-
-
ލާދީނީ "އެމްޑީއެން" އާ ގާތް މީހުން އިން ވަކިކޮށް ޖޭއެސްސީ ތޯހިރު ކުރޭ! ރައްޔިތުންގެ އިއްތިހާދު ރައްޔިތުންގެ އިއްތިހާދުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، އެ ހަރަކާތުގެ އިސްފަރާތްތައް

ލާދީނީ "އެމްޑީއެން" އާ ގާތް މީހުން އިން ވަކިކޮށް ޖޭއެސްސީ ތޯހިރު ކުރޭ! ރައްޔިތުންގެ އިއްތިހާދު

އިސްލާމް ދީނާ ޚިލާފް ޙަރަކާތްތައް ފާޅުކަންބޮޑުގޮތެއްގައި ރާވައި ހިންގަމުންދާ އެމްޑީއެން ޖަމާޢަތަށް ފިޔަވަޅުއެޅުމަށް ގޮވާލައި ބޭއްވުނު ސުލްޙަވެރި ހިންގާލުމުގައި ބައިވެރި ރ. ހުޅުދުއްފާރު މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު ޢަލީ މުސްޠަފާގެ ދިފާޢުގައި ރައްޔިތުންގެ އިއްތިޙާދުން ބަޔާނެއް ނެރެފިއެވެ.

ADS BY FENVARU

މަދަނީ ޖަމިއްޔާތަށް ގުޅިގެން އުފައްދާފައިވާ ހަރަކާތެއްކަމުގައިވާ ރައްޔިތުންގެ އިއްތިހާދުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، ރ. ހުޅުދުއްފާރު މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު ޢަލީ މުސްޠަފާ، އެހަރަކާތުގައި ބައިވެރިވެލެއްވުމަކީ ފަނޑިޔާރުންގެ ސުލޫކާ ޚިލާފުކަމެއްކަމަށް ކަނޑައަޅައި، ޖުޑިޝަލް ސާވިސް ކޮމިޝަނުން އެފަނޑިޔާރާ މެދު ފިޔަވަޅުއަޅާފައި ވާތީއެވެ.

އިސް މެޖިސްޓްރޭޓަށް އަޅާފައިވާ ފިޔަވަޅަކީ އެމް.ޑީ.އެންގެ އެޖެންޑާއާ ދެކޮޅަށް ހިންގޭ އެކިއެކި ކަންކަން ހުއްޓުވުމަށް އެޅި ފިޔަވަޅެކެވެ. ހަމައެކަނި ނަމަކަށް އުވާލެވިފައިވާ އެމްޑީއެންގެ ޙަރަކާތްތެރިންނަށް އެއްވެސް ފިޔަވަޅެއް ނޭޅުމުގެ ސަބަބުން ނިކުމެފައިވާ ޢުދުވާނީ ނުފޫޒެއް ކަމުގައިވެސް ރައްޔިތުންގެ އިއްތިޙާދުގެ މިބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް، ތުޙުމަތު ކޮށްފައިވާ ގޮތުގައި، ޢަލީ މުސްޠަފާއާ މެދުގައި އަޅާފައިވާ ފިޔަވަޅަކީ އެމްޑީއެން އާ ގުޅުން ހުރި ސިޔާސީ ފަރާތްތަކެއްގެ އަޑީގައި ތިބެގެން ޖޭއެސްސީ މެދުވެރިކޮށް ފަނޑިޔާރުންނަށް ދީފައިވާ އިންޒާރެކެވެ. އިސްލާމްދީނަށް ފުރައްސާރަ ކުރި މީހުންނާ ދެކޮޅަށް ތެދުވާ ފަރާތްތަކަށް ފިޔަވަޅު އަޅަމުންދާއިރު، އިސްލާމްދީނަށް ފުރައްސާރަ ކުރި އެމްޑީއެން ގެ މީހުންނަށް  އެއްވެސް ފިޔަވަޅެއް މިހާތަނަށްވެސް އަޅާފައި ނުވާއިރު، އެފަރާތްތައް އުޅެމުންދަނީ މިނިވަންކަންމަތީގައި ކަމަށްބުނެ އެ ބަޔާންނުގައި ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި އެމްޑީއެން ގެ ލާދީނީ އެޖެންޑާ ފެތުރުމަށްޓަކައި އެޖަމާޢަތުގެ ފައުންޑާ މެންބަރުން ސްޕްރީމް ކޯޓަށް އިސްކޮށްފައި ވާކަމަށާއި، ކްރިމިނަލް ކޯޓަށް ވެސް އެމްޑީއެން އާ ގާތް މީހުން އިސްކޮށްފައި ވާކަމަށެވެ. އެކަމުގެ ސަބަބުން އެނގިހާމަ ވަނީ، ލާދީނީ ސީޔާސީ ނުފޫޒު ޖޭއެސްސީ އަށް ފޯރުވުމަށްޓަކައި ހިންގެމުންދާ ނުރައްކާތެރި އެޖެންޑާގެ ހައްސާސްކަމުގެ ބޮޑުކަންކަންވެސް، ރައްތިތުންގެ އިއްތިޙާދުގެ ފަރާތުން ނެރެފައިވާ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައި ވެއެވެ.

ކަންމިހެން ހުރިހިނދު، އެމްޑީއެން އިން ހިންގި ޖަރީމާގެ މައްސަލަ ޝަރުޢީ މަރުޙަލާއަށް ހުށައެޅޭ އިރެއްގައި، ޤާނޫނާ އެއްގޮތް ޢަދުލުވެރި އިންސާފުވެރި ޙުކުމެއް އެޖަމާޢަތުގެ މީހުންގެ މައްޗަށް ކުރުމުގެ އެއްވެސް ފުރުޞަތެއް ނުލިބޭނެކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވާކަމަށާއި، ސައްތައިން ސައްތި އިސްލާމީ ދިވެހިރާއްޖޭގައި އިސްލާމް ދީނާއި މާތް ނަބިއްޔާގެ ދިފާޢުގައި ޞުލްޙަވެރި ކަމާއެކު އެއްވެސް ގޮތަކުން އެއްވެސް ކަމެއް ކުރުމަކީ އެއްވެސް ޙައިސިއްޔަތަކުން އެއްވެސް މީހަކަށް ހުރަހެއް އޮތް ކަމެއް ކަމުގައި ވެގެން ނުވާނެ ކަމަށްވެސް، ރައްޔިތުންގެ އިއްތިހާދުގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ. އެފަދަ ހުރަހެއް އުފައްދާފައި އޮތްނަމަވެސް، އެއީ އިސްލާމް ދީނާއި ރާއްޖޭގެ ޤާނޫނާ ވެސް ޚިލާފު ބާތިލު އެއްޗެއް ކަމަށާއި، އެފަދައިން ދޭހަވާ އެއްވެސް އަކުރެއް ނުވަތަ ފޮޅުވަތެއް އެއްވެސް ހަމަޔަކުން އޮތުމަކީ ކަނޑައެޅިގެން އިސްލާމް ދީނާ ފުށުއަރާ ކަމެއް ކަމުގައި ރައްޔިތުންގެ އިއްތިޙާދުގެ ބަޔާނުގައި ހާމަކޮށް ބަޔާންކޮށްފައިވެއެވެ.

ގިނަ މަދަނީ ޖަމިއްޔާތަކެއް އެކުވެގެން އުފައްދައި، ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ތާއީދުވެސް ލިބި ޢިލްމުވެރީންގެ އެއްބާރުލުންވެސް އެޙަރަކާތަށް ދެއްވާނެކަމަށް ޢިލްމުވެރިން ހާމަކުރަށްވާފައިވާ ރައްޔިތުންގެ އިއްތިޙާދުން ވަނީ އެމްޑީއެން ޖަމާޢަތުގެ އެޖެންޑާ ތަންފީޒުކޮށް އޭގެ ޙިމާޔަތުގައި ހިންގާ މަކަރުވެރި ޙީލަތްތައް ހުއްޓުވުމަށްޓަކައި، ޖޭއެސްސީ ގައި ތިއްބެވި އެމްޑީއެން އާ ގާތް ފަރާތްތައް މިހާރުން މިހާރަށް މަޤާމުން ވަކިކޮށް، އެ މުއައްސަސާ ތޯހިރު ކުރުމަށް ވެސް ގޮވާލާފައެވެ.

އަދި އިސްލާމްދީނާއި މިޤައުމުގެ ވަޙްދަތުގެ އަސާސް ރައްކާތެރި ކުރުމުގެ ޒިންމާ އުފުއްލަވައިގެން ހުންނެވި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ފަހަތު ފައިންޕުޅަށް ބުރަވެވަޑައިނުގެން އަމާނާތްތެރިކަމާ އެކު އެޒިންމާ އަދާކުރެއްވުމަށްވެސް ބަޔާން ނިންމާލުމުގައި ގޮވާލާފައިވެއެވެ.

 

0 ޚިޔާލު