޓްވީޓެއްގައި މިކަން ކަށަވަރު ކޮށްދީފައިވެސް ވެއެވެ،

ADS BY FENVARU

މިރޭގެ ވަގުތެއްގައި ނިޔާވި، ޢުމުރުން 89 އަހަރުގެ ދިވެހި ފިރިހެން މީހާއަކީ މިބަލީގައި ރާއްޖެއިން ނިޔާވީ 18 ވަނަ މީހާއެވެ. މި ފިރިހެން މީހާގެ އިތުރުން އެހެން މީހަކުވެސް، ކޮވިޑް19 ބަލީގައި ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މަރުވެފައިވެއެވެ. ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މަރުވި ފުރަތަމަ މީހަކީ، ޢުމުރުން 52 އަހަރުގެ އަންހެނެކެވެ. މި އަންހެން މީހާ މަރުވީ، ނޭވާލުމަށް ދަތިތަކެއް ކުރިމަތިވުމުގެ އިތުރުން އިންތިހާއަށް ހުންއައިސްގެން ހޮސްޕިޓަލުގެ އިމަޖެންސީއަށް ދެެއްކުމަށް ރޭގެ ވަގުތެއްގައި ދިޔަ ތަނުން، ކުއްލި ގޮތަކަށެވެ.

ރާއްޖޭގައި ބަލި ފެތުރެން ފެށިއިރު 2 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި ފައްސިވީ ޢަދަދު، އެންމެފަހުގެ ކޮވިޑް19 ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ 7 ދުވަހުގެ ތެރޭގައި ފައްސިވެފައި ވެއެވެ. މެއި 2 ވަނަ ދުވަހުން ފެށިގެން 12 ޖޫން ގެ ނިޔަލަށް، ބަލި ފެތުރުން އެއް މިންވަރެއްގައި ހިފެހެއްޓިފައިވަނީ ފުރަބަންދުގެ ސަބަބުންނެވެ. އަދި 12 ޖޫން އިން ފެށިގެން 7 ޖުލައި އަށް ދަށްވެފައި ވަނީވެސް ފުރަބަންދުގެ ނަތީޖާއެއްގެ ގޮތުންނެވެ. ފުރަބަންދަށް ދެވުނު ލުއިތަކާއިއެކު، 7 ޖުލައި އިން ފެށިގެން 28 ޖުލައި ގެ ނިޔަލަށް، 8 ގުނަ ބާރު މިނުގައި ބަލި ފެތުރިފައި ވެއެވެ.

އެ އޭޖެންސީއިން ބޭނުން ނުވިނަމަވެސް އަދި ޢާންމުން ހިތްނުތަނަވަސް ވީނަމަވެސް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް މިވަނީ މަޖްބުރު ނިންމުމެއް ނިންމަންވެސް ޖެހިފައެވެ. ކޮވިޑް19 އަށް ފައްސިވުމުގެ ސަބަބުން ކަރަންޓީނުގައި 14 ދުވަސް މަޑުކުރުމަށް އެންގިފައި ތިއްބެވި ޞިއްޙީ ޚިދުމަތްތެރިން، ޚާއްޞަ ހުއްދައެއްގެ ދަށުން މިވަނީ އަލުން އަނބުރާ މަސައްކަތަށް ނެރެން ޖެހިފައެވެ. ކޮވިޑް19 އާއި ގުޅިގެން ކަރަންޓީނު ކުރެވިފައިވާ ޞިއްޙީ ޚިދުމަތް ތެރިން، ޑޮކްޓަރުންނާއި ނަރުހުން ކަރަންޓީނުގެ މުއްދަތު ހަމަ ނުވަނީސް، ކޮވިޑް19 ޖެހިފައި ވާ މީހުންނަށް ފަރުވާ ކުރުމަށް ނެރެވެމުން އެބަދެއެވެ.

މިއީ، ކޮޅާއި ކޮޅު ނުފެންނަވަރަށް ނުރައްކާތެރިކަން ބޮޑު ސިނގުނަލެކެވެ. މިބަލީގެ ޒާތަށާއި ތަޖުރިބާއަށް ބެލޭހިނދު، ބަލީގެ ސަބަބުން ފުރާނައަށް ނުރަށްކާވާ މިންވަރު ޢާންމުވެގެންދަނީ ޞިއްޙީ ނިޒާމުގެ ޤާބިލުކަމަށް ނުސަކާ ހިސާބުންނެވެ.

މާތް ﷲ އަށް ޙަމްދު ހުއްޓެވެ. ކިތަންމެ ބޮޑު މުޞީބާތެއް ކުރިމަތިވީ ނަމަވެސް، އެއިލާހުގެ ރަޙްމަތުން އުންމީދު ކަނޑާނުލުމަށާއި، އަދި ކަންތައް ބޮޑުވެ ގޮތް ހުސްވެދާ ދަރަޖައަށް އިންސާނާ ދާންޖެހޭ ކަމެއްވީނަމަވެސް، އެއިލާހުގެ އެންމެ ލަފްޒެއްގެ ވަޙީ ބަސްފުޅަކުންވެސް އެކަން އެއްކޮށް ޙައްލުވެގެންދާނެކަމުގެ ޔަޤީންކަން ދެވިގެންވާ އިސްލާމް ދީނުގެ ޢަޤީދާގެ ނިޢުމަތުގެ މަތީގައި ތިބި ބައެއްކަމުގައި އަޅަމެން ދިވެހީން ވީތީއެވެ.

ކީރިތި ޤުރުއާނުގެ 9 ވަނަ ސޫރަތުގެ 51 ވަނަ އާޔަތް ބަލަމާހެއްޔެވެ. އެއިލާހުގެ ނަބިއްޔާއާއި މުޚާޠަބުކުރަށްވައި އަމުރުކުރަށްވާ، ތައުބާ ސޫރަތުގެ 9 ވަނަ އާޔަތުގައި ވާ، އަންނަނިވި ވަޙީ ބަސްފުޅެވެ.

(قُل لَّن يُصِيبَنَا إِلَّا مَا كَتَبَ اللَّهُ لَنَا هُوَ مَوْلَانَا ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ)

"ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަޅަމެންނަށް ލިޔުއްވާފައިވާކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، މުއުމިނުން ހަމައެކަނި اللَّه އަށް ވަކީލު ކުރާހުށިކަމެވެ."

ވެކްސިނަކީ ކޮންއެއްްޗެއްތޯއެވެ؟ ވެކްސިނަކީ ބަލިޖެހުނީމައި ރައްކާތެރި ކޮށްދޭ އެއްޗެއް ނޫނެވެ. ބަލިޖެހުމުން ދުރުކޮށްދޭ އެއްޗެކެވެ. ކޮވިޑް19 އަކީ މުޞީބާތެއް ނޫންންހެއްޔެވެ؟ ކޮވިޑް19 ޢާލަމީ ވަބާއަކީ މުޞީބާތެކެވެ. ފުރާނައަށްވެސް ނުރައްކާ ކުރުވައިފާނެ ބައްޔެކެވެ. ވީހިނދު ކޮވިޑް19 އަށްވެސް ޙަޤީޤީ ވެކްސިން އޮތީ އިސްލާމް ދީނުގައި ބަޔާން ކޮށްދެއްވާފައެވެ.

އެވެކްސިނަކީ، މާތް ﷲ ސުބްޙާނަހޫ ވަތަޢާލާއާއިމެދު ފުރިހަމައަށް ޔަޤީންކޮށް އިތުބާރުކުރާ ޙާލު، އެއިލާހަށް ތަވައްކުލު ކުރުމެެވެ. ތަވާކުލު ކުރުމެއް ނޫނެވެ. ތަވައްކުލާއި ތަވާކުލުގެ ތަފާތު އިންތިހާއަށް ބޮޑެވެ.

އަޅުގަނޑުމެން ދިވެހި މުސްލިމް ރައްޔިތުންނަށް އޮތީ، ކަރަންޓީނާއި މޮނިޓަރިން ފަދަ، ޝަރުޢުންވެސް ލާޒިމުކުރާ ސަބަބުތަކުގައި ހިފައިގެން، ކަމާއިބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް ދެމިތިބެ، ބަލިން ރައްކާތެރި ކޮށްދެއްވައި ޝިފާދެއްވުން އެދި ﷲގެ ޙަޞްރަތުގައި ގިނަ ގިނައިން ދުޢާ ދެންނެވުމެވެ.

(اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبَرَصِ، وَالْجُنُونِ، وَالْجُذَامِ، وَمِنْ سَيِّئِ الأَسْقَامِ) 

"ހައްދަވައި ގެންގުޅުއްވާ އިލާހެވެ. ހަމަ ކަށަވަރުން، ބަރޮސް ބައްޔާއި ޖުޒާމް ބައްޔާއި އަދި ނުރައްކާތެރި އެންމެހައި ބަލިތަކުން ރައްކާތެރިކަމަށް އެދި އިބަ އިލާހުގެ ހަޞްރަތުގައި މިއަޅާ ދުޢާ ދަންނަވަމުއެވެ "

މި ދުޢާ ގިންގިނައިން ކިޔުއްވުމުގައި، މާތް ﷲ އަށް ޙައްޤުގޮތުގައި ތަވައްކުލު ކޮށްގެން ތިބޭޙާލު، ދެމި ތިބެވިއްޖެނަމަ އަޅަމުންނަށް ދެރަގޮތެއް ކުރިމަތިވެގެން ނުދާނެކަން ކަށަވަރެވެ. ކުޑަވެސް ޝައްކެތް ނެތް މިންވަރަށް، ޑަބްލް ކީއްކުރަން ޓްރިޕްލް ކޮށްވެސް ކަންފާރމްޑް ކަމެއްވެސް މެއެވެ.