-
-
ކޮވިޑް-19: މިއަދު ރެކޯޑް ޢަދަދެއް، 2 މަރަކާއެކު 215 ފައްސި! ކޮވިޑް19 އާއި ގުޅިގެން ޞިއްޙީ ޚިދުމަތްތެރިންތަކެއް ޙަރަކާތްތެރިވަނީ / ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ކޮވިޑް-19: މިއަދު ރެކޯޑް ޢަދަދެއް، 2 މަރަކާއެކު 215 ފައްސި!

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިި ރާއްޖެއިން ކޮވިޑް19 އަށް 215 މީހަކު ފައްސި ވެ، މިބަލީގައި ދެ ދިވެއްސަކު ނިޔާވެއްޖެއެވެ.

ADS BY FENVARU

ރޭގެ އިރު އޮއްސި 6:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 6 އާއި ހަމައަށް ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި، 149 ދިވެހިންނާއިއެކު ޖުމްލަ 215 މީހަކު ބައްޔަށް ފައްސިވެފައިވެއެވެ. ބަނގްލަދޭޝްގެ 54 މީހަކާއި، އިންޑިއާ 7 މީހެއްގެ އިތުުރުން، ސްރީލަންކާއި ނޭޕާލުން މިއިން ކޮންމެ ޤައުމެއްްގެ 2 މީހުންގެ އިތުރުން އިންޑޮނީސިއާ މީހަކު، މިއަދު ފައްސި ވީ ބިދޭސީންގެ ތެރޭގައި ހިމެނެއެވެ.

މަރުވި ދެމީހުންނަކީ، ރޭގައި މަރުވި، މެދު ޢުމުރުގެ ދިވެހި އަންހެނަކާއި، މިރޭގެ ވަގުތެއްގައި މަރުވި، 89 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން، އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ހާމަކޮށްދެއްވާފައި ވާ މައުލޫމާތުތަކުން ކަށަވަރު ވާ ގޮތުގައި، ރާއްޖެއިން ފައްސިވާ މީހުންގެ ޢަދަދު އިންތިހާއަށް މައްޗަށް ޖެހެމުންދާއިރު، ފައްސިވާ މީހުންގެ ތެރޭގައި ޞިއްޙީ ޚިދުމަތްތެރީންގެ އިތުރުން، ކުރީސަފުގައި މަސައްކަތް ކުރަށްވާ ފުލުހުންގެ ޢަދަދު އިތުރުވަމުން އާދެއެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ޢަދަދެއް ފައްސިވެފައިވަނީ ފާއިތުވެ ދިޔަ ޖުލައި މަހުގެ ތެރޭގައިކަންވެސް ޑރ. ނަޒްލާ ހާމަކޮށްދެއްވި މައުލޫމާތުތަކުން ކަށަވަރުވެއެވެ.

"ނުރައްކަލުގެ ރަގަބީލުގެ އަޑު އެބަގަދަވޭ!" މިހެން ވިދާޅުވެ މީގެ ދެތިން ހަތަރު ދުވަހެެއް ކުރިން، ހެލްތް މިނިސްޓަރ އަމީންވެސް ޓްވީޓެއް ކުރަށްވާފައި ވެއެވެ. އަދި އެ ޓްވީޓުގައި މިނިސްޓަރ އިތުރަށް ވިދާޅުވެފައި ވަނީ، ޢާއްމު ޙާލަތަށް އެދޭނަމަ މާސްކު އެޅުއްވުމަށާއި، އެކަކު އަނެކެއްގެ ދުރުމިން ކަށަވަރު ކުރެއްވުމަށާއި، ބައްދަލުވާ އަދަދު މަދުކުރެއްވުމުގެ އިތުރުން، ކޮންމެހެން ނުކުންނަންޖެހޭ ހާލަތުގައި މެނުވީ ގެއިން ބޭރަށް ނުނުކުތުމަށެވެ.

ކޮވިޑް19 ބަލީގެ ޒާތަށާއި ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި މިބަލި ތަޖުރިބާކުރަން ޖެހުނުގޮތަށް ބަލާއިރު، ފުރަބަންދަށް ލުއި ދެވުމާއިއެކު ފައްސިވާ ޢަދަދުތައް އިންތިހާއަށް މައްޗަށް ގޮސް، ދެވަނަ ފަހަރަށްވެސް ފުރަބަންދަކަށް ދާންޖެހިފައި އެބަހުއްޓެވެ. ރާއްޖޭގައި ކޮވިޑް19 ފެށިގެން އައިއިރު ފުރަބަންދުކުރެވި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށި ކުރެވުމާއިއެކު، ބަލިފެތުރުން ހަންމަތަ ކުރެވިގެން ހިފެހެއްޓެފައިވުމުގެ ނަތީޖާއަކަށް ވީ، މިހައިތަނަށްވެސް ކުރިމަތިލާން ޖެހުނު ނުރަށްކާ ކުޑަ ވުމެވެ. އެހެން ނަމަވެސް މަޖްބޫރީ ޙާލަތަކަށް އައިސްގެން ފުރަބަންދަށް ދެވުނުު ލުއިތަކާއެކު، ބަލި ފެތުރޭ ނިސްބަތް މިވަނީ އިންތިހާއަށް މައްޗަށްޖެހި، ނުރައްކާތެރި ފައްތަރެއްގައެވެ.

މިއީ، ކޮޅާއި ކޮޅު ނުފެންނަވަރަށް ނުރައްކާތެރިކަން ބޮޑު ސިނގުނަލެކެވެ. މިބަލީގެ ޒާތަށާއި ތަޖުރިބާއަށް ބެލޭހިނދު، ބަލީގެ ސަބަބުން ފުރާނައަށް ނުރަށްކާވާ މިންވަރު ޢާންމުވެގެންދަނީ ޞިއްޙީ ނިޒާމުގެ ޤާބިލުކަމަށް ނުސަކާ ހިސާބުންނެވެ.

އެހެންނަމަވެސް، ކިތަންމެ ބޮޑު މުޞީބާތެއް ކުރިމަތިވީ ނަމަވެސް، އަދި ކަންތައް ބޮޑުވެ ގޮތް ހުސްވެދާ ދަރަޖައަށް އިންސާނާ ދާންޖެހޭ ކަމެއްވީނަމަވެސް، އެއިލާހުގެ ރަޙްމަތުން އުންމީދު ކަނޑާނުލުމަށާއި، އެއިލާހުގެ އެންމެ ލަފްޒެއްގެ ވަޙީ ބަސްފުޅަކުންވެސް އެކަން އެއްކޮށް ޙައްލުވެގެންދާނެކަމުގެ ޔަޤީންކަން އިސްލާމް ދީނުގައި މުސްލިމުންނަށް ދެވިގެން ވާކަންވެސް ހަނދާނުގައި ބަހައްޓަންޖެހެއެވެ. އިސްލާމް ދީނުގެ މަތިވެރި ޢަޤީދާގެ ނިޢުމަތުގެ މަތީގައި ތިބި ބައެއްކަމުގައި އަޅަމެން ދިވެހީން ވީތީއެވެ.

(قُل لَّن يُصِيبَنَا إِلَّا مَا كَتَبَ اللَّهُ لَنَا هُوَ مَوْلَانَا ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ)

"ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަޅަމެންނަށް ލިޔުއްވާފައިވާކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، މުއުމިނުން ހަމައެކަނި اللَّه އަށް ވަކީލު ކުރާހުށިކަމެވެ."

ވެކްސިނަކީ ކޮންއެއްްޗެއްތޯއެވެ؟ ވެކްސިނަކީ ބަލިޖެހުނީމައި ރައްކާތެރި ކޮށްދޭ އެއްޗެއް ނޫނެވެ. ބަލިޖެހުމުން ދުރުކޮށްދޭ އެއްޗެކެވެ. ކޮވިޑް19 އަކީ މުޞީބާތެއް ނޫންންހެއްޔެވެ؟ ކޮވިޑް19 ޢާލަމީ ވަބާއަކީ މުޞީބާތެކެވެ. ފުރާނައަށްވެސް ނުރައްކާ ކުރުވައިފާނެ ބައްޔެކެވެ. ވީހިނދު ކޮވިޑް19 އަށްވެސް ޙަޤީޤީ ވެކްސިން އޮތީ އިސްލާމް ދީނުގައި ބަޔާން ކޮށްދެއްވާފައެވެ.

އެވެކްސިނަކީ، މާތް ﷲ ސުބްޙާނަހޫ ވަތަޢާލާއާއިމެދު ފުރިހަމައަށް ޔަޤީންކޮށް އިތުބާރުކުރާ ޙާލު، އެއިލާހަށް ތަވައްކުލު ކުރުމެެވެ. އަޅުގަނޑުމެން ދިވެހި މުސްލިމް ރައްޔިތުންނަށް އޮތީ، ކަރަންޓީނާއި މޮނިޓަރިން ފަދަ، ޝަރުޢުންވެސް ލާޒިމުކުރާ ސަބަބުތަކުގައި ހިފައިގެން، ކަމާއިބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް ދެމިތިބެ، ބަލިން ރައްކާތެރި ކޮށްދެއްވައި ޝިފާދެއްވުން އެދި ﷲގެ ޙަޞްރަތުގައި ގިނަ ގިނައިން ދުޢާ ދެންނެވުމެވެ.

(اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبَرَصِ، وَالْجُنُونِ، وَالْجُذَامِ، وَمِنْ سَيِّئِ الأَسْقَامِ) 

"ހައްދަވައި ގެންގުޅުއްވާ އިލާހެވެ. ހަމަ ކަށަވަރުން، ބަރޮސް ބައްޔާއި ޖުޒާމް ބައްޔާއި އަދި ނުރައްކާތެރި އެންމެހައި ބަލިތަކުން ރައްކާތެރިކަމަށް އެދި އިބަ އިލާހުގެ ހަޞްރަތުގައި މިއަޅާ ދުޢާ ދަންނަވަމުއެވެ "

މި ދުޢާ ގިންގިނައިން ކިޔުއްވުމުގައި، މާތް ﷲ އަށް ޙައްޤުގޮތުގައި ތަވައްކުލު ކޮށްގެން ތިބޭޙާލު، ދެމި ތިބެވިއްޖެނަމަ އަޅަމުންނަށް ދެރަގޮތެއް ކުރިމަތިވެގެން ނުދާނެކަން ކަށަވަރެވެ. ކުޑަވެސް ޝައްކެތް ނެތް މިންވަރަށް، ޑަބްލް ކީއްކުރަން ޓްރިޕްލް ކޮށްވެސް ކަންފާރމްޑް ކަމެއްވެސް މެއެވެ.