-
-
"އެމްޑީއެން"ވަނީހަމަ ކަފުންކޮށް ވަޅުލާފައިތޯއެވެ؟!: ސަލަފް ރައީސް ޖަމްޢިއްޔަތުއް ސަލަފުގެ ރައީސް ޝައިޚް ޢަބްދުﷲ އަދި އެ ޖަމްޢިއްޔާގެ ބައެއް ޢިލްމުވެރީން ނޫސްވެރިންގެ ބައްދަލުވުމެއްގައި / ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

"އެމްޑީއެން"ވަނީހަމަ ކަފުންކޮށް ވަޅުލާފައިތޯއެވެ؟!: ސަލަފް ރައީސް

މާތް ﷲ އަށާއި އެ އިލާހުގެ ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމް ދީނުގެ ޘާބިތު ޙުކުމްތަކަށް ގޮންޖަހައި ރިޕޯޓް ނެރުނު މަދަނީ ޖަމިއްޔާ މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވާރކް (އެމްޑީއެން) ވަނީ ހަމަކަފުންކޮށް ވަޅުލާފައިތޯ ވިދާޅުވެ، ޖަމްޢިއްޔަތުއް ސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ މުޙައްމަދު ސުވާލު އުފައްދަވައިފިއެވެ.

ADS BY FENVARU

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރީން ނިސްބަތްވެވަޑައިގަންނަވާ މަދަނީ ދީނީ ޖަމްޢިއްޔާއެއްކަމުގައިވާ ޖަމްޢިއްޔަތުއް ސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ މިފަދައިން ސުވާލު އުފައްދަވައި ކަންބޮޑުވުން ފާޅުކުރަށްވާފައި މިވަނީ، އެމްޑީއެންއަށް ފިޔަވަޅުއެޅުމަށް ގޮވާލައި ބޭއްވި ޙަރަކާތެއްގައި މުސްލިމް ރައްޔިތެއްގެ ޙައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވި ފަނޑިޔާރަކަށް، ފަނޑިޔާރުގެ އެ ޢަމަލަކީ ސުލޫކީ މައްސަލައެއްކަމުގައި ކަނޑައަޅުއްވައި އެ ފަނޑިޔާރާ މެދު ސުލޫކީ ފިޔަވަޅުއެޅުއްމަށް ޖޭއެސްސީން ނިންމެވައި ޢާންމުކުރެއްވި ބަޔާން ހިއްސާކުރަށްވައި މީގެ ކުޑައިރުކޮޅެއްކުރިން ކުރެއްވި ޓްވީޓެއްގައެވެ.

"އެމް.ޑީ.އެން އަށް ފިޔަވަޅު އެޅުމަށް ދިވެހިރާއްޖޭގެ ރައްޔިތުން އެކި ގޮތްގޮތުން އަޑުއުފުލާ ސަރުކާރަށް އާދޭސްކޮށްކޮށް ތިއްބާ، އަޑުއުފުލުމުގައި ބައިވެރިވިކަމުގައި ވާތީކަމަށް ބުނެ، ރ.ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓް علي مصطفى އަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ފިޔަވަޅުއެޅުމީ ޖުޑިޝަރީގައި އޮތީ އެމްޑީއެން ގެ ނުފޫޒުކަމެވެ. މިހެންކަމުން ސާފުވަމުން މިދަނީ؛ ރަސޫލާއަށް ކުޑައިމީސްކޮށްފައިވާ އެމްޑީއެންގެ މުޖްރިމުންގެ ޝަރީޢަތް އުފުލުމާ، އެމީހުންގެ މައްޗަށް ފިޔަވަޅު އެޅުމުގައި ސަރުކާރުގެ ސިޔާސަތު އޮންނާނެ ގޮތެވެ"

ޝައިޚް ޢަބްދުﷲ ކުރެއްވި މި ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވެއެވެ.

 

އިސްލާމް ދީނަށް ތައުހީނުކުރިކަން "ޘާބިތު" ވެގެން އުވާލެވިފައިވާ ޖަމްޢިއްޔާ، އެމްޑީއެން ވަނީ ހަމަކަފުންކޮށް ވަޅުލާފައިތޯ ވިދާޅުވެ، ޖަމްޢިއްޔަތުއް ސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ މުޙައްމަދު ސުވާލު އުފައްދަވާފައި ވާއިރު، ރާއްޖޭގެ މަޝްހޫރު ދީނީޢިލްމުވެރިއެއް ކަމުގައިވާ އަދި މިސަރުކާރުގެ "ނުކިއްސަރު" ސިޔާސަތުތައް ދިފާޢުކުރެއްވުމަށް ދީނީ "ކާޑު" ކުޅުއްވާކަމަށް ގިނަބައަކު މިހާރު ބުނަމުން ގެންދާ ޑރ. އިޔާޒު ދާދިފަހުން ވިދާޅުވެފައި ވަނީ، އެމްޑީއެން މަރުވެގެން ފަސްދާނަ ލައިފިކަމަށާއި އެކަމުގެ މައުލޫމާތު ކުޑަކޮށް އަޕްޑޭޓް ކޮށްލެއްވުމަށެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައި ވަނީ، ޗެނަލް13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި ފޯނުން ބައިވެރިވި ރައްޔިތަކު ޖަޒްބާތުގައި ޖެހިގެންގޮސް، ރައީސް ޞާލިޙްގެ ހަށިކޮޅުގައި އަލިފާން ރޯކޮށްލާންވީކަމަށް ބުނި ވާހަކަ އެ ޗެނަލުން ގެނެސްދީފައިވުމަށް ނިސްބަތްކުރަށްވައި، އެ ޗެނަލަކީ ފިތުނައިގެ އައްޑާއެއްކަމަށް ވިދާޅުވެ، ޗެނަލް13 އަށް ހަރުކަށި ފިޔަވަޅު އެޅުމަށް އިޔާޒް ގޮވާލެއްވުމާއި ގުޅިގެން، އެމްޑީއެން މައްސަލާގައި ފިޔަވަޅުއެޅުއްވުމަށް ޢިޔާޒް ގޮވާނުލަށްވަނީ ކީއްވެގެންތޯ ޢާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ޖޭއެސްސީއިން މިއަދު ޢާންމުކޮށްފައިވާ މިނިންމެވުމާއި ގުޅިގެން، ޑރ. އިޔާޒަށް ނިސްބަތްކުރަށްވައި ނުސީދާ ރައްދެއް ޝައިޚް ޢަބްދުﷲ ދެއްވާފައިވާއިރު، އެމްޑީއެން މައްސަލައާގުޅިގެން ޑރ. އިޔާޒު ކުރެއްވި ޓްވީޓަށް ރާއްޖޭގެ އެންމެހައި ދީނީ ޢިލްމުވެރީންހެން ނުރުހުން ފާޅުކުރަށްވައި، ބައެއް ޢިލްމުވެރިން ފާޅުގައިވެސް ރައްދުދެއްވާފައި ވެއެވެ.

ރާއްޖޭގައި ރެޖިސްޓްރީކޮށްފައިވާ ދީނީ ދެ ޖަމްޢިއްޔާ، ޖަމްޢިއްޔަތުއް ސަލަފާއި ޢިލްމުވެރިންގެ ގުޅުން ޖަމްޢިއްޔާގެ އިތުރުން ގިނަ މަދަނީ ޖަމްޢިއްޔާތަކެއް އެކުވެގެން އެކުލަވާލެވި ހިންގޭ ޙަރަކާތެއްކަމުގައިވާ ރައްޔިތުންގެ ގުޅުންމުންވެސް ގެންދަވަނީ، އެމްޑީއެން އަދި އުތެމަ މައްސަލައާއި އަދި ދީނާއި ޚިލާފަށް ހިންގޭ އެހެނިހެން ހަރަކާތްތަކާގުޅިގެން، އެކަންކަން ރާވައި ހިންގަމުން ދާފަރާތްތަކަށް ގާނޫނީ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލައި އެކަމަށް ގިނަމަސައްކަތްތަކެއް ކުރަށްވަމުންނެވެ.

އަދި މިގޮވާލުމުގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ލޯކަލް ކައުންސިލުތަށްވެސް ބައިވެރިވެފައި ވީނަމަވެސް، އިސްލާމް ދީނުގެ ދިފާޢުގައި ޝަރުޢީގޮތުންނާއި ދުސްތޫރީ އަދި ޤާނޫނީގޮތުންވެސް އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށްވެސް އަދުގެ ސަރުކާރުން ފަހަތުފަޔަށް ބުރަވެވަޑައިގަންނަވަމުންދާ މަންޒަރު ފެންނަމުންދާއިރު، އެޖަމާޢަތަށް ނިސްބަތްވާ ފަރާތްތައް ދައުލަތުގެ މުހިންމު މަޤާމުތަކަށް ޢައްޔަނުކުރެވެމުންދާ މަންޒަރު ފެންނަމުންދާތީވެ، އަދުގެ ސަރުކާރުގެ އިޚްލާސްތެރިކަމާމެދު ގިނަބައަކު ސުވާލުކޮށް، ސަރުކާރުގެ އިސްވެރިންގެ މައްޗަށް ބޮޑެތި ތުހުމަތުތައް ކޮށް، އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުން ގެންދާކަންވެސް ފާހަގަވެއެވެ.

0 ޚިޔާލު