-
-
ކޯވިޑް 19: ވެކްސިން ކާމިޔާބު ވިޔަސް، މިއީ އިމްތިހާނެއް

ކޯވިޑް 19: ވެކްސިން ކާމިޔާބު ވިޔަސް، މިއީ އިމްތިހާނެއް

ޖާހިލިއްޔަ ޒަމާން އަލުން އިޔާދަވެ ބަޔަކު ދުނިޔޭގައި އުޅެމުން ދިޔައީ ރައްބެއް، ރަސޫލެއް، ދީނެއް ވާކަން ހަނދާންނެތިއެވެ. މުޅި ކައުނުން އިސްލާމީ ނޫރު ފަނޑުވަމުންގޮސް ސައްތައިން ސައްތަކަމަށް ދަޢުވާ ކުރާ އިސްލާމީ ޤައުމުތަކުގައިވެސް މީހުން އުޅެމުން ދިޔައީ އެންމެ ޖާހިލު އަމަލުތައް ކުރުމުގައެވެ. މަދު ބަޔަކު ފިޔަވައެވެ.  ލާދީނީ އޮޔެވަރުގައި ޖެހި މުޝްރިކުން ކުޅެމުން އަންނަ ފިކުރީ ހަނގުރާމައިން މުސްލިމު ހިތްތައް ބަލިކަށިވެފައިވަނިކޮށް ދުނިޔެއަށް ކުރިމަތިވި މުސީބާތް ދެކިބަލާށެވެ.

ADS BY FENVARU

އާދައިގެ ކުޑަ ކުޑަ ވައިރަހެކެވެ. ސާސް ކޯވ 2 ގެ ނަމުން ނަންދެވުނު މި ވައިރަސް އަކީ ކޮރޯނާ އާއިލާއަށް ނިސްބަތްވާ ވައިރަހެއްކަން ސައިންސްވެރިންނަށް ހޯދުނު ކަމާމެދުވެސް ޝުކުރު ކުރަމެވެ. އެހެންނޫންނަމަ ގޮތް ނޭނގޭ ބިރުވެރިކަމެއްގެ ތެރޭގައި ވާނުވާ ނޭނގި އެތައްބަޔަކު މަރުވެ ދިޔައީހެވެ. ރައްކާތެރިވާން ހަދާނެ ގޮތެއް ނޭނގި މަރުބައްޔެއްގައި ޖެހި މުޅި ދުނިޔެ ހަލާކުވެގެން ދިޔައީހެވެ. ނަމަވެސް ހާސިލު ކުރާނެ މިންވަރަށް އިބުރަތް ހާސިލު ކޮށް ތައުބާވާންވީ ވަރަށް ތައުބާވާން ފުރުސަތު ލިބިއްޖެއެވެ. ކުރިމަތީގައި މަރުވެދިޔައީ ދުވާލެއްގެ މައްޗަށް ކިތައް މީހުންތޯއެވެ؟

ބަވަނަ ވެފައިވާ ދުނިޔޭގައި އެއް ޤައުމުން އަނެއް ޤައުމަށް ދަތުރު ނުކުރިޔަސް، ހިނގަމުންދިޔަ ހުރިހާ ކަމެއް ދިޔައީ ލޯ މައްޗަށް ފެންނަމުންނެވެ. ސިއްޙީ ޚިދުމަތްތެރިންނަށް ބާރުބޮޑުވެ، ހަސްފަތާލުތައް ފުރި ބޮޑެތި ސަރުކާރުތައް ގޮތްހުސްވެ އިޤުތިސާދީ ބޮޑެތި ވަޅުގަނޑުތަކަށް ވެއްޓެން ފެށިއެވެ. މަރުވަމުންދާ މީހުން އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެ މައްޔިތުން ވަޅުލާނެ ގޮތްތައް ނެތި ބަޔެއް ޤައުމުތަކުގެ ދިފާޢީ ބާރުން މައްޔިތުން ވަޅުލުމުގެ ކަންކަމާއި ހަވާލުވެފައިވެއެވެ.

މަރު އެނދުމަތީ ދަރިން ނުވަތަ މައިންބަފައިން ލޮލަށް ނުފެނި އެންމެ ފަހުފަހަރު ލޯ މަރާލަން ޖެހުނުތާ، ޖަނާޒާވެސް ނުބޭއްވި ވަޅުލާން ޖެހުނީ ކިތައް މީހުންހެއްޔެވެ؟ މިއީ މި ފަހުގެ ތާރީޚެއްގައި ދުވަހަކުވެސް ދުނިޔެ ދުއް ކަންކަމެއް ނޫނެވެ.

އިސްރާފު ކުރަމުން، ފަޤީރުންގެ ހާލު ބެލުމެއްނެތި، ލިބުނު ވަރަކުން ބޭކާރު ޚަރަދު ކުރަމުން ދެއްކުންތެރިކަމާއެކު ދުނިޔޭގައި އުޅެމުންދިޔަ މީހުން، ނުވަތަ ޤައުމުތަކުގެ އަމީރުންނާއި، ރައީސުން، ރަސްކަލުން މި ބަލީގައި އިސްތިސްނާ ވެފައެއް ނެތެވެ. މާނަޔަކީ ﷲ ގެ ހަޟްރަތުގައި އެންމެން ހަމަހަމައެވެ. މަޤާމަކުން، ހަސަބަކުން ނަސަބަކުން މީހާގެ އިއްޒަތާއި ޤަދަރު އުފުލިގެން ނުދެއެވެ.

އަނެއްކޮޅުން އެއް ޤައުމު އަނެއް ޤައުމަށް ދަތުރު ފަތުރު ކުރުން ހުއްޓުނީއެވެ. ތަޢުލީމު ދިނުން ހުއްޓުނީއެވެ. ވިޔަފާރިވެރިން ވިޔަފާރިތައް ބަގުރޫޓުވެގެން ދިޔައެވެ. ވަޒީފާ ގެއްލި އެތައް އާއިލާއެއް މަގުމަތިވިއެވެ. ކާނެ އެއްޗެއް ހޯދަން ސަލާމް ޖަހަން މުޖުބޫރު ކުރުވިއެވެ. އެ ހާލެއްގައި ރޯދަމެހެއްވެސް ފާއިތުވެގެން ހިނގައްޖެއެވެ. ހައްތަހާވެސް އިމްތިޙާނެވެ.

ކޯވިޑު 19 ގެ އަސަރު ނުކުރާ ޤައުމެއް، ނުކުރާ މީހެއް ހުރެދޭނެ ހެއްޔެވެ؟ ޤަބޫލެއް ނުކުރެވެއެވެ. ލޮލަށް ނުފެންނަ މި ކުޑަ ކުޑަ ވައިރަސްގެ ސަބަބުން މުޅި ދުނިޔެ މިވަނީ ކުޑަ ކަކޫ މައްޗަށް ތިރިވެފައެވެ. މި ހާލެއްގައި އަހަރެއްވާން ކައިރިވެފައިވަނިކޮށް ރަޝިޔާއިން މިވަނީ ވެކްސިނެއްގެ އުފާވެރި ޚަބަރު ދީފައެވެ. "ސްޕްޓްބިކް ވީ" ނަމަކަށް ކިޔާ މި ވެކްސިނަކީ ކޯވިޑް 19 ބަލިން 2 އަހަރު ދުވަސް ވާންދެން ރައްކާތެރިކޮށްދޭނެ ވައިރަސްއެއް ކަމަށް އެ ޤައުމުން މައުލޫމާތު ދެއެވެ.

އެންމެ ފުރަތަމަ ސިއްޚީ ޚިދުމަތްތެރިންނަށާއި ޓީޗަރުންނަށް ދިނުމަށް ހަމަޖެހިފައިވާ މި ވެކްސިން އާންމުކޮށް ގިނަ ބަޔަކަށް ޖެހޭނެ ކަމުގައި ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ކޮންމެއަކަސް އެތައް ދުވަހެއްގެ ދިގު އިންތިޒާރެކެވެ. އެހެންނަމަވެސް މި ވެކްސިނަކީ ހަދަންޖެހޭ ވަރަށް ތަޙުލީލުތައް ހެދިފައި ނުވާ ވެކްސިނެއްކަމަށް ހުޅަނގުގެ ބަޔެއް ޤައުމުތަކުން އަދިވެސް އަންނަނީ ދަޢުވާ ކުރަމުންނެވެ. އެހެން ނަމަވެސް ރަޝިޔާ އިން އެކަން ދޮގު ކުރެއެވެ.

ވެކްސިން ކާމިޔާބުކަން ޔަޤީން ކުރެވޭނީ ވެކްސިން ދެވި އެކަމުގެ އަސަރު ފެންނަން ފެށުމުންކަން ޔަޤީނެވެ. ވެކްސިން ކާމިޔާބު ވެއްޖެނަމަ ﷲ ގެ ތަނަވަސް ރަޙުމަތުން ދެން މި ބަލިން އަރައިގަނެވޭނެ ކަމުގެ އުންމީދު އާވެއެވެ. އެހެންނަމަވެސް ޤަބޫލު ކުރަންޖެހޭ ހަޤީގަތަކީ ކޯވިޑު 19، ދުނިޔެއަށް ބޮޑު ފިލާވަޅެއް ދީފި ކަމެވެ. އިބުރަތްތަކެއް ހާސިލު ކުރަން މަޖުބޫރު ކޮށްފިކަމެވެ. އަލުން އިސްލާހުވެ ހެޔޮމަގަށް އެޅެން މުޅިން އައު ފުރުސަތެއް ދީފިކަމެވެ. އެހެންނަމަވެސް ވިސްނައިފި ބަޔަކަށެވެ.