-
-
ޙަރަމްފުޅު ސާފުކުރުމަށް ދުވާލަކު 12 ފީފާގެ ސެނިޓައިޒަރ ބޭނުންކުރެވުނު މަސައްކަތްތެރީން ޙަރަމް ފުޅު ސާފުކުރަނީ -: ފޮޓޯ: ސަޢުދީ ޕްރެސް އޭޖެންސީ

ޙަރަމްފުޅު ސާފުކުރުމަށް ދުވާލަކު 12 ފީފާގެ ސެނިޓައިޒަރ ބޭނުންކުރެވުނު

ކޮވިޑް19 ގެ ޙާލަތުގައި މިއަހަރު އަދާކުރެވުނު ޙައްޖުގެ އަޅުކަމުގެ ދުވަސްވަރުގައި، ޙައްޖާޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޙަރަމްފުޅު ސާފުކޮށް ބެލެހެއްޓުމަށް، ދުވާލެއްގެ މައްޗަށް، 200 ލީޓަރުގެ 12 ފީފާ ސެނިޓައިޒަރ ބޭނުން ކުރެވިއްޖެއެވެ.

ADS BY FENVARU

ކަމާއިބެހޭ އިދާރާތަކުގެ އޮފިޝަލުންނާއި ޙަވާލާދީ ސަޢުދީ ރަސްމީ ނޫސް އޭޖެންސީ އެސްޕީއޭއިން އިއްޔަ ހާމަކޮށްފައިވާ ގޮތުގައި، ޙަރަމް ފުޅުގެ ތަޅުން ސާފުކޮށް ޖަރާސީމު ފިލުވުމަށް 1500 ލީޓަރުގެ ސެނިޓައިޒަރ ބޭނުން ކުރެވިފައި ވާއިރު، ޙަރަމް ފުޅަށް ޒިޔާރަތްކުރި ޙައްޖުވެރިން އަތް ދޮވުމަށް 900 ލީޓަރުގެ ސެނިޓައިޒަރ ބޭނުން ކުރެވިފައިވެއެވެ. އަދި މީގެ އިތުުރުން، ޙަރަމް ފުޅުގެ ކާޕެޓުތަކާއި ގެފުޅުގެ އުރަކޮޅު ސާފުކޮށް މީރުވަސްދުވާ ގޮތަށް ބެހެއްޓުމަށް، އެންމެ އަގުބޮޑެތި އަތަރުގެ 1050 ލީޓަރު އަތަރުވެސް ބޭނުން ކުރެވިފައި ވާކަމަށްވެސް، ރަސްމީ ފަރާތްތަކާއި ޙަވާލާދީ ސަޢުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) ން ހާމަކޮށްފައިވެއެވެ.

ޙަރަމް ފުޅު ސާފު ކުރުމުގެ މަސައްކަތަށް 3500 މުވައްޒަފުން ބޭނުން ކުރެވުނުއިރު، ސާފުކުރުމަށް ޚާއްޞަ 95 އުޅަނދާއެކު އެންމެ ޒަމާނީ އާލަތްތަށް ބޭނުންކޮށްގެން، ދުވާލެއްގެ މައްޗަށް މަދުވެގެން 10 ފަހަރަށް ޙަރަމްފުޅު ސާފުކުރެވިފައި ވާކަމަށްވެސް، ކަމާއިބެހޭ ފަރާތްތަކާއި ޙަވާލާދީ އެސްޕީއޭއިން ހާމަކޮށްފައިވެއެވެ.

ޖަމްރާއަށް ހިލައުކުމުގެ ފަހު ދުވަސް ފުރިހަމަކުރުމަށް ފަހުގައި، މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި މިނާ ދޫކޮށް މައްކާއަށް އެނބުރި އައިސް، ހުރިހައި ޙައްޖުވެރިންވެސް މިހާރު ވަނީ ޠަވާފުލް ވަދާޢުވެސް ކޮށްފައެވެ.

މިއަދު ހަވީރުން ފެށިގެން ޙައްޖުވެރިން މައްކާ ދޫކޮށް، އެމީހަކު އުޅެމުންދާ ސަޢުދީގެ ސިޓީއަށް ދިއުމަށް ދަތުރު ފަށާފައިވާއިރު، މިރޭގެ ވަގުތުތަކާއެކު ގިނަ ޙައްޖުވެރިން މައްކާ ދޫކޮށް ދާނެއެވެ. މައްކާއާއި ދުރު ސިޓީތަކުން އައި ޙައްޖުވެރިން އެނބުރި އެ ސިޓީތަކަށް ދާނީ، މާދަމާގެ އިތުރުން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ކަމުގައިވެސް، ސަޢުދީގެ ރަސްމީ ނޫސް އޭޖެންސީން މިރޭ ހާމަ ކޮށްފައިވެއެވެ.

ރައްކާތެރިކަމުގެ އެތަކެއް ފިޔަވަޅުތަކާއެކު، އިންތިހާއަށް ގިނަ ވަޞީލަތްތައްވެސް ތައްޔާރީ ޙާލަތަކަށް ގެނެވިގެން އަދާކުރެވުނު މި އަހަރުގެ ޙައްޖުގެ އަޅުކަމާއިގުޅިގެން، ދުނިޔޭގެ ޞިއްޙީ އިދާރާގެ ވެރިޔާވެސް ވަނީ ސަޢުދީ ސަރުކާރުގެ އިންތިޒާމުތަކަށް ތަޢުރީފް ކުރަށްވާފައިކަން ފާހަގަ ކޮށްލެވެއެވެ. ޙައްޖުގެ މަތިވެރި އަޅުކަން ނިންމާލާފައި މިވަނީ އެއްވެސް ޙައްޖާޖީއަކު ކޮވިޑް19 އަށް ފައްސިވުމަކާއި ނުލައެވެ. ޤައުމުގައި މިހައިތަނަށް ގިނަ ބައަކަށް ބަލި ޖެހިފައި ވީނަމަވެސް، ކޮވިޑް19 ބަލިޖެހި ރަނގަޅުވަމުން ދާ ނިސްބަތް، މުޅި ދުނިޔެއިންވެސް އެންމެ މަތީގައި ހިމެނޭ ޤައުމުތަކުގެ ތެރޭގައި ސަޢުދި ޢަރަބިއްޔާ ހިމެނޭވެސް މެއެވެ.