-
-
އަޒީއައްތަ ކާށިދޫ ކަނޑަށް

އަޒީއައްތަ ކާށިދޫ ކަނޑަށް

ކަލޭފާނުބޭގެ"ފެހެންދޫ" ބައްތެލީގައި ރަށުން މާލެއަށް ފެށި ދަތުރެކެވެ. އެ ދަތުރުގައި މަންމައާއެކު އަޅުގަނޑާއި ޢަލީ ކޮއްކޮއާއި މުބާރިކު ކޮއްކޮ މާލެގެނައެވެ. މުބާރިކު ކޮއްކޮއަށް އަހަރެއް ނުވެއެވެ. ޢަލީކޮއްކޮއަށް ހައެއްކަ އަހަރެވެ. އަޅުގަނޑަށް އަށެއްކަ އަހަރެވެ. ހަނދާން ހުންނަނީ ބައެއް ކަންކަމެވެ. އެހެންވެ އަނެއްބައިތައް މި ޖެހުނީ މަންމަ ކައިރިން އަހާލާށެވެ.

ADS BY FENVARU

އަޅުގަނޑުމެންނާއެކު މަންމަގެ ފިރިހެން ކޮއްކޮގެ ދެމަފިރިން ދަތުރުގައި ބައިވެރިވިއެވެ. އެއީ ދުއްލޯބެއާއި އަޒީއައްތައެވެ. އެއީ އެ ދެމަފިރިންގެ މާމުއިހަނދުގެ ދުވަސްވަރެވެ. ވަރަށް ލޯބިން ކައިވެނި ކުރި ޖޯޑެކެވެ. ވަރަށް ހިތްހެޔޮ އޯގާތެރި ދެމަފިރިންނެވެ.

ވައި ނުބައިކަމުން ބައްތެލި ދުއްވޭވަރެއް ނޫނެއެވެ. ޖެހުނު ވައިރޯޅިފަށް ވެސް ބަރަވެލިކަނޑު ދުއްވަނިކޮށް ނިވާލީއެވެ. ރޯދަމަހެވެ. ފަލިޖަހައި އެތައް މަސައްކަތަކުން ބައްތެއްޔައިގެން ގޮސް ލެފުނީ ފާދިއްޕޮޅު ހިންނަވަރަށެވެ.

ހިންނަވަރުގައި އަޅުގަނޑުގެ މާފަ އާއިލާގެ ވަރަށް ގާތް ރަޙުމަތްތެރިން ތިބެއެވެ. އެއީ ފައިނު އިސްމާޢީލްބެއާއި މުޙައްމަދުބެއާއި ޙައްވަދައިތަގެ އާއިލާއެވެ. ހެޔޮކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. އެއީ އެއްބަނޑުއެއްބަފާ ކަހަލަ ގާތް ބައެކެވެ. އޭގެތެރެއިން ވެސް އިސްމާޢީލުބޭ ޚާއްޞަގޮތެއް ހުރެއެވެ. ނިޔާވަންދެން ވެސް ދެގޮތެއް ނުވެއެވެ. އަޅުގަނޑާ ދިމާވެއްޖެއްޔާ އާއިލާގެ ހާލުއަހުވާލު އަހައި ބުރަކަށީގައި ފިރުމާނުލާ އެންމެ ފަހަރެއް ވެސް ނުދެއެވެ.

މަންމައާއި އަޅުގަނޑުމެން ތުއްތުތުއްތު ތިން ބެއިން ކުއްލިއަކަށް އަމިއްލަ ރަށުން ފެނުމާއެކު އިސްމާޢީލްބޭ ވަރަށް އުފާވިއެވެ. އެވަގުތު މުންޑުން އަރުވާޖެހިގޮތަށް އަޅުގަނޑުމެން ފުރަންދެން އުޅުނީ އަޅުގަނޑުމެންގެ މެހުމާންދާރީގައެވެ. "ދޮންކަނބުލޯ މާއަވަހަށް ދާނެކަމެއްނެތޭ" މަންމަ ގާތު ބުނެއެވެ. "ރަނގަޅުވީހީ ބައްޕައަށް ވެސް އާދެވުނު ނަމަތާއޭ" އަޅުގަނޑުމެންނާ ސަމާސާ ކުރަމުން ކިޔައެވެ. އެގޭ ދައްތައާއި ކުދިން ވެސް ހަމަ އެހާ ހެވެ.

ރަހުމަތްތެރިން ކިތަންމެ ހެވަސް ދަތުރުވަރިއެއްގައި އަދި އަމުދުން ރޯދަމަހެއްގައި ތިބޭކަށް ފަސޭހައެއް ނުވާނެއެވެ. އެ ހާލަތުގައި ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ ދަތުރު އަވަސްވާނެ ގޮތެއް އޮތްތޯ ބަލައިދިނުމެވެ. އެކަން އިސްމާޢީލްބޭ ކޮށްދިނެވެ. ބައްތެއްޔަށް އަރައި ނެވިންނާ ވާހަކަ ދައްކަވާ ދަތުރުގެ ވަނަވަރު ސާފުކުރިއެވެ. މާލެދާ އެހެން އުޅަނދެއް ފަޅަށް ވަދޭތޯ ވެސް ބަލައެވެ. މިހާރު އަޅުގަނޑުމެންގެ ބަލަދުވެރިކަމާ އިސްމާޢީލްބޭ އެހެރީ ހަވާލުވެގެންނެވެ. ދަތި ހަމަ އެއްކަމެއް ވެސް ނެތެވެ.

ވައިނުބައިކަމުން ބައްތެއްޔަށް ފުރޭނެ ދުވަހެއް ނޭނގެއެވެ. ހީވާގޮތުން އަދި ދެ ދުވަހެއްވަރު ވާނެއެވެ. މާލެދަމުން ހިންނަވަރު ފަޅަންވަން ހދ.ނޭކުރެންދޫ އިންޖީނު ދޯންޏެއް އޮތް ޚަބަރު ލިބިގެން އެ ދޯންޏަށް އިސްމާޢީލްބޭ ގޮވިއެވެ. އެ ދޯންޏަށް އަރައިގެން އަޅުގަނޑުމެންނަށް ދެވޭގޮތް ހަމަޖެއްސިއެވެ. "ދޮންކަނބުލޮއަށް ކުދިންކޮޅު ގޮވައިގެން ދާން ކެރެންޏާ ދެވިދާނެޔޭ" ގެއަށް އައިސް ބުނެއްޕެވެ. މަންމަ ނިންމީ އަޅުގަނޑުމެންނާއި އަޒީއައްތައާ ދާށެވެ. ބައްތެލީގައި ހުރި ތަކެއްޗާ ހަވާލުވެގެން ދާން ދުއްލޯބެ ބެހެއްޓީއެވެ.

ކަނޑު އޮތީ ފާނޯވެފައެވެ. ހީވަނީ ތަރަފާލު އަޅާފައި އޮތް ހެންނެވެ. މަތިން ދަމާފައިވާ ސަތަރިގަނޑަކުން ކުޑަހިޔާގަނޑެއް ދޯނީގައި ހަދާފައި ހުއްޓެވެ. އެކަމަކު އަޅުގަނޑުމެން ތިބީ ހިޔާގަނޑުގެ އެތެރެއަކު ނޫނެވެ. ދުއްވަމުން ދިޔައީ ކާށިދޫ ބޮޑު ކަނޑެވެ. އެއްވެސް ރަށެއް ފެންނާކަށް ނެތެވެ. ހޫނުގަދަ ދުވަހެކެވެ. އުޑުމަތީގައި ވިލާ ރޮއްޖެއް ވެސް ނެތެވެ. ވައިރޯޅިފަށެއް ވެސް ނުވެއެވެ. އެކަމަކު ދޯނި ދުއްވާފައިދާތީ އެހާ ހޫނު ގަދަހެންނެއް ހިޔެއް ނުވެއެވެ.

އެ ދުވަސްވަރަކީ ދެ ފިސްޓަން ޔަންމާ އިންޖީނުގެ ޒަމާނެވެ. ކުރިން ރިޔަލުގައި މަސްވެރިކަން ކުރި މަސްދޯނިފަހަރުގައި އަލަށް އިންޖީނު އަޅައިގެން ދުއްވަން ފެށިތާ ކައިރިއެވެ. ކޮންމެ ދޯންޏެއްގައި ވެސް ޚާއްޞަ އިންޖިނޭރެއް ހުރެއެވެ. އެއީ ޚާއްޞަ މީހެކެވެ. އޭނާ ނޫން އެހެން މީހަކަށް އިންޖީނުގެއަކަށް ވެސް ނުފޭބޭނެއެވެ. އިންޖީނުގެ އިސްޕީޑު މަތިކޮށްލަން ވެސް ދަށްކޮށްލަން ވެސް ޖެހޭނީ

އިންޖިނޭރު އިންޖީނުގެއަށް ފައިބާށެވެ. އަމުދުން ކުރިއަށް ފަހަތަށް ޖެހުމަކީ ފަސޭހަކަމެއް ނޫނެވެ. އެއީ މިހާރުގެ ގޮތަށް ދޯނި ދުއްވަން ހުންނަ ނެވިމީހާގެ އަތުގައި ހުރިހާ ބާރުތަކެއް އޮތް ޒަމާނެއް ނޫނެވެ.

އިރުއިރުކޮޅުން ތެޔޮ ކުރައިން އިންޖީނުގެ އެކިތަންތަނަށް ތެޔޮ ޖަހާލާނެއެވެ. އިންޖީނުގެ ދިޔަވަތް ބަލާނެއެވެ. ކިރިޔާ ވެސް ކަނޑު ގަދައްޔާ ގިނަ ފަހަރަށް އިންޖިނޭރު ހުންނާނީ އިންޖީނުގެއަށް ފައިބައެވެ. ކަނޑުމަޑު ދުވަހެއް ވީމާ ކުޑަ މަތިގަނޑު ފިޔަވާ އެހެން މަތިގަނޑުތައް ހުރީ އަޅާފައެވެ. އިވެނީ އިންޖީނުގެ ޑަގަޑަގަ އަޑެވެ. ދޯނީގެ ދިރުބާކޮޅު މައްޔާއިން އޮމާންކަނޑު ކަފަމުން ދެއެވެ. ދޫކޮށްފައި ހުރި ވަދުނަނުގައި ލައްޓި ރާގޮނޑި ޖެހެއެވެ. ދޯނި ދުވެފައިދާއިރު އުފެދެމުންދާ ހުދު ފޮނުން ގަދަ ނޫކުލައިގެ ކަނޑުގައި ރީތި މޯހިރެއް ކުރަހާލައިފައި އޮތެވެ.

އަޒީއައްތަ ދިޔައީ ދޯނީގެ ދިރުނބާކޮޅުގައި ހުރި ފެން ރުނބައިން ފެން ޖޯޑެއް ބަލައެވެ. ދޯނިމަތީގައި އެގޮތަށް ހިނގާލާފައި އުޅުމަކީ އޭރު ހިކިހިކި ކޮށް ހުރި ޒުވާން އަޒީއައްތައަށް އެއްވެސް ކަމެއް ނޫނެވެ. ފައްގަނޑުމަތިން ހިނގާލައިފައި އެނބުރި އަންނަމުން އަޒީއައްތަ ހިފުނީ ސަތަރި ދަމަން އައްސާފައި ހުރި ހިމަހިމަ ރޯނު ފަށެއްގައެވެ. އެ ވަގުތު ރޯނުފަށް ކެނޑުމާއެކު އަޒީއައްތައަށް ބެލެންސް ކުރެވޭ ގޮތެއް ނުވިއެވެ.

ވެއްޓުނީ އުޑުތިލަމަތިން މާ ކަނޑަށެވެ. އެތަން ބަލަން އިން މަންމަ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. "އަހަރެމެންގެ އަޒީޒާއޭ" ކިޔާފައެވެ. އެންމެން ވެސް އެއަޑަށް ސަމާލުކަން ދިނެވެ. "ފަހަތަށް ޖަހާށޭ. މީހަކު ފުންމާލަދޭށޭ" މަންމަ ގޮވައެވެ. އިންޖިނޭރަށް އިންޖީނުގެއަށް ފައިބާ އިސްޕީޑު ދަށްކުރަން ވަގުތުކޮޅެއް ނެނގިއެވެ. ދޯނި ދިޔައީ ކުރިއަށެވެ. ފަސޭހައެއްކޮށް ފަހަތަކަށް ނުޖެހުނެވެ.

ހުންގާނުގައި ހުރި ނެވިމީހާ ނިންމީ ދޯނި އަނބުރާލާށެވެ. އެވަގުތު ފިލާގަނޑެއް ހިފައިގެން މީހަކު ވެސް ފުންމާލައިފިއެވެ. އަޒީއައްތަ ލޮލުކޮޅަށް ގެއްލޭވަރެއް ނުވެއެވެ. އެކަމަކު އެ ހިނދުކޮޅު އެއީ އެންމެން ވެސް ނިކަން ބާރުބާރަށް ވާހަކަދައްކައި ހާސްވެގެން އުޅުނު ވަގުތެކެވެ. އަޅުގަނޑު އިނީ ވަރަށް ބިރުންނެވެ. އޮޅުލައި ގަނެވުނީ މަންމަގައިގައެވެ.

ދޯނި އަނބުރާލައިފައިދިޔައިރު ފިލާގަނޑުގައި ފުންމާލި މީހާ އޮތީ އަޒީއައްތަ ފިލާގަނޑު މައްޗަށް ލައިގެންނެވެ. އޭރު މަސް ބާނަން ދޯނިން ދޫކޮށްފައި ހުރި ކަންވާރުގައި ހިފައި އަޒީއައްތަ އޮތީ އަތަށް އޮޅާލައިފައެވެ. އެހާ ދުރަށް ނުދިޔައީ އެހެންވެ ކަންނޭނގެއެވެ. އެކަމަކު ބުޅި ނޭޅުނުކަން ނަސީބެކެވެ. އަޒީއައްތައަކީ ރަނގަޅަށް ފަތަންދަންނަ މީހަކަށް ވާތީ ބަލާބެލުމަށް މާބޮޑުކަމެއް ވީހެންނެއް ހިޔެއް ނުވެއެވެ. ނަމަވެސް

ދޯންޏަށް ނަގައި ފެން ރުނބައިން ގަޔަށް ފެންއެޅިއިރު ހުރީ ވަރަށް ލަދުންކަން އެނގުނެވެ. (ނިމުނީ)

ނޯޓު: މި ލިޔުމާއެކުގައި މިވާ ފޮޓޯއަކީ ފްރެންކް ބާނެބީ ގާތްގަނޑަކަށް އެ ދުވަސްވަރު ނަގާފައިވާ ފޮޓޯއެކެވެ. މިއީ މި ހާދިސާގައި މި ބުނާ ބައްތެލީގެ ފޮޓޯއެއް ކަމެއް ޔަގީނެއް ނޫނެވެ. އެކަމަކު މިއީ އެ ވައްތަރުގެ ބައްތެއްޔެއްގެ ފޮޓޯއެކެވެ.