-
-
ކަނޑޫދޫ ކައުންސިލުގެ މުސާރަ ފިނޭންސުން ޖަމާކޮށްދިނީ ލައްކައަކަށްވުރެ ގިނަ ރުފިޔާ މަދުކޮށް!  ވެރިއެއްގެ އޯޓީއާއި އެލަވަންސް އިންތިހާ! ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ

ކަނޑޫދޫ ކައުންސިލުގެ މުސާރަ ފިނޭންސުން ޖަމާކޮށްދިނީ ލައްކައަކަށްވުރެ ގިނަ ރުފިޔާ މަދުކޮށް! ވެރިއެއްގެ އޯޓީއާއި އެލަވަންސް އިންތިހާ!

ތ. ކަނޑޫދޫ ކައުންސިލުގެ މުވައްޒަފުންގެ މެއި ޖޫން އަދި ޖުލައިމަހުގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ހިސާބުކުރެވުނު ފައިސާ މިނިސްޓްރީ އޮފް ފިނޭންސުން އެކައުންސިލަށް ޖަމާކޮށްދީފައިވަނީ 114608.80 ރުފިޔާ މަދުކޮށްކަމަށާއި، އެ އިދާރާގެ ޑިރެކްޓަރުގެ ޖޫން އަދި ޖުލައިމަހުގެ އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަހުގެ އެލަވަންސްގެ ގޮތުގައި 10745.53 ރުފިޔާ ދޫކޮށްފައިވާކަން ހާމަވެއްޖެއެވެ.

ADS BY FENVARU

މިކަން ހާމަވެ ކަށަވަރުވެފައިވަނީ، ޤާނޫނު ނަމްބަރު 1/2014 "މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު" ގެ ދަށުން އެދެވިގެން ދޫކޮށްފައިވާ ރަސްމީ މައުލޫމާތުތަކުންނެވެ.

ފާއިތުވެދިޔަ މެއި ޖޫން އަދި ޖުލައި، މި ތިންމަހު އެކައުންސިލުގެ މުވައްޒަފުންގެ މުސާރައާއި އިނާޔާތްތަކުގެ ޖުމްލަ 668539.80 ރުފިޔާއަށް އެރިނަމަވެސް، ސަރުކާރުން ޖަމާކޮށްދީފައި ވަނީ 553931.00 ރުފިޔާއެވެ. މުވައްޒަފުންނަށް މުސާރަދިނުމަށް މަދުވާ 114608.80 ރުފިޔާ ހަމަކޮށް މުވައްޒަފުންނަށް މުސާރަ ދީފައި ވަނީ، ކައުންސިލްގެ ބަޖެޓްގައި ކުރިން ހުރި ފައިސާއިން ހަމަކޮށްގެން ކަމުގައިވެސް، ކައުންސިލުން ދޫކޮށްފައިވާ މައުލޫމާތުގައި ބަޔާންކޮށްފައި ވެއެވެ.

ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެއަށްވެސް މާލީގޮތުންވެސް އިންތިހާއަށްބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނައިރު، ރާއްޖެއަށްވެސް ދިމާވަމުންދާ މާލީ ދަތިތައް ހައްލުކުރުމުގެ ގޮތުން ރައްޔިތުންގެ މަޖްލީހުން ހުއްދަދެވިގެން މާލީ ވުޒާރާއިންވަނީ ފައިސާ "ޗާޕުވެސް" ކޮށްފައެވެ. އެހެންނަމެވެސް، ރާއްޖެއަށް އެންމެ ބޮޑު ޢާމްދަނީއެއް ލިބޭ ވަސީލަތްކަމުގައިވާ ފަތުރުވެރިކަން އަދިވެސް ހުއްޓިފައިކަހަލަގޮތަކަށް އޮތުމުން، ދަޢުލަތައް ޢާމްދަނީ ލިބޭނެ ވަސީލަތްތައްވަނީ "ހުއްޓުމަކަށް" އައިސްފައެވެ.

ޑޮލަރުގެ ދަތިކަން ކުރިމަތިނުވާނެކަމަށް ސަރުކާރުން ބުނުއްވަމުން ގެންދެވިނަމަވެސް، ޑޮލަރު ގަންނަން ލިބޭ އަގުވެސްވަނީ 19 ރުފިޔާއަށްވުރެ މައްޗަށް އަރާފައިކަމުގައި ވިޔަވަފާރިވެރިންގެ އިތުރުން ޢާންމުންވެސް ބުނަމުން ގެންދެއެވެ. ދެތިންމަސް ފަހުން ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ދިނުމަށްވެސް ނުކުޅެދިގެން ދާ ޙާލަތަކަށް ސަރުކާރު ގޮސްފާނެކަމަށް އިދިކޮޅުގެ އިތުރުން، ބައެއް އިޤްތިޞާދީ މާހިރުންވެސް ބުނަމުން ދިއަނަމަވެސް، ދައުލަތް ހިންގުމަށް ބޭނުންވާނެ ފައިސާ އެބަހުރިކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނުއްވަމުން ގެންދަވައެވެ.

މި ރިޕޯޓުގައި މިވަނީ ދައުލަތު އެންމެ އިދާރާއަކުން ލިޔެކިއުމުން ކަށަވަރު ކުރެވުނު މައުލޫމާތެވެ. އަތޮޅުތެރޭގެ ކުޑަ ރަށެއްގެ ކައުންސިލް އިދާރާއެކެވެ. ނުރަސްމީ މަސްދަރުތަކުން ކަށަވަރުކޮށްދީފައި ވާގޮތުން، މި ހާލަތުގައި ހުރި އެތަކެއް އިދާރާތައް މިއަދު އެބަހުއްޓެވެ.

ދައުލަތުގެ ވެރިންވެސް ހަގީގަތް ގަބޫލުކޮށް ތެދުމައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހެއެވެ. ރާއްޖެއަކީ ނާޒުކު އިޤްތިޞާދެކެވެ. ބިޔަ ބޮޑެތި އިޤްތިޞާދުތައްވެސް ކުޑަކަކޫމައްޗަށް ތިރިވެގެން ގޮސްފައިވާއިރު، ރާއްޖޭގެ މާލީހާލަތު ދަށް ވާކަމަށް ޤަބޫލުކޮށް އެކަން ބުނެދިނުމަކީ ލަދުގަންނަންޖެހޭކަމެއް ނޫނެވެ. މުސާރަތައް ނުދެވެންޏާ ނުދެވޭވާހަކައެވެ. ޑޮލަރު ނެތިއްޔާ ނެތްވާހަކައެވެ. ޙަޤީޤަތް ހާމަކޮށްދީ ޒިންމާދާރު ފިޔަވަޅުތައް އެޅުއްވުމުގައި މުޅި ދައުލަތުގެ އިސްވެރީން އިޚްލާސްތެރި ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވައެވެ. އެކަންކަން ތަންފީޒުކުރުމަށް ދައުލަތުގެ އިދާރާތަކުގެ ވެރީންވެސް އިޚްލާސްތެރިވެލައްވައި، މުވައްޒަފުންނާއި ރައްޔިތުންނަށްވެސް ނަމޫނާ ދައްކަވަން ޖެހިލައްވައެވެ.

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވާނެ މާލީ ގެއްލުންތައް ކުޑަކުރުމަށް ދައުލަތުގެ މުސާރައާއި އިނާޔާތްތަކަށް ބަދަލުގެނައުމަށް މާލީވުޒާރާއިން 16 މެއި 2020 ގައި ނެރުއްވި 30 ނަމްބަރު ސާކިއުލަރާއި، އެވުޒާރާއިން 9 އޭޕްރީލް 2020 ވަނަދުވަހުގައި ނެރުއްވި 25 ނަންބަރު ސާކިއުލާރގެ މަޤްޞަދު މަފްހޫމަށް އިޚްލާސްތެރި ނިޔަތަކާއެކު ރިޢާޔަތްކުރަށްވައި އިދާރާތަކުގެ ވެރިން ޢަމަލުކުރަށްވަން ޖެހިވަޑައިގަންނަވައެވެ.

އާބާދީގައި ހާހެއް ހަމަނުވާ، މާތް ﷲ ގެ ރަޙްމަތާއެކު ކޮވިޑް-19 ބަލިއެއްވެސް މިންވަރަކަށް ޝައްކުވެ ފެނިފައިވެސްނުވާ ރަށެއްގެ ރަށުކައުންސިލްގެ ޒިންމާދާރުވެރިޔާގެ މަޤާމު އަދާކުރަށްވާ ސިވިލްސާރވިސް އިސް މުވައްޒަފަކު، އެފަރާތުގެ އަސާސީ މުސާރަ 8835 ރުފިޔާ ކަމުގައިވާއިރު، ޖޫން ޖުލައިމަހުގެ އިތުރުގަޑިއާއި ބަންދުދުވަހުގެ އެލަވަންސްގެ ގޮތުގައި 10 ހާހަށްވުރެ މަތިން ރުފިޔާ ނަންގަވާފައިވުމީ ސުވާލުއުފެދޭނެކަމެކެވެ.

ޒިންމާ އޮތީ ވެރީންގެ އިސްތަށިފުޅުގައިއެވެ. ފަރުދުންނަށް އޮތީ އެއްބާރުލުންދިނުމެވެ. ޒިންމާދާރުކަމާއި އިޚްލާސްތެރިކަމެއް ނެތިއްޖެނަމަ ކުރިމަތިލާންޖެހިދާނެ ވަގުތުންވަގުތުގެ ނަތީޖާއަކީ ފުރާނަތަކެއް ގެއްލިދިއުމާއި، ދުރުން ނުކުންނާނެ ނަތީޖާއަކީ އިޤްތިޞާދީ ފުން އަނދަވަޅަކަށް ޤައުމު ވެއްޓިގެންދިއުމެއް ނޫންހެއްޔެވެ؟

2004 ގެ ސުނާމީއާއި މާލޭ ފެނުގެކާރިޘާ ފަދަ ކަންކަމުން އެނގި ހާމަވެގެންދަނީ، ޤައުމީ ކާރިޘާތަކާއި މަސްލަޙަތުތަކުގައި ޢާންމު ދިވެހި ރައްޔިތުންނަކީ އެހާ ބޯހަރު އަދި ހިތްހަރު ބައެއްވެސް ނޫންކަމެވެ.

3 ޚިޔާލު

Anonymous

ކޮންމެ ތިން މަހަކުން ބޮނދުބަދަލު ކުރީ މުސާރަނުދެވިގެނޯ. ކޮބަ ދެން އިތުރު ގަޑީ ރުފިޔާ ތައް

Anonymous

Thi hurihaa rf negi iru bondhunge musaara koba. Avahah dhen ulhe

Anonymous

ޒިންމާދާރ ބެރިޔާ ތިޔަ ހުރިހާ ރުފިޔާ ނަގާފައިވާ އިރު ކައުންސިލް ގެ ރައީސް ވީ ކޮންތާކު