-
-
"ނާއިލް ހަފީޒް"، އިވި  ފެންނަމުންދާ ނަމެއް، ދެކެފަރިތަ މޫނެއް، "ޅަ" ނަމަވެސް "ހަރު" ސިކުނޑިއެއް! ޢުމުރުން އެންމެ ސޯޅަ އަހަރުގެ މުޙައްމަދު ނާއިލް ހަފީޒް -: ފޮޓޯ: ނާއިލް

"ނާއިލް ހަފީޒް"، އިވި ފެންނަމުންދާ ނަމެއް، ދެކެފަރިތަ މޫނެއް، "ޅަ" ނަމަވެސް "ހަރު" ސިކުނޑިއެއް!

އެކިއެކި ޤައުމީ މުނާސަބާތްތަކާ ގުޅިގެން ދައުލަތުގެ ޓީވީން ދެއްކޭ ޤައުމީ ލަވަތަކުގެ ތިރީ ކަނުގައި، "ޅެން: މުޙައްމަދު ނާއިލް ހަފީޒް" މިހެން ލިޔެވިފައި ހުންނަތަން ގިނަ ބަޔަކަށް ފެނިފައިވާނެއެވެ. ޖުލައި 26 ނުވަތަ މިނިވަންދުވަހާއި ގުޅިގެން ޤައުމީ ފެންވަރުގައި ބޭއްވޭ ހަރަކާތްތަކުގެ ތެރެއިން، ބުނެވިދިޔަ ނަމުގެ ވެރިޔާގެ މޫނުވެސް، އަޅައި ނުގަތްނަމަވެސް ނުފެންނަ މީހަކު މަދުވާނެއެވެ.

ADS BY FENVARU

ފަހަކަށް އައިސް ޤައުމީ ފެންވަރުގައި ހިންގޭ މުހިންމު ހަރަކާތްތަކާގުޅިގެން އުފެއްދިފައިވާ ފުރިހަމަ ޅެންތަކެއް، ޙުއްބުލް ވަޠަނާއި ރިވެރި އާދަކާދައާއި އިސްލާމީ ޝަޤާފަތުގެ ފޭރާމަށް ހެޔޮވަރުކޮށް ފަހާލާފައި އެވަނީ، އުސްތާޛު މައުމޫން ޢަބްދުލް ޤައްްޔޫމް ނުބަތަ އުސްތާޛު ޢަބްދުއް ރަަޝީދު ޙުސައިނެއް ނޫނެވެ.

މަޢާފް ކުރަށްވާށެވެ. އެ ދެ އުސްތާޛުންގެ ޤައުމީ ޚިދުމަތްތަކަށް ކުޑައިމީސް ބަހެއް ބުނުމުގެ އެއްވެސް ނިޔަތެއްނެތެވެ. އެހެނެއްކަމަކު، ޢުމުރުން އެންމެ 16 އަހަރުގެ ކުޑަކުޑަ ނާއީލް ހަފީޒްގެ ޤަައުމީ ފިކުރާއި ޚިޔާލާތުން ޒީނަތްތެރިކުރެވިފައިވާ ޤައުމިއްޔަވަންތަ ޘަޤާފީ އަދި ބަހަވީ ޚިދުމަތްތައް ލޮލުގައި އަޅައިގަންނަހިނދު، ކުޑަކުޑަ ނާއިލްގެ ނަމާއި މޫނު، ދޫމަތައްޗާއި ލޯމައްޗަށް ގެނެވުމުގެ އިތުރުން، އެ "ޅަ" އެހެންނަމަވެސް "ހަރު" ސިކުނޑި ހިތްމައްޗަށްވެސް ގެނެސްގަންނަން ޖެހޭކަމަށް ޤަބޫލު ކުރެވުނީއެވެ.

ކަލާފާނު ސްކޫލުގެ ގްރޭޑް 10 ގައި ތަޢުލީމު ހާޞިލުކުރަމުންދާ، ސްކޫލް ބޭންޑްގެ މިހާރުގެ ޑެޕިއުޓީ ބޭންޑް ލީޑަރު މުޙައްމަދު ނާއިލް ހަފީޒަކީ، ހަތަރު ފިރިހިން ކުދިން ހިމެނޭ އެ ޢާއިލާގެ އެންމެ ދޮށީ ދަރިފުޅެވެ. ޢުމުރުން އެންމެ 16 އަހަރުގައި، ޒާތީ ޢާއިލާގެ ދޮށީ ދަރިފުޅުގެ މަޤާމު ލިބުމަށްވުރެ، އެއަށްވުރެ ބޮޑު ޢާއިލާއެއްގެ އެންމެ ދޮށީ ސިކުނޑީއޭ ބުނެލެވިއްޖެނަމަވެސް، ޙައްޤު މިންވަރުކަން ޔަޤީނެވެ.

ދިވެހި މުޖުތަމަޢުގެ އަދުގެ މަދްރަސީ ކިޔަވާކުދިންގެ ތެރެއިން، އަދި ކިއެއްތަ ކިޔެވުން ނިންމައި މައިދާނަށް ނުކުމެފައިވާ ޒުވާން ޖީލަށް ބެލިނަމަވެސް، ކުޑަކުޑަ ނާއިލްގެ ބޮޑެތި ޤައުމީ ޚިދުމަތްތަކާމެދު ފުންކޮށް ވިސްނާލައިފި މިނިވަން ކޮންމެ ސިކުނޑިއެއްމެ، އެ ސިކުނޑި ނިސްބަތްވާ ހިތަކަށް ގެނެސްދޭ ފިނިކަން ބަންޑުންލައި އެ ލޮލެއްގެ ކަރުނަ ހިލުވާލާނެއެވެ.

އިސްލާމީ ޘަޤާފަތްތަކާއި ބީރައްޓެހި ނޫން ބީދައަކުން، ޙުއްބުލް ވަޠަނާއި ޤައުމިއްޔަތުގެ އިޙްސާސްތަކުން ޒީނަތްތެރިކުރެވިފައިވާ އިޚްލާސްތެރި ޝުޢޫރުތަކެވެ. ފުުރިހަމަ "ޑިސިޕްލިން" ނުވަތަ އަޚްލާޤަށާއި މަދަދުގާރު ޚިދުމަތްތަކަށް ލޯބިކޮށް، ޤައުމީ ދިފާޢީބާރުގެ ފަރިތަކުރުންތައް ކުރިއަށްގެންދެވޭ ގިރިފުށީގައި، ޤަައުމީ ކެޑެޓް ކޭމްޕް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ފުރިހަމަކޮށްފައިވާ ނާއިލަކީ، އަދަބީ ކަންކަމަށް އިންތިހާއަށް ޝަޢުޤުވެރިކަން ހުންނަ ދަރިވަރެކެވެ.

"ދިވެހި ބަހުގެ އެކިކަންކަމަށް އަޅުގަނޑު ވަރަށް ޝަޢުޤުވެރިވޭ. ސްކޫލްގަ ބޭއްވޭ ހުރިހާ އަދަބީ ހަރަކާތެއްގައި އަޅުގަނޑު ބައިވެރިވަން. އެކަންކަމުގައި އެންމެ އިސްކޮށް އުޅޭ އެއް ދަރިވަރު އަޅުގަނޑު މިއީ. ޅެން ހެދުމުގެ މައިގަނޑު ކަންކަން ދަސްކޮށް، ޅެންވެރިކަމުގައި ކުރިއަށް ދެވޭތޯވެސް މިހާރު މިދަނީ މަސައްކަތް ކުރަމުން"

މި ނޫހާއި ވާހަކަ ދައްކަމުން ކުޑަކުޑަ ނާއިލް ބުންޏެވެ.

"މި ދިވެހި ފަސްގަނޑުގައި ދިވެހިން ނޫން އެހެން އެއްވެސް ބަޔަކަށް ވެލިފުކެއްގެ މިންވަރުވެސް ނުލިބޭނެ" މިހެން ލިޔެ، ކުޑަކުޑަ ނާއިލްގެ އަމިއްލަ ފޭސްބުކް އެކައުންޓްގައި އިއްޔަ ކޮށްފައިވާ ޕޯސްޓެއްގައި ހިމަނާފައިވާ، "މިނިވަން ފަސްގަނޑެކޭ މީ"، ނާއިލްގެ މި އުފެއްދުން ގިނަބަޔަކު ގަޔާވެ، އިޖްތިމާޢީ މީޑިއާގައި ބަންދުވެފައިވާ އަދި ހުޅުވިފައިވާ ތަފާތު މަންސަތަކުގައި ފެތުރެމުން އެބަދެއެވެ.

 

އިސްލާމީ ޘަޤާފަތްތަކާއި ބީރައްޓެހި ނޫން ބީދައަކުން، ޙުއްބުލް ވަޠަނާއި ޤައުމިއްޔަތުގެ އިޙްސާސްތަކުން ޒީނަތްތެރިކުރެވިފައިވާ އިޚްލާސްތެރި ޝުޢޫރުތަކުގެ ސިފައިގައި އެކުލަވާލެވިފައިވާ މި އުފެއްދުންތައް އުފަންކުރުވީ، ކުޑަކުޑަ ދިވެހި ދަރިއަކަށް ވީކަމީ، ހިތްތަކަށް ފިނިކަން ގެނެސްދޭ ހެޔޮ ފާލެއްކަން ކަށަވަރެވެ.

ފެންވަރު ޓީމުގެ ދުޢާއަކީ، ކުޑަކުޑަ ނާއިލްގެ މަސައްކަތް އިތުރަށް ފުރިހަމަކޮށް ކުރުމަށް، މާތް ﷲ ގެ ފުރިހަމަ ރަޙްމަތް ތަނަވަސްވެ، ޢިލްމާއި ޙިކުމަތާއި ހުނަރު ނާއިލަށް ލިބިގެން ދިއުމެވެ. އަދި ނާއިލަކީ ނަމޫނާއެއްކަމުގައި ބަލައިގެން، އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ނިޢުމަތްކަމުގައިވާ އިސްލާމް ދީނުގެ ހިދާޔަތުގެ އަލީގައި ތިބެ، ޤައުމިއްޔަވަންތަ ދަރިންތަކެއްކަމުގައި، އެންމެހައި ކިޔަވާކުދިންނާއި ޤައުމުގެ ޢިލްމީ ޒުވާނުން ވެގެން ދިއުމެވެ.