-
-
ލޯބިވިޔަކަސް-04

ލޯބިވިޔަކަސް-04

ރޭގަނޑުގެ ވަގުތެކެވެ. ނަދީމްއާއި ޖުމާގެ ކެއުން އެރޭ އޮތީ ބޭރުންނެވެ. ކާއެއްޗިއްސަށް އޯޑަރުކުރިތަނުން ނަދީމްއަށް ފޯނުކޯލެއް އައެވެ. ވަރަށް އަވަހަށް އެބައަންނަމޯ ކިޔާފަ ނަދީމް ދިޔައީއެވެ.

ADS BY FENVARU

ޖުމާ އިނީ އެކަނި ފޫހިވެފައެވެ.

"ހައި! އަހަރެން މިތާ އިށީނަސް އެންމެ ރަނގަޅުތަ؟" ކައިރީގައި މަޑުކޮށްގެން ހުރި އިސްކޮޅުން ދިގު ޒުވާނަކު އަހާލިއެވެ. ޖުމާ ފުންމައިގެން ތެދުވެ އޭނަގެ ގައިގައި ބައްދައިގަތެވެ.

"އަދީލް! އަޅޭ! ހާދަ ދުވަހެއް ކޮށްފައޭ މިފެނުނީ. އައި މިސްޔޫ!" ޖުމާ ބުނެލިއެވެ.

"އައި މިސްޔޫ ޓޫ!" އެޒުވާނާ އެހެން ބުނެ ޖުމާ ގޮޑީގައި ބޭންދިއެވެ.

"އަހަރެން މިއައީ 5 އަހަރުގެ ކޯހެއް ނިންމާފައި. އަހަންނަށް އެގޭ ޖުމާ އަހަންނަށް އިންތިޒާރުކުރާނެކަން." އަދީލް އެހެން ބުނުމުން ޖުމާގެ ހިނިތުންވުން ފަޑުވެގެންދިޔައެވެ.

އަދީލްއާއި ޖުމާ އަކީ އެއް ސްކޫލަކުން ކިޔެވުން ނިންމި ދެކުދިންނެވެ. ސްކޫލުގައި އުޅުނުއިރު އެދެކުދިންނަކީ އެސްކޫލުގައި ތިބި އެންމެ ސަޅި ދެލަވް ބާޑެވެ. އަދީލްއަށް ބޭރުން ސްކޯލާޝިޕްއެއް ލިބިގެން އަދީލް ފުރައިގެން ދިޔައީ ޖުމާގެ ހިތް ކުދިކުދިކޮށްލާފައެވެ. އަދީލްއަކީ ރާއްޖެތެރޭ ރަށެއްގެ ކުއްޖެއްކަމުން ސްކޫލް ނިމުނު ފަހުން ޖުމާ އާއި އަދީލް ބައްދަލުނުވެ ހުއްޓާ އަދީލް ފުރައިގެން ދިޔައީއެވެ. އަދީލްގެ އިންތިޒާރުގައި ޖުމާ 6 މަސްދުވަސްވަންދެން އެހެން ކުއްޖަކާ ރައްޓެހިނުވެ ހުއްޓެވެ. ނަދީމް ޖުމާގެ ހަޔާތަށް އައީ ޖުމާ އަދީލްއާ ވަކިވުމުގެ ހިތާމައިގައި ދުވަސްތައް ހޭދަކުރަމުން ދަނިކޮށެވެ.

"ކިހިނެއްވީ ޖަވާބެއް ނުދިނީ. ޖުމާ މިހާރު ހާދަ ރީއްޗޭ!" ޖުމާގެ މޫނަށް ބަލަހައްޓައިގެން އިދެ އަދީލް ބުނެލިއެވެ.

"އަދީލް! އަހަރެން އުޅެނީ މީހަކާ އިދެގެން." ޖުމާ ބުނި ޖުމްލައިން އަދީލްގެ މުޅިހިތް ކަތިލައިފިއެވެ. އަދީލްގެ ދެލޮލުން ކަރުނަ ފޭބިތަން ޖުމާއަށް ފެނުނެވެ.

"އަހަރެން އަދީލްއަށް އިންތިޒާރުކުރިން. އަދީލް ގުޅާނުލާތާ އަހަންނަށް ނޭގެ އަދީލްއަށް ގުޅޭނެ ނަންބަރެއްވެސް. އަހަރެން ވަރަށް މަސައްކަތްކުރިން އަދީލްގެ ނަންބަރުލިބޭތޯ." ޖުމާ ވާހަކަދައްކަމުންދިޔަ އިރު އަދީލް އިނީ އަޑުއަހާށެވެ.

"އަހަރެން ޖުމާގެ ނަންބަރު ހޯދިން. ޖުމާއަށް ގުޅަންވެސް ގުޅިން. އެކަމަކު އެކޮޅުން ވާހަކަދެއްކީ ޖުމާގެ މަންމަ. މަންމަ ބުނީ ޖުމާ ބޭނުމެއްނޫނޭ އަހަންނާ ވާހަކަ ދައްކާކަށް. އެހެންވެ އެފަހުން ނުގުޅާ ހުރީ ކޯސް ނިންމާފަ ޖުމާ ކުރިމައްޗަށް އަރާ އެސުވާލުގެ ޖަވާބު ހޯދަން އަހަރެން ބޭނުންވީ. ޖުމާ ކީއްވެ؟" އަދީލްގެ ވާހަކަތަކުން ޖުމާ ހައިރާންވިއެވެ. އަދީލް ގުޅި ވާހަކަ ސާރާ ޖުމާ ކައިރީ ނުދައްކައެވެ.

"އަދީލް! ނިމިފަހުރި ކަންތައްތަކުގެ ވާހަކަ ނުދައްކަމާދޯ. ކޮބާ ކިހިނެއް ލައިފް މިހާރު."

"ލައިފް ވިތައުޓް ޔޫ! ކާންޓް އިމޭޖިން. ތީ އަހަރެންގެ މިލްކެއް. އަހަރެން ޖުމާއަށް އިންތިޒާރުކުރާނަން." މިހެން ބުނެ އަދީލް ތެދުވެގެން ދިޔައީއެވެ. އަދީލް ދިޔަތަނުން ނަދީމް އައިސް ވަނުމުން ޖުމާ ހުރީ ބިރުންނެވެ. ނަދީމްއަށް އެދެމީހުން އެއްކޮށް ފެނިދާނެތީއެވެ.

"ސޮރީ ޑާލިންގ. ތަންކޮޅެއް ލަސްވީ! މިއުޅޭ މަދީހު ތަނަކަށް ވައްޓާލާފަ އަންނަންވެގެން ލަސްވީ! ކޮބާ އަވަހަށް ކާންފަށަމާ!" ނަދީމް ހުރިހާ ވާހަކައެއް ދައްކަމުން ދިޔައިރުވެސް ޖުމާ އިނީ އަގައިންވެސް ނުބުނެއެވެ.

"ޑާލިންގ. މިރޭ މަންމަ ދެއްކި ވާހަކަތަކާމެދު ވިސްނާލަންވީ ކަންނޭގެ."

"ކޮންވާހަކައެއް؟" ޖޫސްތަށިން ކޯވަރެއް ބޯލަމުން ޖުމާ އަހާލިއެވެ.

"ދަރިޔަކު ހޯދަމާ ހިގާ"

ނަދީމްގެ މިޖުމްލައިން ޖުމާ ކޮށިއަރައިގަތެވެ.

"ނަދީމް! އަހަރެން އަދި ދަރިޔެއް ބޭނުމެއްނޫން! އަދި މަޑުކޮށްލަމާ!"

ނަދީމް ހުރީ ދަރިޔަކު ހޯދަން ވަރަށް ބޭނުންވެފައެވެ. އެހެންނަމަވެސް ޖުމާގެ އެދުމަށް ނަދީމް އާބަސްބުނީއެވެ.

އެދެކުދިން ގެޔަށް އައިއިރު ޒީނިޔާ ހުރީ ކާންތައްޔާރުކޮށްފައެވެ.

"އާދޭ ކާން؟" ޖުމާ ކޮޓަރިއާ ދިމާލަށް ދާންފެށުމުން ޒީނިޔާ އަހާލިއެވެ.

"މިއައީ ބޭރުން ކައިގެން." ޖުމާ ޒީނިޔާއަށް ބަލާފައި ހިނިތުންވަމުން ބުނެލިއެވެ. ނަދީމް އެދިޔަގޮތަށް ގޮސްވަނީ ކޮޓަރިއަށެވެ. ޖުމާ ސޯފާގައި ޖައްސާލުމަށްފަހު ފޯނު ނަގަން އަތްދަބަހަށް އަތްލުމުން އަތުގައި ޖެހުނީ ނޯޓެކެވެ. ޖުމާ ނޯޓު ކިޔާލިއެވެ.

މައި ފޮރެވާ ލަވް...!

މިއަދު އަހަރެން ވަރަށް އުފާވި ޖުމާއާ ދިމާވުމުން. އެކަމަކު މިއަދަކީ އަހަރެންގެ ހަޔާތަށް އައި ވަރަށް ބަނަ ދުވަހެއް. އަހަރެންގެ ލޯބި އަހަރެންގެ އަތުން ބީވެގެން ދިޔަކަން އަހަންނަށް އެގުމުން ހިތް ކުދިކުދިވި. އެކަމަކުވެސް އަހަރެން އުއްމީދު ދޫކޮށްނުލާނަން. ޖުމާ އަދި އަހަރެން ކައިރިޔަށް އަންނާނެ. އަހަރެން ޖުމާއަށް އިންތިޒާރުކުރާނަން. ޖުމާދެކެ އިންތިހާއަށް ލޯބިވާ

އަދީލް

ނޯޓު ނިންމާލަމުން އަދީލްގެ ފޯނު ނަންބަރު ޖަހާފައި އޮތުމުން ޖުމާ ހިނިތުންވެލިއެވެ. އަދި ނޯޓަށް ބޮސްދެމުން ނޯޓު ނަގާ އަތްދަބަހަށްލިއެވެ. މިހުރިހާ މަންޒަރެއް ބަލަން ޒީނިޔާ ހުރިކަން ޖުމާއަށް ނޭގެއެވެ.

ޖުމާ ފޯނުނަގާ އެނޯޓުގައިވާ ނަންބަރަށް މެސެޖެއް ކޮށްލިއެވެ.

އަދީލްއިނީ ހުޅުމާލޭ ފެރީޓާމިނަލްގައެވެ. މޫނުމަތިވަނީ މިލާ މޯޅިވެފައެވެ. ދިރުއުޅުމައި އެހާބޮޑު ކާމިޔާބީއެއް ހޯދައިގެން މަތީފެންވަރުގެ ޑޮކްޓަރީ ސަނަދެއް ނަގައިގެން ހުރިއިރުވެސް ނާކާމިޔާބީ އިހުސާސްވަމުންދިޔައެވެ. ފޯނުގެ ސްކްރީނަށް ބަލާލުމުން އަދީލްގެ މޫނު އަލިވެގެންދިޔައެވެ. މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. ވީ އުފަލެއްގެ ބޮޑުކަމުން އަވަސްވެގަތީ އެމެސެޖަށް ރިޕްލައި ކުރުމަށެވެ.

ސާރާ ފާހާނައިން ނުކުތްއިރު ފަޒީލްއޮތީ ފުންޚިޔާލެއްގެ ތެރެޔަށް ގެއްލިފައެވެ.

"ކޮންކަމަކާ މާވަރަކަށް ތިވިސްނަނީ." ސާރާ އައިސް ފަޒީލްގެ ކައިރީގައި އިށީނެވެ.

"ލޯބިވާ ސާރާ! އަހަރެން މިވިސްނަނީ މިރޭ އަހަންނަށް ފެނުނު މީހަކާ ދޭތެރޭ."

"މީހަކު ފެނުމުން އެކަމާ ތިވަރަށް ވިސްނަން ޖެހޭތަ؟" މަޖަލަކަށް ހަދާފައި ސާރާ ހީލިއެވެ.

"މިރޭ އަހަންނަށް ފެނުނީ އަދީލް"

"އޭ! އަދީލްއޭ. އޭނަ މިރަށުގަ ކީއްކުރަނީ؟" ސާރާ ކަންބޮޑުވިއެވެ.

"އެއީ މިރަށު ހޮސްޕިޓަލަށް އައި ނަފްސާނީ ޑޮކްޓަރު. އަހަރެން ހިތަށް މިއަރަނީ އޭނަގެ ސަބަބުން އަނެއްކާ ޖުމާގެ އުފާވެރި ދިރިއުޅުމަށް  އަސަރުނުކުރާނެބާއޭ!"

"ހަމަހިލާ އެހެންވިޔަކަނުދޭނަން." ސާރާ ބުނެލިއެވެ.

"ތިހެންވެއްޖިއްޔާ ރަގަނޅު. އަހަރެން ބޭނުމެއްނޫން ޖުމާގެ ސަބަބުން ރިޔާޒްގެ ކުރިމަތީ އަހަރެންގެ އަގު ވެއްޓޭކަށް."

"ދެންތިކަމާ ނުވިސްނާ. ހިގާ ނިދަމާދޯ" ސާރާ ފަޒީލްކައިރީ އެހެންބުންޏަސް ސާރާއަށް އެރޭ ހަތަރުދަމު ކުރެވުނީ އެހިޔާލެވެ. ވިސްނެނީ ޖުމާ ދޭތެރޭގައެވެ. ޖުމާއަށް ހަގީގަތް އެގޭ ދުވަހަކުން ޖުމާ ކުރިމަތީ ސާރާ ކުއްވެރިވާނެކަން އެގޭތީއެވެ. ޖުމާގެ ހަޔާތަށް ނަދީމް ގެނައީ ސާރާގެ ރޭވުމުންކަން އެގޭ ދުވަހުން ޖުމާ ސާރާއަށް މާފެއް ނުކުރާނެކަން އެގޭތީއެވެ.

އެހިޔާލުގައި ނުނިދިފައި އޮތްވާ ފަތިސްނަމާދަށް ބަންގިގޮވީއެވެ.

އާދައިގެމަތިން ދުވަހެކެވެ. ޖުމާ ހޭލައިގެން ތެދުވެ ފޯނު ބަލާލިއިރު މެސެޖެއް އިނެވެ.

"ގުޑް މޯރނިންގ ލަވް" ޖުމާ އަވަސްވެގަތީ ރިޕްލައިދިނުމަށެވެ.

" ނުވެސް ނިދާ ރެއަކީތަ؟"

"ކިހިނެއް ނިދޭނީ. ލޯބިވާ މީހާ ކައިރީގައި ނެތީސް މިލޮލަށް ނިދި އަންނާނެތަ! ދެން ކޮންއިރަކުން ދިމާވާނީ!"

ޖުމާ ވިސްނަން އިދެފައި އެސުވާލުގެ ޖަވާބު ފޮނުވިއެވެ.

"އަދީލް! އަހަންނަކީ މީހެއްގެ އަތްބެއް. އަހަރެން ކިތަންމެ ބޭނުންވިޔަސް ދެން އަހަރެންގެ ހަޔާތަށް އަދީލްއެއް ނާންނާނެ. އަހަރެން ވަރަށް ލޯބިވޭ ނަދީމް ދެކެ." ޖުމާގެ ރިޕްލައި ފެނުމުން އަދީލް ވަރަށް ދެރަވިއެވެ.

"ކިހިނެއްވީ އެއްޗެކޭ ނުބުނީ." އަދީލްގެ މެސެޖަކަށް އިންތިޒާރުކުރަން އޮވެފައި ޖުމާ އަހާލިއެވެ. ދެންވެސް އަދީލްގެ ރިޕްލައި އެއް ނާދެއެވެ. ޖުމާ ފޯނު ހިފައިގެން ނުކުތީ ކޮޓަރީގެ ބެލްކަނީއަށެވެ. ނަދީމް ނިދާފައި އޮތުމުން އުދަގޫ ވެދާނެތީއެވެ. ޖުމާ އަދީލްއަށް ގުޅިއެވެ. އަދީލް ފޯނެއް ނުނެގިއެވެ. ޖުމާ އެކަމާ ވަރަށް ދެރަވިއެވެ.

އާދައިގެ މަތިން ރިޔާޒް ފަތިސްނަމާދުކޮށްލައިގެން އައިސް މަދީހު އާއެކީ ކޮފީބޯން ތިއްބެވެ.

"ފަހަރި! މިއަދު ހާދަލަހަކުން މޯނިންގ ވި ދުވަހެއް. އެހެންޏާ އަހަރެން އަންނައިރު ބަދިގެތެރޭގައި އުޅޭވިއްޔާ!" ޖުމާ ފެނުމުން މަދީހު ބުނެލިއެވެ. ޖަވާބުގައި ޖުމާ ހިނިތުންވެލިއެވެ.

"އަދިވެސް ނަދީމް ނުހޭލަނީތަ؟" ރިޔާޒް އަހާލިއެވެ.

"ނޫން. ހޭލައިފި. ފާހާނައިގައި އެބައުޅޭ!" ޖުމާ ބަދިގެޔަށް ވަދެ ކޮފީތައްޓެއް ހަދާލިއެވެ.

"މިއަދު އޯކޭތަ؟" ޖުމާ އެހެންދުވަސްތަކާ ޚިލާފަށް މާ މަޑުން ހުރުމުން ޒީނިޔާ އަހާލިއެވެ.

"މިއަދު ބޮލުގައި ރިއްސާތީ މިއުޅެނީ. ބޯއަބުރާތީ ކޮޅަށް ނުހުރެވޭ. އެހެންވެ އެހާ ލަހުން މިނުކުތީވެސް." ޖުމާ ބުނެލިއެވެ.

"ބޭސް ގެނެސްދެންތަ؟"

"ކާކަށް ބޭސް ގެނެސްދޭ ވާހަކަ. ކާކު ބަލިވެ އުޅެނީ." ޒީނިޔާއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށް ކަމުން މަދީހުގެ އަގަ ކަހައިގަތީއެވެ.

"އަނެއްކާ ދަރިފުޅު ބަލީތަ؟" ޒިޔާޒު އަހާލިއެވެ. އާއެކޭ ބުނުމުގެ ގޮތުން ޖުމާ ބޯޖަހާލިއެވެ.

އެވަގުތަކީ ނަދީމް ދުވަން ދާންވެގެން ތައްޔާރުވެގެން ނުކުތް ވަގުތެވެ.

"އަހަރެންދޯ މިއަދު ލަސްވީ!" ނަދީމް ބުނެލިއެވެ.

"ދަރިފުޅާ ނަދީމް. ޖުމާ އުޅެނީ ބަލިވެ. ދޭބަ އޭނަ ދައްކާލަންދާން. ހޮސްޕިޓަލުގައި ވަރަށް މޮޅު ޑޮކްޓަރެއް އައިސްގެން އުޅޭ ވާހަކަ އަޑުއެހިން."

"އެއީ ތެދެއްތަ ޑާލިންގ. ކީއްވެ އަހަރެން ކައިރީ ނުބުނީ. އައިސް މިތާގަ އިށީނދެބަ!"ނަދީމް ޖުމާ ގެނެސް ސޯފާގައި ބޭންދިއެވެ. ނަދީމްގެ އުގުގައި ޖުމާ ބޯ އަޅާލިއެވެ. ނަދީމް ޖުމާގެ ބޯ މޮޑެދޭންފެށިއެވެ.

"ޒީނިޔާ! ގެނެސްދީބަ ބޭސްގުޅައެއް." ނަދީމް ބުނެލިއެވެ

"ޖުމާ އެހެރީ އަދި ސައިވެސް ނޮބޮއި. މިހިރީ ސައި ތައްޔާރުކޮށްފައި. ސައި ބޮއެގެން ބޭސްކާނީ. ޒީނިޔާ ބުނެލިއެވެ.

ޖުމާ ބަލިވެ އުޅޭތީ ނަދީމް އެދުވަހު އޮފީހަށް ސަލާންބުނެފައި ޖުމާ ކައިރީ ގޭގައި މަޑުކޮށްލިއެވެ. މެންދުރާ ހަމަޔަށް އައިއިރު ޖުމާ ހުންއައިސް ހުން ގަދަވާންފެށިއެވެ. ނަދީމް ހަދާނެ ގޮތް ހޮސްވެގެން ރިޔާޒަށް ގުޅިއެވެ.

"ބައްޕާ! ބިޒީތަ؟"

"ނޫން. ކިހިނެއްވީ."

"ބައްޕާ. މިއުޅެނީ ޖުމާ ހުންގަދަވެގެން. އަހަންނަކަށް ނޭގެގ ދޭނެ ބޭހެއްވެސް. ދެން ކިހިނެއް ހަދާނީ." ނަދީމް ހުރީ ހާސްވެފައެވެ.

"ސާބަސް ދަރިފުޅަށް. އެވަރަށް ބުނީމަވެސް އަދިވެސް ހޮސްޕިޓަލަށް ނޮގޮސް ތިއުޅެނީ. އަވަހަށް ތައްޔާރުވޭ. ބައްޕަ މިދަނީ ކާރުގައި." ރިޔާޒު އެހެންބުނެފައި އަވަސް އަވަހަށް ގެޔަށް އައެވެ.

ރިޔާޒްއާއި ނަދީމް ޖުމާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައިރު އެތާގައި އަދީލް އުޅުނެވެ. ގޮޑިއެއްގައި ޖުމާ އިންތަން ފެނިފައި އަދީލް ގޮސް ޖުމާ ކައިރީ އިށީނެވެ.

"އަހާ ޖުމާ! ކިހިނެއްވީ. ހާދަ ހުންގަދައޭ؟" އަދީލް ޖުމާގެ ނިތްކުރީގައި އަތްޖައްސާލަމުން ބުނެލިއެވެ.

ޖުމާ އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ.

"މިހާ ހުންގަދައިރު ކީއްވެ އަހަންނަށް ނުގުޅީ؟" ދެންވެސް އަދީލް ކުރީ ސުވާލެކެވެ.

"ހެދުނުން ފެށިގެން ބޮލުގައި ރިއްސާތީ ބޯއަބުރާތީ އުޅުނީ. ދާދި ދެންމެއަކު ހުންގަދަވީ." ޖަވާބުދިނީ ނަދީމްއެވެ.

ޖުމާ ކައިރީގައި ނަދީމް އިނުމުން ޖުމާ އަދީލްއާ އަގައިން ނުބުނީއެވެ.

"ސޮރީ!" އަދީލް ނަދީމްއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

"މީ ނަދީމް! ޖުމާގެ ފިރިމީހާ." އަދީލް ލަދުގަތީ ޖުމާގެ ފިރިމީހާ ކައިރީގައި އިންދާ އެގޮތަށް ޖުމާއާ ވާހަކަދެއްކުނީތީއެވެ.

"ތީކާކު؟" ނަދީމްގެ މިސުވާލަށް ދޭނެ ޖަވާބެއް އަދީލްއަށްވެސް ނޭގުނެވެ.

(ނުނިމޭ)