-
-
"ހަނދޭކަލަ" ޕާކު ހުޅުވި، ހިރިލަންދޫގެ ކުޑަކުދިން ލޮހިއްޖެ

"ހަނދޭކަލަ" ޕާކު ހުޅުވި، ހިރިލަންދޫގެ ކުޑަކުދިން ލޮހިއްޖެ

ތ. އަތޮޅު ހިރިލަންދޫ ކައުންސިލުން އިސްނަގައިގެން އެރަށު ބަނދަރު ސަރަހައްދުގައި ތަރައްޤީކުރި، "ހަނދޭކަލަ" ކުޑަކުދިންގެ ޕާކުގެ މަސައްކަތް އެއްކޮށް ނިންމައި، ރަސްމީކޮށް މިއަދު ހުޅުވާލައިފިއެވެ.

ADS BY FENVARU

ތުއްތުކުދިންނަށް ހަނދު ދައްކައިގެން، އެކުދިން ލޮއްސުމަށް ނިސްބަތްކޮށް އިހުޒަމާނުގައި އެރަށު ބަހުރުވައިން ކިޔޭ "ހަނދޭކަލަ"، މި ޚާއްޞަ ނަން ދެވިގެން ތަރައްޤީކުރެވުނު ކުޑަކުދިންގެ މި ޕާކަކީ، ކައުންސިލްގެ ބަޖެޓުން ތިން ލައްކައެއްހާ ރުފިޔާ ޚަރަދު ކުރެވިގެން، ކައުންސިލްގެ މުވައްޒަފުން ބޭނުންކޮށްގެންނާއި ރަށުގެ ރައްޔިތުންގެވެސް އެހީތެރިކަން އެ މަސައްކަތަށް ލިބިގެން ކުރެވިފައިވާ މަސައްކަތެކެވެ. އަދިހަމަ މި ޕާކުގައި ބެހެއްޓިފައިވާ ޕްލޭހައުސްއާއި ކުޅޭތަކެއްޗަކީ، ޔޫތު މިނިސްޓްރީން ހަދިޔާކޮށްފައިވާ ތަކެއްޗެވެ.

ހިރިލަންދޫގައި ތަރައްޤީކުރި "ހަނދޭކަލަ" ކުޑަކުދިންގެ ޕާކު -: ފޮޓޯ: ކައުންސިލް

"މި ޕާކަކީ ދެ ފިޔަވައްސަކަށް ބަހާލައިގެން ތަރައްޤީ ކުރުމަށް ރޭވިފައިވާ މަސައްކަތެއް. މި އަދު މި ހުޅުވިގެންދިއައީ ފުރަތަމަ ފިޔަވަހީގެ ދަށުން ޤާއިމުކުރެވުނު ކުޑަކުދިންގެ ޕާކް. 11000 އަކަ ފޫޓުގެ ސަރަހައްދެއް ހިމެނޭ ފުރަތަމަ ފިޔަވަހީގެ ބިންގާ އެޅުނީ ފެބްރުއަރީ މަހުގެތެރޭގަ. ކޮވިޑް19 ގެ ސަބަބުން ލަސްތަކެއް ކުރިމަތިވީ. ދެވަނަ ފިޔަވަހީގެދަށުން ތަރައްޤީކުރެވޭ ބައިގެ ޖިމްގެ ސާމާނު ދެއްވާނެކަމަށް މިނިސްޓްރީން މިހާރުވެސް ވަނީ ކަށަވަރު ކޮށްދެއްވާފަ"

ހިރިލަންދޫގައި ތަރައްޤީކުރެވިގެން ހުޅުވުނު "ހަނދޭކަލަ" ކުޑަކުދިންގެ ޕާކާބެހޭގޮތުން މި ނޫހަށް މައުލޫމާތު ދެއްވަމުން، ކައުންސިލުގެ ރައީސް މުޙައްމަދު ޖަލާލު އިތުރަށް ހާމަކުރެއްވިއެވެ.

ހިރިލަންދޫގައި ތަރައްޤީކުރި "ހަނދޭކަލަ" ކުޑަކުދިންގެ ޕާކުގައި ހެދިފައިވާ ފެންއަރުވާ ވަޑާން -: ފޮޓޯ: ކައުންސިލް

ކުޑަކުދިންގެ އެހެނިހެން ޕާކުތަކެކޭ އެއްގޮތަށް، ހަނދޭކަލަ ޕާކުގައިވެސް ތަފާތު ވަޞީލަތްތައް ޤާއިމުކުރެވިފައި ވެއެވެ. ތަފާތު ޢުމުރު ފުރައިގެ ކުޑަކުދިންނަށްވެސް ބޭނުންކުރެވޭނެ އެކިއެކި ވަޞީލަތްތަކެވެ. ޒަމާނީ ޕްލޭހައުސްތަކާއި، ކުޅޭ ސާމާނެވެ. ކުޑަކުދިން ކުޅުމަށް ޚާއްޞަކޮށްގެން ތައްޔާރުކުރެވިފައިވާ ފުޓްސެލް ދަނޑެކެވެ.

ހިރިލަންދޫގައި ތަރައްޤީކުރި "ހަނދޭކަލަ" ކުޑަކުދިންގެ ޕާކުގައި ހެދިފައިވާ ކުޑަކުދިންގެ ފުޓްސަލް ދަނޑު -: ފޮޓޯ: ކައުންސިލް

ތުއްތު ކުދިން މަސަލަސްކޮށް އުފާކޮށްދިނުމުގެ އިތުރުން، ޕާކަށް ޒިޔާރަތްކުރާ ބޮޑެތި މީހުންގެ ލޯތަކަށް ފިނިކަން ގެނެސްދީ ހިތްތަކަށް ހަމަޖެހުން ގެނެސްދީ، ހާސްކަމާއި ދުރުކޮށްދޭ ފަދަ ގޮތަކަށް މަންޒަރު ފަރުމާކުރުމަށް ހެދިފައިވާ ފެންއަރުވާ ވަޑާމެއްވެސްމެއެވެ. ހިރިލަންދޫގެ ހުނަރުވެރި ރައްޔިތުންގެ އަމިއްލަ މަސައްކަތުން އުފައްދާފައިވާ ފެންއަރުވާ ވަޑާމަކީ، ޚާއްޞަގޮތެއްގައި ރޭގަނޑުގެ ވަގުތުތަކުގައި އެޕާކުގެ ފުރިހަމަކަށް އިތުރުކޮށްދޭ ނިޝާނެކެވެ.

 

ރަށްފުށުގައި ޢާންމުކޮށް ތަރައްޤީކުރެވިފައި ހުންނަ މިފަދަ ޕާކުތަކާ ޚިލާފަށް، ހިރިލަންދޫގެ ކުޑަކުދިންގެ ޕާކަށް ލިބިގެންވާ ޚާއްޞަކަމަކީ، އެރަށުގެ މަސައްކަތްތެރިންގެ ހުނަރު ފުރިހަމައަށް ދައްކުވައި ދޭ، އެނބުރޭ އުނދޯއްޔެވެ. މިއަދު ހުޅުވިގެންދިޔަ "ހަނދޭކަލަ" ޕާކަށް ޒިޔާރަތްކުރި ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންގެ ސަމާލުކަންވެސް ހުއްޓިގެން ދިއައީ، އެރަށުގެ ރައްޔިތުން އަމިއްލައަށް ފަރުމާކޮށް އުފައްދާފައިވާ އޮޓަމެޓިކް މެކޭނިޒަމަކާއެމު މަސައްކަތް ކުރަމުންދާ މި އެނބުރޭ އުނދޯއްޔެވެ.

ހިރިލަންދޫގައި ތަރައްޤީކުރި "ހަނދޭކަލަ" ކުޑަކުދިންގެ ޕާކުގައި ހެދިފައިވާ އެނބުރޭ އުނދޯލި -: ފޮޓޯ: ކައުންސިލް

"ހަނދޭކަލަ" ޕާކުގެ ފުރަތަމަ ފިޔަވަހި ކުޑަކުދިންނަށް ޚާއްޞަ ކުރެވުނަސް، ދެވަނަ ފިޔަވަހީގެދަށުން ތަރައްޤީކުރެވޭ ބައިގައި، އައުޓްޑޯ ޖިމަކާއި، އިސްރަށްވެހިންގެ މައިޒާނެއްގެ އިތުރުން ޒުވާނުންނަށް ކުޅިވަރުގެ ވަޞީލަތްތައް ޤާއިމުކުރެވޭނެ ކަމަށްވެސް، ހިރިލަންދޫ ކައުންސިލްގެ ރައީސް ޖަލާލު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ބޭނުމަށް ތަރައްޤީކުރެވޭ މިފަދަ ތަންތަނަކީ، ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރުން ޚުދު ޖިސްމާނީ ދުޅަހެޔޮކަމަށްވެސް ނުހަނު މުހިންމު ވަޞީލަތްތަކެވެ. ތަފާތު ޢުމުރުފުރައިގެ ރައްޔިތުންނަށްވެސް، ނުތަނަވަސް މާހައުލެއްގެ ސަބަބުން ދިމާވާ ހާސްކަން ފިލުވާލުމަށާއި، ހިތްހަމަޖެހިގެން ނަފްސާނީ އަދި ޞިއްޙީގޮތުންވެސް ދުޅަހެޔޮގޮތެއްގެ މަތީގައި ތުއްތު ކުދިން ހެދިބޮޑުވަމުން ދިއުމަށް ނުހަނުބޮޑު ބާރަކަށް މިތަންތަން ވާނެކަން ކަށަވަރެވެ.

 

މިފަދަ މުހިންމު ޢާންމު ވަޞީލަތްތަކުގެ މަންފާ އޭގެ އެންމެ އެދެވޭ ބީދައިން ދެމެހެއްޓިނިވި ގޮތެއްގައި ލިބިގެން ދާނީ، އެންމެހައި ރައްޔިތުންގެ އެއްބާރުލުމާއެކު ފަރުދީ ޒިންމާތައް ހަނދާނުގައި ބަހައްޓައިގެން އެތަންތަނުގެ ބޭނުންހިފިގެންކަން އަބަދުމެ ވިސްނަންޖެހޭވެސް މެއެވެ.