-
-
ކާވިން... 21

ކާވިން... 21

"ޝްޝްޝް..." އެމީހަކު ބުނި އަޑު އިވުނެވެ.

ADS BY FENVARU

ވައި އަޑަކުން ބުނި ކަމުގައި ވިޔަސް، އެއީ ކާކު ކަން އީންއަށް އެނގިއްޖެ އެވެ. އޭނަ ވަގުތުން ހިމޭން ވިއެވެ. އެއާއިއެކު އެމީހަކު އޭނަގެ އަނގަމަތީން އަތް ނަގައިފި އެވެ.

********

ހާސްވެގެން ދެކޮޅަށް ހިނގަހިނގައި ހުރި ޔުނާންގެ ހަރަކާތްތަކަށް ބަލަން ނުހާމް އާއި ލަޔާން ތިބިއިރު ދައްކާނޭ ވާހަކައެއް އެއިން އެކަކަށް ވެސް ނޭނގުނެވެ. އީންއަށް ވީގޮތުން ހުދު އެމީހުންވެސް ތިބީ ކަންބޮޑުވެފަ އެވެ. އީން ދިޔައީއްސުރެ ޔުނާންގެ ހާލަކީ ތޯއެވެ. އެހެން އެންމެންނަށްވުރެ އޭނާގެ ހާލު ބޮޑެވެ. ތަނެއްގައި އިށީންނަންވެސް ނޫޅެ ދެކޮޅަށް ހިނގަހިނގައި ހުރިއިރު، އެހެން ކަމެއްގެ މަތީން ހަނދާން ވެސް ނުވާ ކަހަލަ އެވެ.

"އެހެންވެއޭ އަހަރެން ކުރިންވެސް ބުނީ މިކަން އީންއަށް އަންގަން އުޅޭށޭ... މިހާރު މިވީ މާ ދެރަގޮތެއްނު..." އެތައް އިރަކު އެއްޗެއް ނުބުނެ އިނދެފައި، އިސްނެގީ ނުހާމެވެ.

ހިނގަހިނގައި ހުރި ޔުނާންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އޭނަ ފަސްއެނބުރި ނުހާމްއަށް ބަލައިލީ ދެލޯ ހަނިކޮށްލަމުންނެވެ.

"ދެން ތިއޮތީ ބަސްޓުވެފަ... އިތުރަށް ސިއްރު ކުރުމުގެ މާނައެއް ނެތް..." އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި ލަޔާން ވާހަކަ ދެއްކި އެވެ.

"ސިއްރު ކުރީވެސް އީން ދެރަވެދާނެތީއޭ... އޯކޭ.. އަހަރެން މިގުޅަނީ އޭނައަށް... ހުރިހާ ވާހަކައެއް ކިޔައިދޭނަން..." ޔުނާން އޭނަގެ ފޯނު ނަގައިގެން އެތަނުން ދިޔުމަށް ހިނގައިގަތެވެ.

"އޭ ކަލޭ ހަމަޖެހިބަލަ..." ޔުނާންގެ ފަހަތުން ގޮސް، ކުރިމައްޗަށް އަރަމުން ލަޔާން ބުންޏެވެ. ނުތަނަވަސްކަމުގެ ތެރެއިން ޔުނާން ގޯހެއް ހަދައިފާނެތީ އޭނަ ޖެހިލުން ވީއެވެ.

"ހަމަޖެހެވޭނީ ކިހިނެއް؟..." ޔުނާންގެ ދެލޯ ފެންކަޅިވާން އުޅުނެވެ. "އޭނަ އެދިޔައީ އަހަރެންދެކެ ރުޅި އައިސްގެންނޭ... ދުވަހަކުވެސް އެގޮތަށް އަހަރެންދެކެ ރުޅިއެއް ނާދޭ މިނޫނީ..."

"ޔުނާން ތި އުޅޭ ގޮތުން މިހާރު އެހެން މާނައެއްވެސް އެބަ ދޭހަވެއޭ..." އެއްޗެއް ޔަޤީންކޮށްލާ ފަދައިން ލަޔާން ބުންޏެވެ.

"ކޮން މާނައެއް؟..." ޔުނާން ސުވާލުކުރީ ފަރުވާކުޑަ ރާގަކަށެވެ.

"އޭނައާ ލައިކްވާހެން ހީވަނީ..." އެއްވެސް ފޮރުވުމެއްނެތި ލަޔާން އޭނަގެ ހިތުގައި އޮތް އެއްޗެއް ހާމަކޮށްލި އެވެ.

"އާނ!... އާނ!... އަހަރެން ލައިކްވޭ... ވަރަށް ގަޔާވެވޭ..." ޔުނާން އެއްބަސް ވިއެވެ.

ލަޔާން އާއި ނުހާމް ވެސް ޤަބުވެފައި ޔުނާންއަށް ބަލަން ތިބީ އެވެ. ދެމީހުންނާއި ދިމާއަށް ބަލައިލުމަށްފަހު ޔުނާން އެތަނުން ދިޔައީ، އީންގެ ފޯނަށް ގުޅަމުންނެވެ.

********

ބިރުން ރޮއެރޮއެ ހުރި އީންއަށް ކާވިން ފެނުމާއިއެކު އެ މޭގައި ބޮނޑިވެލީ އިހުތިޔާރުން ބޭރުގަ އެވެ. އޭނަ ހީކުރީ އެއީ ދުނިޔެއަށް ނޭވާލުމަށް ލިބޭނޭ ފަހު ފުރުސަތު ކަމަށެވެ. އެކްސްގެ އިންޒާރުގެ މަތީން އޭނަ އަދިވެސް ހަނދާނެއް ނުނެތެ އެވެ. ދެންމެ ވީ ކަމެއްހެން އޭނަގެ ކަންފަތް ކައިރީގައި އެ ޖުމްލަތައް ތަކުރާރުވަމުންދިޔަ ކަހަލަ އެވެ.

އީންގެ އުނަގަނޑުގައި ދެއަތުން ހިފަހައްޓައިލި ކާވިންގެ ނަޒަރު ހުއްޓިފައިވީ، އެމީހުންނާއި މާ ދުރުނޫން ހިސާބެއްގައި ހުރި މީހާ އަށެވެ. ކަޅު ފޭރާމުގައި ހުރި އެ މީހާގެ ނަޒަރު އެކި ކޮޅުކޮޅަށް ދަތުރު ކުރަމުން ދިޔަ އެވެ. އީން ފުލުހުންގެ އިދާރާއިން ނުކުތީއްސުރެ އެމީހާ ދިޔައީ އީންއަށް ފާރަލަމުން ކަން އޭނައަށް އެނގުނެވެ. އެ ނާޒުކު އަންހެން ކުއްޖާގެ ރައްކާތެރިކަމަށްޓަކައި އޭނަ ހުރިހާ ކަމެއްވެސް ބަލަމުން ދިޔައީ އެމީހާއަށް ކުޑަވެސް ޚިލަމެއް ނުވާނޭހައި ސިއްރުންނެވެ.

އީންގެ ފޯނު ރިންގުވާން ފެށި އަޑު މުޅި ތަނުގައި ގުގުމައިގެން ދިޔަ އެވެ. އީން އަވަސްއަވަހަށް ކާވިން އާއި ދުރަށް ޖެހިލި އެވެ. ޖީބުގައި އޮތް ފޯނު ނަގާފައި ކަނޑާލުމުގެ ކުރިން ކާވިން އެ ފޯނު އަތުލާފައި ކަނޑާލައިފި އެވެ. އެ މޫނުމަތިން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ. ވަށައިގެން ހޯދައިލިގޮތުން ވެސް އީންގެ ހަށިގަނޑުގައިވި ލޯލިތައް ކޮޅަށް ޖެހިއްޖެ އެވެ.

ކުއްލިއަކަށް އިވުނީ އެއްޗެހިތަކެއް ފައިބައިގަން އަޑެވެ. އަޑު އައީ ކާވިންގެ ފުރަގަހުންނެވެ. އީންގެ ނަޒަރު އެދިމާއަށް ހުއްޓުމާއިއެކު، އޭނަގެ ދެލޯ ބޮޑުވެއްޖެ އެވެ. އޭނަ ގެނައި އަވަސް ހަރަކާތާއިއެކު ކާވިންގެ ގަމީހުގައި ހިފައި ދަމައިގަނެ ތިރިއަށް ވައްޓާލައިފި އެވެ. ކާވިންގެ ފުރަގަހުގައި އެ ހުރީ، ކަޅު ފޭރާމުން ނިވާވެގެން ހުރި މީހެކެވެ. އެމީހާގެ އަތުގައި އެއޮތީ މިޔަ ތޫނު ވަޅި އެކެވެ. އެ ފަނޑު އަލިކަމުގެ ތެރޭގައި ވެސް އޭގެ ދަޅަ އޭނަގެ މޫނަށް އެޅިގެން ހިނގައްޖެ އެވެ.

ކަޅު ފޭރާމުގައި ހުރި މީހާ ހުށިޔާރެވެ. އީން ކުރި ކަމަކުން، އޭނަގެ ވަޅީގެ ހަމަލާއިން ކާވިން ސަލާމަތްވި ނަމަވެސް، ދުލެއް ނުކުރި އެވެ. ވެއްޓުނު ކާވިންގެ ބޮލުގައި ފައިން ޖަހައިފި އެވެ. ދެލޯ މެރި ހަރަކާތް ކެނޑެންދެން އޭނާ އެކަން ތަކުރާރު ކުރި އެވެ. ހުއްޓުވޭތޯ އީން އެތަކެއް މަސައްކަތެއް ކުރި އެވެ. ކާވިންގެ ހަރަކާތް ކެނޑުނުތަން ފެނުމުން އޭނައަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އޭނަ އުޅުނީ ތިރިވާށެވެ. އޭގެ ކުރިން އެމީހާ އޭނާގެ އަނެއް އަތުގައި އޮތް ވަޅީގެ ހަމަލާ އީންގެ ބަނޑަށް އަމާޒުކޮށްލައިފި އެވެ.

ކާވިން ފުންމައިގެން ތެދުވި އެވެ. އޭނަ އެއްލި އަތުން ހިފެހެއްޓީ ވަޅީގަ އެވެ. އޭގެ މިޔަ ތޫނުކަމުން އަތް ކަނޑައިގެން ގޮސް ބިންމައްޗަށް ލޭތިކި ޖަހަން ފެށި އެވެ. ހުރިހާ ކަމެއް ހިނގައި ދިޔައީ އެސްފިޔަ ޖަހާލާހައި މަދު ވަގުތުކޮޅެއްގެ ތެރޭގަ އެވެ. އެ ނާޒުކު ވަގުތުގައި ވެސް އީންގެ ސަމާލުކަމަށް އެކަން އައިސްފި އެވެ.

ހިނދުކޮޅެއް ފާއިތުވެދިޔައިރު ވެސް ކާވިން ހުރީ އެހެންނެވެ. އީން ހުރީ، ނޭވާ ލާންވެސް ހަނދާން ނެތިފަ އެވެ. ކާވިންގެ ރަތްވަމުންދިޔަ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔަ އެވެ.

ކުއްލިއަކަށް ފެނުނީ ފުލުހުން އައިސް އެމީހުން ވަށައިލި ތަނެވެ. ކަޅު ފޭރާމުގައި ހުރި މީހާ އުޅުނީ ދުއްވައިގަންނާށެވެ. އޭގެ ކުރިން ކާވިން އޭނާގެ ސަލާމަތުން އޮތް އަތުން، އެމީހާ އަޅައިގެން ހުރި މާސްކު ދަމައިގެންފި އެވެ. ފެނުނު ސޫރައަކުން ދެލޯ ބޮޑުވީ ހަމައެކަނި އީން އެއް ނޫނެވެ. ކާވިން އެއްވެސް ނުމެ ނޫން މެއެވެ. އެތަނުގައި ތިބި ކޮންމެ ފުލުހެއްގެ މޫނުމަތިން ވެސް ހައިރާންކަން ފެނިގެން ދިޔަ އެވެ.

"ނަސީމް؟..." އީންއަށް ބުނެވުނެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ނަސީމް ގެންދެވުނެވެ. އީން އަވަސްވެގަތީ ކާވިންގެ އަތުން ފައިބަމުންދިޔަ ލޭތައް މަނާ ކުރެވޭތޯ އެވެ. އަތް ދަބަހުގައި އޮތް ތުވާލިކޮޅު ކާވިންގެ އަތުގައި އެއްސި އެވެ. އެވަރުންވެސް ލޭ މަނާވާ ގޮތެއް ނުވި އެވެ. އެހާ ގިނަ އަދަދަކަށް ލޭ ފެނުމުން، އޭނައަށް ކޮޅަށް ހުރުމަށް ވެސް ދަތިވި އެވެ.

"އަހަރެން އޯކޭ އޭ..." ކާވިންއަށް އީންގެ ހާލަތު ވިސްނުނެވެ.

އީންގެ އަތުގެ ތެރެއިން އަތް ދަމައިގަނެފައި، އޭނަ ހިނގައިގަތެވެ. އީން ވެސް ކާވިންގެ ފަހަތުން ދުވެލާފައި ކަހަލަގޮތަކަށް ގޮސް އޭނަ އާއި އެއްވަރު ކުރި އެވެ.

********

ތަހުޤީޤު ހޯލުގައި އިން ނަސީމް އާއި ސުވާލު ކުރެވެނީ އެވެ. ކުރީގެ އަނބިމީހާ އާއި ދަރިފުޅުގެ މަރާއި ބެހޭގޮތުން އެތައް ސުވާލު ތަކެކެވެ. އެ ސުވާލުތަކަށް އޭނަ ދިނީ ބީރު ކަންފަތެކެވެ. އެއްޗެއް ނުބުނި ތަނުގައި އިސްއުފުލައި ބަލައިވެސް ނުލި އެވެ.

ބިއްލޫރިގަނޑުން ބޭރުގައި ކާވިން ހުއްޓެވެ. އޭނަގެ ތޫނު ދެލޮލުން ނަސީމްއަށް ބަލަން ހުރިއިރު، ކަމެއް ޔަޤީން ކުރަނީ އެވެ. އިރުކޮޅަކު އެހެން ހުރެފައި ކާވިން އެތެރެއަށް ވަނެވެ. އެތަނުގައި ތިބި އެންމެން ބޭރަށް ނެރެފައި ގޮނޑީގައި އިށީނދެއްޖެ އެވެ.

"ދާރިޔާ!..."

އިސްޖަހައިގެން އިން ނަސީމްގެ މޫނަށް ފުން ނަޒަރެއް ދެމުން ކާވިން ބުންޏެވެ. އޭނަ އެ ނަން ކިޔައިލީ އެއްޗެއް ޔަޤީންކޮށްލާ ފަދައިންނެވެ. ނަސީމްގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނުނެވެ. އިސްޖަހައިގެން އިންގޮތަށް ހަރަކާތެއް ވެސް ކޮށްނުލައި އޭނަ އިނެވެ.

"ޒަހުރާ!... ޒުލޭހާ!.. އަމިއްލަ ދަރިފުޅާ އެ ދަރިފުޅުގެ މަންމަގެ ޤާތިލު ފިލަން ފުރުސަތު ތިދެނީ ކީއްވެ؟..."

ކާވިންގެ އަޑު ކުރިއަށްވުރެ ބާރު ވިއެވެ. ނަސީމްގެ ނޭވާ އަވަސްވިކަން އޭނައަށް އެނގުނެވެ. އޭނަގެ ހިތުގައި އުފެދުނު ޝައުޤުވެރިކަން ދެގުނަ އިތުރު ވިއެވެ.

"އެދެމީހުން މަރާލާފަ އޮތް ރަހުމުކުޑަ ގޮތް ހަނދާން ނެތުނީތަ؟..." ކާވިން ހުއްޓައެއް ނުލި އެވެ.

ބުދެއްހެން އިންގޮތަށް އިން ނަސީމްގެ ދެލޮލުން ކަރުނަތައް ފައިބައިގަތް ތަން ފެނުނެވެ. މުޅި އެ ހަށިގަނޑު ތުރުތުރު އަޅަނީ އެވެ. އެވަރުންވެސް އިސްއުފުލައި ބަލައިލާކަށް އޭނަ ނޫޅުނެވެ.

"ނަސީމް!... ތިކުރަނީ ވަރަށް ނުރައްކާތެރި ކަމެއް... ނަސީމްގެ އާއިލާ ނެތިކޮށްލިގޮތަށް އެހެން އާއިލާ އެއްވެސް ނެތިކޮށްލާކަށް އެކަހަލަ މީހަކު ފަހެއް ނުޖެހޭނެ... ނަސީމް ބޭނުންތަ، އެހުރިހާ މަރެއްގެ ޒިންމާ ނަސީމްގެ ބޮލުގަ އެޅެން... މިއަދު އޭނައަށް މިނިވަންވާން ފުރުސަތު ދީފިއްޔާ، މާދަމާ ފެންނާނީ ކުރިއަށްވުރެ ނުރައްކާ ކަމެއް ކޮށްފަ އޮއްވާ..." ކާވިން ވާހަކަދެއްކީ މަޑުމަޑުންނެވެ.

މަރުތަކުގެ ފަހަތުގައި ވަނީ ނަސީމްގެ އަތެއް ނޫންކަން ކާވިންއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟

"އެންމެންވެސް މެރީ އަހަރެން... އަހަރެންގެ މި ދެ އަތުން..." އެތައް އިރަކު އެއްޗެއް ނުބުނެ އިނދެފައި ނަސީމް ބުންޏެވެ. އެ އަޑު ތުރުތުރު ލައެވެ.

(ނުނިމޭ)