-
-
ވައިގެ ދަތުރު ފަތުރުކުރުމުގައި "ބަބްލްސް" އެއްބަސްވުމަކީ ކޮބާ؟ އިންޑިއާގެ ފޮރިން މިނިސްޓަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު ބޭއްވި އޮންލައިން ބައްދަލުވުމުގައި - ފޮޓޯ: ފޮރިން މިނިސްޓަރ ޝާހިދު ޓްވިޓަރ

ވައިގެ ދަތުރު ފަތުރުކުރުމުގައި "ބަބްލްސް" އެއްބަސްވުމަކީ ކޮބާ؟

ކޮވިޑް19 އާއި ގުޅިގެން ދުނިޔޭގެ ބައިނަލް އަޤްވާމީ ބޯޑަރުތައް ބަންދުކޮށްފައި ބާއްވަން ޤައުމުތަކަށް މަޖްބޫރު ވުމަށްފަހުގައި އަލުން ބޯޑަރުތައް ހުޅުވާލެވިގެން ދާއިރު ވެސް، ޓެސްޓް ކުރުމާއި ކަރަންޓީނުވުން ފަދަ ކަންކަމަކީ، ނިއު ނޯމަލްގައި، ބައިނަލް އަޤްވާމީ ދަތުރު ފަތުރުތަކުގައި ތަބަޢަވާން ޖެހޭ ޢާންމު މިންގަނޑެކެވެ.

ADS BY FENVARU

އެހެންނަމަވެސް، ބަލީގެ ޙާލަތު ހަންމަތަ ކުރެވިފައިވާ މިންވަރާއި، ބަލިގެ ތަފާސް ހިސާބުތަކާއި ބައްޔަށް ތަޙްލީލު ކުރުމުގައި ވެސް އެއްޤައުމު އަނެއް ޤައުމަށް ފުރިހަމައަށް އިތުބާރު ކުރެވޭ ޤައުމުތަކުގެ މެދުގައި ދަތުރުފަތުރު ކުރުމުގެ "ބަބްލްސް" އެއްބަސްވުންތައް ޤާއިމުކުރެވިގެން، އެ ޤައުމުތަކުގެ މެދުގައި ބޯޑަރުތައް ހުޅުވާލެވެއެވެ.

ޓްރަވަލް ބަބްލްސްއަކީ، އެ އެއްބަސްވުމުގެ ބައިވެރި ޤައުމުގެ ދެމެދުގައި ދަތުރު ފަތުރު ކުރުމުގައި، ބޭރުވުމާއި އެތެރެވުމުގައި ވެސް، ކޮވިޑް19 އަށް ޓެސްޓްކުރުމާއި އަދި އެއްވެސް ކަރަންޓީނަކަށް ދިއުމަކާއި ނުލައި، ސީދާސީދަލަށް އެއްޤައުމުން އަނެއް ޤައުމާއި މެދު ދަތުރުފަތުރުކޮށް އުޅުމަށް ހުއްދަ ދެވޭ ޚާއްޞަ އެއްބަސް ވުމެކެވެ.

ދި އިކޮނޮމިސްޓް ނޫހުގައި ހާމަކޮށްފައިވާ ގޮތުގައި، "ކޮވިޑް ސޭފް ޓްރަވެލް ޒޯން" ގެ ގޮތުގައި ކަނޑައެޅިފައިވާ އޮސްޓްރޭލިއާ އަދި ނިއުޒީލެންޑް، މި ދެ ގައުމުން ބަބްލްސް އެއްބަސްވުން ޤާއިމުކޮށް، ކާމިޔާބުކަމާއެކު ބޯޑަރުތައް ހުޅުވާލުމުގައި އިސްދައުރެއް އަދާކުރެވި ދާނެއެވެ. އަދި ކޮވިޑް19 ހަންމަތަ ކުރުމުގައި ދުނިޔޭގައި ކާމިޔާބު ހޯދާފައިވާ ކުދި ޤައުމުތައްކަމަށް ވާ، ފީޖީއާއި ކުކް އައިލެންޑްސް ފަދަ ޤައުމުތަކުގެ އިތުރުން، ހޮންގްކޮންގާއި، ސައުތު ކޮރެއާއާއި އަދި ތައިވާނު، މި ބަބްލްސް ގެ ތެރެއަށް ވެއްދި ދާނެއެވެ.

"ބަބްލްސް" އެއްބަސްވުމަކީ، އޭގެ ނަމުންވެސް އޭގެ ޙަޤީޤަތް ދޭހަވާގޮތަށް ނަންދެވިފައި ވާ، ކޮވިޑް19 ގެ މިހާލަތުގައި ބައިނަލް އަޤްވާމީ ދަތުރު ފަތުރުކުރުމުގައި ޢަމަލު ކުރާނެ ލުއި މިންގަނޑެކެވެ. ދެނެގަންނަން ތަންކޮޅެއް ފަސޭހަ ބީދައަކުން ދިވެހިބަހުން ބުނަނީނަމަ "ސައިބޯނި ބޮކި" އެއްބަސް ވުމެވެ.

ސައިބޯނި ބޮކިތަކެއްގެ މޭރުމުން އެފަދަ އެއްބަސްވުންތައް ޞިފަކުރެވެނީ، އެ އެއްބަސްވުން ދެމިއޮތުމަކީ ކުޑަވެސް ޔަޤީންކަމެއް އޮންނާނެ ކަމަކަށް ނުވާތީ އެވެ. ޓެސްޓް ކުރުމަކާއި އަދި ކަރަންޓީނަކާއި ނުލައި، އެހެން ޤައުމަކުން އަނެއް ޤައުމަކަށް އެތެރެވާން ހުއްދަ ދެވި އެތެރެ ވާމީހުން ކޮވިޑް19 އަށް ފައްސި ވާނަމަ، އެ ލުއިތައް ވަގުތުން ހުއްޓުވޭނެއެވެ. ވީހިނދު އިސާހިތަކު ފަޅައިގެން ހިނގައިދާނެ ސައިބޯނި ބޮތްކެކޭ މިފަދަ އެއްބަސް ވުންތަކެކޭ ތަފާތެއް ނޯންނާނެ ތާއެވެ. ބަބްލްސްއޭ ކިޔެނީ އެހެންވެގެނެވެ.

ކޮވިޑް19 ގެ ޙާލަތު ސާރޖުގައި ނުވަތަ ކުންނުގައި ވާ ޤައުމުތަކުގެ މެދުގައި "ބަބްލްސް" އެއްވަސްވުން ހެދުމަކީ ނާދިރު ޙާލަތެއްގައި މެނުވީ ނުކުރާނެ، އަދި ޞިއްޙީ ގޮތުން ބަލާއިރު އިންތިހާއަށް ނުރައްކާތެރިކަން ބޮޑުކަމެކެވެ. އެހެންނަމަވެސް މިފަދަ ޙާލަތްތަކުގައިވެސް، "އިސްތިސްނާއީ" ސަބަބަކާއިހުރެ ބަބްލްސް އެއްބަސްވުން މަދުން ނަމަހީވެސް ހެދިފައި ވެއެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރާއި، ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވި، ދެ ޤައުމުގެ ޚާރިޖިއްޔާގެ އިސްވެރިންގެ ވަރަށް ޚާއްޞަ އޮންލައިން ބައްދަލުވުމެއް މިއަދު ބޭއްވި، މުހިންމު ނިންމުންތަކެއް ނިންމިގެން ދިޔަ މި ބައްދަލުވުމަށް ފަހުގައި، އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ދެ ގައުމުގެ މީހުންގެ ދަތުރުފަތުރު ހަލުވިކޮށް، ދެމެހެއްޓުމުގެ ގޮތުން، ވައިގެ ދަތުރުފަތުރުތަކުގެ "ބަބްލްސް" އެއް، ރާއްޖެއާއިއެކު ޤާއިމުކުރެވި ފެށިގެން ދާނެކަމުގައެވެ. އަދި އިންޑިއާގެ ނޫސްތަކުން، އެގައުމުގެ ސަރުކާރާގެ އޮފިޝަލުންނާއި ޙަވާލާދީ ހާމަކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އަންނަ އަންގާރަ ދުވަހު، އެގައުމުން ރާއްޖެއަށް ދަތުރުކުރަން ފަށާނެއެވެ.

ބަބްލްސް އެއްބަސްވުމާއި ގުޅޭ ތަފްޞީލުތަކެއް ފޮރިން މިނިސްޓްރީން މިހައިތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެ މިނިސްޓްރީއާއި ޙަވާލާދީ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ، އިންޑިއާގެ ޞިއްޙީ ޚިދުމަތްތެރީން މިހިނދު އެގައުމުގައި "ތާށި" ވެފައި ތިބެންޖެހުމުން، މި އެއްބަސްވުމުގެ ސަބަބުން، ނިމުމަކަށް އައިސް، އެފަރާތްތަކަށް ފަސޭހަކަމާއެކު ރާއްޖެއައިސް ޚިދުމަތް ކުރުމުގެ ފުރުޞަތު ފަހިވެގެން ދާނެކަމަށް ބުނެފައި ވެއެވެ. ކޮވިޑް19 ރާއްޖެއިން ފެނުމާއި ގުޅިގެން، ރާއްޖޭގައި ވަޒީފާ އަދާކުރަމުންދިޔަ އެގައުމުގެ ގިނަ ރައްޔިތުންތަކެއް ޢަސްކަރީ މަނަވަރުގައި ޤައުމަށް ފޮނުވިފައި ވެއެވެ.

ޢާންމުކޮށް ޤައުމުތަކުން ބަބްލްސް އެއްބަސްވުންތައް ވަމުންދާ ގޮތާއި ޚިލާފަށް އިސްތިސްނާއީ ޙާލަތެއްގައި މިފަދަ އެއްބަސްވުމެއް ދިވެހި ސަރުކާރުން އިންޑިއާއާއިއެކު ވުމުން، އެކަމުގެ ފަންނީ މައުލޫމާތުތައް ހޯދުމަށް މިނޫހުގެ ފަރާތުން ޚާރިޖީ ދާއިރާގެ އެންމެއިސް ފަންތީގައިވެސް މަސައްކަތް ކުރަށްވާފައި ވާ ދެ ފަރާތެއްގެ އިތުރުން، އެޕިޑެމޮލޮޖީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފުށުން މައުލޫމާތު ހޯދުމަށް މަސައްކަތް ތަކެއް ކުރެވި މައުލޫމާތުތައް ހޯދުނުވެސް މެއެވެ.

ދެ ޤައުމުގައިވެސް ކޮވިޑް19 ގެ ޙާލަތު ނުރައްކާތެރި ޙާލަތެއްގައި އޮތް އިރު، އިސްތިސްނާއީ ޙާލަތެއްގައި މިފަދަ އެއްބަސްވުމެއް ދިވެހި ސަރުކާރުން އިންޑިއާއާއިއެކު ވެފައި މިވަނީ، ރާއްޖޭގެ ކޮވިޑް19 ފެތުރުން އިތުރުވެގެން ގޮސް، ޞިއްޙީ މާހިރުންނާއި އިންސާނީ ވަޞީލަތްތަކަށް ނުކަތާވަރު ވެގެންދާތީ ވެ، އެކަންކަމަށް ތައްޔާރުވުމަށް ކަމަށް ވުމީވެސް އެކަށީގެންވާ ކަމެއްކަމުގައި، ޞިއްޙީ ދާއިރާގައި މިހާރުވެސް އިސްކޮށް މަސައްކަތް ކުރަށްވާ ޚިދުމަތްތެރިއަކާ މިނޫހުން ކުރި ސުވާލުގެ ޖަވާބުގައި ވިދާޅުވެފައި ވާކަންވެސް ފާހަގަ ކޮށްލަމެވެ.