-
-
ކާވިން - 20

ކާވިން - 20

ކާވިންގެ ދެލޯ ވަނީ ރަތްވެފަ އެވެ. މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލި ކަމެވެ. އީންއަށް ހިތި ގޮތަކަށް ހިންދިރުވައިލެވުނެވެ. ނޭނގި ހުއްޓައިވެސް ދެލޮލަށް ކަރުނަ ޖަމާވެއްޖެ އެވެ. އޭނަ އިސްޖަހައިލީ އެ ކަރުނަތައް ފޮރުވުމަށެވެ. ޙާލަތުގެ ގޮތުން އެއްވެސް ސުވާލެއް ކުރާކަށް އީން ބޭނުމެއް ނުވި އެވެ. އެކަމަކު ހަޤީޤަތާއި ހަމައަށް ވާސިލުވުމުގެ ޝައުޤުވެރިކަން އެހިތުގައި އިތުރުވެގެން ދިޔަ އެވެ. އޭނަ އެހެން ހުއްޓައި ސިހުނީ ކާވިންގެ ދެއަތުގެ ހިމާޔަތް ލިބުނުކަމުގެ އިހުސާސް ކުރެވުމުންނެވެ. އެ މޭގައި މޫނު ޖެހުމާއިއެކު، ކަރުނައިގެ ރޮނގެއް އޭނަގެ މޫނުގައި ދަތުރުކޮށްލައިފި އެވެ.

ADS BY FENVARU

********

ހަވީރުވީއިރު، އުޑުމަތި ބަނަކޮށްލައިފި އެވެ. ވިއްސާރައިގެ ކުލަވަރު ދުނިޔެމަތިން ދައްކާލަން ނެގީ ހިނދުކޮޅެކެވެ. ކޮޓަރިން ނުކުމެގެން އައި އީން މިސްރާބުޖެހީ ފުލުހުންގެ އިދާރާއަށް ވަނުމަށެވެ. ޔުނާން އާއި ނުހާމް ވާހަކަ ދައްކަން ތިބިތަން ފެނުމުން، އެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އޭނަ އުޅުނީ އެމީހުންގެ ފުރަގަހުން ގޮސް، ސިއްސުވައިލާށެވެ. އެކަމަކު ވަކި ހިސާބަކުން އޭނަގެ ނިޔަތް ބަދަލުވެއްޖެ އެވެ. އެމީހުން ދައްކަމުންދިޔަ ވާހަކައަށް އޭނައަށް ޝައުޤުވެރި ވެވުނީ ދާރިޔާގެ ނަން ކިޔައިލިހެން ހީވުމުންނެވެ.

"ނުހާމް!... އަހަރެން ވަރަށް މަސައްކަތުން ދާރިޔާގެ މަންމަގެ ފޮޓޯއެއް ހޯދައިފިން... ވަރަށް ނުސާފު ފޮޓޯއެއް ލިބޭ ވަރުވީ... މިއޮތީ..." ޔުނާން އޭނާގެ އަތުގައި އޮތް ތަސްވީރު ދައްކައިލަމުން ބުންޏެވެ.

"ކަލޭ ގަދަ..." ތަސްވީރުގައި ހިފަމުން ނުހާމް އޭނާގެ އަނެއް އަތުން ޔުނާންގެ ކޮނޑުގައި ޖަހާލައިފި އެވެ. "އަހަންނަށް ތިވަރުވެސް ނުވި ވިއްޔަ... ކިހިނެއް ހޯދި އެއްޗެއް މީ؟..." ތަސްވީރަށް ބަލައިލުމުގެ ކުރީން ނުހާމްގެ ނަޒަރު އަމާޒުވީ، ޔުނާންގެ މޫނަށެވެ.

"ސޭވްކޮށްފަ ހުރި ފައިސާކޮޅުގެ އެހީގަ..." ލާނެތް ގޮތަކަށް ހިނިގަނޑެއް ޖަހައިލަމުން ޔުނާން ބުންޏެވެ.

"ބޭރު މީހެއް ދޯ މީ؟... މި މީހާގެ މައުލޫމާތު ހޯދޭނެ އެއްވެސް ގޮތެއް ނެއްތަ؟..." ނުހާމް އަހައިލި އެވެ.

ޔުނާން އޭނާގެ ދެކޮނޑު އަރުވައިލީ، ނޭނގެއޭ ބުނުމުގެ ގޮތުންނެވެ.

"ޔުނާން އަކަށް ނުފެނޭތަ އަދިވެސް މިކަންތައް އީންއަށް އަންގާކަށް؟ މަށަށް ހީވަނީ މީ ކާކު ކަން އޭނައަށް އެނގިދާނެހެން... މިކަން ތަންކޮޅެއް ފަސޭހައިން ހައްލުވާނީ ވެސް އޭރުންނޭ..." ނުހާމް ހާމަކުރީ އޭނާއަށް ފެންނަ އެންމެ ރަނގަޅު ގޮތެވެ.

ފުލުހުންގެ އިދާރާގެ ތެރެއިން ނުކުމެގެން އައި ލަޔާންއަށް ނުހާމްމެންގެ ފަހަތުގައި ހުރި އީން ފެނުނެވެ. ނުހާމް ބުނި އެއްޗެއް އަޑު އިވުމުން އޭނަ އެދިމާއަށް ދިޔައީ ހަލުވި ފިޔަވަޅުތަކެއްގަ އެވެ. ކަންތައް ގޯހުން ގޯހަށް ގޮސްފިކަން އޭނައަށް އެނގުނީ އީންގެ މޫނުމަތީގެ އަސަރުތައް ހުރިގޮތް ފެނުމުންނެވެ. އޭނަ ތަންކޮޅެއް ދުރުގައި މަޑުކުރީ، އެކަމުގެ ތެރެއަށް ނުވަންނަން ވެގެންނެވެ.

"އޭ ކަލޭ އައިސްބަލަ..." ލަޔާން ފެނުމުން، ނުހާމް އޭނައަށް ގޮވައި ކައިރިއަށް ގެނަ އެވެ.

"މީ ދާރިޔާގެ މަންމަ އޯ..." އަތުގައި އޮތް ތަސްވީރު ދައްކައިލަމުން އޭނަ ލަޔާންގެ ކައިރިއަށް ޖެހިލި އެވެ.

ލަޔާންއަށް އޭނަގެ ތިރީ ތުންފަތުގައި ދަތްއަޅައިލެވުނެވެ. ލޮލުގެ ހިމަކޮޅުން އޭނަ އީންއަށް ބަލައިލިއިރު، އެ މޫނުމަތިން ފެންނަމުންދިޔައީ ކޮން ކަހަލަ އަސަރުތަކެއް ކަމެއް ނަގައެއް ނުގަނެވުނެވެ. އޭނަ ލޮލުގެ އިޝާރާތުން، ނުހާމްއަށް ފަހަތުގައި ހުރި އީން ދައްކަން މަސައްކަތް ކުރި އެވެ.

"ނުހާމް!... އަހަންނަކަށް އަދި ނުފެނޭ އީން ކައިރީ އެއްވެސް ވާހަކައެއް ބުނާކަށް..." ޔުނާން ވާހަކަ ދެއްކީ، ނުހާމް ކުރިން ދެއްކި ވާހަކަ އާއި ގުޅުވައިގެންނެވެ.

ޔުނާން އެހެން ބުނުމާއިއެކު، ލަޔާންގެ ދެލޯ ބޮޑުވެގެން ދިޔަ އެވެ. އޭނަ ފައިން ޔުނާންގެ ފައިގައި ބޮނޑިއެއް އަޅާލައިފި އެވެ.

"ކަލޭ ލޮލަށް ބޮލަށް ކޯއްޗެއް ވެއްޓިގެން އުޅޭ ދުވަހެއްތަ؟..."

ޖެއްސުމުގެ ރާގަކަށް އެހެން ބުނެފައި ޔުނާން އޭނާގެ އަތުން ލަޔާންގެ ކަނދުރާގައި އަތް އަޅުވައިލި އެވެ. އޭނަ އެގޮތަށް ހުރެ، ވަށައިގެން އެނބުރިލީ ވަގުތު، ކުރިމަތީގައި ހުރި އީން ފެނި ދިޔައީ ސިއްސައިގެންނެވެ. އޭނަގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސްފި އެވެ. ދެލޯ ބޮޑުވެ، އީންއަށް ބަލަން އޭނަ ހުރީ ބިރުވެރި އެއްޗަކަށް ބަލާހެންނެވެ. ޔުނާންއަށް ވީގޮތް ފެނި، ނުހާމް ވެސް އެދިމާއަށް ބަލާލައިފި އެވެ. އޭނައަށް ވެސް ވީ އެވަރެވެ.

އީންގެ ނަޒަރު އަމާޒުވީ، ނުހާމްގެ އަތުގައި އޮތް ތަސްވީރަށެވެ. އޭނަ ކުރިއަށް ޖެހިލައި، އެ ތަސްވީރު އަތުލައިފި އެވެ. ތަސްވީރަށް ބަލައިލުމާއިއެކު އީންގެ ދެލޮލަށް ކަރުނަ ޖަމާވާން ނެގީ ހިނދުކޮޅެކެވެ. ދެބުމަ ގޮށްޖަހައިލަމުން ކުރިމަތީގައި ތިބި ތިން މީހުންނާއި ދިމާއަށް އޭނަ ބަލައިލި އެވެ. ހިތްދަތިކަމާއި ރުޅިވެރިކަން އެކުލެވޭ އެ ނަޒަރުން އެއެންމެންގެ ހިތްތަކަށް އަސަރު ކުރުވައިފި އެވެ. ލަޔާން މަޑުމަޑުން ޔުނާންގެ އަތްދަށުން ދެމިގަތެވެ. އޭނަ ނުހާމް އާއިއެކު، ފަސް ފަހަތަށް ޖެހެމުން ގޮސް އިދާރާގެ ތެރެއަށް ވަދެއްޖެ އެވެ.

"ވަޓް އިޒް ދިސް؟..." އަތުގައި އޮތް ތަސްވީރު ދައްކައިލަމުން އީން ސުވާލުކުރީ އޭނަގެ ކުރިމަތީގައި ގަބުވެފައި ހުރި ޔުނާން އަށެވެ.

ޔުނާންއަށް ބަލައިލެވުނީ ކައިރީގައި އެއްވެސް މީހަކު ހުރިތޯ އެވެ. ނުހާމް އާއި ލަޔާން ވެސް ތިބީ އިދާރާގެ ތެރޭގައި ބިއްލޫރިގަނޑުން އެދެމީހުންގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. އެންމެ ބޭނުންވި ވަގުތު އެ ދެމީހުން ވެސް ދިޔުމުން، އޭނަގެ ދަތްތަކަށް ބާރުވެގެން އައެވެ.

"އީން!... އަހަރެން އެކްސްޕްލެއިން ކޮށްދީފާނަން..." ކުރެހިފައިވާ އަޑަކުން ޔުނާން ބުންޏެވެ.

އީންގެ ނަފުރަތު ބަރުދާސްތު ކުރެވޭނޭހައި ހިއްވަރު އޭނަގެ ގަޔަކު ނެތެވެ. އޭނަ ކުރިއަށް ޖެހިލުމުން އީން ޖެހިލީ ފަހަތަށެވެ. ރުޅި އައިސް ދެލޯ ބޮޑުކޮށްލައިގެން ހުރިއިރު އެ ދެލޮލުން ކަރުނަ އޮހެ އެވެ.

"އީން ޕްލީޒް... ނުރޮއެބަލަ... އަހަރެން..." ޔުނާން ދެރަވި އެވެ. އޭނައަށް ބުނެވުނީ އެހިސާބަށެވެ. އީން ވާހަކަ ދައްކަން ފެށުމުން، އޭނަގެ ވާހަކަ އެ ހިސާބުން ހުއްޓައިލަން މަޖުބޫރު ވިއެވެ.

"އެންމެން ސިއްރު ކުރިޔަސް، އަހަރެން ހިއެއް ނުކުރަން ޔުނާން އަހަންނަށް މިވަރުގެ ބޮޑު ކަމެއް ސިއްރުކޮށްފާނެ ކަމަކަށް..." ރުޅި އައިސްފައި ހުރި ވަރުން، އީންއަށް ވާހަކަ ދެއްކުނީ ބާރަށެވެ. އެހާމެ އުނދަގުލުން ނުކުތް އެއިން ކޮންމެ ލަފުޒަކުން، ޔުނާންގެ ހިތް ތޮރުފާލައިފި އެވެ.

"އީން!... އެއީ އަހަރެން އެކަން އީންއަށް ސިއްރުކުރަން ބޭނުންވާތީކީ ނޫނޭ..." ޔުނާން މަސައްކަތް ކުރީ، އީންއަށް ވިސްނައިދޭށެވެ.

އީން ދެފަރާތަށް ބޯ ހޫރާލި އެވެ. ޔުނާން ގޮވަގޮވައި ހުއްޓައި، އޭނަ އެތަނުން ދިޔުމަށް ދުއްވައިގަނެފި އެވެ. ކޮޓަރިއަށް ވަދެފައި، އޭނަ ބަލައިލީ، އަތުގައި އޮތް ތަސްވީރަށެވެ. އެއީ އޭނަގެ މަންމަގެ ތަސްވީރެކެވެ. އޭނަ ހީކުރިގޮތަށް ދާރިޔާ އަކީ އޭނަގެ ދައްތަ ހެއްޔެވެ؟ އެވާހަކަ އެންމެން އޭނައަށް ސިއްރުކުރަނީ ކީއްވެ ހެއްޔެވެ؟

އައިސްފައި ހުރި ރުޅި އާއި ހިތަށް ކޮށްފައިވާ އަސަރަކުން، އީން ފުރަތަމަ ވެސް ނެގީ އޭނާގެ ފޯނެވެ. އެ ރުޅިގަނޑުގައި އޭނަ ގުޅީ، އަސޫމީ އަށެވެ.

"މަންމަ އަހަންނަށް ސިއްރު ކުރިއަސް، އަހަންނަށް ހުރިހާ ކަމެއް އެނގިއްޖެ..." އަސޫމީ ފޯނު ނެގުމާއިއެކު އީން ރޮއެރޮއެފައި ވާހަކަ ދެއްކި އެވެ. "މަންމަ ނުބުންޏަސް އަހަންނަށް އެނގިއްޖެއޭ ދާރިޔާ އަކީ އަހަރެންގެ ދައްތަ ކަން..." އީން ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ.

"ދަރިފުޅާ!..." އަސޫމީ ގޮވައިލީ ކަންބޮޑުވެފައިވާ ރާގެއްގަ އެވެ.

"މޯމް ސްޓޮޕް އިޓް..." އީން ބުންޏެވެ. "މަންމަ ހުރޭ މަންމަގެ ގޮތުގަ... ހުރިހާ ކަމެއް ހޯދާނީ އަހަރެން އަމިއްލައަށް..." އީން ފޯނު ކަނޑައިލީ އަސޫމީއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ އެވެ.

އަސޫމީ ތަކުރާރުކޮށް އީންއަށް ގުޅަން މަސައްކަތް ކުރި އެވެ. އެ ފޯނު އޮންނަނީ ނިއްވާލާފަ އެވެ. އޭނަގެ މުޅި ޙަޔާތުގައި ވެސް އީން އެފަދަ ގޮތަކަށް ކަންތައް ކުރި އެއީ ފުރަތަމަ ފަހަރުކަމުން އަސޫމީގެ ހިތުގައި ޖެހިފައިވީ މާ ވަރަކަށެވެ. އޭނަ ވަގުތުން ރާއްޖެ އަންނަން ޓިކެޓު ނެގުމުގެ މަސައްކަތް ފެށި އެވެ.

ކޮޓަރީގައި ދެކޮޅަށް ހިނގަހިނގައި ހުރި އީންއަށް ރޮވެނީ އެވެ. ގާތް އެކުވެރިންނާއި އާއިލާގެ ސިއްރުތަކުން އޭނަގެ ހިތުގައި ޖެހިއްޖެ އެވެ. އިރު އޮއްސި އަނދިރިވީ އިރުވެސް އޭނަގެ ތަބީއަތު ހަމައަކަށް ނޭޅުނެވެ. އޭނަ ބޭރަށް ނުކުތީ، މީހެއްގެ ޙިލަމެއް ނުވާނޭހައި ވަގުތު ކޮށްފަ އެވެ.

"އަހަރެން ނޫޅެން އެކަކު ކައިރީ ވެސް ކަމަކު ބުނާކަށް... އެންމެންވެސް އަހަންނަށް އޮޅުވާލަނީ... ހުރިހާ ކަމެއް ހޯދާނީ އަހަރެން އަމިއްލައަށް..." އަމިއްލަ ނަފުސާއި ވާހަކަ ދައްކަމުން އީން ހިނގަމުން ދިޔަ އެވެ.

އަނދިރި ރެއެކެވެ. މަގުތައް މަތީން ފެންނަމުން ދިޔައީ ފަޅު ކަމެވެ. ވަކި ހިސާބަކަށް ގޮސްފައި އީން ހުއްޓިއްޖެ އެވެ. ޖީބުގައި އޮތް ފޯނު ނެގީ ގަޑި ބަލައިލުމަށެވެ. އައި ރުޅީގައި ފޯނު ނިވާލިގޮތަށް އޭރުވެސް އޮތީ ނުހުޅުވަ އެވެ. އެކަމާއި ވެސް އޭނަ ހިތްހަމަނުޖެހުނީ، އެ ފޯނު ދެކެ އެވެ.

އީން އާއި މާ ދުރުނޫން ހިސާބެއްގައި އޭނަގެ ފަހަތުގައި މީހަކު ހުއްޓެވެ. އެމީހާ ދިޔައީ އީން ފުލުހުންގެ އިދާރާއިން ނުކުތީއްސުރެ، އޭނައަށް ފާރަލަމުންނެވެ.

އީން ކުރިއަށް ހިނގައިގަތުމުން އެ މީހާ ވެސް ހިނގައިގަތެވެ. ވަކި ހިސާބަކުން އީންއަށް އޭނަގެ ފަހަތުން މީހަކު އަންނަހެން ހީވި އެވެ. އޭނަ ފަސް އެނބުރި ބަލައިލިތަނައި، އެމީހަކު ޖެހިގެން ހުރި ގޯޅިއަށް ވަދެ ފިލައިފި އެވެ.

އީން އޭނާގެ ފިޔަވަޅުތައް އަވަސްކޮށްލި އެވެ. އެހިތަށް ވެރިވީ ބިރުވެރި ކަމެވެ. ފުލުހަކަށް ވިޔަސް، ޙާލަތުގެ ގޮތުން އޭނަ ޖެހިލުންވާން ފެށި އެވެ. ތުރުތުރު އަޅަމުންދިޔަ އަތަކުން ފޯނު ނަގައި އެ ހުޅުވަން މަސައްކަތް ކުރި އެވެ. ކުއްލިއަކަށް ފަހަތުން އައިސް ކޮންމެވެސް މީހަކު އޭނަގެ އަނގަމަތީގައި އަތް އަޅައިފި އެވެ. އޭނައަށް އިތުރު ކަމެއް ނުކުރެވިގެން އުޅެނިކޮށް، އެމީހަކު އޭނަ ފަހަތަށް ދަމައިގެންފި އެވެ. އެމީހާ އޭނަ ގެންގޮސް، އެންމެ އަވަހަށް ވަދެވެން ހުރި ގޯޅީގައި ހުރި ގެއެއްގެ ތެރެއަށް ވައްދައި ދޮރު ތަޅުލައިފި އެވެ.

އީން ތެޅި ފޮޅެމުން ދިޔަ އެވެ. ސަލާމަތްވުމަށް އޭނައަށް މާ ބޮޑު ބާރެއް ނުދެއްކުނެވެ. އެމީހެއްގެ އަތުގެ ބާރު އެއަށްވުރެ ގަދަ އެވެ.

"ޝްޝްޝް..." އެމީހަކު ބުނި އަޑު އިވުނެވެ.

ވައި އަޑަކުން ބުނި ކަމުގައި ވިޔަސް، އެއީ ކާކު ކަން އީންއަށް އެނގިއްޖެ އެވެ. އޭނަ ވަގުތުން ހިމޭން ވިއެވެ. އެއާއިއެކު އެމީހަކު އޭނަގެ އަނގަމަތީން އަތް ނަގައިފި އެވެ.

(ނުނިމޭ)