-
-
ލޯބި ވިޔަކަސް-02

ލޯބި ވިޔަކަސް-02

ޖުމާވެސް ދޭތެރެ ދޭތެރެއިން ޒީނިޔާއަށް ލޯއަޅާލައެވެ.

ADS BY FENVARU

ކުއްލިއަކަށް ޖުމާ ހަދާންވީ އަލަމާރީގައި ބެހެއްޓި ކޭކުކޮޅު މަތިންނެވެ. އަވަސްއަވަހަށް ކޭކުނަގާފައި މޭޒުމަތީ ބެހެއްޓިއެވެ. ތައްޓަކަށް ކޭކުކޮޅެއް އަޅައިގެން އައިސް ރިޔާޒުގެ އަތަށް ދިގުކޮށްލިއެވެ.

"ތީ ކޮންކޭކެއް؟"

އެއްފަހަރު ޖުމާއަށް އަނެއްފަހަރު ޒީނިޔާއަށް ބަލާލަމުން ރިޔާޒު ސުވާލުކުރިއެވެ.

"ތީ ރޭގަ ނަދީމް ގެނައި ކޭކެއް" ލަދުންހުރެ ޖުމާ ބުނެލިއެވެ.

"ރިޔާޒު ކޭކުކޮޅު ކާލުމަށްފަހު ނަދީމް އާއެކު ދުވަން ދިޔައީއެވެ.

އާދައިގެ މަތިން ދުވަހެކެވެ. މަދީހު ފަތިސްނަމާދުކޮށްލައިގެން ނަދީމްގެ ގެޔާ ދިމާލަށް މިސްރާބް ޖަހާލިއެވެ. އެދެކުދިންނަކީ އާއިލީ ގޮތުން ގުޅިފައިވާ ކުޑައިރުގެ ދެއެކުވެރިންނެވެ. ރިޔާޒްއަކީ މަދީހުގެ ބޮޑުބޭބެއެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދުކޮށްލައިގެން މަދީހު ދަނީ އެގެޔަށެވެ. ބޮޑުބޭބެ އާއި ނަވީން ނޫނަސް އެގޭގައި ދެކޭ ހިތްވާ އެހެން މީހަކު ހުރެއެވެ. މަދީހު ކާރު ޕާރކްކޮށްލުމަށްފަހު އައިސް ގޭޓުން އެތެރެއަށްވަނެވެ. ގޭޓުންވަދެގެން ދިޔައިރު ދެފަރާތުގައި ހައްދާފައިވާ މާގަސްތަކުގައި އަޅާފައިވާ ތާޒާ މަލުގެ ވަހުން މުޅި ގޯތިތެރެ ވަނީ ހުވަދުލާފައެވެ.

މީހަކު ސަލާންގޮވާލިއަޑަށް ޒީނިޔާ ބަދިގޭގައި ހުރެފައި ނުކުންނަމުން ސަލާމް ބަލައިގަތެވެ. ޒީނިޔާއަށް ފެނުނީ މަދީހު ގޭގެ ދޮރުމަތީގައި ހެވިފައި ހުއްޓާއެވެ. މަދީހު ފެނުމުން ޒީނިޔާވެސް ލަދުރަކިގޮތަކަށް ހީލިއެވެ.

"ގުޑް މޯނިން ބިއުޓިފުލް" ޒީނިޔާގެ ކަންފަތްދޮށުގައި މަދީހު ކިޔާލިއެވެ.

އެއްލޯ މަރާލަމުން ނަވީން އެތެރެއަށް ވަދެގެންދިޔައެވެ.

އެފިރިހެންވަންތަ އަޑުއިވުމުން ޒީނިޔާގެ ހުރިހާ ހިއްސުތަކެއް ހޭލައްވާލިހެންހީވިއެވެ. ކަޅުބުރުގާ ގެ ތެރެއިން ފެންނަންހުރި ޒީނިޔާގެ ދޮންމޫނުމައްޗަށް ޖަންބުކުލަ ވެރިވާން ފެށިއެވެ.

އަހާ މަދީހު! އާދޭ އާދޭ. ރަނގަޅުގަޑިޔަށް ތިއާދެވުނީ!" ރިޔާޒު މިހެން ބުނެލުމުން މަދީހު މޭޒުކައިރިން ގޮނޑިއެއް ދަމާލުމަށްފަހު އިށީނެވެ.

"ބޮޑުބެ....ނިންމާލީތަ؟"

ނިޒާރު ކޮފީ ބުއި މަގް މޭޒުމަތީ ބެހެއްޓުމުން މަދީހު ސުވާލުކުރިއެވެ. އޭރު އައިސިންގ ކޭކްފޮއްޗެއް ތައްޓަކަށް އަޅާފައި އޮތެވެ. މަދީހު އަވަސްއަވަހަށް ކޭކުފޮތި އޮތް ތަށި ކައިރިކޮށްލިއެވެ.

"އާނ..ބޮޑުބެ މިނިމުނީ.....ޒީނިޔާ...މަދީހުއަށް ކޮފީއެއް ގެނޭ"

ޒީނިޔާ ބަދިގެތެރޭގައި އުޅެމުންދިޔައިރު މަދީހު ދިޔައީ ޒީނިޔާގެ ހަރަކާތްތައް ސިއްރުން ބަލަމުންނެވެ.

"ބޮޑުބެ ދެން ދަނީ" ރިޔާޒު ތެދުވަމުން ބުނެލިއެވެ.

"ކޮބާ ނަދީމް އާއި ފަހަރި" މަދީހު އަހާލިއެވެ.

"އަހަރެން މިއުޅެނީއޭ!" ޖުމާ ސިޑިން ފައިބައިގެން އަންނަތަން ފެނުމުން މަދީހު ހިނިތުންވެލިއެވެ.

"އަހަރެންވެސް އެބައުޅެން." ޖުމާގެ ފަހަތުން ނަދީމްވެސް އައެވެ.

"ނަދީމް އޮފީހަށް ދަނީތަ؟" މަދީހު ސުވާލުކޮށްލުމުން ނަދީމް ހިނިތުންވެލާފައި ނުކުމެގެން ދިޔައީއެވެ.

ނަދީމްގެ ފަހަތުން ޖުމާ ނުކުމެގެން ދިޔުމުން މަދީހު ޒީނިޔާއަށް ގޮވާލިއެވެ.

"ބިއުޓިފުލް އޯޑަރ ކުރި ކޮފީ ހާދަލަހޭ"

މަދީހު އިނީ ޒީނިޔާ އާ ސަމާސާކޮށްލަން ވަގުތަކަށް ބަލަބަލާއެވެ. މަދީހުގެ އަޑުއިވުމުން ޒީނިޔާ އަވަސްއަވަސްކޮށްލައިގެން ކޮފީމަގް ގެނެސްމޭޒުމަތީ ބެހެއްޓީ ހިނިތުންވެހުރެއެވެ.

"ހެއި ބިއުޓިފުލް! އާދޭ އަހަރެންނާ ބައިވެރިވާން"

"މީ އަހަރެން އެންމެ ބިޒީ ގަޑި. މިގަޑީގަ ނޫން. ސޮރީ..! ސަމާސާ ރާގަކަށް ޒީނިޔާ ވާހަކަ ދެއްކިއެވެ.

މަދީހުގެ ކައިރީގައި އިދެ ހިތްފުރެންދެން މަދީހުއާ ވާހަކަ ދައްކަން ޒީނިޔާ ބޭނުންވެއެވެ. އެހެން ނަމަވެސް ޒީނިޔާއަކީ އެގޭގައި ގެންގުޅޭ ކުއްޖަކަށްވެފައި ރިޔާޒުއަކީ މަދީހުގެ ބޮޑުބޭބެއަށް ވީމަ ޒީނިޔާ ޖެހިލުންވަނީއެވެ. މަދީހު އާއި ޒީނިޔާ އަރާއަރަފޯދިގެން ނުވާނެތީއެވެ.

"އޭ ބިއުޓިފުލް...މިއަދު އެބަޖެހޭ އަހަންނަށް ވަރަށް ބޮޑުކަމެއް ކޮށްދޭން"

ޒީނިޔާ މަދީހުއަށް ބަލާލުމުން މަދީހު ވާހަކަދައްކަމުން ގެންދިޔައެވެ.

"އަހަރެމެން މިއުޅެނީ ނަދީމް އާއި ޖުމާގެ އެނުވާސަރީ ފާހަގަކުރަން. އަހަރެމެން ބުނަންދެން ޖުމާ ގޮވައިގެން މިއަދު ހަވީރު ބޭރުގަ އުޅެދޭންވީ....ޖުމާއަށް ނާންގާތި އަހަރެމެން ކަމެއް ކުރަން އުޅޭކަން" ވަށައިގެން ހޯދާލަމުން މަދީހު ބުނެލިއެވެ.

ޒީނިޔާ އެކަމާ އެއްބަސްވިއެވެ. ޖުމާގެ އުފަލަށްޓަކައި ޒީނިޔާއަށް އެވަރުގެ ކަމެއް ކުރެވިދާނެކަމަށް ޒީނިޔާ މަދީހު ކައިރީ ބުނެލިއެވެ. އެހެންކަމުން މަދީހު އެމީހުންގެ ޕްލޭން ޒީނިޔާއަށް ކިޔައިދިނެވެ.

ރިޔާޒުއިނީ އޮފީހުގައި އޭނައަށް ހާއްސަކޮށްފައިވާ ކެބިންތެރޭގައެވެ. ރިޔާޒް ވިސްނަމުންދަނީ ނަދީމްއާ ދޭތެރޭގައެވެ. ކައިވެންޏަށް ހަތަރުއަހަރު ވެގެން ދިޔައިރުވެސް އެދެމަފިރިންނަށް ކުއްޖަކު ނުލިބޭތީއެވެ. ކާފަދަރިޔަކު ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އެކަމާ މާބޮޑަށް ވިސްނެނީއެވެ. މިވާހަކަ މިއަދު ހެދުނު ނަދީމް ކައިރީ ރިޔާޒްވަނީ ދައްކާފައެވެ. އެހެން ނަމަވެސް ނަދީމްގެ ފަރާތުން ލިބުނީ ރިޔާޒް އެދެވޭކަހަލަ ޖަވާބެއް ނޫނެވެ. އެދެމަފިރިން އަދި ކުއްޖަކު ބޭނުން ނުވާ ކަމަށް ނަދީމްވަނީ ބުނެފައެވެ. އެހެންކަމުން ރިޔާޒް ނިންމީ މިވާހަކަ ޖުމާ ކައިރީ ދެއްކުމަށެވެ. އޭރުން ޖުމާގެ ހިޔާލުވެސް އެގިދާނެތާއޭ ހިތަށް އެރިއެވެ.

އެހެންނަމަވެސް ރިޔާޒްއަށް އެހިތްވަރެއް ނުލިބުނެވެ. އެހެންކަމުން ރިޔާޒް މިވާހަކަތައް ހިއްސާކޮށްލީ ޖުމާގެ ބައްޕަޔާއެވެ. ޖުމާގެ ބައްޕަ ފަޒީލްއަކީ ރިޔާޒްގެ ވަރަށް ގާތްއެކުވެރިއެކެވެ. ފަޒީލް މިވާހަކަތައް ޖުމާގެ މަންމަ ސާރާގެ ކަންފަތަށް އެރުވިއެވެ.

މެންދުރުގެ ކެއުމަށް ގެޔަށް އައިސް ފަޒީލް ކާން އިށީނެވެ. ތައްޓަށް ބަތްއަޅާފައިވެސް ކާންފެށީ ގަޔާނުވެއިނދެއެވެ.

"ކިހިނެއްވީ މިއަދު މާގަޔާނުވެ އިދެ ކާންތިފެށީ. ކާއެއްޗެހި ކަމުނުދަނީތަ." ފިރިމީހާގެ ކޮނޑުގައި ފިރުމާލަމުން ސާރާ އަހާލިއެވެ.

"ލޯބިވާ ސާރާ! އަހަރެން މިވިސްނަނީ އަހަރެމެންގެ ދަރިފުޅު ޖުމާ ދޭތެރޭ!"

ކިހިނެއްވީ ޖުމާއަށް" ޖުމާއަށް ކަމެއްވީއޭ ހިތަށް އަރާ ސާރާ ހާސްވިއެވެ.

"މާ ބޮޑުކަމެއް ނުވޭ ....ރިޔާޒު ދެއްކި ވާހަކައަކުން ހަމަ އެކަމާ ވިސްނާލެވުނީ"

ކާއެތިކޮޅެއް އަގަޔަށް ލަމުން ފަޒީލްބުނެލިއެވެ.

"އަނެއްކާ ކިހިނެއްވީބާ."

ރިޔާޒު މިހާރު ކާފަދަރިއަކު ބޭނުން ވަނީޔޯ"

ފަޒީލްގެ މޫނަށް ބަލާލާފައި ސާރާ ހީލިއެވެ.

"ރިޔާޒު އެކަންޏެއްނޫން އަހަރެންވެސް މާމަ ދަރިއަކު ބޭނުން...." ސާރާ ބުނެލިއެވެ.

"ނާ..ހަމަ ތެދެއް" ފަޒީލް ސާރާގެ މޫނަށް ބަލާލިއެވެ.

"އާނ އެހެންޏާ... މާމަދަރިއަކު މިއުނގުގަ ބާއްވަން ނުލިބި އުޅެނިކޮން އަހަރެން މިޔޮށް މުސްކުޅިވަނީ"

"ސާރާ ޖުމާއާ އެވާހަކަދައްކަން ވީނުން...މިއަދު އެކުދިން ކައިވެންޏަށް ހަތަރު އަހަރު ފުރުނީ މިހާރުދެން ލަހެއް ނޫނެއްނު ދަރިއަކު ހޯދާކަށް..."

ރިޔާޒުގެ އެދުމުގެ މަތިން ސާރާ ލައްވާ ޖުމާއާ ވާހަކަ ދައްކަން ފަޒީލްވެސް ބޭނުންވީއެވެ.

އާއެކޭ ބުނުމުގެ ގޮތުން ސާރާ ބޯޖަހާލިއެވެ.

(ނުނިމޭ)