-
-
ފަރެސްމާތޮޑާ މަސްވެރިންނަށް ފައިސާ ނުލިބި މަހަކާ ގާތަށް! ޢަދަދު މިލިއަނުން މިލިއަނަށް! ވަޒީރާ ފޯން "ބިޒީ"! ގދ. ފަރެސްމާތޮޑާ މަސްވެރިން މިދިޔައަހަރު މުޒާހަރާކުރުމުގެ ތެރެއިން، އެ ދުވަހު މުޒާހަރާކުރުމާއެކު ލޯންޗެއްގައި ފައިސާ ގެނެވި މަސްވެރިންނަށް ދޫކުރި -: ފޮޓޯ: ފަރެސް މާތޮޑާ މަސްވެރިން

ފަރެސްމާތޮޑާ މަސްވެރިންނަށް ފައިސާ ނުލިބި މަހަކާ ގާތަށް! ޢަދަދު މިލިއަނުން މިލިއަނަށް! ވަޒީރާ ފޯން "ބިޒީ"!

"މަސްވެރިކަމަކީ ދިވެހިންގެ ލޭނާރެވެ"

ADS BY FENVARU

މި ޢިބާރާތަކީ، ލިޔުންތަކުން އެކަނި "ޙައްޤުމިންވަރު" ދެވޭ ޢިބާރާތެކެވެ. ދިވެހިންގެ ލޭނާރަށް ފަރުވާކުރުމަށް އާސަންދަވެސް ނުލިބޭ ކަހަލައެވެ. ވަށައިގެން ޖަހާފައިވާ "ސަރުބީ" ނައްތާލުމަށް ދެވޭ ޕެނަޑޯލް ގުޅައެއް މެނުވީއެވެ.

ކޮވިޑް19 ގައިިޖެހި ރަންބިސްއަޅާ ކުކުޅު "ކަރަންޓީނަށް" ލެވި، އިޤްތިޞާދު ވެންޓިލޭޓަރުގައި ވާއިރު، އިޤްތިޞާދަށް ލޭ ޕަމްޕުކޮށްދެވޭނެ ލޭނާރު އޮތް ހާލަތަކީ، އެޙާލަތާ މެދު ކަރުނަޅައި ރޯންޖެހޭ ޙާލަތެކެވެ. ކެޔޮޅުން ކަންނެތީކީ ނޫނެވެ. ޒުވާނުންގެ ބައިވެރިވުން ނެތީކީ ނޫނެވެ. މަސްވެރިކަމުގެ ޞިނާޢަތުގައި ފަރުދުން ކުރަމުންދާ އިންވެސްޓް މަންޓްތައް މަދީކީވެސް ނޫންމެއެވެ.

ބާނާ މަސްކޮޅަށް އަޅާނެ އައިސް ނުލިބެނީއެވެ. އައިސް އެޅޭ އެއްޗެއް ކިރުވޭނެގޮތެއް ނެތީއެވެ. ކިރުވޭ އެތިކޮޅަށް ފައިސާ ނުލިބެނީއެވެ. މިދެކެވެނީ، އަމިއްލަ ފަރުދެއްގެ ކަންމަތީ ފިހާރައިގެ ލޭންދޭނަކަށް ޢާންމުރައްޔިތަކު ދޭންޖެހޭ ހައްސަ ރުފިޔާގެ ވާހަކައެއްނޫނެވެ.

މުޅިރަށުގެ %90 އިންސައްތަ ރައްޔިތުން، އަނބިދަރިންނާ ދުރުގައި ރެޔާއި ދުވާލު ދުވަސްތަކަކަށް ހޭދަކޮށްގެން ކުރާ މަސައްކަތުގެ އުޖޫރަ، އެތަކެއް ދުވަހެއް ފާއިތުވެގޮސް މިލިއަނުން ރުފިޔާއަށް އަރާއިރުވެސް، ދައުލަތުގެ ކިބައިން މަސްވެރިންނަށް ނުލިބި، މަސްވެރި ޢާއިލާތައް އަނގަޔާއިއަތާ ދިމާނުވެ ދިރިއުޅުން ވޭތުކުރަންޖެހޭ ވާހަކައެވެ.

"އަޅުގަނޑުމެން ދޯންނިން އެކަނިވެސް ފައިސާ ނުލިބިވާ ބިލުތަކުގެ ޢަދަދު 430000 ރުފިޔާއަށް އަރާ. ވާވުން އުތުރުގަ ދުވަސްތަކަކަށް އުޅެފައި މިއައީ ރަށަށް. ދަރިންގެ ޓިއުޝަން ފީ ދައްކަން ޖެހިފަ. ޤުރުއާން ކްލާހަށް ފައިސާ ދައްކަން ޖެހިފަ. ކުރީ ދަތުރު ދޯންޏަށް ނެގި ކޮއްތަށް ފިހާރަތަކަށް ދައްކަންޖެހޭ ފައިސާ 10000 އިން 15000 އިން އަރާ"

ފަރެސްމާތޮޑާގެ މަސްވެރިކަންކުރާ ދޯންޏެއްގެ ކެޔޮޅަކު މިނޫހާއި މިރޭ ވާހަކަ ދައްކަމުން، ގޮތްހުސްވެހުރެ ކިޔައިދިނެވެ.

ފާއިތުވެ ދިޔަމަހުގެ 16 ވަނަދުވަހުން ފެށިގެންވެސް، މިފްކޯއަށް ކިރުވި މަހަށް ފައިސާ ނުލިބި އެރަށުގައި އެކަނިވެސް 9 ދޯނި އެބައޮތެވެ. ވާވުން އުތުރުން އެންޖަހައިގެން، ޅ. އަތޮޅާއި ބ. އަތޮޅު ހިސާބުން މަސްވެރިކަމުގައި އުޅެފައި ކޫއްޑޫއަށް މަސްކިރުވިނަމަވެސް ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އަދިވެސް އެއްވެސް އުންމީދެއް ނެތްހާލު ފަރެސް މާތޮޑާގެ މަސްވެރިންވެސް ތިބީ މަހަށް ފުރޭނެގޮތެއް ނެތިފައެވެ.

"މިފްކޯގެ އެމްޑީ އިސްމާޢީލް ފައުޒީއަށް ގުޅުމުންވެސް ބިލްތަކަށް ފައިސާދެއްވޭނެ ދުވަހެއްވެސް ބުނަން ނޭނގުނު. ފިސަރީޒް މިނިސްޓަރު ޒަހާއަށް ގުޅާތާ ހަފްތާއެއް ވާން މިދަނީ، ފޯނު ބިޒީކޮށްލެއްވުމަށްފަހުގައި ޖަވާބެއް ނުދެއްވާ"

ފަރެސް މާތޮޑާގެ ކެޔޮޅަކު، މިނޫހަށް މައުލޫމާތު ދެމުން، ކަންބޮޑުވުން ފާޅުކޮށް ގޮތްހުސްވާ ހާލުގައި ބުންޏެވެ.

ފަރެސްމާތޮޑާގެ ދޯންޏެއްގެ ކެޔޮޅެއް، ވެރިކަންކުރާ އެމްޑީޕީގެ ދިދަ ހިފައިގެން، ރައީސް ޞާލިޙް އަރިހުގައި ކެމްޕޭން ހަރަކާތެއްގެ ތެރެއިން -: ފޮޓޯ: މަސްވެރިން

"އިއްޔެ، ލ ފަހިމަގު ދޯނި ވ. އަތޮޅުމަތިން 10 ޓަނު މަސް ބާނައިގެން، ރޭ ހަތަރުދަމު ހޭލައިތިބެ. ކިއުގައި ޖެހިގެން ކ. ހުރާއިން މިއަދު ހެނދުނު 7:00 ގައި އައިސް އަޅައިގެން ދުއްވަމުން އެދަނީ އިތުރު 70 މޭލު ދުރުގައި އޮތް ޅ. ފެލިވަރަށް މަސްކިރުވަން. މަސްކިރުވާފަ އަނބުރާ އެންދަމަން އަންނަން މިޖެހެނީ ވ. އަތޮޅަށް. މަސްވެރިންނަށް މި ނޫން ދުވަހެއް ބޭނުން"

އެ ދުވަހަކުން ފެށިގެން ފަރެސްމާތޮޑާ މަސްވެރިންގެ ބިލުތަކަށް ފައިސާ ނުލިބިވާ، މިދިޔަ މަހުގެ 16 ވަނަ ދުވަހުގައި، މަސްވެރިންގެ ފޭސްބުކް ޕޭޖްގައި ފާޅުކޮށްފައިވާ އުދާސްތަކެއްގައި ވެއެވެ.

ވީހިދު، ކޮންމެ ގެއެއްގެ ދޮރުމަތީގައި "ގޭ ދޮށު މަސްފެކްޓަރީ" އެޅުމާއި، ކޮންމެ ކަނޑަވަޅިއެއްގައި "މަސްވެރި ޕްލެޓް ފޯމު" ބެހެއްޓުން ފަދަ ވާހަކަތަކަކީ، ޙާފިޒް ސާރ ވިދާޅުވާހެން، ސަޢުދީ ރަސްގެފާނު ހުޅުދެއްޔަން ރަން ގަތުމަށް ވަޑައިގަންނަވަނީއޭ ބުނުން ކަހަލަގެ ވާހަކައެއް ނޫންހެއްޔެވެ!

އިޚްލާސްތެރި ނިޔަތަކާއެކު ޒިންމާދާރުކަމެއް ދެއްކިއްޖެނަމަ "ޑުބާއީ ވެންޓިލޭޓަރަށް" ވީހެނެއް ނުވާނެއެވެ. ފިޓް ފާޒިލްގެ "ގިވްއަވޭ" އަކަށްވެސް ނުވާނެއެވެ. އެހެނެއްކަމަކު ބިލިއަން ޑޮލަރުގެ އަގުހުރި ލޭ، އިޤްތިޞާދަށް ޕަމްޕުކޮށްދޭ ނާރަކަށް ދިވެހިންގެ ލޭނާރު ހެދޭނެވެސް މެއެވެ.