-
-
އެޕިސޯޑްސް

ވަރަށް ލޯބިން ކައިވެނި ޒުވާން ދެމަފިރިންނެވެ. އޭގެ ތެރެއިން އަންހެން ކުއްޖާއަކީ އާދަޔާ ޚިލާފު ރީތި ކުއްޖެއެވެ. ހަމުގެ ކުލަ އަލިވެފައި އޮމާނެވެ. ބުރުސޫރައާއި ކަޅިރަވަ ރީތިވެފައި ލޫޅާ ފައްޗެވެ.

ADS BY FENVARU

އެއް ދުވަހަކު އަންހެން ކުއްޖާގެ ގައިގައި ގޮތް ނޭނގޭ ކަޅު ލައްތަކެއް ޖަހާފައި ހުއްޓާ ފެނެނުނެވެ. ދެ މީހުން އެކުގައި ގޮސް ޑޮކްޓަރަށް ދައްކައި ފަރުވާ ކުރަން ފެށިއެވެ. އެކަމަކު އެ ލައްތައް ދިޔައީ ގިނަވަމުންނެވެ.

އޮފީހުގެ ދަތުރެއްގައި ކުއްލި ގޮތަކަށް ފިރިހެން ކުއްޖާއަށް ރަށުން ބޭރަށްދާން ޖެހިއްޖެއެވެ. އެ ދަތުރު ނިންމާފައި ކާރުގައި ގެއަށް އައި މަގުމަތީގައި އެކްސިޑެންޓެއް ހިނގިއެވެ. އެ އެކްސިޑެންޓްގައި އޭނާގެ ލޮލުގެ ފެނުން ގެއްލުނެވެ.

ފިރިމީހާއަށް އަޅާލައި އެހީތެރިވުމުގައި އަނބިމީހާ ދެއްކީ ރީތި ނަމޫނާއެކެވެ. އެކަނިވެރިކަން އިހުސާސްވިޔަ ނުދީ ހިނގާލަގޮސް އުޅުނީ ވަރަށް ލޯބިންނެވެ. އޭރު އަންހެން ކުއްޖާގެ މުޅި ހަށިގަނޑަށް އެއްކަލަ ކަޅުލައްތައް ފެތުރި އޭނާގެ ރީތިކަން ވަނީ ގެއްލިފައެވެ. އެކަމަކު ލޯތްބަށް އެއްވެސް ބަދަލެއް ނާދެއެވެ. އެ ދެމަފިރިންނަށް ހާލަތު ކުރި މަޖުބޫރު ވީ އެ މީހުންގެ ލޯބީގެ ޒަވާޖަށް ލިބުނު ރަނގަޅަކަށެވެ.

އެއްދުވަހަކު މަތީބުރިން ފައިބަނިކޮށް ސިޑިން ކައްސައިލައިގެން އަންހެން ކުއްޖާ ވެއްޓި ވަރަށް ބޮޑަށް އަނިޔާވިއެވެ. ކޯމާއެއްގައި އޮވެ އެންމެފަހުން އަންހެން ކުއްޖާ ނިޔާވެއްޖެއެވެ.

އަންހެން ކުއްޖާގެ ޖަނާޒާގައި ދެ ފަރާތުގެ އާއިލާގެ މީހުންނާއި އެކުވެރިން ބައިވެރިވިއެވެ. ފިރިހެން ކުއްޖާ އޭގެ ލޯބިވާ އަނބިމީހާގެ މަހާނަ ކައިރީގައި ހުރެ ހެޔޮ ދުޢާކުރުމަށް ހިނގައިގަތެވެ. އެވަގުތު އަންހެން ކުއްޖާގެ ބައްޕަ އައިސް އޭނާގެ އަތުގައި ހިފައި ސަހަރާއިން ނިކުތުމަށް އެހީތެރިވެދިނެވެ.

ސަހަރާއިން ނިކުމެފައި އަންހެން ކުއްޖާގެ ބައްޕަ ބުންޏެވެ. ދަރިފުޅާއެވެ. ހާދަހާވާ ދެރައެވެ. ކުރިމަތިވި ބޮޑު ބަދުނަސީބާއެކު އެކަނިމައި އެކަނި ދިރިއުޅެން ހާދަހާވާ ދަތިވާނެއެވެ. އެ ދަރިފުޅުގެ ސިފަ މުޅިން ބަދަލުވިޔަސް ދަރިފުޅައިގެން އޭނާ އުޅުނީ ހާދަހާވާ ލޯބިންނެވެ.

ފިރިހެން ކުއްޖާ އޭނާ އަޅައިގެ ހުރި އަވިއައިނު ނަގާފައި ކަރުނަތައް ފޮހެލަމުން ބުންޏެވެ. ބައްޕާއެވެ. ކަންބޮޑު ނުވާށެވެ. އަޅުގަނޑަކީ ލޯފަން މީހެއް ނޫނެވެ. އަޅުގަނޑު ލޯފަން މީހެއްކަމަށް ހެދިގެން އުޅުނީ ބައްޕަގެ އެ ދަރިފުޅަށް ޓަކައެވެ. އޭނާގެ ރީތިކަން ގެއްލެން ފެށުމުން އޭނާގެ އެ ހިތްދަތި ހަޔާތުގައި ބައިވެރިވާން ވެގެންނެވެ. އެއީ ހާދަހާވާ ރަނގަޅު އޯގާތެރި އަނތްބެކެވެ. އޭނާ އުފަލުން ހުންނަތަން ދެކެން އަޅުގަނޑުގެ މުޅި އުމުރަށް ބޭނުންވީއެވެ. އޭނާގެ ކަންބޮޑުވުމާއި ހާސްކަން ދުރުކޮށްދޭން ބޭނުންވިއެވެ.

އެކަމަކު އަޅުގަނޑު ވީ ޤުރުބާނީއަށް ވުރެ އޭނާ ވީ ޤުރުބާނީ މާ ބޮޑެވެ. ލޯފަން މީހަކާއެކު މުޅި ހަޔާތް ވޭތުކުރަން އޭނާ ޢަޒުމް ކަނޑައެޅިއެވެ. އަޅުގަނޑަށް އެއްވެސް ކަމެއް އުނި ނުކޮށް ދިރިއުޅުމުގެ ހުރިހާ ބުރައެއް އޭނާ އުފުލިއެވެ.

ދަރިފުޅާއެވެ. ޙަޤީޤީ ލޯތްބަކީ ތިޔައީއެވެ. ދުނިޔެ ދެއްކި ބަނަކަމާ އެކުވެސް ތިޔަ ދެ ކުދިންގެ ހިތުގައި އޮތް ލޯތްބަށް ބަދަލެއް ނައީ އެހެންވެއެވެ. ފެންކަޅިވެފައި ހުރި އަންހެން ކުއްޖާގެ ބައްޕަ ބުނެލެވުނެވެ. ލޯތްބަކީ ކަނު އެއްޗެކޭ ބުނަނީ މިހެންވެގެންހެއްޔެވެ؟

(ނިމުނީ)

ނޯޓު: މިއީ އެފްބީގެ ޑަމިކް ޕޭޖުގައި ހިއްސާ ކޮށްފައިވާ "އަ ބްލައިންޑް މެންސް ލަވް" މި ވާހަކަ އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ.

ADS BY FENVARU