-
-
ތޫނު އެއްޗަކުން ހަމަލާދީ، ފައިސާތަކެއް ފޭރިގެންފި މާލޭ ސިޓީގައި މިރޭ ހިނގާދިޔަ، ތޫނު އެއްޗަކުން ހަމަލާދީ ފޭރުމުގެ ހާދިސާ -: ފޮޓޯ: ފެށުން

ތޫނު އެއްޗަކުން ހަމަލާދީ، ފައިސާތަކެއް ފޭރިގެންފި

މާލޭ ސިޓީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ، ގިނަ ޢަދަދެއްގެ ފައިސާތަކެއް ފޭރިގެންފިއެވެ.

ADS BY FENVARU

ފުލުހުންގެ މިޑިއާ ގްރޫޕްގައި މިކަން ކަށަވަރު ކޮށްދެމުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އަމީނީމަގު ވިޔަފާރިވެރިންގެ މިސްކިތް ކައިރީގައި މިރޭގެ ވަގުތެއްގައި ހިނގައި ދިޔަ މިހާދިސާ ފުލުހުންނަށް ހުށައެޅިފައި ވަނީ މިރޭގެ 10:34 ހާ އިރުއެވެ.

"މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީ ފޭރިފައި ވަނީ، 2 ސައިކަލެއްގައި ދިޔަ ބަޔަކު"

ފުލުހުން މީޑިއާތަކަށް ހާމަކޮށްފައިވާ މައުލޫމާތުގައި އިތުރަށް ބަޔާންކޮށްފައި ވެއެވެ. މިހަމަލާގައި ޒަހަމް ވީ މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެވެމުން ދާކަމަށާއި، އެ ސަރަޙައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން ދާކަމަށްވެސް ހާމަކޮށްފައި ވެއެވެ.

ހަމަލާދެވުނު މީހާގެ ގައިން ފައިބާފައިވާ ލޭ -: ފޮޓޯ: ފެށުން

ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހުންނަށް ހަމަލާ ދިނުމަކީ، ރާއްޖޭގައި ދޭތެރެއަކުން ހިނގާ ކަމެކެވެ. މިފަދަ ހާދިސާތައް ގިނަ ފަހަރަށް ގުޅިފައި ވަނީ އަދި އުފަންވެގެން އައިސްފައި ވަނީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންގެ ފުށުންނެވެ. ގައުމުގެ ޒުވާނުންގެ އާބާދީގެ ބޮޑު ނިޞްބަތެއް މި ވަބާގައި ޖެހިފައި ވާއިރު، ތަޢުލީމީ ހުނަރުވެރި އެތަކެއް ޒުވާނުންނެއްވެސް މިކަމުގައި އަޅުދާސްތު ވެ، ނޭދެވޭ ކަންކަމުގެ އިތުރުން ޚުދު ބޮޑެތި ޖަރީމާތަކުގައިވެސް ދުވަސްތައް ހޭދަކުރަން ޖެހިފައި ވެއެވެ.

މުޅި ދަޢުލަތުގެ އެންމެހައި މުއައްސަސާތަކާއި ޖަމިއްޔާ ޖަމާޢަތްތަކާއި ޢާންމު ފަރުދުންވެސް ގުޅިގެން ޒިންމާދާރު އިޚްލާސްތެރި މަސައްކަތްތަކެއް ކުރެވިއްޖެނަމަ މިކަމުގައި ޖެހިފައި ތިބި ޒުވާނުގެ ތެރެއިން މުޖުތަމަޢަށް އެނބުރި ނުކުންނާނެ ފަދަ ޒުވާނުން މުޖުތަމަޢަށް ނެރެވި، އަދަބު ލިބެންޖެހޭ ބައަކަށް އަދަބު ލިބިގެންގޮސް، މަސްތުވާތަކެތީގެ ސަބަބުން މުޅި މުޖަމަޢުގައި އުފެދިފައިވާ އެންމެހައި މައްސަލަތައް އެއްކޮށް ނުހުއްޓުވުނު ކަމުގައި ވީ ނަމަވެސް ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަން މިހިނދު ގެއްލިފައި ވާ މިންވަރުން އަރައިގަނެވޭނެ ކަން ކަށަވަރެވެ.