-
-
ކާމިޔާބު ކަމާއެކު އަޅުކަން ނިންމާލައި ޙައްޖުވެރިން މައްކާއިން ނުކުންނަންފަށައިފި ޙައްޖުވެރިން މިރޭ ޠަވާފުލް ވަދާޢު ކުރަނީ -: ފޮޓޯ: އެސްޖީ

ކާމިޔާބު ކަމާއެކު އަޅުކަން ނިންމާލައި ޙައްޖުވެރިން މައްކާއިން ނުކުންނަންފަށައިފި

ކޮވިޑް19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަކުރެވި، ނިސްބަތުން ނުހަނު މަދު ޢަދަދަކަށް ހުއްދަދެވިގެން ކުރިއަށް ގެންދެވުނު، އިސްލާމް ދީނުގެ ރުކުނެއްކަމުގައިވާ ޙައްޖުގެ އަޅުކަން ފުރިހަމަކޮށް، ކާމިޔާބުކަމާއެކު ނިންމާލުމަށްފަހުގައި ޙައްޖުވެރިން މައްކާ ދޫކޮށް، އެމީހަކު ދިރިއުޅެމުންދާ ވަޒަނަށް ދިއުމުގެ ދަތުރު ފަށައިފިއެވެ.

ADS BY FENVARU

ޖަމްރާއަށް ހިލައުކުމުގެ ފަހު ދުވަސް ފުރިހަމަކުރުމަށް ފަހުގައި، މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި މިނާ ދޫކޮށް މައްކާއަށް އެނބުރިއައިސް ހުރިހައި ޙައްޖުވެރިންވެސް މިހާރު ވަނީ ޠަވާފުލް ވަދާޢުވެސް ކޮށްފައެވެ.

މިއަދު ހަވީރުން ފެށިގެން ޙައްޖުވެރިން މައްކާ ދޫކޮށް، އެމީހަކު އުޅެމުންދާ ސަޢުދީގެ ސިޓީއަށް ދިއުމަށް ދަތުރު ފަށާފައިވާއިރު، މިރޭގެ ވަގުތުތަކާއެކު ގިނަ ޙައްޖުވެރިން މައްކާ ދޫކޮށް ދާނެއެވެ. މައްކާއާއި ދުރު ސިޓީތަކުން އައި ޙައްޖުވެރިން އެނބުރި އެ ސިޓީތަކަށް ދާނީ، މާދަމާގެ އިތުރުން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ކަމުގައިވެސް، ސަޢުދީގެ ރަސްމީ ނޫސް އޭޖެންސީން މިރޭ ހާމަ ކޮށްފައިވެއެވެ.

ރައްކާތެރިކަމުގެ އެތަކެއް ފިޔަވަޅުތަކާއެކު، އިންތިހާއަށް ގިނަ ވަޞީލަތްތައްވެސް ތައްޔާރީ ޙާލަތަކަށް ގެނެވިގެން އަދާކުރެވުނު މި އަހަރުގެ ޙައްޖުގެ އަޅުކަމަކާއިގުޅިގެން، ދުނިޔޭގެ ޞިއްޙީ އިދާރާގެ ވެރިޔާވެސް ވަނީ ސަޢުދީ ސަރުކާރުގެ އިންތިޒާމުތަކަށް ތަޢުރީފް ކުރަށްވާފައިކަން ފާހަގަ ކޮށްލެވެއެވެ. ޙައްޖުގެ މަތިވެރި އަޅުކަން ނިންމާލާފައި މިވަނީ އެއްވެސް ޙައްޖާޖީއަކު ކޮވިޑް19 އަށް ފައްސިވުމަކާއި ނުލައެވެ. ޤައުމުގައި މިހައިތަނަށް ގިނަ ބައަކަށް ބަލި ޖެހިފައި ވީނަމަވެސް، ކޮވިޑް19 ބަލިޖެހި ރަނގަޅުވަމުން ދާ ނިސްބަތް، މުޅި ދުނިޔެއިންވެސް އެންމެ މަތީގައި ހިމެނޭ ޤައުމުތަކުގެ ތެރޭގައި ސަޢުދި ޢަރަބިއްޔާ ހިމެނޭވެސް މެއެވެ.