-
-
ލޯބިވިޔަކަސް-01

ލޯބިވިޔަކަސް-01

ހިތްގައިމު ރެއެކެވެ. ހުޅުވާފައިވާ ކުޑަދޮރުން ހަނދުވަރުގެ އަލި ކޮޓަރިތެރެޔަށް ވަނީ އަލިކޮށްފައެވެ. ކޮޓަރިތެރޭގައި ބަހައްޓާފައިވާ އުއްބައްތިން ކޮޓަރިތެރެ ވަނީ މީރުވަހުން ފުރާލާފައެވެ. ކުޑަދޮރާދިމާލަށް ހުރި ބޮޑު އެދެއްގައި ޖުމާ އޮތީ ނިދާފައެވެ. މިރެޔަކީ ހާއްސަ ރެޔަކަށް ވުމުން ޖުމާ އިނީ ފިރިމީހާގެ އިންތިޒާރުގައި ނަލަހެދިލައިގެންނެވެ. އެހެންނަމަވެސް ފިރިމީހާގެ އިންތިޒާރުގައި އިންދާ ނިދިޖެހުނީއެވެ. މިރެޔަށްޓަކައި ގަތް އަގުބޮޑުހެދުމާއި މޭކަޕްގައި ޖުމާ ނިދާފައި އޮތްއިރު ކުޑަދޮރުން ޖެހެމުންދިޔަ ފިނި ވައިރޯޅި ޖުމާގެ އިސްތަށިގަނޑާ ކުޅެމުންދިޔައެވެ. ކޮޓަރިތެރޭ ހުރި ޑްރެސިންގޓޭބަލްމަތީ މާބޮޑިއެއްވެސް އޮތެވެ.

ADS BY FENVARU

 މެންދަމުގެ ވަގުތު ކަމުން ގޭތެރެއިން ފެންނަނީ ފަޅުކަމެވެ. ހިމޭންކަމެވެ. ކުއްލިއަކަށް ޖުމާއަށް ހޭލެވުނީ ގޭތެރެއިން އަޑެއް އިވިގެންނެވެ. ފަނޑުއަލި ކަމެއް ވެރިވެފައިވާ ކޮރިޑޯއިން ހިނގާފައި އައީ އިސްކޮޅުން ދިގު ފިރިހެނެކެވެ. އޭނާގެ އިސްކޮޅުގައި ގާތް ގަނޑަކަށް ހަފޫޓާ ގާތްކުރާނެކަމަށް ބެލެވެއެވެ. އެއް އަތުގައި ވަޅިއެއް އޮތްއިރު އަނެއް އަތްމަތީގައި ކަރުދާހު ފޮށިގަނޑެއް ކަހަލަ އެއްޗެއް ހުއްޓެވެ. ޖުމާ ކޮޓަރީގެ ދޮރުން ބޯދިއްކޮށްލާ ބަލާލިއެވެ. ދޮރާ ނިވާވެގެން ހުރި ޖުމާގެ ނޭވާ އަވަސް ވެފައިވަނީ އެމީހާ އޭނާ ހުރި ދިމާލަށް އަންނާތީއެވެ. ޖުމާ ދުވެފަގޮސް އެދަށް އަރާ އޮށޯތެވެ. ބާރަށް ލޯމަރައިގެންނެވެ. އެމީހާ ކޮޓަރިއަށް ވަނުމުން ޖުމާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ.

"ހެފީ އެނިވާސަރީ ލޯބި..."

ނިދާފަކަމަށް ހެދިގެން އޮތް ޖުމާގެ ކަންފަތް ދޮށުގައި ނަދީމް ބުނެލިއެވެ.

"ނިކަން ލޯހުޅުވާލަބަލަ...ލޯބީ"

ވަރަށްގަދައަށް ނިދިފައި އޮތްކަމަށް ހެދެމުން ޖުމާ ލޯހުޅުވާލީ ވަރަށް އުނދަގުލުންނެވެ. ފުންމައިގެންތެދުވިއެވެ. ނަދީމް ޖުމާ ދިމާލަށް ދިއްކޮށްގެންހުރި ވަޅިފެނިފައި އިތުރަށް ބިރުގަނެ ކަންބޮޑުވިއެވެ. ހިނިތުންވެލަމުން ނަދީމް އަތުގެ އިޝާރާތުން ދައްކާލީ ކޭކެވެ. ރަތްކުލައާއި ހުދުކުލައިން އައިސިންގ ޖަހާފައިވާ ރީތިކޭކެވެ.ހިތެއްގެ ބައްޓަމަށް އަޅާފައިވާ ކޭކެވެ.

"ވަރަށް ލޯބި...ތޭންކްސް ލޯބި"

"ކޭކުތަ؟ ލޯބީ ނޫނީ ކޭކު ދިންކުއްޖާތަ؟"

ކޭކު ފަޅަން ވަޅިދިއްކޮށްލަމުން ނަދީމް ވާހަކަ ދެއްކީ ހިނިތުންވެހުރެއެވެ.

"ނޫނޭ! ކޭކަށްވުރެ ކޭކް ދިންކުއްޖާ މާލޯބި." މިހެން ބުނަމުން ޖުމާ މާބޮޑި ނަގާ ދިއްކޮށްލިއެވެ.

"ހެޕީ އެނިވާސަރީ ޓޫ ޔޫ ޓޫ."

ނަދީމް ކަހަލަ ލޯބިވާ ރަނގަޅު ފިރިއެއް ލިބުނީތީ އިންތިހާއަށް އުފާކުރަމުން ނަދީމްގެ ގައިގައި ބައްދައިގަތެވެ.

"އޯކޭ އޯކޭ އަހަރެން ޤަބޫލުކޮށްފީމޭ...އެހެންވެތާ ހަތަރު އަހަރު ވަންދެން މިގޮތުގަ މިތިބީ....ދެންވެސް އަވަސްކުރަމާ ހިނގާ"

ޖުމާގެ ދަތްދޮޅީގައި ހިފާ އޭނާ އާ ހަތަރުކަޅި ހަމަކޮށްލަމުން ބުނެލިއެވެ.

"މާބޮޑަށް ނިދި އައީދޯ" ނަދީމް ބުނެލިއެވެ.

"މިރޭ ލޯބި ނިދިޔަކަ ނުދޭނަން. މިރޭ މީ އަހަރެންގެ ރޭ.." ފުރަގަހުން ބައްދާލަމުން ނަވީން ބުނެލިއެވެ.

"މިރޭ ބޭނުމީ އަހަރެމެންގެ ފޯތް އެނުވާސަރީ ސެލެބުރޭޓް ކުރަން... ވަރަށް ވަރަށް ކުލަގަދަކޮށް" ޖޫމާގެ ކޮލުގައި ބޮސްދެމުން ނަދީމް ބުނެލިއެވެ.

ކޭކުފެޅުމަށްފަހު ދެކުދިން ދިޔައީ ދުއްވާލާށެވެ. ޖުމާ އިނީ ނަދީމްގެ ގައިގައި ބާރަށް ބައްދާލައިގެންނެވެ.

"ލޯބި. އަހަރެންދެކެ ކިހާ ވަރަކަށް ލޯބިވޭތަ!" ޖުމާ އަހާލިއެވެ.

"ތިހެން އަހާއިރުވެސް އެގޭނެ އަހަރެން ޖުމާދެކެ ލޯބިވާވަރު ދޯ."

"އެކަމަކުވެސް ހެޔޮ. އަހަރެން ބޭނުމީ ނަދީމްގެ ދުލުން އަޑުއަހަން." ޖުމާ ބުނެލިއެވެ.

"ޖުމާތީ އަހަރެންގެ ފުރާނަ. އަހަރެންގެ ހިތުގެ ވިންދު. ތިލޯތްބާނުލާ އަހަންނަށް އެންމެ ހިދުކޮޅަކުވެސް ދިރިނުހުރެވޭނެ." ނަދީމް ލޯގަނޑުން ޖުމާއަށް ބަލަމުން ބުނެލިއެވެ.

"ދެން މިސާލަކަށް އަހަރެން މަރުވެއްޖިއްޔާޔޯ؟" ޖުމާ މިހެން ބުނުމުން ނަދީމް ކުއްލިއަކަށް ސައިކަލް މަޑުކޮށްލިއެވެ. އެބުރި ޖުމާއަށް ބަލާލިއެވެ.

"ޝް..ޝް..ތިހެން ބުނަން ހެޔޮވެސް ނުވާނެ. ޖުމާ ނެތް ދުނިޔެއަކު އަހަރެންވެސް ނުހުންނާނަން. ހިތުގެ ވިންދާނުލާ އިންސާނަކަށް ދިރިނޫޅެވޭނެ. ތީ މިހިތުގެ ހަމައެކަނި ވިންދު. ދެން ތިހެން ނުބުނައްޗޭ." ނަދީމްގެ ލޮލުން ޖުމާއަށް ކަރުނަ ފެނުނެވެ.

"ހަމަ ތިހާވެސް އަހަރެންދެކެ ލޯބިވޭތަ؟" ޖުމާ އުފަލުން ނަދީމްގެ ގައިގައި އިހުނަށްވުރެ ބާރަށް ބައްދައިގަތެވެ.

އާދުވަހަކަށް އިރުއަރައިގެން އައީ ޖުމާގެ ހަޔާތަށް ބަހާރު މޫސުމް ގެނުވާފައެވެ. ޖުމާ ހުރީ އުފަލުން ފޮޅިފައެވެ. ޖުމާއައިސް ބަދިގެޔަށް ވަންއިރު  ޒީނިޔާ ހުރީ އާދައިގެ މަތިން ރޮށި ފިހަން ބަދިގެ ތެރޭގައެވެ. ޒީނިޔާއަކީ އެގޭގައި ގެންގުޅޭކުއްޖެކެވެ.

"ޒީނިޔާ އެކަނި އުޅޭދުވަހަކީތަ...ކޮބާ ޖުމާ ؟"

ރޮށިފިހެ ނުނިމިގެން އުޅެނިކޮން ނަދީމް ހޭލައިގެން ނުކުތެވެ. ޖުމާ ފެންނަން ނެތުމުން ނަދީމް ސުވާލުކުރިއެވެ.

"އަހަރެން އެބައުޅެން." ޖުމާ ބަދިގެތެރެއިން ނުކުންނަމުން ބުނެލިއެވެ.

ޒީނިޔާ ރޮށިފިހަން ހުރުމުން ޖުމާ އަވަސްވެގަތީ ތަރުކާރީކޮޅެއް ތައްޔާރުކުރުމަށެވެ. އެގޮތުން މޭޒުމައްޗަށް ނަގާފައިހުރި ތަރުކާރީތައް ކޮށުމައިގެން އުޅެގަތެވެ.

"ދެމީހުންގެ އެނިވާސަރީނައިޓް ކިހިނެތްތަ ދިޔައީ؟"

ޒީނިޔާ ކުރި ސުވާލުން އިރުކޮޅަކު ހިމޭނުން ހުރެފައި ޖުމާ ޖަހާލީ ހިނިގަނޑެކެވެ. ޒީނިޔާ އަކީ ގޭގަ ގެންގުޅޭކުއްޖަކަށް ވުރެން ބޮޑަށް ޖުމާގެ އެކުވެރިޔެކެވެ. ކަންކަން ހިއްސާކޮށްލާނެ މިތުރެކެވެ. ޖުމާއަށް ވުރެން ޒީނިޔާ އުމުރުގެ ގޮތުން ދޮށީއެންމެ އަހަރެކެވެ. ޖުމާއަކީ ބޭރުތެރެއަށް ގޮސް ރައްޓެހިންނާއި އެކު ވަގުތު ހޭދަކުރާކުއްޖަކަށް ނުވާތީ ޒީނިޔާ އާއި މެދު ޖުމާ ދެކެނީ ވަރަށް ގާތްކޮންނެވެ. ކަން މިހެން ހުރުމުން ޒީނިޔާއަށް ވެސް ޖުމާއާ ހީސަމާސާކޮށް މަޖާކޮށްލައެވެ.

"އެކްސްޓްރާ އޯޑިނަރީ.....އައިއެމް ސޯ ސޯ ހެޕީ..."

އުފާވެފައިވާވަރު ޖުމާގެ އަޑުގައި އެކުލެވިފައިވާ ޖޯޝުން ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ.

"އާނއާނ....އުފާވެފަ ހުރިކަން ކިތަންމެ ރަނގަޅަކަށްވެސް އެބައެނގޭ."

ހިނިގަނޑު މައިތިރިކުރަމުން ޒީނިޔާ ވާހަކަކުރިއަށް ގެންދިޔައެވެ.

"އެ ވެމްޕަޔަރގެ އަތްދަށުން ސަލާމަތްވެގެން މިހިސާބަށް ނިކުމެވުނުކަން އެއީ ޖުމާގެ ނަސީބު"

ޒީނިޔާ މިހެންބުނުމުން ނަދީމް ސޯފާގައި އިދެފައި ކަރުކެހިލިއެވެ. ޖުމާ ކޮށަންނެގި ކެރެޓް ޒީނިޔާއާ ދިމާލަށް މަޅާލިއެވެ. ހީވީ ޖަހަން އުޅުނުހެންނެވެ.

"އޭ ނަދީމްއާ ދިމާލަށް ވެމްޕަޔަރ ނުކިޔައްޗޭ..."

ލޯ ހަނިކޮއްލަމުން ޖުމާ ބުނެލިއެވެ.

"ނުކިޔޭ ވަރެއްތަ؟ ކަރުދޮށުގަ ރަތްވެފަ ތިހިރީ ވެމްޕަޔަރެއްގެ ހަމަލާއެއް ނޫންތަ؟"

ޖުމާ ލަދުން ތިރީތުންފަތުގައި ދަތްއަޅާލެވުނެވެ. ކަރުދޮށުގައި އިނގިލިތަކުކުރި ޖައްސާލިއިރު އެދޮންމޫނުމައްޗަށްވެސް ވަނީ ޖަންބުކުލައަރާފައެވެ. ޖުމާއަށް ވީގޮތް ފެނިފައި ޒީނިޔާގެ ހިނިގަނޑު މުޅިމާޙައުލުގައި ގުގުމާލިއެވެ.

"ޒީނިޔާ މާވަރަކަށް ތިހެނީ އަނެއްކާ ކިހިނެތްވީ؟"

ރިޔާޒުގެ އަޑުއިވުމުން ޒީނިޔާ ހިނިގަނޑު މައިތިރިކުރިއެވެ. ރިޔާޒު ނިކުތީ ދުވަންދާންތައްޔާރު ވެގެންނެވެ.

"އަހަ! ދަރިފުޅުވެސް އެބައުޅެންދޯ!" ނަދީމް ފެނުމުން ރިޔާޒް އަހާލިއެވެ.

"މިއަދު އަހަރެންވެސް ބައްޕަޔާ އެކު ދުވަން ދާނަން."

އެހެންޏާ ނަދީމްއަކީ ރިޔާޒްއާ މިހާ ގާތްކޮށް ވާހަކަދައްކާ ކުއްޖަކަށް ނުވާތީ ރިޔާޒް ނަދީމްގެ މޫނަށް އެއްފަހަރު ޖުމާގެ މޫނަށް އެއްފަހަރު ބަލާލިއެވެ. ނަދީމްގެ މަންމަ މަރުވިފަހުން ނަދީމް ރިޔާޒްއާ އެވަރަށް ވާހަކަނުދައްކާތާ މިހާރު ދެއަހަރަށްވުރެ ގިނަދުވަސްވެއްޖެއެވެ. އެހާގިނަދުވަސްކޮށްފައި ނަދީމް އެހާ ގާތްކޮށް ވާހަކަ ދެއްކުމުން ރިޔާޒް ވަރަށް އުފާވިއެވެ.

"ތީ އަބަދުވެސް ބައްޕަ ބޭނުންވާގޮތް. ކިތަންމެ ބިޒީކޮށް އުޅުނަސް ހަށިގަނޑަށް ބަލަން ޖެހޭނެ. ތީއަދި ކުޑަކުދިން. ބައްޕައަށް ވުރެ ބޮޑަށް ތިކުދިން ޖެހޭނެ ހަށިގަނޑަށް ބަލައިގެން އުޅެން." ރިޔާޒް ނަަދީމްގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ.

"ދެކުދިންނަށް އުފާފާގަތި ދިރިއުޅުމަކަށް ބައްޕަ އެދެން. ހެޕީ އެނިވާސަރީ ދެކުދިންނަށްވެސް"

ޖުމާ ލަދުން އިސްތަށިގަނޑު އެއްފަރާތުން ކުރިމައްޗަށް ގެނައީ، ރިޔާޒުގެ ލޮލުގައި ކަރުދޮށުގައި ރަތްވެފައި އިންތަން އަޅައިގަނެދާނެތީއެވެ. ޒީނިޔާ ދެތުންފަތް ބައްދައިގެން ހުރިއިރުވެސް ދޭތެރެދޭތެރެއިން އަޑުބޭރުވެއެވެ. ޖުމާވެސް ދޭތެރެ ދޭތެރެއިން ޒީނިޔާއަށް ލޯއަޅާލައެވެ.

(ނުނިމޭ)