-
-
އޮފީސް މާހައުލުން ޖަރާސީމު ގެޔަށް ގެންދާ މީހަކު ކަމުގައި ތިބާ ވެދާނެ. ސަމާލުވޭ!

އޮފީސް މާހައުލުން ޖަރާސީމު ގެޔަށް ގެންދާ މީހަކު ކަމުގައި ތިބާ ވެދާނެ. ސަމާލުވޭ!

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. ހާއްސަކޮށް ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިޔުން މިވަނީ މަނާކުރެވިފައެވެ. އެފަދަ މާހައުލެއްގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅަންޖެހޭނެއެވެ. ހާއްސަކޮށް މާސްކު އެޅުމާއި ސެނެޓައިޒާ ބޭނުންކުރަންޖެހޭނެއެވެ.

ADS BY FENVARU

މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި އެންމެ ބޮޑު ނުރައްކަލަކަށް ހުށަހެޅިގެންދަނީ އޮފީސްތަކުގައި އަދި ސްކޫލްތަކުގައި މަސައްކަތްކުރާ މީހުންނެވެ. މީގެ އިތުރުން ފިހާރަތަކުގައި މަސައްކަތް ކުރާ މީހުންނަކީ ވަކިން ހާއްސަކޮށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ބަޔެކެވެ. އެފަދަ ތަންތަނަކީ ޖަރާސީމުން ފުރިގެންވާ ތަންތަން ކަމަށްވާތީއެވެ. ގެންގުޅޭތަކެތީގައިވެސް ޖަރާސީމުހުރެދާނެއެވެ.

މިލިޔުމުގައި އަލިއަޅުވާލާނީ އޮފީސް މާހައުލުގައި އުޅޭއިރު އެންމެ ޖަރާސީމު ގިނަ ތަންތަނާއި ތަކެތި އަދި އަޅަން ޖެހޭނެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށެވެ.

އޮފީހުގެ ދޮރު

ދޮރުގެ ތަޅު ނުވަތަ އަތްގަނޑަކީ އެންމެ ގިނައިން މީހުން ބޭނުން ކުރާ އެކައްޗެވެ. މިއީ އެކެއްގެ އަތުން އަނެކެއްގެ އަތަށް ނުސީދާގޮތެއްގައި ޖަރާސީމު ވާސިލްކޮށްދޭ އެއްޗެކެވެ. މި ހާލަތުގައި ވެސް އެންމެ ރަނގަޅު ގޮތަކީ ދޮރުގެ ތަޅުގައި އަތްލުމަށްފަހު އަތް ދޮވުން ނުވަތަ ސެނެޓައިޒަރ ބޭނުންކުރުމެވެ.

ލިފްޓު ބަޓަން އަދި ފިންގާ މެށިން

ލިފްޓްގެ ބަޓަންއަކީ ޖަރާސީމުން ފުރިގެންވާ ތަނެކެވެ. ހަމައެގޮތަށް މުވައްޒަފުން މަސައްކަތުގެ މާހައުލަށް ނުކުމެ އަދި މަސައްކަތް ނިންމާފަ ދަމުން ފިންގާޖަހާ މެށިންވެސް ހިމެނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި 61 އިންސައްތަ ލިފްޓު ބަޓަންގައި ޖަރާސީމު އަށަގެންފައިވެއެވެ. މިދެތަނަކީ އޮފީސް މާހައުލުގައި އުޅޭ މީހުން އެންމެ ސަމާލުކަން ދޭންޖެހޭ ތަންތަނެވެ. ފިންގާ ޖެހުމަށްފަހު އަތް ސެނެޓައިޒް ކުރަންވާނެއެވެ. ލިފްޓުގައި ދަތުރުކުރާއިރު ގައިދުރުކަން އިސްކުރަންޖެހޭނެއެވެ.

އޮފީސް ފާޚާނާ

ދިރާސާތަކުން ދައްކާގޮތުގައި ސާފުކޮށް ބަލަހައްޓާ ފާޚާނާގެ ތެރެއިން ޖަރާސީމު އަށަގެންފައި ހުންނަނީ އެންމެ 41 އިންސައްތަ ފާޚާނާ ތަކުގައެވެ. އޮފީސް ފާޚާނާތަކަކީ ސާފްތާހިރުކޮށް ގެންގުޅެންޖެހޭނެ ތަނެކެވެ. ސަބަބަކީ އެއޮފީހެއްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން އެފާޚާނަ ބޭނުންކުރާނެތީއެވެ. މިފަދަ ނުރައްކާތެރި ދުވަސްވަރެއްގައި އޮފީސް ފާޚާނާ ބޭނުންކުރުމަކީވެސް ރައްކާތެރި ކަމެއް ނޫނެވެ. އެހެންނަމަވެސް ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ފާޚާނަ ކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށްފަހު އަތް ސެނެޓައިޒަރ ކުރަންވާނެއެވެ.

މިގޮތަށް ޖަރާސީމު އަށަގެންފައި ހުންނަ ތަންތަނުގައި އަތްލާން ޖެހޭ ނަމަ، ކޮންމެ 15 ސިކުންތާއި 20 ސިކުންތާއި ދެމެދު އަތް ދޮންނާށެވެ.

ކީބޯޑް

ކޮމްޕިއުޓަރު ނުވަތަ ލެޕްޓޮޕްގެ ކީބޯޑަކީ ތިމާ އެކަނި ބޭނުން ކުރާ އެއްޗެއް ކަމުގައިވީ ނަމަވެސް ކީބޯޑަކީ ވެސް ބެކްޓީރިއާ އަށަގަންނަ އެއްޗެކެވެ. އޮފީސްތަކުގެ ކޮމްޕިއުޓަރ ކީބޯޑްތަކަކީ ޖަރާސީމު ގިނައަދަދަކަށް ހިމެނޭ އެއްޗެކެވެ.  މިފަދަ ޖަރާސީމު ނައްތާލުމައްޓަކައި ކީބޯޑާއި މައުސް އެންޓި ބެކްޓީރިއަލް ވައިޕް ބޭނުންކޮށްގެން ސާފު ކުރުން ވަރަށް މުހިންމެވެ.

އޮފީސް ފޯނު

އޮފީހުގައި ގެންގުޅޭ ފޯނަކީ ދުވާލެއްގެ މައްޗަށް އެތައް ބަޔަކު އަތްލާނެ އެއްޗެކެވެ. އެހެންކަމުން އެ މީހުންގެ ފޯނުގައިވެސް ގިނަ އަދަދަކަށް ޖަރާސީމު އެކުލެވެއެވެ. އަމިއްލަ ފޯނާއި އަޅާބަލާއިރު އޮފީހުގައި ގިނަ މީހުން ބޭނުން ކުރާ ފޯނުތަކުގައި ޖަރާސީމު އަށަގަންނަ މިންވަރު ގިނައެވެ. މި ފޯނުތައް އާންމުކޮށް ސާފުކުރަނީ ވެސް ވަރަށް މަދުންނެވެ. އެހެންކަމުން ރައްކާތެރި ގޮތަކީ ފޯނު ބޭނުންކުރާއިރު އަތަށް އަންގި ލައްވައިގެން އުޅުން ނުވަތަ އަތް ސެނެޓައިޒްކޮށްގެން އުޅުމުވެ.

ބްރޭކް ރޫމް ކޮފީ ތަށިތައް

މިއީ އަމިއްލައަށް ކޮފީ ބޯނެ ތައްޓެއް އޮފީހަށް ގެންނަން ޖެހޭ ސަބަބެވެ. ގިނަ މީހުން ފާޚާނާ ކުރުމަށްފަހު އައިސް ބްރޭކް ރޫމްގައި ހުންނަ ކޮފީ ތަށިތަކުގައި އަތްލައި ހަދައެވެ. އެހެންކަމުން ނުރައްކާތެރި ޖަރާސީމު މި ތަށިތަކުގައި ހުރުމަކީ ވަރަށް އާންމު ކަމެކެވެ. ދިރާސާއަކުން ދައްކާގޮތުގައި އޮފީސްތަކުގެ ބްރޭކް ރޫމްގައި ބޭނުން ކުރާ ތަށިތަކުގައި 20 އިންސައްތަ ނަޖިސް އެކުލެވެއެވެ.

މިހުރިހާ ކަމަކަށް ބަލާއިރު އެންމެ މުހިންމު އެއްކަމަކީ އަބަދުވެސް ހޭންޑްބޭގުގައި ނުވަތަ ޖީބުގައި ސެނެޓައިޒާރ ފުޅިއެއް ގެންގުޅުމެވެ. އަދި މީހުންގެ ތެރެޔަށް ނުކުމެ އުޅުމުގައި ނަމޫނާ ދައްކައި މާސްކު އަޅައި ގައިދުރުކަން އިސްކުރުމެވެ. ފަރުދީ ޒިންމާ އަދާކުރުމުގައި ފަސްނުޖެހޭށެވެ.