-
-
އެޕިސޯޑްސް

މެންދަމުގެ ވަގުތެކެވެ. އުޑުމަތިބަނަ ކަޅުފޮއި ރެއެކެވެ. މުޅިރަށަށް ވެރިވެފައިވަނީ ކަޅުއަދިރިކަމެވެ. ވައިރޯޅިޔާއެކު ގަސްތަކުގެ ފަތްތައް ހެލިލާ އަޑު ފިޔަވާ އެހެން އަޑެއް ނީވެއެވެ. މުޅިރަށްއޮތީ ނިދާފައެވެ. އެހެނަސް އަތިރިމަތީގައި ހުރި ގަހެއްގެ ހިޔަލުގައި އިން ޒުވާނާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތްކަހަލައެވެ. ވިއްސާރަ ރެއެކެވެ. ވިދާލާ ކޮންމެފަހަރަކު އެޒުވާނާގެ މޫނު ކަޝްފުވެގެންދެއެވެ. އެހަށިގަނޑު ވަނީ އަނަރޫފަވެފައެވެ.

ADS BY FENVARU

ބޮލުގެ އިސްތަށިގަނޑު ހަމައެއްނެތި ހޭވިފައެވެ. އެލޯވަނީ ކަރުނުން ފުރިފައެވެ. މޫނުމަތި ވަނީ މިލާމޯޅިވެފައެވެ. އެތުންފަތް ހީވަނީ އަބަދަށްޓަކައި ބަންދުވެފައިވާހެންނެވެ. ކަޅިޖެހުމެއްނެތި ބަލަމުންދަނީ ކަނޑުގެ ބިޔަ ރާޅުތަކަށެވެ. ބައެއްފަހަރު ރާޅުތަކާ ސުވާލުކުރާހެންވެސް ހީވެއެވެ. ހަމަރަނގަޅަށްވެސް އޭނާ އެކުރަނީ ސުވާލެވެ. އެހެންއިދެފައި މަޑުމަޑުން ލޯމަރާލިއެވެ. އެހިނދުން ކޯތާފަތްމައްޗަށް ކަރުނަތިކެއް ވެރިކަންކުރިއެވެ. ކުރިމަތިން ސިފަވެގެން އެދަނީ މާޒީގެ އެކިއެކި ހަދާންތަކެވެ.

ޒިޔާންއާއި ނުޒޫ ކިޔަވަމުން އައީ އެއްކޮލެޖަކުންނެވެ. ނުޒޫއަކީ މިސާލުޖެހޭފަދަ ރީތިކަމެއް ލިބިފައިވާ އަންހެންކުއްޖެކެވެ. ފެންނަ ކޮންމެ މީހެއްގެ ހިތްކަތިލާފަ ނޫނީ ނުދާނެއެވެ. ރީތި އަދާތަކެއްގެ ފުރިހަމަ ބައްޓަމެކެވެ. އެހެންނަމަވެސް ޒިޔާން ނުޒޫ ފެނުނަސް އަޅާވެސް ނުލައެވެ. ޒިޔާންގެ ހިތަށް އެރީތިކަމުން އެއްވެސް އަސަރެއް ނުކުރެއެވެ. މިކަމާ ނުޒޫ ވަރަށް ދެރަވެއެވެ. ސަބަބަކީ ފެށުނީއްސުރެ ނުޒޫގެ ހިތުގައި ރަސްކަން ކުރަމުންދަނީ ޒިޔާންގެ ހިޔާލުތަކެވެ.

ކިތަންމެ ފަހަރަކު ނުޒޫ ޒިޔާންއާ ވާހަކަދައްކަން މަސައްކަތް ކުރެއެވެ. ނަމަވެސް ޒިޔާންއަށް ވަގުތެއްނުލިބެއެވެ. އެހެންކަމުން ނުޒޫ ނިންމީ ކޮންމެ ގޮތެއް ހަދާފަނަމަވެސް މިރޭ ކޮލެޖްގައި އޮންނަ ޕާޓީގައި ޒިޔާންއަށް ނުޒޫގެ ލޯބި ހުށަހެޅުމަށެވެ. މިރޭ ނުބުނިނަމަ ދެން ދުވަހަކުވެސް ނުޒޫއަކަށް ޒިޔާން ނުފެންނާނެތީއެވެ. މާދަމާއަކީ ހުރިހާ ކުދިންވެސް ކިޔެވުން ނިމި އާއިލާ ކައިރިޔަށް ދާދުވަހެވެ.

ކޮލެޖްގެ ހުރިހާ ކުދިން އެޕާޓީއަށް އަންނަން ފެށިއެވެ. އެންމެންތިބީ އުފަލާއެކު މަޖާކުރުމުގައެވެ. ނަމަވެސް ނުޒޫގެ މޫނުމަތިން އެއުފާވެރިކަމެއް ނުފެނެއެވެ. ހުރިހާކުދިން ނަށަމުން ލަވަކިޔަމުން މަޖާކުރިއިރު ނުޒޫހުރީ ދުރުގައި ބަލަހައްޓައިގެންނެވެ. ނުޒޫ ޒިޔާންދެކެ އިންތިހާއަށް ލޯބިވެއެވެ. އެކަމަކު ބޮއްކުރާދޮށަށް އޮޑިކަބަން ޖެހިލުންވަނީއެވެ. ޒިޔާންހުރީ ރައްޓެހި ކުދިންތަކަކާ ވާހަކަދައްކާށެވެ. ނުޒޫ ވަރަށް ހިތްވަރުކޮށްފައި ކުރިޔަށް ހިގައިގަތެވެ. ޒިޔާންއާ ކައިރިވާ ވަރަކަށް ދެއަތާ ދެފައި ފިނިވާހެން ހީވެއެވެ.

"ޒި...ޒިޔާ...ން" ތުރުތުރުލާ އަޑަކުން ނުޒޫ ޒިޔާންއަށް ގޮވާލިއެވެ.

ޒިޔާން އެބުރިބަލާލިއެވެ. ނޭވާގެ ވަސްފޯރާހާ ކައިރީގައި ނުޒޫ ހުއްޓާފެނުމުން ޒިޔާން ހައިރާންވިއެވެ.

"ޒިޔާން! އަހަރެން ބޭނުން ޒިޔާން ކައިރީ ވާހަކައެއް ބުނެލަން." ނުޒޫ އެހެން ބުނުމުން ޒޔާން ރަހުމަތްތެރިންނާއި ދުރަށް ޖެހިލިއެވެ.

"ކޮންވާހަކައެއް." ނިތަށް ރޫއަރުވަމުން ޒިޔާން އަހާލިއެވެ.

"އަހަރެން ޒިޔާން ދެކެ....އަހަރެން ޒިޔާންދެކެ ލޯބިވޭ" ނުޒޫ އިސްޖަހާލިއެވެ. ޒިޔާން ނުޒޫގެ ދަތްދޮޅިގައި ހިފާ އިސްއުފުލާލިއެވެ.

"އަހަރެންވެސް ނުޒޫދެކެ ލޯބިވޭ. ލަވްޔޫ ޓޫ" އުފާވެރި ހިނިތުންވުމަކާއެކު ޒިޔާން ބުނެލިއެވެ. ހަމަ އެވަގުތު ޒިޔާން ނުޒޫގެ އުނަގަނޑުގައި ހިފާ ކައިރިކޮށްލިއެވެ. ނުޒޫ މަޑުމަޑުން ލޯމަރާލިއެވެ. ނުޒޫގެ ހިތް އުފަލުން ފޮޅިގެންދިޔައެވެ. ނުޒޫ ހީކުރީ ޒިޔާން ނުޒޫގެ ލޯބީގައި ކޮޅުފައިން ޖަހާނެ ކަމަށެވެ. ނުޒޫ ޒިޔާންގެ މޫނަށް ބަލާލިއެވެ. ލަދުރަކި ހިނިތުންވުމަކާ އެކުގައެވެ. އެވަގުތު ލޯބީގެ ގުލްޝަނުގައި މާފޮޅެންފެށުނެވެ. ނުޒޫގެ އަތް ޒިޔާންގެ ކޮޑަށް ވައްޓާލިއެވެ. ދެކުދިންނަށް އެހެންތިބެވުނީ ކިހާއިރަކު ކަމެއްވެސް ނޭގެއެވެ. ހޭވެރިކަންވީއިރު ޕާޓީނިމި އެތާގައި ތިބީ އެދެކުދިން އެކަންޏެވެ.

"ދެންކޮންއިރަކު ބައްދަލުވާނީ." ތަނަށް ވެރިވެފައި އޮތް ހަމަހިމޭންކަން ކަޑުވާލީ ޒިޔާންއެވެ.

"އަހަރެނެ ގެޔަށްގޮސް ގުޅާނަން." ނުޒޫ ދިނީ ކުރު ޖަވާބެކެވެ.

"މީހާރު މާލަސްވެއްޖެ! ދެންދަނީ" ޒިޔާންގެ އަތްދަށުން ހުށިޔާރުކަމާއެކު ރެކެމުން ނުޒޫ ބުނެލިއެވެ.

"ގުޑްނައިޓް" ޒިޔާން އެހެން ބުނުމުން ނުޒޫ ފަސްއެބުރި ބަލާލާފައި ހިނިތުންވެފައި ބޯޖަހާލަމުން ދިޔައީއެވެ.

"އޯހް ނޯ!" ނުޒޫ ލޯހުޅުވުމާއެކު ފުންމައިގެން އެދުންތެދުވެއްޖެއެވެ. އަވަސްއަވަހަށް ފާޚާނަޔަށް ވަދެ ހެދުން ބަދަލުކޮށްގެ ނުކުމެ ދަބަހަށް އެއްޗެހި އަޅައިގެން އަވަސް އަރުވާލާފައި ދަބަސް ނަގާ ކޮޑަށް ލަމުން ދުވެފަކަހަލަގޮތަކަށް ބޭރަށް ނުކުތެވެ. ހުރިހާ ކުދިން ތިބީ ނުޒޫގެ އިންތިޒާރުގައެވެ. ނުޒޫ ދެފަރާތަށް ބަލާލިއެވެ. ނުޒޫގެ ނަޒަރު ހޯދަނީ ޒިޔާންއެވެ.

ޒިޔާން ފެންނާކަށް ނެތުމުން ނުޒޫ މާޔޫސްވެފައި ބަހަށް އެރިއެވެ. އެވަގުތު ނުޒޫގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. އިޚްތިޔާރަކާނުލާ އަގަ ތައްމިނަށް ހުޅުވުނެވެ. އެހިނދު ލަދުރަކިގޮތަކަށް ހީލާފައި ބޯހޫރުވާލިއެވެ. ކުރިމަތީ އެއިނީ ޒިޔާންއެވެ. ނުޒޫ ފަރިހިގުމެއްގައި އައިސް ޒިޔާންގެ މަގަތުގައި އިށީނެވެ.

"ހާދަ ލަހުން." ނުޒޫގެ ކަންފަތްދޮށުގައި ވައިއަޑަކުން ޒިޔާން އަހާލިއެވެ.

"ހޭނުލެވުނީ" ނުޒޫ ބުނެލިއެވެ.

ބަސްދުއްވާލިއެވެ. ނުޒޫ އޮތީ ޒިޔާންގެ ކޮޑުގައި ބޯއަޅައިގެންނެވެ. އެކަކު އަނެކަކުގެ އަތުތެރޭގައި ތިބެވުނު އިރެއްވެސް ނޭގުނެވެ. ކުއްލިއަކަށް ބަސް ހުއްޓިއްޖެއެވެ. ނުޒޫ ލޯހުޅުވާލުމާއެކު ޒިޔާންގެ މޫނަށް ބަލާލިއެވެ. ޒިޔާންއަށް އިދެވުނީ ނިދިފައެވެ.

"ޒިޔާން. ޒިޔާން. އެއާޕޯޓަށް އާދެވިއްޖެ." ޒިޔާންގެ ކޮލުގައި ފިރުމާލަމުން ނުޒޫ ވާހަކަދެއްކިއެވެ.

"ރަށަށް ދެވުނީމަ އަންގާތި. އޯކޭ. ދެންދަނީ. ލަވްޔޫ" ނުޒޫގެ މޫނުގައި ބޮސްދެމުން ޒިޔާން ބަހުން ފައިބައިގެން ގޮސް އެއާޕޯޓަށް ވަނީއެވެ. ނުޒޫ ބަހުން ފައިބައިގެން ޒިޔާންއަށް ހަނާއަޅަމުން އެކުވެރި ކުދިންނާއެކު ކެންޓީނަށް ގޮސް ވަނެވެ.

ޒިޔާންފުރައިގެން ދިޔައީ ޒިޔާންގެ ނަންބަރާއި އެޑްރެސް ނުޒޫއަށް ދީފައެވެ.

"މަންމާ!" ގެޔަށް ވަނުމާއެކު ޒިޔާން އަޑުގެ ކޮޅަށް ގޮވާލިއެވެ.

އެވަގުތު ގޭތެރޭތިބި އެންމެން ޒިޔާންއަށް ބަލާލިއެވެ. ޒިޔާންގެ އަތުގައި އޮތް ދަބަސް އަތުން ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ.

"މަންމާ" ޒިޔާންގެ ތުންފަތް މަޑުމަޑުން ހަރަކާތްކުރިނަމަވެސް އަޑު ބޭރަކަށް ނުނުކުތެވެ. ކުރިމަތީ ފެންނަން އޮތީ މަންމަގެ ފުރާނަނެތް މަސްގަނޑެވެ. މަޑުފިޔަވަޅުތަކެއް އަޅަމުން ޒިޔާން މަންމަގެ ކައިރިޔަށް ދިޔައެވެ. ރޯންވެސް ނޭގޭ ހާލު މަންމަ ކައިރީ އިށީނެވެ.

"ނޫން މަންމާ! ނޫން. ތިގޮތަށް އަހަރެން ދޫކޮށްފައި ނުދޭ.އަހަރެން މިހިރީ މަންމަ ކައިރިޔަށް އައިސް. މަންމާ. މަންމާ. ލޯހުޅުވާލަބަ. މަންމާ..!"

ޒިޔާންގެ ބައްޕަ ޒިޔާން ނަގާ މެޔާލާ ބޮޑުކޮށްލިއެވެ.

"ބައްޕާ! މަންމައަށް ކިހިނެއްވީ؟"

ކަށުކަމާކެމީގެ ކަންތައްނިމި މަންމަ ވަޅުލާފައި ގެޔަށް އައިސް ޒިޔާން ޖައްސާލިތަނާ ފޯނު ރިންގުވާންފެށިއެވެ.

"ނުޒޫ!" ޒިޔާންގެ އަޑުގައި ހުރި ރިހުން ނުޒޫއަށް ފާހަގަކުރެވުނެވެ.

"ކިހިނެއްވީ ޒިޔާން!" ނުޒޫ ހާސްވިއެވެ.

"ނުޒޫ. މަންމަ."

"ކިހިނެއްވީ މަންމައަށް؟" ޒިޔާންގެ ވާހަކަ މެދުކަޑާލަމުން ނުޒޫ އަހާލިއެވެ.

"މަންމަ...މަންމަ މަރުވީ." ޒިޔާން ރޮއިގަތެވެ.

"އޭ! ކީކޭ." ނުޒޫ ދިޔައީ ސިއްސައިގެންނެވެ.

"ޒިޔާން. އަހަރެން ބޭނުން ޒިޔާންއާ ބައްދަލުކޮށްލަން. ދެދުވަސްފަހުން އަހަރެން ތިރަށަށް ދާނަން." ނުޒޫ ބޭނުންވީ ހިތާމައިގެ މިދުވަސްކޮޅު ޒިޔާންއަށް ހިތްވަރުދޭން ޒިޔާން ކައިރީ ހުންނާށެވެ.

"އެންމެ ރަނގަޅު! އަހަރެން ދާނަން ނުުޒޫ ބަލާ ފާލަމަށް!"

"ހިތްވަރުކުރާތި. އަހަރެން އަދި ގުޅާނަން. ދެން ބާއްވަނީ!" ނުޒޫ ފޯނު ބޭއްވުމުން ޒިޔާން ތެދުވެގެން ގޮސް ފާޚާނައަށް ވަނެވެ.

ނުޒޫ ކޮންމެ ރެޔަކު ކޮންމެ ދުވަހަކު ޒިޔާންގެ ހިތް އުފާކޮށްދޭން ގުޅާ ވާހަކަދައްކައެވެ. އެހެނަސް މަންމަ ނެތުމުން ބައްޕަ އެކަނިވާނެ ވަރު އަދި ޒިޔާންގެ އެކަނިވެރިކަން ހިތަށް އެރުމުން ނުޒޫގެ ލޮލުން ކަރުނައާދެއެވެ. މަންމަ ނެތުމުން ޒިޔާން ވަރަށް އެކަނިވެރިވިއެވެ. ގޭގައި ކައްކާނެ މީހަކުވެސް ނެތުމުން ގޭގައި ކައްކާ ހެދުމަށް މީހަކު ހޯދާފައިހުރެއެވެ.

މިއަދަކީ ނުޒޫ އަންނަން ބުނެފައި އޮތްދުވަހެވެ. އެހެންކަމުން ޒިޔާން ހެދުނު ހެދުނާ ތެދުވެ ތައްޔާރުވެލިއެވެ. ސައިވެސް ނޮބޮއި ސައިކަލަށް އަރާ ނައްޓާލިއެވެ. ބާރުސްޕީޑެއްގައި ދުއްވަމުންދިޔަ ސައިކަލުގެ ދުވެލި މަޑުކޮށްލީ ފެރީ ޓާމިނަލަށެވެ.

"އަދިވެސް ފެރީ ނާންނަނީތަ؟'' އަތުކުރީ ގަޑިއަށް ބަލަމުން ޒިޔާންގެ ހިތާހިތާ ކިޔާލިއެވެ. ޒިޔާން ދެކޮޅަށް ބަލާލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ނުޒޫއަށް ގުޅާނަމޭ ހިތާ ފޯނު ނަގަން ޖީބަށް އަތްލުމުން އެގުނީ ގޭގައި ފޯނު ބާއްވާފައި އާދެވުނުކަމެވެ. އެގޮތަށް ސައިކަލްމަތީ ޒިޔާން އިންނަތާ މިހާރު ގަޑިއެއްހާ އިރުވެދާނެއެވެ. އެހެން އިދެފައި އެތާ ހުރި މީހެއް ކައިރިން ޒިޔާން އަހާލިއެވެ.

" ހުޅުމާލެއިން މިއަދު ފެރީ ނާންނަނީތަ؟"

"ހުޅުމާލެއިން ފުރައިގެން އައި ފެރީ ވީނުވީތަނެއް އަދިވެސް ނޭގިގެން މިއުޅެނީ.ކަނޑުގަދަކަމުން ވިއްސާރައިގައި ޖެހުނީކަމަށް ބެލެވެނީ." ޒިޔާންއަށް ހީވީ ފައިދަށުން ބިންގަނޑު ދެމުނުހެންނެވެ.

"ގެއްލުނު ފެރީ ފެނިއްޖެ. މީހުން އެބަގެންދޭ ހޮސްޕިޓަލަށް." އެހެންމީހަކު ވާހަކަ ދެއްކި އަޑަށް ޒިޔާން ދިޔައީ ސިއްސައިގެންނެވެ. ޒިޔާން އެމީހާ ކައިރިން އޮޅުންފިލުވިއެވެ.

"ކޮންހޮސްޕިޓަލަކަށް މީހުން ގެންދިޔައީ"

"އައިޖީއެމްއެޗަށް"

ހޭވެރިކަމެއްނެތި ޒިޔާން މިސްރާބްޖަހާލީ ހޮސްޕިޓަލާ ދިމާލަށެވެ. ހޮސްޕިޓަލަށް އާދެވުމާއެކު ސައިކަލަކަށް ބެލުމެއްނެތި ޒިޔާން އެތެރެޔަށް ވަދެގެން ދިޔައެވެ. އަވަސް ފަރުވާދޭ ކޮޓަރިއަށާއި އޮބްޒަވޭޝަނަށް އަދި އައިސީޔޫ ބަލަމުންދިޔައެވެ. އެއިން އެއްވެސް ތާކުން ނުޒޫއެއް ނުފެނުނެވެ. ހޮސްޕިޓަލުގެ ރިސެޕްޝަނަށް ގޮސް މައުލޫމާތު ސާފުކުރުމަށްފަހު އަނެއްކާވެސް އައިސީޔޫ އާ ދިމާލަށް ދުއްވައިގަތެވެ. އެތާގަވެސް ނުޒޫނެތެވެ.

"ނުޒޫ ކޮބާ! އަނެއްކާ ނުޒޫ އެފެރީން އައިބާ!" މިހެން ހިތާ ނުޒޫއަށް ގުޅާލިއެވެ. ނުޒޫގެ ނަންބަރަށް އެއްގޮތަކަށްވެސް ނުގުޅެއެވެ. ގޭގެ ނަންބަރަށް ގުޅުމުން ފޯނުވެސް ނުނަގައެވެ. ވަރަށް ގިނަފަހަރު ގުޅާފަހުއްޓާ އެންމެ ފަހުން ފޯނު ނަގައިފިއެވެ.

"ހަލޯ!" އެކޮޅުން ވާހަކަދެއްކީ ނުޒޫގެ ދައްތައެވެ. ގޭތެރޭން ބަޔަކު ރޯއަޑުވެސް އިވެއެވެ.

"ހަލޯ! ނުޒޫ އުޅޭތަ!" ޒިޔާން އަހާލިއެވެ.

"ނުޒޫ މިއަދު..." މިހާ ހިސާބަށް ބުނެވުނުތަނާ ދައްތައަށް ރޮވުނީއެވެ. އިޚްތިޔާރަކާނުލާ ޒިޔާންގެ އަތުން ފޯނު ދޫވެގެން ވެއްޓުނެވެ. ދެކަކޫ މައްޗަށް ތިރިވެ އަޑުން އަޑުނަގާ ރޯންފެށިއެވެ.

"ނުޒޫ...!" އަޑުގެ ކޮޅަށް ގޮވާލިއެވެ. ޒިޔާންގެ ހަތަރުއުދަރެސް ފެނުޖެހުނުކަހަލައެވެ.

ޒިޔާން ސިއްސުވާލީ ފިނި އިހުސާސަކުންނެވެ. ޒިޔާންގެ ކޮޑުގައި މީހަކު އަތްލުމުންނެވެ. އެހިނދު ޒިޔާން ލޯހުޅުވާ ބަލާލިއެވެ. ކޮޅަށް ތެދުވަމުން ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. އާދައިގެމަތިން ބައްޕަ އޭނަ ހޯދަން އައީ ކަމަށް ހީކޮށް ބައްޕައަށް ކަރުނަ ނުދައްކަންވެގެން ކަރުނަ ފޮހެލާފައި ހިނިތުންވެލިއެވެ. އަދި އެބުރި ބަލާލިއެވެ. އެވަގުތު ހައިރާންކަމާއެކު ބަލާލެވުނެވެ. ހިތުގައި ސުވާލުތަކެއް އުފެދިގެން އައެވެ.

ސަބަބަކީ އެހެން ރޭރޭ ޒިޔާން ގެޔަށް ގެންދަން އަންނަނ ބައްޕަ ކަމަށްވެފައި މިރޭ އެހެން މީހަކު އައުމުންނެވެ. ކުރިމަތީގައި ހުރީ ޒިޔާންއަށްވުރެ އިސްކޮޅުން ކުރު އަންހެންކުއްޖެކެވެ. ކަޅު އަދިރި ރެއެއް ކަމުން ސިފަ ވަކިކުރާކަށް ނޭގެއެވެ. ކުއްލިއަކަށް ވިދާލިއެވެ. ޒިޔާންއަށް ބަލާލެވުނީ އުޑުމައްޗަށެވެ. ދެން އެރީތި މޫނަށެވެ. ގަބޫލުކުރަންވެސް ދަތިވިއެވެ. ދިގު މުއްދަތަކަށްފަހު ޒިޔާންގެ ތުންފަތްމަތިން ހިނިތުންވުމެއްގެ އަސަރު ފެނިގެންދިޔައެވެ. މޫނު އަލިވެގެން ދިޔައެވެ.

"ނުޒޫ!" މަޑުމަޑުން ބުނެލިއެވެ.

"އާ ޒިޔާން! މީ ޒިޔާންގެ ނުޒޫ." ނުޒޫ ހުރީ ވާރެޔާ ތެމިފޯވެފައެވެ.

"ނުޒޫ!" ޒިޔާން ނުޒޫ އޭނަގެ މެޔާލާ ބޮޑިކޮށްލިއެވެ.

"ނުޒޫ ކޮންތާކުން ތިއައީ. މިހާ ގިނަ ދުވަހު ނުޒޫ އުޅުނީ ކޮންތާކު. ނުޒޫ އަހަރެން މަތިން ހަދާން ނުވޭތަ. މީހުން ބުނީ ނުޒޫ މިދުނިޔެއަކު ނެތޭ. އެކަމަކު އަހަރެންގެ ހިތް ބުނީ ނުޒޫ އަހަރެން ދޫކޮށްލާފަ ނުދާނޭ. ނުޒޫ އަދި އަންނާނޭ. ނުޒޫ! އަހަރެން ވަރަށް އެކަނިވެރިވެއްޖެ. ނުޒޫ! ދެން ދުވަހަކުވެސް އަހަރެން ދޫކޮށްފަ ނުދާތި!" ޒިޔާންގެ ހިތް އުފަލުން ފޮޅުނެވެ.

ނުޒޫ ތަންކޮޅެއް ދުރަށް ޖެހިލަމުން އޭނައަށް ކަންތައް ދިމާވިގޮތް ކިޔައިދޭންފެށިއެވެ.

"އެދުވަހު ހެދުނު އަހަރެން ފުރަން އުޅުމުން އަހަރެންގެ މަންމަ ވަރަށް މަސައްކަތްކުރި އަހަރެން އެކަނި ނުފޮނުވަން. ވިއްސާރަދުވަހަކަށް ވާތީ ކަނޑުވެސް ގަދަވާނެކަމަށް ޓީވީން ގޮވާތީވެ. އެކަމަކު އަހަރެން ޒިޔާން ކައިރީ ވެފައިވާ ވައުދުގެ މަތިން އަންނަން ބޭނުންވެގެން އައީ. ވަރަށް ކަނޑުގަދަ. ވަކިހިސާބަކަށް އާދެވުނުތަނާ ފެރީގެ ތެރެޔަށް ބޮޑު ރާޅެއް ބިންދާލީ. އެރާޅާއެކީ ފެރީ ބަންޑުން ޖަހާލީ. ނަސީބަކުން ފެރީގައި ދަތުރުކުރީ މަދުބަޔެއް. ފަތަން ދަންނަ މީހުން ސަލާމަތްވީ.

އަހަންނަކަށް އެހާރަނގަޅަށް ފަތާކަށް ނޭގެ. ސަލާމަތަށް އެދި ރޮއި އާދޭސްކުރިން. އެކަމަކު އެވަގުތު ކޮންމެ މީހަކުވެސް އުޅުނީ އެމީހެއްގެ ސަލާމަތަށް. މީހަކާ މީހަކާ ނޫޅޭ. ބޯކޮށް ވާރޭ ވެހޭ. އެއްވެސް ތަނެއް ދޮރެއް ނުފެނޭ. ޖަހާ ކޮންމެ ރާޅަކާއެކު އަހަރެން ގެންދިޔައީ ފެރީއާ ދުރަށް. އިރުކޮޅަކުން ވީނުވީއެއް ނޭގުނު. ހޭޅެވުނުއިރު އޮވެވުނީ ސިއްޚީ މަރުކަޒެއްގައި. ނުދަންނަ ރަށެއް، ނުދަންނަ ބައެއް، ޑޮކްޓަރުން އެންގީ އެންމެ މަދުވެގެންވެސް ދެމަސަދުވަސް ވަންދެން ހިގާބިގާ ނޫޅެން.

އަހަރެންގެ ފަޔަށް ވަރަށް އަނިޔާވެފަހުރީ. އެރަށުގައި އަހަރެން އުޅުނީ މުސްކުޅި ދެމަފިރިޔެއްގެ ގޭގައި. އެގޭގައި އަހަރެން އުމުރުފުރައިގެ އަންހެން ކުއްޖަކުވެސް އުޅޭ. އަހަރެންގެ ހުރިހާ ކަމެއް ބެލެހެއްޓީ އޭނަ. އެއީ ކުޑަކުޑަ ރަށެއް ކަމުން ފޯނުގެ ޚިދުމަތްވެސް އެރަށަކަށް ނުލިބޭ. އާއިލާ މީހުންނަށް އަންގާނެ އެއްވެސް ގޮތެއް ނެތް.

ޒިޔާންއާ ވަކިން އަހަރެން ހޭދަކުރި ދެމަސްދުވަސް އަހަންނަށް ވެގެންދިޔައީ ދެގަރުނަށް. ޒިޔާންގެ ހަދާން ނުވާ އެންމެ ހިދުކޮޅެއްވެސް ނުދޭ. ޒިޔާންއާ ވަކިން އަހަންނަށް އުޅެވުނީކީ ނޫން. އަހަންނަށް ކިރިޔާ ހިގެން ފެށުމުން އަހަރެން މިއައީ ޒިޔާން ކައިރިޔަށް. ދެން ދުވަހަކުވެސް އަހަރެން ޒިޔާން ދޫކޮށްލާފައި ނުދާނަން. ނުދާނަން!" ނުޒޫ ރޯންފެށުމުން ނުޒޫގެ ލޮލުން ފައިބަމުންދިޔަ މުތީތަކެއްފަދަ ކަރުނަތިކިތައް ޒިޔާން ފޮހެދެމުން ނުޒޫ މެޔާ ގާތްކޮށްލިއެވެ.

ޒިޔާންއަށް ހީވީ މުޅިކާއިނާތު އޭނައަށް މިލްކުވީހެންނެވެ. ދެކުދިން އެހެންތިއްބާ ވާރޭ ބޯކޮށް ވިދާ ގުގުރަން ފެށިއެވެ. ޒިޔާން ނުޒޫ ގޮވައިގެން ގެޔާ ދިމާލަށް ހިގައިގަތެވެ. ނުޒޫއަށް އަދިވެސް އެހާ ރަނގަޅަކަށް ނުހިގެއެވެ. ހިގައިގަތުމުން ފަޔަށް ތަދުވަނީއެވެ. ޒިޔާން އޭނަގެ އަތްމައްޗަށް ނުޒޫ ނަގައިގެން ގެޔާ ދިމާލަށް ދުއްވައިގަތެވެ. ގެޔަށް އާދެވުނުއިރު ދެކުދިން ތިބީ ތެމިފޯވެފައެވެ. ގޭތެރެޔަށް ވަނުމާއެކު ލިބުނީ ހައިރާންކަމެކެވެ. ނުޒޫގެ މަންމަ އާއި ދައްތަ ކުރިމަތީގައި ތިބީމައެވެ.

"މަންމާ!" ނުޒޫ ގޮސް މަންމަގެ ގައިގައި ބައްދައިގަތެވެ.

"ދަރިފުޅާ ނުޒޫ!" މަންމައަށްވެސް ރޮވުނެވެ.

"މަންމައަށް ކިހިނެއް އެގުނީ އަހަރެން މިރަށަށް އައިކަން." ނުޒޫ އަހާލިއެވެ.

"ޒިޔާންގެ ބައްޕަ ގުޅާފަ ބުނުމުން ލޯންޗެއް ހިފައިގެން އައީ."

މަންމަ އެހެން ބުނުމުން ނުޒޫ ޒިޔާންގެ ބައްޕަޔާ ދިމާލަށް ބަލާފައި ހިނިތުންވެލިއެވެ. ޒިޔާންގެ ބައްޕަވެސް ހިނިތުންވެލިއެވެ. ނުޒޫގެ ދައްތަ އައިސް ނުޒޫ ގައިގައި ބައްދާފައި ކަންތައްވީ ގޮތް އޮޅުންފިލުވިއެވެ.

" ދަރިފުޅާ ނުޒޫ. މަންމަމެން ގަސްތުކުރަނީ ދަރިފުޅުމެންގެ ކައިވެނީގެ ކަންތައް އަވަސް ކުރުމަށް. މިކަމާ ދަރިފުޅުމެންގެ މައްސަލައެއް އެބައޮތްތަ؟"  މަންމަ މިހެން ބުނުމުން ނުޒޫ ޒިޔާންއަށް ބަލާފައި ލަދުރަކިގޮތަކަށް ހީލިއެވެ.

ތިންދުވަހުގެ ތެރޭ ކައިވެނީގެ ކަންތައް ހަމަޖައްސައިފިއެވެ. ދެކުދިންގެ ކައިވެނި ވެގެންދިޔައީ މުޅިއެރަށުގައިވެސް ކުރެވުނު އެންމެ ކުލަގަދަ ކައިވެންޏަށެވެ. މިރެޔަކީ އެދެކުދިންގެ ހަޔާތަށް އައި މާމުއި ހަނދުގެ ރެއެވެ.

ޒިޔާންގެ އިންތިޒާރު ނިމުނީއެވެ. ޒިޔާންގެ މަންމަ އަބަދުވެސް ބުނާފަދައިން އިންތިޒާރުގެ މޭވާ ފޮނިވާނެކަން ޒިޔާންއަށް ޤަބޫލުކުރެވުނެވެ.

ފޭދިގެން ނުމެދޭ ހަދާންތައް، ލިބުނުހާ ލޯތްބާ އުފާތައް

ހުއްޓަކަސް ދުރުގާ ތިބާޔާ، ކައިރިޔޭ ކަލާ އެހާވެސް

ކުރަމޭ އަބަދުހެން އިންތިޒާރު، އެދިގެން ތިލޯތްބަށް ލޯބިވާ

އުއްމީދަކީ ކަލާއޭ، ހަޔާތަށް އެބުރި އަންނާށެ ޔާރު

ހިތުގާ ވެޔޭ ޔަޤީންކަން، ދޫކޮށް އަޅާ ދުނިޔެއަށް

ބިކަހާލުގައި ޖައްސާފަކާ، ނުމެދާނެޔޭ މިތުރާ މަގޭ

ފުރިހަމަ މަގޭ އުއްމީދުވީ، ޔާރާ މަގޭ އަރިހަށް އައީ

ކުލަޖައްސަމުން ހަޔާތަށް، ލޯތްބާ އުފާ ދޭށޭ އައީ

ޒިޔާންގެ ތައުރީފުގެ ބަސްތައް އަޑުއިވިފައި ފޮޅިފައި އިން މަލެއްހެން ނުޒޫ ޒިޔާންގެ މޭގައި ބޯއަޅާލިއެވެ.

(ނިމުނީ)

ADS BY FENVARU