loading ...
loading ...
ކާމިޔާބު ލިބޭނީ ކާކަށްހެއްޔެވެ؟....1

ކާމިޔާބު ލިބޭނީ ކާކަށްހެއްޔެވެ؟....1

0 comment

ކާމިޔާބު ލިބޭނީ ކާކަށްހެއްޔެވެ؟ ފުރަތަމަ ބައި

އުމަރުގެފާނު އެކަލޭގެފާނު ޚަލީފާކަމުގެ ދުވަސްވަރު ޝާމަށް ދަތުރުފުޅެއް ކުރެއްވުމަށްޓަކައި އަބޫއުބައިދާއާއިއެކު ނުކުމެވަޑައިގެންނެވިއެވެ. މިދަތުރުފުޅުގެ މަގުމަތީގައި އެކަލޭގެފާނަށް ކޯރެއް ހުރަސްކުރައްވަންޖެހިވަޑައިގަތެވެ. އެހެންކަމުން އުމަރުގެފާނު އެކަލޭގެފާނުގެ ފައިވާންޖޯޑުކޮޅު ބާލުއްވާ އެކަލޭގެފާނުގެ ކޮނޑުފުޅުމަތީގައި ބޭއްވެވިއެވެ.

އަދި ޖަމަލުގެ ލަގަނުގައި ހިއްޕަވައިގެން ކޯރަށް އެރިވަޑައިގެން ހިންގަވަންފެއްޓެވިއެވެ. އެހިނދު އަބޫއުބައިދާއަށް މިމަންޒަރު ފެނިވަޑައިގެން މުސްލިމުންގެ ޚަލީފާގެ ހާލުކޮޅާއިމެދު ކަންބޮޑުވެވަޑައިގެން ވިދާޅުވިއެވެ.

"ކަލޭގެފާނު ތިގޮތުގައި ހުންނަވަނިކޮށް މިއަވަށުގެ އަހުލުވެރިންނަށް ފެނި ކަލޭގެފާނާމެދު ޤަދަރުކުޑަކޮށްފާނެކަމާމެދު ތިމަން ބިރުގަންނަމެވެ." އެހިނދު އުމަރުގެފާނު ވިދާޅުވިއެވެ. "އޭ އުބޭދާއެވެ! ކަލޭގެފާނުފަދަ ޢިލްމުވެރިބޭކަލަކު ތިޔަފަދަ ވާހަކަފުޅެއް ވިދާޅުވަނީތޯއެވެ. އަހަރެމެންނީ އިންސާނުންގެ ތެރެއިން އެންމެ ޤަދަރުކުޑަވެ މަލާމާތްލިބި ބަލިކަށިވެފައިވާ ބަޔަކަށްވެފައިވަނިކޮށް އިސްލާމްދީނުގެ ސަބަބުން މާތްﷲ ވަނީ އަހަރެމެންނަށް ގަދަރާއި މަތިވެރިކަން ދެއްވާފައެވެ. ނަމަވެސް މާތްﷲ ދެއްވި މަތިވެރިކަމާއި މާތްކަން ފިޔަވާ އެހެންބައެއްގެ ފަރާތުން އެ ޤަދަރު ހޯދަން އުޅެފިނަމަ އަނެއްކާވެސް މާތްﷲ އަހަރެމެން ކުރިންތިބި ހާލަތަށް ރުޖޫޢަކުރައްވަފާނެއެވެ."

މުސްލިމް އަޚުންނާއި އުޚްތުންނޭވެ. އަހަރެމެން އުންމީދުކުރާގޮތުގައި މާތްﷲ ވަޢުދުވެވޮޑިގެންފައިވާ ނަސްރާއި ކާމިޔާބު ލިބުުންވަނީ ވަރަށް ކައިރީގައެވެ. އެހެންނަމަވެސް އަހަރެމެންގެތެރެއިން ބައެއްމީހުން މާތްﷲ އިސްލާމްދީނަށް ނަޞްރާއި ކާމިޔާބުދެއްވާނޭކަން ހިތުގެއަޑިން ޤަބޫލެއްނުކުރެއެވެ. އަދި ބައެއް މީހުން ހީކުރާގޮތުގައި މާތްﷲގެ ހަޟްރަތުން ލިބޭނޭ މިނަސްރަކީ ހަމައެކަނި މުއުމިނުންގެ ތެރެއިން ވަކިބަޔަކަށް ލިބިގެންދާނޭ ނަޞްރެކެވެ. ނުވަތަ ތާރީޚްގެ ވަކި ދުވަސްވަރެއްގައި ލިބިގެންގޮސްފައިވާ ނަޞްރެކެވެ.

އެހެންނަމަވެސް އަޅުގަނޑުމެން ދެނެގަންނަންޖެހޭ ހަޤީޤަތަކީ އިސްލާމުންނަށް ލިބިގެންދާނޭ ނަސްރަކީ އިންސާނީ ވަޢުދެއް ނޫންކަމެވެ. އެ ވަޢުދު ކުރައްވާފައިވަނީ އުޑުތަކާއިބިންތަކުގެ ވެރި ޚާލިޤުވަންތަ މާތްﷲ ސުބުހާނަހޫވަތައާލާކަމެވެ. އަދި އެ ވަޢުދަކީ ހަމައެކަނި އާޚިރަތްދުވަހުގައި ލިބޭނޭ ކާމިޔާބާއި ނަސްރުގެ ވަޢުދެއް ނޫނެވެ. ނަމަވެސް މިދުނިޔޭގެ ދިރިއުޅުމުގައިވެސް މުސްލިމުންނަށް ލިބިގެންދާނޭ މަތިވެރި ނަސްރާއި ކާމިޔާބީގެ ވަޢުދެކެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ރަސޫލުންނަށާއި، އީމާންވީމީހުންނަށް، ދުނިޔޭގެ ހަޔާތުގައްޔާއި، ހެކިންތަށް ތެދުވާދުވަހު (އެބަހީ: ޤިޔާމަތްދުވަހުގައި) ނަޞްރުދެއްވާ ހުށީމެވެ." (غَافر 51)

ނަމަވެސް މިދެންނެވުނު ނަޞްރާއި ކާމިޔާބު އަޅުގަނޑުމެންނަށް ލިބޭނީ ހިތުގެ އިޚްލާސްތެރިކަމާއެކު މާތްﷲ އަށާއި އެކަލާންގެ ރަސޫލާއަށާއި މުޢުމިނުންނަށް އީމާންވެގެންނެވެ. އަދި މާތްﷲ ފިޔަވާ އެހެންފަރާތްތަކެއްގެ ބަހަށް ކިޔަމަންވެ ހަވާނަފްސުގެ އެދެންތަކަށް ހެއްލުންތެރިވަމުންދާނަމަ މިއީ އަޅުގަނޑުމެންނަށް ލިބިގެންދާނޭ ނަޞްރެއްނޫނެވެ.
"ﷲ އާއި، އެކަލާންގެ ރަސޫލާއާއި، އީމާންވެގެންތިބިމީހުން އެއީ. އެހީތެރިންކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ގަދަވާނެބަޔަކީ ހަމަ ﷲގެ ޖަމާއަތެވެ." (المَائدة 56)

"ހަމަކަށަވަރުން، މުނާފިޤުންނަށް ވޭންދެނިވި އަޒާބު ހުރިކަމުގެ ޚަބަރު ކަލޭގެފާނު އެއުރެންނަށް ދެއްވާށެވެ!އެއުރެންނީ، މުޢުމިނުންފިޔަވައި، ކާފިރުން އެއީ އެހީތެރިންކަމުގައި ބަލައިގެން އުޅޭ މީހުންނެވެ. އެ ކާފިރުންގެ ގާތުން އިއްޒަތް ލިބިގަތުމަށް އެއުރެން އެދެނީހެއްޔެވެ؟ ފަހެ ހަމަކަށަވަރުން އެންމެހައި އިއްޒަތް މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ." (النِّسَاء 139-138)

މާތްﷲ ވަޢުދުވެވޮޑިގެންފައިވާ މި ނަޞްރަކީ ހަމައެކަނި ޚިޔާލީ އަވާމެންދުރެއްކަމަށް ޤަބޫލުކޮށް އެގޮތަށް ބުނާމީހުން ތަކުރާރުކުރަމުންއެދަނީ މުނާފިޤުން މީގެކުރިން ތަކުރާރުކުރަމުންގޮސްފައިވާ ބަސްތަކެވެ. މާތްﷲ ވަނީ އެބައިމީހުންގެ މި ވާހަކަތަށް ކީރިތި ޤުރުއާނުގައި ބަޔާންކޮށްދެއްވާފައެވެ.
"އަދި މުނާފިޤުންނާއި، އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާމީހުން ބުނާހިނދެވެ. ﷲއާއި، އެކަލާނގެ ރަސޫލާ، ތިމަންމެންނަށް ކެހިވެރި ވަޢުދަކުން މެނުވީ ވަޢުދެއް ނުކުރައްވަތެވެ." الاٴحزَاب 12)

ފަހެ މި ވަޢުދަކީ ހަމަ ޚިޔާލީ އަވާމެންދުރެއްހެއްޔެވެ؟ އޭ މުސްލިމް އަޚުންނާއި އުޚްތުންނޭވެ! އަހްޒާބު ހަނގުރާމައިގެ ހާދިސާއާއިމެދު ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅަށް ވިސްނާ ނަޒަރުހިންގާލައްވާށެވެ.

"ކާފިރުވީމީހުން އެއުރެންގެ ރުޅިވެރިކަމާއެކު ﷲ (އެއުރެން) ރައްދުކުރެއްވިއެވެ. އެއުރެންނަކަށް އެއްވެސް ހެވެއް ނުލިބުނެވެ. އަދި ﷲ، މުއުމިނުންނަށް ހަނގުރާމަކުރުން ފުއްދަވައިދެއްވައިފިއެވެ. (އެބަހީ: އެއުރެން ގަދަ ހަނގުރާމައެއްނުކޮށް އެކަން ނިމިއްޖެއެވެ.) އަދި ﷲ އީ، ބާރުވެރިވަންތަ، އަޒީޒްވަންތަ ރަސްކަލާނގެކަމުގައިވެއެވެ." (الاٴحزَاب 25)

އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ. މިދުނިޔެއާއި އާޚިރަތުގެ ނަޞްރާއި ނަސީބަށް އެދޭމީހާ މާތްﷲއަށް ކިޔަމަންގަތުމުގައި ސާބިތުވާށެވެ. އޭނާގެ އެދެން އެކަލާނގެ ފުރިހަމަކޮށްދެއްވާނެއެވެ. އެހެނީ މި ދިރިއުޅުމާއި އަންނަންއޮތް ދިރިއުޅުން މިލްކުވެވޮޑިގެންވަނީ ﷲ ސުބުޙާނަހޫވަތައާލާއަށެވެ. އެއީ އިއްޒަތްވަންތަ މަތިވެރި ރަސްކަލާނގެއެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

ނުނިމޭ

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު