-
-
މި ބަންދުތެރޭގައިވެސް ކޯޓުތަކުގެ ޚިދުމަތް މެދުނުކެނޑޭނެ: ޑިޕާރޓްމަންޓް ފޮޓޯ: ރާއްޖެ އެމްވީ

މި ބަންދުތެރޭގައިވެސް ކޯޓުތަކުގެ ޚިދުމަތް މެދުނުކެނޑޭނެ: ޑިޕާރޓްމަންޓް

ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، 2020 އޮގަސްޓު މަހުގެ 4 ވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ މި މުއްދަތުގައިވެސް ޝަރުޢީ ކޯޓުތަކުގެ ޚިދުމަތްތައް ހުއްޓުމެއްނެތި ދެވެމުން ދާނެކަމަށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފިއެވެ.

ADS BY FENVARU

ކޮވިޑް19 ފެތުރެމުންދާ ރަށްރަށުގައި ޝަރުޢީ ކޯޓުތަކަށް މައްސަލަ ހުށައެޅޭނެ އިންތިޒާމުތައް އޮންލައިނުކޮށް ހަމަޖެއްސުމަށް، ޑީޖޭއޭން މިރޭ ނެރުނު ސާރކިޔުލަރއަކުން ކޯޓުތަކަށް އަންގާފައި ވެއެވެ. އަލަށް ހުށައޭޅޭ މައްސަލަަތާއި، މި މުއްދަތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެއްސިފައިވާ މައްސަލަތައްވެސް، ތާވަލާއި އެއްގޮތަށް ކުރިއަށް ގެންދެވުމަށްވެސް އެ ޑިޕާޓުމަންޓުން މިރޭ ނެރުނު ސާކިޔުލަރގައި ކޯޓުތަކަށް އަންގާފައިވެއެވެ. އެހެންނަމަވެސް، އޮންލައިންކޮށް ބޭއްވެންހުރި އެންމެހައި ޝަރީޢަތްތައްވެސް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށާއި، ޙާޒިރުވެގެން ކުރިއަށް ގެންދަންޖެހޭ ޝަރީޢަތްތަކަށްވެސް، ވީހައިވެސް މަދު މުވައްޒަފުން ނެރެގެން ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށްވެސް އަންގާފައި ވެއެވެ.

ގޭގައި ކުރެވެންނެތް މަސައްކަތްތަކަށް މުވައްޒަފުން ކޯޓަށް ނެރެވޭއިރު، ޢުމުރުން 60 އަހަރުން މަތީގެ މުވައްޒަފުންގެ އިތުރުން، ކޮވިޑް19 ޖެހިގެން ޙާލުބޮޑުވުމުގެ ނުރައްކާތެރިކަން އޮންނާނެފަދަ ބައްޔެއްކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ ބައްޔެއްހުރި މުވައްޒަފުންވެސް މަސައްކަތަށް ނުނެރުމަށްވެސް، ޑީޖޭއޭގެ ސާރކިޔުލަރއިން ކޯޓުތަކަށް އަންގާފައިވެއެވެ.

މިދުވަސްވަރަކީ ރާއްޖޭގައި ކޮވިޑް19 ބަލި ފެތުރެމުންދާ ނިސްބަތް އިންތިހާއަށް މައްޗަށް ޖެހެމުންދާ ދަނޑިވަޅެއްކަމުން، ސަރުކާރުގެ އިދާރާތަކުން ގެންދަނީ، ޚިދުމަތްދިނުމުގައި ވަކި ގޮތްތަކެއް ކަނޑައަޅަމުންނެވެ. ޚިދުމަތް ދެމުންދާ ގަޑިއަށް ބަދަލުގެނައުމުގެ އިތުރުން، ޙާޒިރުވެގެން ޚިދުމަތް ދިނުން ހުއްޓާލައި، އޮންލައިން ކޮށް ޚިދުމަތްދިނުމަށް ގިނަ އިދާރާތަކަކުން ނިންމަމުން ގެންދާކަންވެސް ފާހަގަ ކޮށްލެވެއެވެ.