-
-
ބަލިތަކުގެ އިލާހީ ފަރުވާ ހޯދަން އަވަސްވެ ގަންނަމާ!

ބަލިތަކުގެ އިލާހީ ފަރުވާ ހޯދަން އަވަސްވެ ގަންނަމާ!

އިންސާނާ ދުނިޔޭގައި ދިރިއުޅެމުންދާއިރު ގިނަގުނަ ބަލިމަޑުކަމާއި ކުރިމަތިލާންޖެހެއެވެ. އަދި ހަމަ އެހެންމެ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން މިފަދަ ބަލިމަޑުކަމުގެ ފަރުވާވެސް އަންގަވާފައިވެއެވެ. މިދުނިޔެއަކީ އިންސާނުންނަށް އިމްތިހާނަކަށް ވީހިނދު މިފަދަ ބަލިތަކުން ސަލާމަތް ވެވޭނެ ގޮތްތައްވެސް މާތްﷲ މެދުވެރިކުރައްވާފައިވެއެވެ. ތިރީގައި މިދަންނަވާލަނީ ކޮންމެ މީހަކަށްވެސް އަދި ކޮންމެ ބައްޔަކަށްވެސް ފަރުވާ ހޯދިދާނެ އިލާހީ ބޭސްފަރުވާތަކެވެ.

ADS BY FENVARU

މަދީނާގެ ޢަޖުވާ ކަދުރު:  އެއީ ވިހަތަކަށާއި ސިޙުރުން ރައްކާތެރިކޮށްދޭ އެއްޗެކެވެ.

ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((مَنْ تَصَبَّحَ كُلَّ يَوْمٍ سَبْعَ تَمَرَاتٍ عَجْوَةً ، لَمْ يَضُرَّهُ فِي ذَلِكَ اليَوْمِ سُمٌّ وَلاَ سِحْرٌ )) [رواه البخاري (5445) مسلم (2047)

މާނަ: އެދުވަހެއްގެ ހެނދުނު (ހުސްބަނޑާހުރެ) އަޖުވާކަދުރުގެ ހަތްކަދުރު ކައިފިމީހަކަށް އެދުވަހަކު ވިހަޔެއް އަދި ކިޔެއް ސިޙުރެއްވެސް އެމީހަކަށް ނުޖެހޭހުއްޓެވެ.

ފެނަކީ ހުމަށްވާ ފަރުވާއެއް

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((الْحُمَّى مِن فَيْحِ جَهَنَّمَ، فأطْفِئُوها بالماءِ)) [صحيح مسلم (7842)

މާނަ: “ހުމަކީ ޖަހަންނަމައިން ފެތުރިގެން އަންނަ ހޫނުކަމެކެވެ. ފަހެ ފެނުން (އެބަހީ: އެ ކާއްތައިގެން) އެ ހޫނުކަން ފިނިކުރާށެވެ.”

މާމުއި:  މާމުޔަކީ ދެވަނައެއް ނުވާފަދަ ފުރިހަމަ ފަރުވާއެކެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

وَأَوْحَىٰ رَبُّكَ إِلَى النَّحْلِ أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ ﴿٦٨﴾ ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿٦٩﴾ [ سورة النحل ]

މާނަ: “ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަނދުރަށް އިލްޙާމް ކުރައްވައި އެންގެވިއެވެ. ފަރުބަދަތަކުގައްޔާއި، ގަސްގަހާގެހީގައްޔާއި މީހުންހަދައިދޭ ބިނާތަކުގައި ހަތާހަދައި އުޅޭށެވެ. [68] ދެން ތިޔަކުޅަނދުރު ހުރިހާ މޭވާތަކުން ކައިއުޅޭށެވެ. ފަހެ، ތިޔަކުޅަނދުރުގެ ވެރިރަސްކަލާނގެ، ފަސޭހަކޮށް ދެއްވައިފައިވާ މަގުތަކުން ހިނގާށެވެ. އެތަކެތީގެ ބަނޑުން ކުލަތައް ތަފާތު ބުއިމެއް ނުކުމެގެން އާދެތެވެ. އޭގައި މީސްތަކުންނަށް ބަލިފަސޭހަވުންވެއެވެ. ހަމަކަށަވަރުން ފިކުރުކުރާ ބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. [69]”

ކަވާޖެހުން: ކަވާޖެހުމަކީ ފައިދާހުރި ނަބަވީ ފަރުވާއެކެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރައްވަފައިވެއެވެ.

((إِنَّ أَفْضَلَ مَا تَدَاوَيْتُمْ بِهِ الْحِجَامَةُ..)) [مسلم ( 2952 )

މާނަ: “ތިޔަބައިމީހުން ކުރާ އެންމެ ރަނގަޅު ފަރުވާއަކީ ޙިޖާމާ (ކަވާ) ޖެހުމެވެ.”

މަދީނާގެ ޢަޖުވާކަދުރު

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ.

((فِي عَجْوَةِ الْعَالِيَةِ ، أَوَّلَ الْبُكْرَةِ عَلَى رِيقِ النَّفْسِ شِفَاءٌ مِنْ كُلِّ سِحْرٍ، أَوْ سُمٍّ)) [صححه الألباني في “صحيح الجامع” (4262)

މާނަ: “ހަމަކަށަވަރުން މަދީނާގެ ޢާލިޔާ ސަރަހައްދުގެ އަޖުވާ ކަދުރު ހެނދުނުގެ ފުރަތަމަ ވަގުތުގައި ހުސްބަނޑާ، ކާމީހާ ދަންނައެވެ. ކޮންމެ ބާވަތެއްގެ ސިޙުރަކަށްވެސް އޭގައި ޝިފާވެއެވެ. ނޫނީ ވިހައިން ރައްކާތެރިކޮށްދެއެވެ.”

ކަޅުދިރި:  މިއީ ހުރިހާ ބައްޔަކަށްވާ ފަރުވާއެކެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

((الْحَبَّة السَّوْدَاءِ:  شِفَاءٌ مِنْ كُلِّ دَاءٍ إِلَّا السَّامَ)) [مسلم (2215)

މާނަ: “ކަޅުދިރިއަކީ ހުރިހާ ބައްޔަކަށްވާ ޝިފާއެކެވެ. އައްސާމު ފިޔަވައެވެ. (އެބަހީ: މަރުބަލި ފިޔަވައެވެ.)

ޤުރުއާނާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުއްނަތުން ޘާބިތުވެފައިވާ ދުޢާތަށް ކުރުމުން ޝިފާ ލިބެއެވެ. އެގޮތުން ސިޙުރު ބާޡިލު ކުރުމަށާއި، ހަށިގަނޑަށްވަދެފައި ހުންނަ ޖިންނި ހަށިގަނޑުން ނެރުމާއި، އެސްފީނާއަށް ވެސް ފަރުވާކުރެވެއެވެ.

ޒަމްޒަމް ފެން:  މިފެނަކީ މައްކާގެ ބިމުން ނުކުންނަ ބަރަކާތްތެރި، އެންމެ މާތް އަދި މަތިވެރި ފެނެކެވެ. މުސްލިމުންނަށް ދެއްވާފައިވާ ބަރަކާތެކެވެ.

((إِنَّهَا مُبَارَكَةٌ، إِنَّهَا طَعَامُ طُعْمٍ)) [رواه مسلم 4/1922]

މާނަ: “ހަމަކަށަވަރުން އެއީ (އެބަހީ: ޒަމްޒަމް ފެނަކީ) ބަރަކާތް ލެއްވިގެންވާ ފެނެކެވެ. އަދި އެއީ ކެއުމެއްގެ ގޮތުގައި ބޭނުންކުރަންވެސް ފުދޭ އެއްޗެކެވެ.”

މިއީ ޝިފާލިބެނިވި ނަބަވީ ފަރުވާތަކެވެ. މިކަންކަމަކީ ﷲގެ ރަޙުމަތާއެކު ފަރުވާ ލިބޭނެ ކަމެއްކަން ހިތުގެ އަޑިން ޔަޤީންކުރާން ޖެހޭނެއެވެ. ހުރިހާ ބައްޔަކަށްވެސް ޝިފާ ދެއްވާ ފަރާތަކީ އެއްކައިވަންތަ ﷲ އެވެ. އަޅަމެންނަށް އޮތީ ބަލިތަކުގެ ޝިފާއަށް އެދި އެކަލާނގެ ހަޒްރަތުގައި ދުއާދެންނެވުމެވެ. ޝީފާ ދެއްވާ ފަރާތަކީ އަރަހުށި މާތް ރަސްކަލާނގެއެވެ.

(މައުލޫމާތު: ދިސަލަފިއްޔާ)