-
-
އަޅުވެތިކަމާ ދެކޮޅަށް ޒުވާނުން މިއަދު ހަވީރު ނުކުންނަނީ އިދިކޮޅު ކޯލިޝަނުން އިންތިޒާމު ކޮށްގެން ދާދިފަހުން މާލޭގައި ބޭއްވި ސައިކަލު ބުރު -:ފޮޓޯ: ސޯޝަލް މީޑިއާ

އަޅުވެތިކަމާ ދެކޮޅަށް ޒުވާނުން މިއަދު ހަވީރު ނުކުންނަނީ

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލޭ ފަދަ ނިންމުންތައް ސަރުކާރުން ނިންމަމުން ދާތީވެ، އެކަމާ ދެކޮޅަށް އިޙްތިޖާޖުކޮށް ސޯޝަލް މީޑިއާގައި އަޑު އުފުލަމުންދާ ޒުވާނުން މިއަދު މަގުމަތީ ހަރަކާތަކަށް ނުކުތުމަށް ތައްޔާރުވެއްޖެއެވެ.

ADS BY FENVARU

"އިންޑިއާ އައުޓް" ނަމުގައި ސޯޝަލް މީޑިއާގައި ހިންގަމުންދާ ޙަރަކާތުގެ ތެރެއިން މިއަދު ހަވީރު 4:00 ގައި މާލޭގައި ޒުވާނުންގެ ސައިކަލުބުރެެެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. ރަސްފަންނު ސަރަޙައްދުން ފެށުމަށް ހަމަޖެހިފައިވާ މިހަރަކާތް، އިޖްތިމާޢީ މަންސަތަކުގައި ފޯރިއާއެކު އިޝްތިހާރުކުރެވެމުން އެބަދެވެ.

ފާއިތުވެ ދިޔަ ހަފްތާގައި އިޢުލާނުކުރެވިގެން މިއަދު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޒުވާނުންގެ މި ސައިކަލުބުރުގައި، އިދިކޮޅު ކޯލިޝަނުގެ ލީޑަރޝިޕްގެ ބޭފުޅުންވެސް، ގައުމަށް ހެޔޮއެދިވަޑައިގަންނަވާ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވާނެކަން އެފަރާތްތަކުން ހާމަކުރަށްވާފައި ވެއެވެ.

މިއަދުގެ ހަވީރު ކުރިއަށްދާ މިހަރަކާތައް ކުޑަތަންވެފައިވަނިކޮށް، މެންދުުރުގެ ވަގުތެއްގައި ފުލުހުން ނެރުއްވި ކުރު ބަޔާނެއްގައި، ކޮވިޑް19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރެވިފައިވަނިކޮށް އެޗްޕީއޭގެ އެންގުންތަކާ ޚިލާފުވާގޮތަށް އެއްވުންތައް ނުބޭއްވުމަށް އިލްތިމާސް ކޮށްފައިވެއެވެ. އަދި އެންގުންތަކާ ޚިލާފަށް އެއްވުންތައް ބާއްވާފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ދާދިފަހުން އިދިކޮޅު ކޯލިޝަނުން ބޭއްވި މިފަދަ ސައިކަލު ބުރަކާގުޅިގެން، އެ ކޯލިޝަނުގެ އިސްފަރާތްތައް ފުލުހަށް ހާޒިރުކޮށް ޖުރުމަނާކޮށްފައިވާއިރު، އިލެކްޝަންސް ކޮމިޝަނުންވަނީ ޕީޕީއެމާއި ޕީއެންސީވެސް 150000 ރުފިޔާއިން ޖޫރިމަނާކޮށްފައިކަން ފާހަގަ ކޮށްލެވެއެވެ.

އެ ދުވަހުގެ ސައިކަލުބުރާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އެ ދެ ޕާޓީ ޖުރުމަނާކުރުމާ ގުޅިގެން، ގިނަ ބައެއްގެ ފާޑުކިޔުންތައް އީސީއަށް އަމާޒުވެގެން ދިއައެވެ. ވެރިކަންކުރާ އެމްޑީޕީީއާއި އަދި އެޕާޓީގެ އިސް ފަރާތްތަކުން އެޗްޕީއޭގެ އެންގުންތަކާ ތަކުރާރުކޮށް ފާޅުކަން ބޮޑުގޮތެއްގައި ޚިލާފުވާއިރުވެސް އީސީން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީއެވެ. އަދި މި ފާޑުކިޔުންތަކާ ގުޅިގެން އީސީން ވަނީ، ފާޑުކިއަމުން ދާފަރާތްތަކަށް ރައްދުވެސް ދީފައެވެ. އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން، އެޗްޕީއޭގެ އެންގުންތަކާ ޚިލާފަށް ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތަކަކީ ސިޔާސީ ހަރަކާތްތަކެއް ނޫންކަމަށް ބުނެއެެވެ.

ދާދިފަހުން މާލޭގައި ބޭއްވި ސައިކަލުބުރަކީ އިދިކޮޅު ކޯލިޝަނުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ. އެހެންނަމަވެސް މިއަދު ބޭއްވޭ ހަރަކާތާގުޅިގެން އެ ކޯލިޝަނުގެ ދެ ނާއިބު ރައީސުން ބުރާސްފަތި ދުވަހު ފުލުހަށް ހާޒިރުކުރުމުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ނާއިބު ރައީސް ޝުޖާޢު ވިދާޅުވީ މިއަދުގެ ހަރަކާތަކީ ރައްޔިތުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އަދި ގައުމުގެ ހައްގުގައި ބޭއްވޭ އެފަދަ ކޮންމެ ހަރަކާތެއްގައި ވެސް، ގައުމުގެ ރައްޔިތެއްގެ ހައިސިއްޔަތުން ލީޑަރޝިޕްގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް ޝުޖާ ވިދާޅުވެފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.