-
-
މެކްޑޮނަލްޑުން ގަތް ނަގެޓްސްއަކުން ކުޑަކުއްޖަކަށް ފޭސްމާސްކެއް ކެވިއްޖެ މެކްޑޮނަލްޑުން ގަތް ނަގެޓްސްގެތެރޭގައި ފޭސްމާސްކެއް -: ފޮޓޯ: ހަމްޕްޝާރ ލައިވް

މެކްޑޮނަލްޑުން ގަތް ނަގެޓްސްއަކުން ކުޑަކުއްޖަކަށް ފޭސްމާސްކެއް ކެވިއްޖެ

ތައްޔާރީ ކާނާގެ ވިޔަފާރީގައި މަޝްހޫރު މެކްޑޮނަލްޑުން ކުޑަކުއްޖަކަށް ގަނެދިން ޗިކަން ނަގެޓްސްއެއްގެ ތެރޭގައި އޮތް ފޭސްމާސްކެއް އެކުއްޖާއަށް ކެވިއްޖެއެވެ.

ADS BY FENVARU

އިނގިރޭސިވިލާތުގެ ހަމްޕްޝާރ ސިޓީގެ އަވަަށެއްގައި އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހިނގައިދިޔަ މިހާދިސާގައި، ޢުމުރުން 6 އަހަރުގެ ކުޑަކުއްޖަކަށް އޭނާގެ މަންމަ، މެކްޑޮނަލްޑުން ގަނެދިން ޗިކަން ނަގެޓްސްގެ ތެރޭގައި މާސްކެއް އޮތްކަން އެނގުނީ، ގެއަށް އައިސް ކުޑަކުއްޖާ ސޯފާގައި އިނދެގެން އެ ނަގެޓްސް ކަމުން ދަނިކޮށް ކަރުގައި އަޅައިގަތުމުގެ ސަބަބުން މަންމަ އައިސް، ކުއްޖާގެ އަނގަޔަށް އިނގިލި ކޮށްޕައިގެން، ތާށިވެފައިވާ ކާއެއްޗިިސް ނެރެ ބެލުމުންކަމަށް، ބައިނަލް އަޤުވާމީ ބޮޑެތި ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ޢުމުރުން 6 އަހަރުގެ ކުޑަ މެޑީއަށް ކެވުނު ނަގެޓްސްގައި ފޭސްމާސްކެއް އޮތްކަން، 32 އަހަރުގެ ޒުވާން މަންމަ ލައުރާއަށް ކަށަވަރު ކުރެވުނީ، މެޑީގެ އަގައިން ނެރުނު ކާއެއްޗެހީގައި ނޫކުލައިގެ އެއްޗިސްތަކެއް ހުރުމުން، 20 ނަގެޓްސްގެ ފޮށީގައި ބާކީހުރި ނަގެޓްސްތައް ބެލިބެލުމުން އޭގެއިން ނަގެޓްސްއަކުންވެސް ޑިސްޕޯސަބްލް ފޭސްމާސްކެއް ފެނުމުންނެވެ. އިނގިރޭސި މީޑިއާއެއްކަމުގައި ވާ ހަމްޕްޝާރ ލައިވުންވެސް ވަނީ، ފޮޓޯއާއިއެކު މިހާދިސާ ރިޕޯޓް ކޮށްފައެވެ.

ހާދިޘާ ހިނގުމާއެކު ލައުރާވަނީ، މެކްޑޮނަލްޑް ރެސްޓޯރެންޓަށް ގޮސްފައެވެ. ދިމާވި ކަންތަކުގެ ޝަކުވާ އުފުލުމާއެކު، ތަނުގެ މެނޭޖަރުއައިސް ބައްދަލޮކޮށް މަޢާފަށް އެދުނެވެ. އަދި މެޑީއަށް އެ ކެވުނު ނަގެޓްސްއަކީ، އެތަނުގެ ތެރޭގައި އުފައްދާފައިވާ އެއްޗެއް ނޫންކަމާއި، ބޭރުން ތިންވަނަ ފަރާތެއް މެދުވެރިކޮށް ސަޕްލައި ކުރެވިގެން ގެނެސްފައިވާ ނަގެޓްސްތަކެއްކަމަށްވެސް ރެސްޓޯރަންޓުން ލައުރާއަށް މައުލޫމާތު ދީފައިވެއެވެ.

މެކްޑޮނަލްޑްގެ ރަސްމި ތަރުޖަމާނަކާއި ޙަވާލާދީ، ބައިނަލް އަޤުވާމީ ނޫސްތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ރެސްޓޯރެންޓްގެ ފަރާތުން ސީރިއަސް މައްސަލައެއްގެ ގޮތުގައި އެމައްސަލަ މިހާރުގެންދަނީ ތަޙްޤީޤުކުރަމުންނެވެ.

މިދުވަސްވަރަކީ މުޅިދުނިޔޭގައިވެސް ކޮވިޑް19 ފެތުރެމުންދާ ދުވަސްވަރަކަށް ވާއިރު، ބަލިން ރައްކާތެރިވުމަށް ބޭނުންކުރެވޭ މާސްކެއް، ކާއެއްޗެއްގެ ތެރެއިން ފެނުމަކީ އިންތިހާއަށް ކަންބޮޑުވާން ޖެހޭކަމެކެވެ. އަދި ސަފުން މުޅިދުނިޔޭގައިވެސް މަޝްހޫރުކަން ހޯދާފައިވާ މެކްޑޮނަލްޑް ފަދަ ތަނަކުން މިކަހަލަގެ ޙާދިޘާއެއް ހިނގާފައި ވާނަމަ، އެކަމުގެ ސަބަބުން ބޮޑު ގެއްލުމަކާއިވެސް އެކުންފުންޏަށް ކުރިމަތިލާން ޖެހިދާނެވެސް މެއެވެ.

(ބައިނަލް އަޤްވާމީ ނޫސްތައް)