-
-
އިންސާނީ ބޮޑު ކާރިސާއެއްގައި ދަތިހާލުގައި ރައްޔިތުން ވާއިރު ބައިތުލްމާލުން ބޮޑެތި ވައްކަންކުރުން ހުއްޓުވަންޖެހޭ: ޝަހީމް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު -: ފޮޓޯ: ސަން

އިންސާނީ ބޮޑު ކާރިސާއެއްގައި ދަތިހާލުގައި ރައްޔިތުން ވާއިރު ބައިތުލްމާލުން ބޮޑެތި ވައްކަންކުރުން ހުއްޓުވަންޖެހޭ: ޝަހީމް

އިންސާނީ މިވަރުގެ ބޮޑު ކާރިސާއެއްގެ ތެރޭގައި ރައްޔިތުން ދަތިޙާލުގައި ހޭދަކުރަމުންދާއިރު، ބައިތުލްމާލުން ބޮޑެތި ވައްކަންކުރަމުންދާ ދިއުން ހުއްޓުވަންޖެހޭކަމަށް ޑރ. ޝަހީމް ވިދާޅުވެއްޖެއެވެ.

ADS BY FENVARU

ކުރީގެ އިސްލާމިކް މިނިސްޓަރުކަމުގެ އިތުރުން އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލާރކަންވެސް ކުރަށްވާފައިވާ ޑރ. ޝަހީމް މިހެން ވިދާޅުވީ މިރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެެއްގައެވެ.

"އިންސާނީ މިވަރުގެ ބޮޑު ކާރިސާއެއްގެ ތެރޭގައި ރައްޔިތުން ދަތިޙާލުގައި ހޭދަކުރަމުންދާއިރު، ބައިތުލްމާލުން ބޮޑެތި ވައްކަންކުރަމުންދާ ދިއުން ހުއްޓުވަންޖެހޭކޮވިޑް ކާރިސާގެ ތެރޭގައި ދައުލަތުން ވައްކަންކުރަމުންދާ ފަރާތްތަކާމެދު ޤާނޫނުގައި ބަޔާންކުރާ އެންމެ ހަރުކަށި އަދަބު ދޭންޖެހޭ"

ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އިދާރާތަކުން ފައިސާ ހޭދަކޮށްފައިވާގޮތްތައް ދެނެގަތުމަށް ހެދެމުންދާ އޮޑިޓް ރިޕޯޓުތަކުގެ ތެރެއިން މިއަދު ޢާންމުކޮށްފައިވާ، އެންއޯސީގެ އިތުރުން، ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އޮޑިޓް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަންބޮޑުވާންޖެހޭ ކަންކަމަށް އިޝާރާތްކުރަށްވައި ކަމަށްބެލެވޭ ބީދައިން ޝަހީމް ކުރަށްވާފައިވާ މި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ޚަރަދުކޮށްފައިވާ ގޮތަށް ބަލާއިރު، ދަރުބާރުގޭގައި މަސައްކަތް ކުރެއްވި ފަރާތްތަކުގެ ކެއުމަށް އެކަނިވެސް މިލިއަނުން ހޭދަކޮށްފައިވެއެވެ. ޑިސާސްޓަރ މެނޭޖްމަންޓުންވެސް ގެސްޓުހައުސްތައް ހިފުމަށްވެސް އެއްބަސްވުމެއްނެތި ގިނަ ޢަދަދެއްގެ ފައިސާ ހޭދަކޮށްފައި ވާއިރު، ހުޅުމާލޭގައިި ކޮވިޑް-19 ފެސިލިޓީ ހެދުމުގައި އިންތިހާ ބޮޑެތި ކަންބޮޑުވުންތައް ފާހަގަކޮށްފައިވެއެވެ. އަދި އެންމެ އަސާސީ ކާބޯތަކެތި، ހަކުރު ކިލޯއެއްގެ އަގަށްވެސް ކޮންޓްރޯލް ރޭޓަށްވުރެވެސް ހަތަރުފަސްގުނަ އިތުރަށް ދައުލަތުން ފައިސާ ހޭދަކޮށްފައިވާކަންވެސް ހާމަވެގެން ގޮސްފައިވެއެވެ.

މީގެ ކުރިން ޢާންމުކޮށްފައިވާ އޮޑިޓް ރިޕޯޓުތަކަށް ބަލާއިރު، ކޮވިޑް-19 ހަންމަތަކުރުމުގައި އެންމެ އިސްދައުރެއް އަދާކުރަމުން ގެންދިޔަ ދެ ވުޒާރާކަމުގައިވާ ޓޫރިޒަމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުތަކުގައިވެސް، ފިއްކަނޑައިގެން ދާވަރުގެ "ޚިޔާނާތް" ތައް ފާހަގަކޮށްފައި ވެއެވެ. ވެންޓިލޭޓަރުތަކުގެ މައްސަލާގައިވެސް ދައުލަތުގެ މާލިއްޔާއިން މިލިއަނުން މިލިއަނުން ފައިސާ ހޭދަކޮށްފައިވާއިރު ވެންޓިލޭޓަރުތައް އަދިވެސް ލިބިފައިނުވެއެވެ. ކަރަންޓީނު ފެސިލިޓީތަކަށާއި ބޭރުން ގެނެވުނު ޓީމުތަކަށްވެސް، ގަވާއިދުތަކުގެ ބޭރުން އެތަކެއް ފައިސާއެއް ހޭދަކޮށްފައި ވެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެންނެވުމަށް އެންމެބޮޑަށް ރައްޔިތުންނަށް ވިއްކެވި ވަޢުދަކީ، ކުރީގެ ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކައާއި، އަލަށް އެކުލަވާލެވޭ އެމަނިކުފާނުގެ ސަރުކާރުން ކޮރަޕްޝަނަށް ގެންގުޅުއްވާނީ ޒީރޯ ޓޮލަރެންސްކަމުގައި ވިދާޅުވަމުން ގެންދެވުމެވެ. އެހެންނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމަށްފަހުގައި ފެނިގެން މިދަނީ، ރައްޔިތުންގެ އަތްމަތި އިންތިހާއަށް ދަތިވި ވަގުތުގައި، ކޮވިޑް-19 ގެ ނަމުގައި ތަފާތު ބޮޑެތި "ވައްކަންތައް" ކުރުންކަމުގައި އިދިކޮޅުގެ އިތުރުން، ޚުދު އެމްޑީޕީގެ އިސްފަރާތްތަކުންވެސް ގެންދަނީ ބުނަމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވެރިޔާވެސް ދާދިފަހުން ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން ހޭދަކުރެވޭ ފައިސާއަށް ޚިޔާނާތްތެރިވުމަކީ ކޮރަޕްޝަން އެކަނި ނޫންކަމަށާއި އެއީ މީހުން މެރުންކަމަށެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގެ ސިއްހަތާބެހޭ ވަޒީރުންވެސް ކޮވިޑް-19 ގެ ކޮރަޕްޝަނުގެ މައްސަލާގައި މަޤާމުން ދުރުކުރެވި ހައްޔަރު ކުރެވިފައިވެސް ވެއެވެ.

ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީގެ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީގެ އިތުރުން މަޖްލީހާއި ފުލުހުންވެސް ތަހުގީގުކުރަމުން ގެންދާއިރު، އެފަދަ ހައްސާސް މައްސަލަތަކާ ގުޅިގެންވެސް އެއްވެސް ފަރާތެއް މަގާމުން ވަކިކޮށްފައި ނުވާތީވެ ގިނަބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވަމުން ދެއެވެ. އަދި ތަހުގީގުތައް ކުރިއަށް ދާހިނދު އެއްމުއައްސަސާއަކުން އަނެއްމުއައްސަސާ އަށް އިނގިލި ދިއްކޮށް ޒިންމާއިން ރެކެމުންދާއިރު، ކުށްވެރިވާ ނުވަތަ ޒިންމާވާންޖެހޭ އެއްވެސް ފަރާތެއްނެތްކަމަށް ރައްޔިތުން ގަބޫލުކުރަން މަޖްބޫރު ކުރެވެނީކަމަށް ހީވެ ދާކަހަލައޭވެސް ބުނެވިދާނެ ނޫންހެއްޔެވެ؟

0 ޚިޔާލު