-
-
ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް މުޒާހަރާތައް ފަށައިފި

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް މުޒާހަރާތައް ފަށައިފި

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް އޮސްޓްރޭލިޔާގައި މުޒާހަރާތައް ފަށައިފިއެވެ. އިއްޔެ ކުރި މުޒާހަރާގައި 74 މީހުންވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ADS BY FENVARU

އޮސްޓްރޭލިޔާގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް ސެންޓްރަލް ކުއީން ވިކްޓޯރިޔާ މާކެޓް ކައިރީ އިއްޔެ ކުރި މުޒާހަރާ ވަނީ ވަރަށް ހޫނުވެފައެވެ. މިމުޒާހަރާގައި 250 މީހުން ބައިވެރިވެފައިވާކަމަށް އެގައުމުގެ ފުލުހުންނާ ހަވާލާދީ މީޑިޔާތަކުގައިވެއެވެ. މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ފުލުހުންނާއި ދެކޮޅަށް ބާރުގެ ބޭނުންކޮށް މުޒާހަރާ ވަރަށް ހޫނުވި ކަމަށް ފުލުހުން މައުލޫމާތުދިނެވެ.

މިދިޔަ ޖުލައި މަހު ކުރީކޮޅުން ފެށިގެން އޮސްޓްރޭލިޔާގެ ވިކްޓޯރިޔާ ސްޓޭޓްވަނީ ކޮވިޑްގެ ސަބަބުން ފުރަބަންދުކޮށްފައެވެ. އޮސްޓްރޭލިޔާ ސަރުކާރުންވަނީ ފުރަބަންދުގެ މުއްދަތު އެއްމަހަށް އިތުރުކޮށްފައެވެ. މިކަމާ ހިތްހަމަނުޖެހިގެން އޮސްޓްރޭލިޔާގައި ވަނީ މިހަފްތާ ބަންދުގައިވެސް މުޒާހަރާކޮށްފައެވެ. މިއީ މިކަމާ ގުޅިގެން ކުރެވުނު ދެވަނަ މުޒާހަރާކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

ކޮވިޑްއާ ގުޅިގެން އެގައުމުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 9 އިން ފެށިގެން ފަތިހު 5 އަށް ބޭރުގައި އުޅުމަކީ މަނާކަމެކެވެ. އަދިކޮންމެ ދުވަހަކުވެސް ދެގަނޑިއިރު ކަސްރަތް ކުރަން ބޭރުގައި އުޅެވިދާނެކަމަށް ވަނީ އަންގާފައެވެ. މީޑިޔާ ރިޕޯޓްތަކުގައި ބުނާގޮތުން އެގައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް މަޑުމަޑުން ލުއިދެމުންދާނެ ކަމަށް ސަރުކާރުން ވަނީ އަންގާފައެވެ.

އޮސްޓްރޭލިޔާގައި މިހާތަނަށް 33،159 ކޮވިޑް ކޭސް ފެނިފައިވާއިރު 756 މީހުންވަނީ މިބަލީގައި މަރުވެފައެވެ. އޮސްޓްރޭލިޔާއިން ކޮވިޑް ޖެހިން އެންމެ ގިނަ މީހުން މަރުވެފައިވަނީ ވިކްޓޯރިޔާ ސްޓޭޓްގައެވެ.

(ބީބީސީ)